ހައި ކޯޓު: ބަންދު އަމުރު މުރާޖާ ކުރުމާ ބެހޭގޮތުން އެ ކޯޓުން އިއްޔެ ދެގޮތަކަށް ވަނީ މައްސަލަ ނިންމާފައި --- ފޮޓޯ/މިހާރު
10 ޑިސެމްބަރ 2020 - 13:01
ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރޭ އަމުރުތައް މުރާޖާކުރުމާ ބެހޭ މައްސަލައެއްގައި ހައި ކޯޓުން އިއްޔެ ދެ ބެންޗަކުން ދެ ގޮތަކަށް މައްސަލަ ނިންމައިފި އެވެ.
ޖިނާއީ އިޖްރައާތުގެ ގާނޫނު މިހާރު އޮންނަ ގޮތުން ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރޭ އަމުރުތައް ކޮންމެ 30 ދުވަހަކުން މުރާޖާކުރަން ޖެހޭނެ އެވެ. އެކަމަކު މުރާޖާކުރަންޖެހެނީ ކޮން ފަރާތަކުން ކަމެއް އެ ގާނޫނުގައި ބަޔާން ކޮށްފައެއް ނޯވެ އެވެ. މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހަައްޔަރުކުރި ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރިޔަސް، 30 ދުވަސް ތެރޭގައި އެ އަމުރު މުރާޖާކުރަން ކޯޓަށް ހާޒިރުު ކޮށްފައެއް ނުވެ އެވެ. އަދި 30 ދުވަސް ހަމަވި ފަހުން ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ނިންމާފައިވަނީ އެ މީހުން ބަންދުކުރަން ނިންމި ނިންމުމަށް ބަދަލު ނުގެނައުމަށެވެ.
އެ މައްސަލަ އެ ހަތަރު މީހުންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ވަކިވަކިން އިއްވި ހުކުމްތަކުގެ ތެރެއިން އެއް މައްސަލައެއްގައި ހުކުމް އައީ އަނެއް ތިން މައްސަލައާ ތަފާތުކޮށެވެ. ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރޭ އަމުރު ކޮންމެ 30 ދުވަހަކުން މުރާޖާ ނުކުރިޔަސް، ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށް އޭގެ ތެރެއިން ތިން މައްސަލައެއްގައި ހައި ކޯޓުން ނިންމި އެވެ. އެކަމަކު ހަތަރު ވަނަ މައްސަލާގައި ނިންމީ އެ މުއްދަތުގެ ތެރޭގައި ބަންދު އަމުރު މުރާޖާ ނުކުރުމުން އެއީ ގާނޫނާ ޚިލާފް ބަންދަކަށް ވާނެ ކަމަށެވެ. އެއް ކަމެއްގައި ދެ ގޮތަކަށް މައްސަލަ ނިންމި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ބޭފުޅުން ތަފާތެވެ.
ބަންދު އަމުރު ކޮންމެ 30 ދުވަހަކުން މުރާޖާ ނުކުރުމުން އެ ބަންދެއް ގޯސްވާނެ ކަމަށް ނިންމި މައްސަލާގައި ބެންޗްގައި ތިއްބެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ. އެގޮތަށް ނިންމެވީ ފަނޑިޔާރު ފައިސަލް އާއި ފަނޑިޔާރު ފަރުހީޒާގެ އަޣުލަބިއްޔަތުންނެވެ.
އެ ބޭފުޅުންގެ އަޣުލަބިއްޔަތު ރަައުޔުގައިވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރޭ އަމުރުތައް ކޮންމެ 30 ދުވަހަކުން މުރާޖާ ކުރަންޖެހޭ ގޮތަށް ގާނޫނުގައި ލިޔެފައިވަނީ ވަކި މަގްސަދުތަކެއް ހާސިލްކުރަން ކަމަށެވެ. އަދި އެ މުއްދަތުގައި ބަންދު އަމުރު މުރާޖާ ނުކުރިޔަސް، ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށް ބަލާ ނަމަ އެއީ ގާނޫނުގެ މަގްސަދާ ޚިލާފް ކަމަކަށް ވާނެ ކަމަށާއި އެހެންވެ، އަމުރު މުރާޖާކުރުމެއް ނެތި ބަންދުކުރުން ގާނޫނާ ޚިލާފް ކަމަށް އެ ހުކުމުގައިވެ އެވެ.
