ބޯޓުގައި އަލިފާން ރޯވެފައި.-- ފޮޓޯ: އެމްއެންޑީއެފް
20 އޮކްޓޯބަރ 2016 - 13:49
ތިލަފުށީ ކައިރީގައި އަޅާފައި އޮއްވާ އިއްޔެ ހެނދުނު އަލިފާން ރޯވި މަސްބޯޓުން މީހަކު މަދުވެގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖަ އަދުނާން މުހައްމަދު ވިދާޅުވީ ބޯޓުގައި ތިބި ފަޅުވެރިން، އެކަކު މަދުކަމަށް ބުނާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދުނާން ވިދާޅުވީ ބޯޓުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނަސް އަދިވެސް އެއްކޮށް ނުނިވޭ ކަމަށެވެ.
"ފަޅުވެރިންގެ ތެރެއިން އެކަކު މަދުކަމަށް އެބަ ބުނޭ. އިއްޔެ އިން ފެށިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން މިއަންނަނީ،" އަދުނާން ވިދާޅުވި އެވެ.
ބޯޓުގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާތީ އެ ނިއްވާލުމަށް ސިފައިންނަށް އަދި އެތެރެއަށް ވަދެވޭގޮތެއް ނުވެ އެވެ.
އަލިފާނުގެ ހާދިސާ ހިނގުމުގެ ކުރިން ބޯޓުގެ ފަލްކާ ތެރޭގައި ވެލްޑިން މަސައްކަތްތަކެއް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އިއްޔެ އަލިފާން ރޯވި އެމްވީ ބަރޯސާ ބޯޓަކީ ކުރިން މިފްކޯއިން ބޭނުންކުރި ބޯޓެކެވެ. އެ ކުންފުނިން އެ ބޯޓު ވަނީ އަމިއްލަ ކުންފުންޏަކަށް ވިއްކާލައިފަ އެވެ. އެއީ 83.89 މީޓަރު ދިގު، ފުޅާ މިނުގައި 13.62 މީޓަރު ހުންނަ، 1983 ވަނަ އަހަރު ބަނދެފައިވާ ބޯޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމާލު
20 October 2016
އިންޝޫރަންސް ހޯދުމުގެ ކަމެއްބާ؟
އަޖައިބު
20 October 2016
ބަރޯސާއަކީ ވިއްކާލާފަ އޮތް ބޯޓެކޭތޯ؟ ބަރޯސާއަކީ އެހެން ކުންފުންޏެއްގައި އޮންނަ މިފްކޯ ޝޭއަރގެ އަގުގެ ތެރޭގައި ހިމެނޭގޮތަށް ޓްރާންސްފަރ ކޮށްފަ އޮތް ބޯޓެއް.