މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ. އޭނާ ވިދާވީ ދިރާގާއި އުރީދޫ ނޫން ކުންފުންޏެއް އަންނަން ޖެހޭ ކަމަށް
10 ފެބުރުއަރީ 2020 - 14:24
ދިރާގާއި އުރީދޫ ނޫން ކުންފުންޏެއް، ރާއްޖޭގަައި މުވާސަލާތީ ޚިދުމަތް ދޭން ގެންނަންޖެހޭ ޖެހޭ ކަމަށާއި އެކަން ކުރަން ޖެހެނީ އެ ދެ ކުންފުނިން ރަނގަޅު ޚިދުމަތެއް ނުދޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން، މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި "ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަން އުފެއްދުމުގެ ބިލު"ގެ ބަހުސްގައި އީވާ ވިދާޅުވީ، ދިރާގާއި އުރީދޫން ދޭ ޚިދުމަތުގެ ފެންވަރު ދަށް އިރުގައި އެހެން ގައުމުތަކާ އަަޅާ ބަލާއިރު އަގު ވެސް ރަނގަޅު ނޫން ކަމަށެވެ. މާލެ ފިޔަވައި އެހެން ސަރަހައްދުތަކަށް އެ ދެކުންފުނިން ދޭ ޚިދުމަތުގެ ފެންވަރު ދަށްކަން ހުރި މިންވަރު ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި، އެ ސަރަހައްދުތަކަށް ހަގީގަތުގައި ޚިދުމަތް ނުވެސް ލިބޭ އެވެ.
"އެ ބޮޑު އަގުގައި އެ ކުޑަކުޑަ ސްޕީޑުގައި އެ ލިބޭ އިންޓަނެޓްގެ ޚިދުމަތަކީ 2020 ގައި އިންޓަނެޓް ޚިދުމަތޭ އިއްޒަތްތެރި ރައީސް، ދަންނަވަން ވެސް އަޅުގަނޑަކަށް ނުކެރޭނެ،" އީވާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުންފުނިތަކަށް މޮނޮޕޮލީ އޮތުމުގެ ސަބަބުން މުޅި ގައުމަށް އެ ކުންފުނިތަކުން ގައުމުގެ އިގުތިސާދީ ބާރު ހޯދައި، އޭގެ ސަބަބުން ސިޔާސީ ނުފޫޒު ވެސް ލިބޭ ކަމަށެވެ. އެގޮތުން، ރާއްޖޭގެ މީޑިއާ ވެސް އެފަދަ މޮނޮޕޮލީ ތަކުން ކޮންޓްރޯލްކޮށް، ރައްޔިތުންގެ ސިކުނޑިތަކާ ކުޅުމުގެ ފުރުސަތު ވެސް އޮންނަ ކަމަށް އީވާ ވިދާޅުވި އެވެެ.
"އަދި އިއްޒަތްތެރި ރައީސް، މީޑިއާތަކުން ވެސް އެ ކުންފުނިތަކުގެ ވާހަކައެއް ލިޔާކަށް ވެސް ނުވެސް ކެރޭ. އުރިދޫ އޭ، ދިރާގޭ ވަތައްނިއްޔާއޭ، އަދި ނުވަތަ އަޅުގަނޑުމެންގެ ސަރުކާރުގެ ޔޫޓިލިޓީ ކުންފުނިތަކޭ ކިޔައިގެން ވެސް ވާހަކައެއް، ދެކޮޅަށް ވާހަކައެއް ޖަހާލާތަނެއް އަޅުގަނޑަކަށް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.
"އެ ބޮޑު އަގުގައި އެ ކުޑަކުޑަ ސްޕީޑުގައި އެ ލިބޭ އިންޓަނެޓްގެ ޚިދުމަތަކީ 2020 ގައި އިންޓަނެޓް ޚިދުމަތޭ އިއްޒަތްތެރި ރައީސް، ދަންނަވަން ވެސް އަޅުގަނޑަކަށް ނުކެރޭނެ،" އީވާ
ރާއްޖޭގައި ދޭ އިންޓަނެޓް އަގު ހެޔޮ ނުކުރެވޭ މައްސަލައިގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވެސް ވިދާޅުވީ އޭގެ ހަގީގީ ސަބަބަކީ މޮނޮޕޮލީ ކަމަށެވެ. އޭނާ ވިދާޅުވީ، މުވާސަލާތީ ހިދުމަތްދޭ ހަމައެކަނި ކުންފުނީގެ ގޮތުގައި ދިރާގު އޮތް އޮތުން ނިމުމަަކަށް ގެނެސްފައި ވިޔަސް އެ ދެ ކުންފުނީގެ ހިއްސާދާރުންނަކީ މިހާރު އެއް ބަޔަކަށް ވާތަން ފެންނަ ކަމަށެވެ.