އެކަމަކު ފަނޑިޔާރު ޝަފީއުގެ ރައުޔަކީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު، ކޮންމެ 30 ދުވަހަކުން އެ ކޯޓު އަމުރު މުރާޖާ ނުކޮށް އޮތުމަކީ އެ ބަންދެއް ގާނޫނާ ޚިލާފްވާނެ ސަބަބެއް ނޫން ކަމަށެވެ. އަދި ބަންދު އަމުރު މުރާޖާ ނުކުރާ ނަމަ ކޮންމެ 30 ދުވަހަކުން އެ އަމުރު ނިމުމަކަށް އައުމަކީ ޝަރީއަތް ނިމެންދެން ބަންދު ކުރަން ގާނޫނުން ދީފައިވާ އިހްތިޔާރުގެ ބޭނުން ކެނޑޭނެ ކަމަކަށް ވާނެ ކަމަށް އޭނާގެ ރައުޔުގައިވެ އެވެ. އެހެންވެ، ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރޭ އަމުރު މުރާޖާނުކުރުމަކީ ބަންދުން ދޫކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ފަނޑިޔާރު ޝަފީއުގެ ރައުޔުގައިވެ އެވެ.
ދެން އޮޮތް ތިން މައްސަލަ ބެއްލެވި ބެންޗުގައި ވެސް ފަނޑިޔާރު ޝަފީއު އާއި ފަނޑިޔާރު ފަރުހީޒާ އިންނެވި އެވެ. މި މައްސަލަތަކުގައި ނިންމުން ތަފާތުވީ ފަނޑިޔާރު ފައިސަލްގެ ބަދަލުގައި މީގެ ތެރެއިން ދެ މައްސަލައެއްގައި ފަނޑިޔާރު އަބްދުﷲ ހަމީދު އަދިި ތިން ވަނަ މައްސަލާގައި އިސް ފަނޑިޔާރު ހާތިފް ހިލްމީ ބެންޗްގައި އިންނެވުމުން ފަނޑިޔާރު ޝަފީއުގެ ރައުޔަށް އަޣުލަބިއްޔަތު ލިބުމުންނެވެ.
ފަނޑިޔާރު ޝަފީއުގެ ރައުޔަށް ތާއީދު ކުރައްވައި، ފަނޑިޔާރު ހަމީދާއި އިސް ފަނޑިޔާރު ހާތިފްގެ ރައުޔަކީ ވެސް ބަންދު އަމުރު މުރާޖާ ނުކުރުމުން އެ ބަންދެއް ގާނޫނާ ޚިލާފް ނުވާނެ ކަމަށާއި އެއީ އެކަމުގެ މައްޗަށް އެކަނި ބިނާކޮށް އެ ބަންދު އަމުރެއް ބާތިލްވާނެ ސަބަބެއް ނޫން ކަމަށެވެ. މި ތިން މައްސަލާގައި ވެސް ފަނޑިޔާރު ފަރުހީޒާގެ ރައުޔަކީ ބަންދު އަމުރު މުރާޖާ ނުކުރުމުން އެ ބަންދެއް ގާނޫނާ ޚިލާފްވުމެވެ.
ގާނޫނީ ނުކުތާއާ މެދު ކުރިން ނިންމާފައިވާ ނިންމުމަކާ ތަފާތުކޮށް މަތީ ކޯޓުތަކުން މައްސަލައެއް ނިންމާ ނަމަ، އެކަން އެގޮތަށް ނިންމާ ސަބަބެއް އާންމުކޮށް ހުކުމްތަކުގައި ބަޔާން ކުރެ އެވެ. އެކަމަކު މި ހުކުމްތަކުގައި އެފަދަ ވާހަކައެއް ވެސް ބަޔާން ކޮށްފައެއް ނުވެ އެވެ.
