ޚަބަރު / ހައި ކޯޓް

އެމްއެމްޕީއާރުސީ ޚިޔާނާތާ ގުޅުންހުރި ކަމަށް ތުހުމަތުކުރާ ނުވަ ލައްކަ ރުފިޔާ ދޫކުރުމުގެ އަމުރެއް ނުދިން

ހައި ކޯޓް: އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުންހުރި ކަމަށް ތުހުމަތުކުރާ ނުވަ ލައްކަ ރުފިޔާ ދޫކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް އިއްޔެ ވަނީ ހުކުމް ކޮށްފައި -- ފޮޓޯ/މިހާރު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ ނުވަ ލައްކަ ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށުން ދޫކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ރިއާސީ ލޯންޗްކޮޅު "ފިނިފެންމާ" ސެޕްޓެމްބަރު 2015 ގައި ގޮއްވާލި ހާދިސާއަށް ފަހު ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން ނުވަ ލައްކަ ރުފިޔާ ފެނުނީ ގ. އޮއިވާލި އިސްހާގު ހުސައިންގެ މައްޗަށް ތުހުމަތު ކުރެވޭތީ އެ ގެ ފުލުހުން ބަލައި ފާސް ކުރިއިރު އެވެ. އެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފިނިފެންމާ މައްސަލައާ ގުޅުވައިގެން ކަމަށް ވިޔަސް، ފަހުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތުތަކެއް ވެސް އިސްހާގުގެ މައްޗަށް ކުރި އެވެ.

ފިނިފެންމާ މައްސަލަ އާއި އެމްއެމްޕީއާރުސީގެ މައްސަލާގައި އިސްހާގުގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ. އެކަމަކު އޭނާގެ ގެއިން ހޯދި ނުވަ ލައްކަ ރުފިޔާ އަނބުރާ އޭނާއާ ހަވާލުކުރަން ފުލުހުން އޮތީ ދެކޮޅު ހަދައިފަ އެވެ. އެ މައްސަލަ އިސްހާގުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކުރިން ނިންމާފައިވަނީ އެ ފައިސާ އޭނާއާ ހަވާލުކުރަން އަމުރު ނުކުރެވޭނެ ކަމަށެވެ.

އެ މައްސަލަ އިސްހާގުގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ތަކެތި ގެންދެވޭނީ ހެކީގެ ގޮތުގައި ބޭނުންކުރަަން ނުވަތަ ތަހުގީގުގެ ބޭނުމަށް އެކަނި ނޫން ކަމަށެވެ. އަދި ގާނޫނާ ޚިލާފަށް ހޯދާފައިވާ އެއްޗެއް ކަމަށް ބެލެވޭ އެކަށީގެންވާ ސަބަބުތަކެއް ހުއްޓަސް، އެފަދަ މުދަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އިސްހާގުގެ މައްޗަށް ތުހުމަތުކުރި މައްސަލާގައި ދައުވާ ނުކުރުމަކީ އޭނާ ދިރިއުޅޭ ގެއިން ހޯދި ފައިސާ އަނބުރާ ދޭންޖެހޭ ސަބަބެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ އެ ފައިސާއަކީ އަމިއްލަ ކުންފުންޏަކާއި އިސްހާގާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން ކުރި ވަގުތީ ހިޔާތަކެއް އެޅުމުގެ މަސައްކަތަށް އެ ކުންފުނިން އޭނާއަށް ދޫކުރި ފައިސާތަކެއް ކަމަށް އިސްހާގު ބުންޏަސް، އެ ކުންފުންޏަކީ އެފަދަ މާލީ ތަނަވަސްކަމެއް ހުރި ކުންފުންޏެއް ނޫން ކަމަށް ދައުލަތުން ބުނެފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެފަދަ އެއްބަސްވުމެއް ހެދި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފުލުހުންގެ ތަހުގީގުގައި ފުރަތަމަ އިންކާރު ކޮށްފައިވާ ކަމަށާއި އެކަމަކު ފަހުން އޭނާގެ ބަޔާން ބަދަލު ކޮށްފައިވާ ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން އެ ފައިސާއަކީ އިސްހާގު ކުރި މަސައްކަތުގެ ފައިސާ ކަން ސާބިތު ކުރަން އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ބައެއް ލިޔުންތަކަކީ ދަށު ކޯޓަށް އަދި ފުލުހުންނަށް ވެސް ހުށަހަޅާފައިނުވާ ލިޔުންތަކެއް ކަމަށްވާތީ އެއަށް ރިއާޔަތް ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެ ފައިސާއަކީ މަސައްކަތެއް ކޮށްގެން ލިބުނު ފައިސާއެއް ކަމަށް ބެލުމަށް ވުރެ އެއީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލޯންޑާ ކުރުމުގެ ތެރެއިން ހޯދާފައިވާ ފައިސާއެއް ކަމަށް ބެލެވޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ އެ ފައިސާ އިސްހާގާ ހަވާލުކުރަން އަމުރު ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސަމީރެވެ.

ސްރީލަންކާގެ ސްނައިޕާ ޝޫޓަރެއް ރާއްޖެ ގެނެސްގެން ބަޑިޖަހައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރޭވި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ އެކު ދައުވާކުރި މީހުންގެ ތެރޭގައި އިސްހާގު ވެސް ހިމެނެ އެވެ. އެކަމަކު ފަހުން އެ ދައުވާ ކްރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލައިފަ އެވެ.

1 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 0%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާލީ

01 December 2020

ފުލުހުންނާ ޕީޖީން މި މައްސަލައިގައި ކަންތައް ކުރި ގޮތުގެ ވާހަކަ ދައްކާ އިންސާނެއްނެތް.ވަގު ލާރި ގެންގުޅޭކަމަށް ބުނެ ލާރި ކޮޅު ހިފަހައްޓާފަހުރިއިރު އެ ލާރި ގެންގުޅުނު މީހާއަށް ދައުވާއެއް ނުކޮށް ގަސްދުގައި އެހެރީ ދޫކޮށްލާފަ. 1 ފަހަރަކު ނޫން 2 ފަހަރުވެސް އޮޅިގެން ދައުވާ ނުކުރެވުނީ.އެކަންތައް ބަލަނީ ކާކު؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454