"އަޅުގަނޑުމެނަށް މައުލޫމާތު އެބަ ލިބޭ މި ދެކުންފުނީގައި މޭޖާ ޝެއާ ނުވަތަ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏަކީ އެއް ކުންފުންޏެކޭ. އެހެންވީމާ ހަގީގަތުގައި ރައްޔިތުންނަށް މި އިންޓަނެޓްގެ ޚިދުމަތް އަދި ފޯނުގެ ހިދުމަތް އަގުހެޔޮ ކުރުމަށްޓަކައި ސަރުކާރުން މި ހުރިހާ މަސައްކަތް މިވަނީ ފެނަށް ގޮސްފައި،" އަލީ ހުސައިން ވިދާޅުވި އެވެ.
އަލީ ހުސައިން ވިދާޅުވީ، ފޯނާއި އިންޓަނެޓްގެ އަގު ހެޔޮކުރެވުނު ބަޔަކު ސަރުކާރަށް ނައި ކަމަށާއި އެ ވާހަކަ ދައްކަދައްކައި ރައްޔިތުން ވަރުބަލިވެއްޖެ ކަމަށެވެ. އިންޓަނެޓްގެ ހިދުމަތް ރާއްޖެ އަށް ވުރެ އަގުބޮޑު ގައުމެއް މި ސަރަހައްދުގައި ވެސް ނެތްކަމަށާއި އެކަމަކު ބައެއް ގައުމުތަކުގައި އިންނެޓަކީ މިހާރު އަސާސީ ހިދުމަތެއް ކަމަށް ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ. އިންޓަނެޓް އަގުހެޔޮ ނުވާ މައްސަލައިގައި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަށް ވެސް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަލީ ހުސައިން ފާޑުވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މިނިސްޓަރު ހަމަ ވަރަށް ގަދައަށް ޓްވިޓާގައި ވެސް އެބަ މަސައްކަތް ކުރައްވާ، ހަމަ ދަނޑުވެރިިކަމާ ބެހޭ ޓްވީޓްތައް ވެސް އެބަ ކުރައްވާ. އަދި ގެދޮރު އެޅުމާ ބެހޭ ގޮތުން ވެސް ޓްވީޓް އެބަކުރައްވާ. އަދި އެވަރުން ނުވެގެން އަޅުގަނޑުމެން ޓްވިޓާގައި ދައްކާ ވާހަކަތަކަށް ޖަވާބުދާރީ ވެސް އެބަވޭ. އެހެން ނަމަވެސް އިންޓަނެޓްގެ އަގެއް ހަމަ އެއްގޮތަކަށް ވެސް ހެވެއް ނުވޭ،" އެއް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މަލީހާ ގުޅޭ ގޮތުން އަލީ ހުސައިން ވިދާޅުވި އެވެ.
އިންޓަނެޓްގެ އަގުހެޔޮކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެކަމަކު، މި ސަރުކާރަށް މިހާތަނަށް އެކަމުގައި ރައްޔިތުންނަށް ނަތީޖާއެއް ދެއްކިފައެއް ނުވެ އެވެ.
ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ވިދާޅުވާ ގޮތުން ނަމަ، އެ މިނިސްޓްރީން އެކަމުގައި ކުރަންޖެހޭ މަސައްކަތްތައް ނިންމައި ވަނީ ރައީސް އޮފީހަށް ފޮނުވައިފަ އެވެ. އެހެންވެ، މަލީހަށާއި މިނިސްޓްރީ އަށް ޕޮލިސީ ފެންވަރުގައި އެއްވެސް ކަމެއް ނިންމެން އޮތީ ރައީސް އޮފީހުން ވަކި ޖަވާބެއް ދިނުމުންނެވެ.
މަލީހް، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު "މިހާރު" އަށް ވިދާޅުވެފައި ވަނީ އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމަށް މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމައި، އެ އަހަރުގެ ޖޫން މަހުގެ 19 ގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްޝަނަށް އެ ނިންމުންތައް ފޮނުވާފައިވާނެ ކަމަށެވެ. އެހެންވެ، ދެން ކުރަން ޖެހޭ އަމަލީ މަސައްކަތްތައް މިނިސްޓްރީން ކުރާނީ ރައީސް އޮފީހުން ލިބޭ އިރުޝާދަކަށެވެ.
