ރިޕޯޓް / ޕީޕީއެމްގެ ކޯޅުން

ދައުވަތުގައި އިހުލާސްތެރިކަން އެބަ ހުރިތަ؟

ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންގެ ފެކްޝަނުން އިއްޔެ ރޭ މާލޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރަން އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން އިއްޔެ ރޭ ބޭއްވި ޖަލްސާގައި އެންމެ އަޅައިގަތް އެއް ކަމަކީ އެ ފެކްޝަނާ އަލުން ގުޅިވަޑައިގަތުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އެކި ބޭފުޅުން ގޮވައިލެއްވުމެވެ. ރައީސް ޔާމީންގެ ވާހަކަފުޅުގައި އެގޮތަށް ގޮވައިލެއްވުމާ އެކު، އެމަނިކުފާނުގެ ފަހަތުން ދެން ޖަލްސާގައި ވާހަކަ ދެއްކެވި އެހެން ބޭފުޅުން ވެސް އެކަން ތަކުރާރުކުރެއްވި އެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ، ރައީސް ޔާމީނާއި މައުމޫނާ ދެ ބޭފުޅުން ސިޔާސީ ގޮތުން ދެން ކައިރި ނުވެވޭ ހިސާބަށް ގޮސްފައިވާ ކަމަށް ބެލެވޭއިރު، މިފަދަ ގޮވައިލުންތަކެއް އައުމުންނެވެ.

"އަސްލު" ޖަލްސާގެ ނަމުގައި ބޭއްވި މި ޖަލްސާގެ ކުރިން، ދެ ފެކްޝަނުން އެކި ކަންކަމާ ގުޅިގެން ބަހުގެ ހޫނު ހަމަލާތަކެއް އައީ ދެމުންނެވެ. ހާއްސަކޮށް ރައީސް ޔާމީންގެ ފެކްޝަނުން އިސްވެ، މައުމޫނާ ދޭތެރޭގައި ބޮޑެތި ކަންތައްތަކެއް ވަނީ ކޮށްފަ އެވެ. އެހެންވެ ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުންނާ އެކު މައުމޫން އަލުން ވަޑައިގަތުމަށް އާދޭސް ދެންނެވީ ހަމަ އިހުލާސްތެރިކަމާ އެކުތޯ ސުވާލު އުފެދެ އެވެ.

ރައީސް ޔާމީން އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ ޖަލްސާގައި މައުމޫން ނެތުމުން އެކަމުގެ ފަޅުކަން އިހުސާސް ކުރެއްވޭ ވާހަކަ އެވެ. ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި މައުމޫން ޖަލްސާގައި އިންނެވި ނަމަ އުފާވެރިކަން އިތުރުވެގެން ދިޔައީސް އެވެ.

"ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަށް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނާ އެކީ ވަޑައިގަންނަވާށޭ. އަޅުގަނޑުމެންނަށް މަގު ދައްކަވާށޭ،" ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ ޕާޓީގެ އުސޫލްތަކުގެ ތެރެއިން ބޭބޭފުޅު މައުމޫނާ އެކު މަސައްކަތް ކުރައްވަން ތައްޔާރު ކަމަށެވެ.

ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަށް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނާ އެކީ ވަޑައިގަންނަވާށޭ. އަޅުގަނޑުމެންނަށް މަގު ދައްކަވާށޭ: ރައީސް ޔާމީން

ނަމަވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ފެކްޝަންގެ ބޭފުޅުންގެ ގޮވައިލުންތަކާ ގުޅިގެން މައުމޫން އިއްޔެ ޓްވިޓާގައި ފުލުފުލުން ދެއްވި ރައްދުތަކަށް ބަލާއިރު، އަދި މައުމޫންގެ އަރިސް ބޭފުޅުންގެ ވިސްނުމުގައި އެއީ "އަސްލެއް" ނެތް، ހަގީގަތް ފޮރުވުމަށް ދެއްކި ދަޅައެކެވެ. ޖަލްސާގައި ތިބި އެތައް ހާސް މެމްބަރުންގެ ކުރިމަތީގައި، ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުންގެ މައްސަލައެއް ނެތް ކަން ދައްކަން ކުރި ކަމެކެވެ. "ޒައިތޫނި ފަތްކޯޅި" ދިއްކުރައްވައި، ރައީސް ޔާމީން އިސްވެ ސުލްހަވާން ބޭނުންފުޅުވާކަން، އާންމު މެމްބަރުންގެ ކުރިމަތީގައި ހާމަކުރައްވަން ބޭނުން ކުރެއްވި އުކުޅެކެވެ.

