ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ: ހުއްދަ ނެތި ހިމަންދޫން ފުރަން އުޅުނު ބަޔަކު ވަނީ ހައްޔަރު ކޮށްފައި -- ފޮޓޯ/މިހާރު
01 މެއި 2020 - 14:21
ހުއްދަ ނެތި އއ. ހިމަންދޫން ފުރަން އުޅުނު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ކޮވިޑް-19 ފެތުރޭތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެއް ރަށުން އަނެއް ރަށަށް ހުއްދަ ނެތި ދަތުރު ކުރުން މިހާރު ވަނީ މަނާކޮށްފަ އެވެ.
ފުލުހުން ބުނީ ޑިންގީއެއްގައި ހިމަންދޫން ފުރަން އުޅުނު މައްސަލާގައި ރޭ ހައްޔަރުކުރީ 28 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއްގެ އިތުރުން 32 އަހަރުގެ މީހެއް ކަމަށެވެ. އެ މީހުން ހައްޔަރުކުރީ ޑިންގީގައި ފުރި ތަން އެ ރަށުގެ ކޮވިޑް ޓާސްކް ފޯހުގެ އޮފިޝަލުންނަށް ފެނިގެން ޓޯޗުން އަލިކުރަން ފެށުމުން އެނބުރި ރަށަށް އައުމުން ކަމަށް ފުލުހުން ބުންޏެވެ.
އެހެން ބައެއް ރަށްރަށަށް ވެސް ހުއްދަ ނެތި ދިއުމާއި ރަށުން ފައިބަން އުޅުނު މައްސަލަތަކުގައި ބައެއް މީހުން ކުރިން ހައްޔަރުކޮށްފައިވެ އެވެ.
މީގެ އިތުރުން މާލެ ސަރަހައްދު ލޮކްޑައުންކޮށް، މަގުތަކަށް ނިކުތުން މަނާކޮށްފައި ވަނިކޮށް ހުއްދަ ނެތި މަގުމައްޗަށް ނިކުތުމުން ވެސް ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ކޮވިޑް-19 އަށް ރާއްޖެއިން މިިހާތަނަށް 400 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީންގެ ވެސް ގިނަ އަދަދަކަށް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތު ސޮރު
01 May 2020
ތީ އަނެއްކާ ޕޮލިހުން އެބުނާ ޑިންގީގަ އުޅޭ ގުރޫޕްބާ؟