އެނގިފައިވާ ގޮތުގައި، އިންޓަނެޓުގެ އަގު ހެޔޮކުރުމާ ގުޅޭ ނިންމުންތައް ރައީސް އޮފީހަށް ފޮނުވިތާ އަށް މަސް ވީއިރު ވެސް ވަކި ޖަވާބެއް ނުވަތަ ވަކި އިރުޝާދެއް ރައީސް އޮފީހުން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އަކަށް ނުދެ އެވެ.
މަލީހް ވިދާޅުވެފައިވާ ގޮތުގައި، އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމާއި އެއާ ގުޅުން ހުރި މަސައްކަތްތައް ސަރުކާރުން ކުރަނީ އެކި މަރުހަލާތަކަށް، އަހަރުތަކަށް ބަހާލައިގެންނެވެ. އެހެންވެ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ވެސް އެކަމާ ގުޅުން ހުރި މަސައްކަތްތައް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވެފައި އެވެ.
އޭގެ ތެރޭގައި ހިމެނެނީ އެކަށީގެންވާ ބަދަލެއް ގެނައުމަށް، އިންޓަނެޓްގެ ޚިދުމަތް ދޭ ފަރާތްތަކުގެ ވާދަވެރިކަން އިތުރު ކުރުމާއި ކޮމިއުނިކޭޝަން އޮތޯރިޓީގެ މޮނީޓަރިން ނިޒާމު ވަރުގަދަ ކުރުމަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމާއި ރާއްޖޭން ބޭރުން ސަބްމެރިން ކޭބަލް ގެނައުން ފަދަ ކަންކަން ކަމަށް މަލީހް ވިދާޅުވެފައި ވެ އެވެ.
ރައީސް އޮފީހުން ތައްޔާރުކުރި ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައި އޮތީ އަތްފޯރާ އަގެއްގައި ފެންވަރު ރަނގަޅު އިންޓަނެޓް ޚިދުމަތް ލިބޭކަން ކަށަަަވަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މި އަހަރާއި 2021 ވަނަ އަހަރު ކުރުމަށެެވެ. އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ކުރަން ކަނޑައަަޅާފައިވާ ކަމަކީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އުފެދޭ ފަދަ ފިޔަވަޅުތަކެއް އެޅުމެވެ.
މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު އިންޓަނެޓްގެ ޚިދުމަތުގެ އަގު އެންމެ ބޮޑީ ރާއްޖޭގަ އެވެ. އަދި އެކަމަށް ހައްލު ނައިސް ދިގުލައިގެން ދާތީ ގިނަ ބައެއްގެ ފާޑު ކިޔުންތައް ދަނީ ސަރުކާރަށް އަމާޒުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރިހިންބެއްޔާ
11 February 2020
ވަރަށް ބުރަ މަސައްކަތެއް. ރައްޔިތުންގެ އެފެންވަރު އެބަހުރިބާ؟ މިހިސާބުގަޑުގެ އެހެންޤައުމުތަކުގެ ފެންވަރަށް ވިޔަފާރި ގެންދިއުމަށްޓަކާ އެންމެފުރަތަމަވެސް ޖެހެނީ އާބާދީ އިތުރުކުރަން. މިހާރުގެ 4 ލައްކަ، 40 ހަކަށް މިލިޔަނަށް އެރުވުމުގެ މމަސައްކަތް ފައްޓަމާބަހީ ދޯ؟
ބޮޑު ހަސަންބެ
11 February 2020
އީވާ ބުންޏަސް އެއީ ރަނގަޅު ހިޔާލެއް. ކިހާ ދުވަހަކު އެ ދެ ކުންފުނީގެ އަޅުންނަށް ވެގެން ޖިޒީ ދައްކައިގެން އުޅެވޭނެބާ
ނިޒާމު
11 February 2020
ޢިތުރު 40 ކުންފުނި ގެނަޔަސް ޖެހޭނީ ހަމަ ޖެހޭތަނުގައި.
ހޮޓްކިންގ
11 February 2020
ދިރާގާ އިރީދޫ ނޫން ކުންފުންޏެއް އަޔަސް އެކަނި ކަމަކު ނުދާނެ. ޚިދުމަތުގެ އަގު ހެޔޮކޮށްދީ ރައްޔިތުން ނުފެލާ ބަޔަކަށް ވެގެން ކަމުދާނީ. ބައްލަވާ ކޭބަލް ޓީވީއަށް ވެގެން އުޅޭ ގޮތް. ރައްޔިތުން ފެލަމުން ދަނީ. މީވެސް ހައްލުވާންޖެހޭ ކަމެއް.