ޕީޕީއެމްގެ އޮފީސް ކުރިން ހިންގި ހ. ތެމާއަށް މައުމޫން ވަޑައިގަތުމުން، ޕީޕީއެމްގެ ނައިބު ރައީސް ކަމަށް މައުމޫންގެ ފެކްޝަނުން އައްޔަން ކޮށްފައިވާ ނާދިރާ މަރުހަބާ ދަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އަދިވެސް ޕާޓީގެ އާންމުން މެމްބަރުންގެ މެދުގައި ރައީސް މައުމޫނަކީ ވަރަށް ބޮޑު ތާއީދެއް އޮތް ބޭފުޅަކަށް ވީމާ، އެބޭފުޅުންގެ [ރައީސް ޔާމީންގެ ފެކްޝަން] އިހުތިރާމް އޮތްކަން ދައްކަން ދެއްކެވި ވާހަކަތަކެއް ކަމަށް ބެލެވެނީ. އެއީ އިހުލާސްތެރިކަން ހުރެގެން ދެއްކެވި ވާހަކަތަކެއް ކަމަށް ގަބޫލުކުރަން ވަރަށް ދަތި،" މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވި އެވެ.

އެކަމަނާ ވެސް އަދި މައުމޫންގެ ފެކްޝަންގެ އެހެން ބޭފުޅުން ވެސް ސުވާލު އުފައްދާ އަނެއް ކަމަކީ، މިވަގުތު ކަންތައްތައް ހުރި ގޮތުން ޖަލްސާ އަށް މައުމޫނަށް ދައުވަތު ނާރުވާނެ ކަމަށް ރައީސް ޔާމީންގެ ފެކްޝަނުން ކުރިން ބުނުމަށް ފަހު، ޖަލްސާގެ ހާޒިރީންގެ ކުރިމަތީގައި ރާގާއި ބަސްމަގު ކުއްލި ގޮތަކަށް ބަދަލު ކުރުމެވެ.

"މެމްބަރުންނަށް އޮޅުންއަރާ ގޮތަކަށް އެބޭފުޅުން ވާހަކަ ދެއްކެވީ. ކަންކަން ހިންގާފައިވާ ގޮތަށް ބަލާއިރު އެއީ އިހުލާސްތެރިކަމާ އެކު ދެއްކެވި ވާހަކަތަކެއް ކަމަކަށް ނުބެލެވޭ،" ޔުމްނާ ވިދާޅުވި އެވެ.

ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ މެމްބަރުންނަށް މައުމޫން މަގު ދައްކަވަން އެދިވަޑައިގަންނަވާ ކަމަށެވެ.

އަދިވެސް ޕާޓީގެ އާންމުންގެ މެމްބަރުންގެ މެދުގައި ރައީސް މައުމޫނަކީ ވަރަށް ބޮޑު ތާއީދެއް އޮތް ބޭފުޅަކަށް ވީމާ، އެބޭފުޅުންގެ [ރައީސް ޔާމީންގެ ފެކްޝަން] އިހުތިރާމް އޮތްކަން ދައްކަން ދެއްކެވި ވާހަކަތަކެއް ކަމަށް ބެލެވެނީ. އެއީ އިހުލާސްތެރިކަން ހުރެގެން ދެއްކެވި ވާހަކަތަކެއް ކަމަށް ގަބޫލުކުރަން ވަރަށް ދަތި: ޔުމްނާ

މިކަމަށް ވެސް މައުމޫން ވަނީ ސީދާ ރައްދު ދެއްވައިފަ އެވެ. މަގު ދައްކަވަން ވަޑައިގަތުމަށް ރައީސް ޔާމީން، މައުމޫނަށް ގޮވައިލެއްވުމުން އޭގެ ރައްދުގައި ވަރަށް އަސަރުގަދަ ބަސްތަކެއް މައުމޫން ވަނީ ޓްވިޓާގައި އިއްޔެ ބަންޑުކޮށްލައްވައިފަ އެވެ.