މީގެ ކުރިން ވެސް ހައި ކޯޓުން އެފަދަ ގޮތަކަށް ދެ މައްސަލައެއް ނިންމި އެވެ. އެއީ ރިޔާސީ ލޯންޗް ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އުސޫލުތަކާ ޚިލާފަށް ލޯންޗުން ހެކި ނަގައިގެން ގެންދިޔަ ކަމަށް ބުނެ ސިފައިންގެ ދެ މީހެއްގެ މައްޗަށް އިއްވި ޖަލު ހުކުމުގެ މައްސަލައިގަ އެވެ. އެ ދެ މީހުންނަށް ދައުވާކުރީ އެއް ކަމަކަށެވެ. އަދި ހުށަހަޅާފައިވަނީ އެއް ހެކިތަކަކާއި ދިފާއުތަކެކެވެ. އެކަމަކު މިދިޔަ އަހަރު ހައި ކޯޓުން ނިންމީ އެކަކުގެ ޖަލު ހުކުމް ދެމެހެއްޓުމަށާއި ދެވަނަ މީހާގެ ޖަލު ހުކުމް ބާތިލް ކުރުމަށެވެ.
ސުޕްރީމް ކޯޓުން މިދިޔަ މަހު ނިންމާފައިވާ ގޮތުން އެއް މައްސަލައެއް ވަކިވަކިން އިސްތިއުނާފް ކުރާ ހާލަތްތަކުގައި އެ މައްސަލައެއް ހައި ކޯޓުން ބަލަންވާނީ އެއް ބެންޗަކުންނެވެ. އެއީ އެކި ބެންޗްތަކުން އެއް މައްސަލައެއް ބެލުމުން އިންސާފަށް ހުރަސް އެޅިދާނެތީ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާމް
11 December 2020
ސުވާލަކީ މީހުން މަރާ މީހުންނާއި ކުޑަކުދިންނާއިބެހޭ ނުރައްކާތެރި މީހުން ތިބުނާ 30 ދުވަސްތެރޭ މުރާޖާކުރަން ނުގެނެވިއްޖެނަމަ ދޫކުރަންޖެހޭނެތޯ؟ ބަލަ ރައްޔިތުންގެ ރައްކާތެރިކަމަށްވުރެ ކުއްވެރިންނަށް ގާނޫނުން ހުރި ލޫޕްހޯލްތަކުން ނިކުމެވޭނަމަ ގާނޫނަކީ ރައްޔިތުންނަށް އޮތް ބިރުވެރި އެއްޗަކަށް ނުވޭތޯ؟ ފަނޑިޔާރުންނަކީ ލަފުޒީ މާނަ ކުރަން އަބަދު ތިބޭ ބަޔަކަށް ވެއްޖެނަމަ މުޖުތަމައުގެ ރައްކާތެރިކަން އޮންނާނެތޯ؟
ލޮލްލަ
11 December 2020
ގާނޫނީ މާހިރުން ހުންނަނީ މިހެންވެ، ވަކި ވަރަކަށް އެ އިލްމު ކިޔަވަން ޖެހެނީ މިހެންވެ...
ކިޔެވިކިޔެވިހެން ޕާޕަރު
10 December 2020
ދެފުއް އެއްގޮތަށް މެތްޖަމުގެ ސާބިތު ކެހި.
ފަނުފުލުން
10 December 2020
އިސް ޤާޒީ ސުޕަވައިޒް ކުރުމުގެ ދޯ ހަޅި ކަމެވެ. އެއް މައްސަލަ ތިން ބައިވެގެން އެއް ވަޤްތެއްގައި ދެ ބެންޗަކުން އެބަ ހިގާކަން ސިސްޓަމުން ފެންނަން ނެތީ ތާއެވެ. ލިޔެ ކިޔުން ތަކުން ވެސް މިވަރު އެގެން ޖެހޭނެ އެވެ.