ބާލައާދަނު
11 February 2020
މި ސަރުކާރަކު ތިޔަ މީޑިއާނެޓަކާ ނުކުޅެވޭނެ.
އައިފަ
11 February 2020
އީވާމެން ދެއިރު ދެދަޅަށް ވައްވައް ޖައަސާނެ ކަމެއް ނެތް.. ރޫލިން ޕާޓީގައިތިބެގެބް އަމިއްލައަށް ބައި ގޯލް ތިޔަ ޖައްސަވަނީ.. ކަމެއްވާނެ ބައެއްނަމަ ތިކަން މިހާރު އޮންނާނީ ކޮށްފަ.!!!!
އަހު މަދު
11 February 2020
މިސަރަހައްދުގެ ހުރިހާ ގައު މެއްގައިހެން އިންޓަރނެޓް ދެ މުންދަނީ ދުވެލިއަވަސްކޮށް ވަރަށްބޮޑާށް އަގުހެޔޮކޮށްލައިގެންނެވެ ނަ މަވެސް ރާއްޖޭގައި ދިރާގާއި އުރީދޫން ބަރަވެލި ދުވެލީގައި އިންޓަރނެޓް ދެ މުންއަންނަނީ މިސަރަހައްދުގެ ގައު މުތަކާހިލާފަށް އެތައްގުނައަކަށް އަގުބޮޑުކޮށްގެންނެވެމމ މިހެންވެ އިންޓަނެޓްގެ އަގުތައްކުޑަކުރު މަށް ތިންވަނަފަރާތަކަށް ލައިސަން ދީގެން ރައްޔިރުންނަށް އަފޯރާފަށް މިކަ މުގެވާދަވެރިކަންގެން ސަރުކާރުން މަސައްކަތްކުރަންޖެހެވެ
ރުޅި
11 February 2020
ތިޔަކަމުގެ ތެރެއަށް އިންޑިޔާގެ ސަފީރު ވަދެ އީވާއާ މިހާރުވާނީ ބައްދަލުކޮށްފަ. އެ ސަފީރަކީ މި ގައުމު ހިންގާމީހާ އޭނާ ކަމަކީ ކޮންމެދުވަހަކު އެކިއެކި ވުޒާރާތަކާއި މިނިވަން މުވައްސަސާތަކަށް ގޮސްގެން އިންޑިއާގެ މީހުންނަށް ފުރުޞަތުތައް ފަހިކޮށްދިނުން. އޭނާ ދެކޭގޮތުގައި ރާއްޖޭން ބޭރުން ގެންނަ ހުރިހާ މީހުންނަކީ އިންޑިއާގެ މީހުންނަށް ވާންޖެހޭނީ. އެހެޔޮ އަރަބި ގުރުއާން އިސްލާމް ކިޔަވައިދޭމީހުންނަށް ވިއަސް. އެހެޔޮ މަސްވެރިއަކަށްވިއަސް. ދެރަވަރު
ދިރިއުޅުމަކީ މިއީ
11 February 2020
މީހަކު ބުނި 2 އަންބަށް އިނީމަ ތަންކޮޅެއް ރަނގަޅުވިއޭ 2 ފަރާތުގެ ވާދަވެރިކަން ބޮޑުވެގެން ދެން އެއަށްވުރެ ރަނގަޅުވިއޭ 3 އަންބަށް އިނީމަ
ފަހުދު
11 February 2020
އެމްޑީޕީ އާއި ޕީޕީއެމް ނޫން އެހެން ޕާޓީއެއް އަންނަން ޖެހޭ
@ފަހުދޫ
11 February 2020
ގާސިމަށް ވެރިކަން ލިބޭކަށް ނެތް
ފޯޑު
11 February 2020
އިންޓނެޓެއް ގެދޮރު ކުއްޔެއް ތަކެތީގެ އަގެއް ކިޔާނެކަމެއް ނެތް. ގާނޫނު ހަދާ މަޖިލިހުން ގާނޫނެއް ކޮންމެ ކަމަކަށް ފާސްކޮށް ތަންފީޒުކޮށްބަލަ. ރައްޔިތުންނަށް ލުއިނުލިބޭތޯ! ތިއުޅެނީ އަސްލު އޮޅުވާލައި ކުސްއަނގަތެޅުމުގައި. ގާނޫނު ހަދާ މަޖިލިހުގެ ސާފު މެޖޯރިޓީ ލިބި އޮވެ ކޮންހާ ހާސަރެއް ދަމާކަށް? ރައްޔިތުންނަށް އޮޅުވާލަން ނަހަދާ. މިތިބީ ބަލަން.