"އަންނާށޯ މަގު ދައްކައިދޭން. މަގު ދައްކައިދޭން އުޅުމުން މިހުރީ ކޮއްލި ވަރު. ނުހައްގުން ހުރިހާ އެެއްޗެއް ގެންދިޔައީ،" މައުމޫންގެ ޓްވީޓްގައިވެ އެވެ.

ޔުމްނާ ވެސް ވިދާޅުވީ ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުންނާ ގުޅިވަޑައިގަތުމަށް މައުމޫނަށް ދައުވަތު ދެއްވި އިރު، އެފަދަ ދައުވަތުތައް މީގެ ކުރިން އެތައް ފަހަރަކު މައުމޫން އިސްވެ ދެއްވާފައިވާ ކަމަށެވެ. ކަންކަން އިސްލާހު ކުރަން އިރުޝާދު ދެއްވި އެވެ. އެކަމަކު އެ އިރުޝާދުތައް ބަލައެއް ނުގަތް ކަމަށް ޔުމްނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ މައްސަލާގައި ހައި ކޯޓުގައި ބޭއްވި ޝަރީއަތަކަށް ފަހު ޔުމްނާ (މ) ވަކީލު ހުސްނުއްސުއޫދާ އެކު ވަޑައިގަންނަވަނީ: ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުންނަށް މަގު ދައްކަވަން މައުމޫން އުޅުއްވުމުން އެކަމަށް އެބޭފުޅުން އިޖާބަ ނުދެއްވި ކަމަށް ޔުމްނާ ވިދާޅުވި.---ފޮޓޯ: މިހާރު

"ރައީސް މައުމޫން ވިދާޅުވި ދެއްތޯ، ރައީސް ޔާމީނާ ބައްދަލުކުރައްވަން އުޅުއްވާތާ އަހަރެއްހާ ދުވަސް ވެއްޖެއޭ. އެކަމަކު އެކަމެއް ނުވި. އެކި ކަންކަމުގައި އިރުޝާދު ދެއްވަން ރައީސް މައުމޫން މަސައްކަތްޕުޅު ކުރެއްވި. ސިޓީ އާއި އެސްއެމްއެސް ފޮނުއްވައިގެން އިރުޝާދު ދެއްވަން އުޅުއްވި. މަގު ދައްކަވަން އުޅުއްވި. އެކަމަކު އެކަމަށް އެބޭފުޅުން އިޖާބައެއް ނުދެއްވި،" ޔުމްނާ ވިދާޅުވި އެވެ.

"ގާނޫނުއަސާސީއަށް އިސްލާހު ގެނައިއިރު ވެސް ރައީސް މައުމޫނާ މަޝްވަރާއެއް ނުކުރައްވާ. އެންމެ ފަހުން ޕާޓީގެ އޮފީހުން އެއްޗެހި ނެރެގެން ދިޔައީ ވެސް އޮންނަން ޖެހޭ އުސޫލުން ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. ސިވިލް ކޯޓު އަމުރު އެއީ މުސްތަޝާރަށް އޮތް އަމުރެއް. ޕާޓީގެ އޮފީހުގައި ހުރި ތަކެތި ގެންދިއުމުގެ އަމުރެއް ނެތް."

މައުމޫނަށް ކުއްލި ގޮތަކަށް އެރުވި ދައުވަތާ މެދު ސުވާލު އުފައްދަނީ އެފަދަ އެތައް ސަބަބަކާ ހެދި ކަމަށް މައުމޫންގެ ފެކްޝަނުން ދެކެ އެވެ. އެކަމަކު ރައީސް ޔާމީންގެ ފެކްޝަނުން ބުނީ، މައުމޫނާ އެކު އަދިވެސް އެއްގަލަކަށް އެރޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ޖަލްސާގައި މައުމޫނަށް ދައުވަތު އެރުވީ ވެސް އެ ނިޔަތުގައި ކަމަށް އެ ފެކްޝަނުން ބުނެ އެވެ.