ހަމަހަމަ
10 December 2020
ޤާނޫނުގައި ވަކިކަމެއް ވަކިގޮތކަށް ކުރަންބުނެފައިވާނަމަަ އެކަންކުރަންވާނީ ޤާނޫނުގައި ބުނެފައިވާގޮތަށް! އެހެންނޫންނަމަ އެއީ ކުރަންނުޖެހޭ ކަމަކަށް ބެލެވި ޤާނޫނުގެ ވެރިކަން ޤައުމުގައި ނުހިގާނެ
އެކަމަކުވާ ދެން
10 December 2020
ކީކޭ ބުނާނީ
މުކައްބަ
10 December 2020
ދެފުށް ދެގޮތްވީމާ ވާނީ އެގޮތް
Nada
10 December 2020
30 ދުވަސް ހަމަވީމާ ހަމަ ޖެހޭނީ ގެންދަން.. ގާނޫނީ ހުސްކަމެކޭ ކިޔާނެކަމެއް ނެތް... ފުލުހުން ޒިންމާ އަދާ ނުކޮށް މިއޮތީ...
މުހައްމަދު ނަޝީދު
10 December 2020
މިހާރު ހުރިހާ ލިޔުމެއް ކޯޓު ވެބަސައިޓުން ފެންނަން ހުންނާތީ މަށަށް ޔަގީން ވަނީ އިސްލާހުކުރަންވީ ފުލުސްގެކަން.. ބަލަ ހެކި ހުށަނާޅަންޔާ ފަނޑިޔާރު ކީއްތަކުރަންވީ.. މީހަކު ގެނެއްސަ ބަންދުކުރާށޭ ބުނާއިރަށް ކުރާވަރަށްވުރެ މިހާރު ގާނޫނު އަސާސީ ބާރުގަދަ... ނޫސްވެރިންނާ ގުޅިގެން މި ޖަހަނީ ކޮން ސަކަރާތެއްތަ؟ ހުރިހާ ދިވެހިންވެސް ކޯޓު ތަކުގެ ނިންމުންތައް ކިޔަން އިލްތިމާސްކުރަން...
ގޯޕާލް
10 December 2020
ވިހެއުމަށްފަހު ކުއްޖާ ރަޖިސްޓްރީކުރަން ހުށަނޭޅުމަކީ ވިހެއުން ގާނޫނާ ޚިލާފުވުމެއްނޫނެވެ. ވިހެއުން ރަނގަޅެވެ. ރަޖިސްޓްރީނުކުރުމަކީ ވަކިކަމެކެވެ. 30 ދުވަސްތެރޭ ރިވިއުކުރަން ހުށަނޭޅީތީ އެހިސާބުން ބަންދުކުރެވިފައިވާމީހާ ބަންދުން ވީއްލިދާނެއެވެ. ނަމަވެސް އޭނަ ފުރަތަމަ ބަންދުކުރިކުރުމަކީ ގާނޫނާ ޚިލާފުކަމަކަށް ވާކަށްނުޖެހެއެވެ. މިއީކީ ބޮޑެތި ޑިގްރީނަގައިގެން އެނގެންޖެހޭވަރަށްވުރެ މާ ތިލަކޮށް އޮތްކަމެކެވެ.
ކިޔު5
10 December 2020
ތިލަ ކަމެކޭ ބުނިއިރު ތިބޭފުޅާ ކުރެއްވި ކޮމެންޓާ ވެގެން މިއުޅޭ ގޮތަކާ ދިމައެއް ނުވޭ.
އިސް ފަނޑިޔާރު
10 December 2020
ގާނޫނީ ހުސްކަމެއް އޮތުމަކީ ފުލުހުންނަށް އިންސާނީ ހައްގަށް އަދި ކަރާމާތަށް އަރައިގަތުމަށް އޮތަކަމެއް ކަމަށް ބެލުމަކީ ހަމަ ސީދާ ގާނޫނަށް ކޮޅުފައިން ޖެހުން.. ބަންދު މުއްދަތަކީ ފުލުހުން ކުޅޭ ކުޅޭ އެއްޗެއްނޫން ބަންދުގެ މުއްދަތު ފަނޑިޔާރުން ވަކި ވަރަކަށް ކަނޑައެޅުމުން އެ މުރާޖައާ ކުރުމަށް ނުގެންދިޔުމަކީ ބަންދުގައި ތިބި މީހުންގެ ހައްގަށް އަރައިގަތުން... މީ 2008ގެ ކުރިއެއް ނޫން..