ހިޔާލު އެއްގޮތް ކުރުމަށް ރަނުގެ ފުރުސަތެއް

ރައީސް ޔާމީންގެ ފެކްޝަންގެ އިސް މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ، ޖަލްސާގައި މައުމޫނަށް އެރުވި ދައުވަތު ގަބޫލުފުޅު ކުރައްވައިފި ނަމަ، އެއީ މައްސަލަ ހައްލުކުރަން އޮތް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށެވެ. އެކަމަށް މައުމޫން ފުރަގަސް ދެއްވާ ނަމަ، އޭގެ ފަހަތުގައި އޮންނާނީ އަރިހުގައި އުޅުއްވާ ބޭފުޅުންގެ ޕްރެޝަރު ކަމަށް ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން ރައީސް މައުމޫން މިކަމާ މެދު ވަރަށް ފުންކޮށް ވިސްނަވާނެ. މިއީ ހިޔާލު އެއްގޮތް ކުރެއްވުމަށް ފަހު އަޅުގަނޑުމެންނާ ގުޅިގެން ކުރިއަށް ވަޑައިގަތުމަށް ރަނުގެ ފުރުސަތެއް. ރައީސް މައުމޫންގެ އަތާއި ފައި ބަޔަކު ބަނދެގެން ނޫޅޭ ކަމަށް ވަނީ ނަމަ ރައީސް މައުމޫން [ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުންގެ އަރިހަށް] ވަޑައިގަންނަވާނެ،" މައުމޫންގެ އެހީގައި ސިޔާސީ ދާއިރާ އަށް ވެންނެވި އަދި ކުރިން މައުމޫނާ ގާތް ގުޅުމެއް ބޭއްވި ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައުމޫން މި މައްސަލާގައި ވިދާޅުވާ ބަސްފުޅުތަކާއި ކުރައްވާ ޓްވީޓްތަކަށް ބަލާއިރު، އެކަން ކުރައްވަނީ އަމިއްލަފުޅަށް ބޭނުންފުޅު ވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ.

ރައީސް ޔާމީންގެ ފެކްޝަނުން އިއްޔެ ރޭ ބޭއްވި "އަސްލު" ޖަލްސާގައި ނިހާން ވާހަކަ ދައްކަވަނީ: ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުންނާ އެކު މައުމޫން އެއްގަލަކަށް އެރުމަށް މިއީ ރަނުގެ ފުރުސަތެއް ކަމަށް ނިހާން ވިދާޅުވޭ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

"ރައީސް މައުމޫންގެ ޓްވިޓާ ހޭންޑްލް ކުރައްވަނީ އެމަނިކުފާނުތޯ މިހާރު ސުވާލު އުފެދޭ. އެހާ ވަރަށް އެމަނިކުފާނާ ނުގުޅޭ ޓްވީޓްތައް އެބަ ކުރައްވާ. އަޅުގަނޑު ގަބޫލުކުރަން ރައީސް މައުމޫނަށް ދަތިވާނެ ޕީޕީއެމާ ދުރަށް ވަޑައިގަތުމަށް. އެއީ ޑީއާރުޕީ ދޫކުރައްވަން ޖެހިވަޑައިގަތީމާ އެކަމުގައި އެމަނިކުފާނަށް ދަތިވި ވަރު އަޅުގަނޑުމެން ދުށިން،" ނިހާން ވިދާޅުވި އެވެ.

"އެއީ އަސްލު ރައީސް މައުމޫން ނަމަ، މިހާރު ރައީސް ޔާމީނަށް ފޯނު ކުރައްވާނެ ނުވަތަ އެސްއެމްއެސް ކުރައްވާނެ."

ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް މައުމޫން ވެސް ކުރިން އެކި ފަހަރު މަތިން މަސައްކަތް ކުރެއްވި ނޫންތޯ ދެންނެވުމުން، ނިހާން ވިދާޅުވީ ކަންކަން ހައްލުކުރުމަށް ރައީސް ޔާމީން ވެސް ވަރަށް ބޮޑަށް އުޅުއްވި ކަމަށާއި ގޯސް އުފެދުނީ މައުމޫންގެ ސަބަބުން ކަމަށެވެ.

އަޅުގަނޑަށް ޔަގީން ރައީސް މައުމޫން މިކަމާ މެދު ވަރަށް ފުންކޮށް ވިސްނަވާނެ. މިއީ ހިޔާލު އެއްގޮތް ކުރެއްވުމަށް ފަހު އަޅުގަނޑުމެންނާ ގުޅިގެން ކުރިއަށް ވަޑައިގަތުމަށް ރަނުގެ ފުރުސަތެއް. ރައީސް މައުމޫންގެ އަތާއި ފައި ބަޔަކު ބަނދެގެން ނޫޅޭ ކަމަށް ވަނީ ނަމަ ރައީސް މައުމޫން [ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުންގެ އަރިހަށް] ވަޑައިގަންނަވާނެ: ނިހާން

ޕީޕީއެމުން މި އަހަރުގެ ޖުލައި 19 ގައި ބޭއްވި ކައުންސިލް ބައްދަލުވުމުގެ ރިޔާސަތު މައުމޫން ބަލަހައްޓަވަނީ.---ފޮޓޯ: ޕީޕީއެމް

ނިހާން ވިދާޅުވި ގޮތުގައި ރައީސް ޔާމީނާއި މައުމޫނާ ދެމެދު ޕާޓީގެ ތެރެއިން ކަންކަން ގޯސްވާން ފެށީ، ޕްރައިމަރީއަކާ ނުލައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޓިކެޓް ރައީސް ޔާމީނަށް ދެއްވުމަށް އެދި ކައުންސިލްގެ 23 މެމްބަރަކު ސޮއިކުރައްވައި ހުށަހެޅި ހުށަހެޅުމަށް މައުމޫން އިޖާބަ ނުދެއްވުމުންނެވެ. ނުވަތަ އެކަމާ މެދު ގޮތެއް ނިންމަން ކައުންސިލް ނުބޭއްވުމުންނެވެ.

"ޕާޓީގެ އަސާސީ ގަވައިދުގައި އޮންނަ ގޮތަށް އަމަލުކުރަން އަޅުގަނޑުމެން ހުށަހެޅީ. އެކަމަކު ރައީސް މައުމޫނަށް ހީވީ ޕާޓީގެ ރައީސާ މެދު އަޅުގަނޑުމެން އިހާނެތިކޮށް ކަންތައް ކުރަނީ ކަމަށް. ޕީޕީއެމަކީ ޕީޕީއެމް ޕްރައިވެޓް ލިމިޓެޑެއް ނޫން. މިއީ ސިޔާސީ ޕާޓީއެއް. އެހެންވީމަ ޕާޓީގެ މެޖޯރިޓީއަށް އިހުތިރާމް ކުރަން ވާނެ. ޕާޓީގެ ކައުންސިލްގެ މެޖޯރިޓީ އޮތީ ރައީސް ޔާމީނާ އެކު ކަމަށް ވިޔަސް އެ މެޖޯރިޓީއަށް ތަބާވާން ވާނެ،" ނިހާން ވިދާޅުވި އެވެ.

"ކައުންސިލް ބާއްވައި ދިނުމަށް ތަކުރާރުކޮށް އެދުމުން އެކަމެއް ނުވި. ރައީސް ޔާމީނަކީ އިންތިހާބު ކޮށްފައިވާ ރައީސް. ރައީސް ޔާމީނަށް ދެން އަންނަ ދައުރަށް ވެސް ޓިކެޓް ދޭ ނަމަ އެކަން ނިންމާނީ ކައުންސިލުން. އެއީ ވަކި މެމްބަރަކަށް ނިންމޭނެ ކަމެއް ނޫން."

ނިހާން އެކަންކަން ފާހަގަކުރައްވާއިރު، މައުމޫންގެ ފަޅިން ނަގާ ސަބަބުތައް ވެސް ވަކި ކުޑައެއް ނޫނެވެ. އެކި ކަންކަމާ ގުޅޭ ގޮތުން މައުމޫނާ މަޝްވަރާ ނުކުރުމާއި ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ނިންމުތަކުގެ ޔައުމިއްޔާ މައުމޫނަށް ނުފޮނުވުމާއި އިސްލާހު ކުރަން އެދިވަޑައިގަންނަވާ ކަންކަމަށް އަޅާ ނުލުމަކީ އެމަނިކުފާނު ފާހަގަކުރައްވާ ކަންކަމެވެ. ތަފާތު އެކި ފޯރަމްތަކުގައި މައުމޫން ވަނީ އެ ވާހަކަތައް ވަރަށް ތަފުސީލާ އެކު ދައްކަވައިފަ އެވެ.

އިތުބާރެއް ނެތް

ރައީސް ޔާމީންގެ ފެކްޝަނާ އަލުން ގުޅިވަޑައިގަތުމަށް މައުމޫނަށް ދައުވަތު ދެއްވި ނަމަވެސް، އަދި އެކަމަށް އިޖާބަ ދެއްވާނެ ކަމަށް ނިހާން އުންމީދު ކުރެއްވި ނަމަވެސް މިދިޔަ ދުވަސްތަކުގެ ތަޖުރިބާއިން އެކަން ހާސިލްވާނެ ކަމަކަށެއް ނުބެލެވެ އެވެ. ރައީސް ޔާމީނަށް މައުމޫން ކުރެއްވި ތާއީދު އެންމެ ފަހުން އަނބުރާ ގެންދެވުމާއި މައުމޫނާ މެދު އިހާނެތި އެތައް ކަމެއް ކޮށްފައިވާ ކަމަށް މައުމޫންގެ އާއިލާގެ ބޭފުޅުންނާއި އަރިސް ބޭފުޅުން ގަބޫލުކުރައްވަ އެވެ.

"މިހާރު ނެތް އެކުގައި މަސައްކަތް ކުރެވޭނެ ފަދަ އިތުބާރެއް. އެހާ ހިސާބަށް ކަންކަން ހިނގައްޖެ. އެބޭފުޅުން އެ ދައްކަވާ ވާހަކަތަކަށް އަޅުގަނޑުމެންނަކަށް ނެތް އިތުބާރެއް. އިހުލާސްތެރިކަމެއް ނެތް އެބޭފުޅުންގެ،" ޔުމްނާ ވިދާޅުވި އެވެ.

40 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދަވަޅި

07 November 2016

އަސްލު ޖަލްސާއަށް އެކިއެކި ތަންތަނުން މާލެ ގެންދިޔަ މީހުންނަށް ވަރަށް ތަފާތުކުރެއްވިއެވެ އެއްބަޔަކު މަތިންދާ ބޯއްޓުން އަނެއް ބަޔަކު ލޯނޗުން އަނެއްބަޔަކު ކަނޑުމަގުން 3 ގަޑި އިރުން ދެވޭ ދަތުރު 18 ގަޑި އިރުން އެއްބަޔަކަށް 600. ރުފިޔާ އަނެއް ބަޔަކަށް 500 ރުފިޔާ އަނެއްބަޔަކަށް 300 ރުފިޔާ ޢަލީއާެރިފްގެ ދާއިރާގެ މީހުންނަށް 600 ރުފިޔާ މާލޭގައި މަޑުކޮށްލީ ވީއަޕީ ތަންތަނުގައި އެއްބަޔަކު ފަޅު އޮޑީގައި ވިއްސާރަވެގްނެ އަދިވެސް ރަށަކަށް ނާދެވޭ ކާނެއެއްވެސް އެއްވެސް އެއްޝެއް ނުލިބުނު ކީކުރާނީ އެމްޕީ އަޅާވެސް ނުލި ދެންކީކުރަން އަސްލު ޖަލްސާ ނިމިއްޖެ

The name is already taken The name is available. Register?

ބިޑިބެ

08 November 2016

ތިޔަ ޖަލްސާ އަށް ރަށްރަށުން މާލެ ގެނައި މީހުންގެތެރޭ ބޭހަށް މާލެ އަންނަންވެފަ އެކަމަކު ނާދެވި ތިބި އެތައްބަޔަކުވެސް ގެނައިކަމަށްވޭ. އަނެއްކާ އެމީހުން މިހާރު އުޅެނީ ކޮންހާލެއްގަބާ؟

The name is already taken The name is available. Register?

އިދުރީސްބެ

07 November 2016

ގޯހެއްނޫންތާ، މައުމޫނާ ދިމާލަށް އެންމެ ފުރައްސާރަކޮށް އެއްޗެހި ގޮވީ މައުމޫންގެ ތައްޕާހުން މަޖިލިހަށް ހޮވިފަތިބި ނިހާނާ، އަދުރޭ ވިއްޔަ. ގޯހެއްނެތް. އެމީހަކު ކުރި ކަމެއްގެނެ ނަތީޖާ ފެންނާނީވެސް އެމީހަކަށް. ބާރަށް ހަޅޭލެވޭ ބަޔަކު މަޖިލީހަށްލީ އިދިކޮޅު މީހުންނާ ދިމާލަށް އެއްޗެހިގޮވަން ނިޔަތުގައިވާނަމަ، މިހެންވެދާނެ.

The name is already taken The name is available. Register?

ބަނދަރު ކާޅު

07 November 2016

"ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަށް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނާ އެކީ ވަޑައިގަންނަވާށޭ. އަޅުގަނޑުމެންނަށް މަގު ދައްކަވާށޭ،" ބަލަ، މަގު ދައްކަ ދައްކަ އޮއްވައެއްނޫންތަ ކަށިކުނބުރު ޖައްގައްޔަށް ވަދެގެން ދިޔައީ. ދެންސަލާމަތްނުވީމަ މިހާރު ކީކޭތޯ ތި ވިދާޅުވަނީ.

The name is already taken The name is available. Register?

ގުބާދާ

06 November 2016

ހިޔާލާ މިޒާޖުއެއްގޮތް ތާކަށް ވަޑައިގަންނަވާ... އެމް ޑީ ޕީ .ތިހިޔާރުކުރެއްވީ ރަނގަޅައް.

The name is already taken The name is available. Register?

ޔޮޕޭ1

06 November 2016

އަހާ، ޖަލްސާއަށް ދައުވަތެއް ނުދިން. ޖަލްސާގެ ކުރިން ކުރީ މަލާމާތާއި ފުރައްސާރަ. އެކަމަކު ޖަލްސާގައި އެންމެންގެ ކުރިމައްޗަށް އަރާ މިކިޔަނީ، ހާދަ ދެރައޭ ރައީސް މައުމޫން ނެތުމުން، އަޅެ ރައީސް މައުމޫން އައިނަމަ ހާދަ ރަނގަޅުވީހޭ. މީކޮން ޑްރާމާއެއް ! ކަސޯޓީ ޒިންދަގީކީ !

The name is already taken The name is available. Register?

މޫސަ

06 November 2016

ބެޓިކްސް ޖަހަން ތިބި ޒުވާނުްނާއި މައުމޫން ކިޔަވާ ދެއްވި ބޭފުޅުން ނެރުއްވާ މަތީ މަގާމްތަކާއި ވަޒީފާތައް ދެއްވުމުންވެސް ޖާހާއި މަންސަބަށްޓަކައި ހިތުހުރިހާ ކަމެއްކޮށް ހިތައްއެރި އެއްޗެއް ގޮވާފަ އަންނާށޭ ތިބުނީ އިތުރަށް ނިކަމެތިކޮށް ރައްޔިތުންގެ މެދުގައި އަގުވައްޓާލުމަށްނޫންތޯއެވެ. ރައީސް މައުމޫން އެ ފިޔަވަޅު އެޅުއްވީ މިހިގާ ހާ ކަމެއް ބަލަން ހުންނަވައިގެން މާދަމާ ރައީސް ޔާމިން އިންތިޚާބަށް ވޯޓް ހޯއްދަވަން ނިކުންނަވާ ޔާމީން ރަގަޅުވެގެން ދައްކަވާނެ އެއްވެސް ވާހަކައެއް ނެތް ހިސާބަށް ކަންކަން ދިއުމުން ނޫންތޯއެވެ. އެހާލަތުގައި އެމިކުފާނާއި މުޅި އާއިލާގެ އަބުރާއި ރައްޔިތުންގެ ލޯބި ގެއްލިގެންދިއުމުގެ ކުރިން އެޅުއްވި އެފިޔަވަޅަށް މަރުޙަބާ ދަންނަވެމެވެ. ނިހާނަށް އެގިވަޑައި ނުގެންނެވި ނަމަވެސް އަޅުގަނޑަކީވެސް ޕީޕީއެމް އުފެއްދުމަށް ބޭއްވި ޖަލްސާތަކުގައި ފުރިހަމައަށް ބައިވެރިވެ ކަންހިގާދިޔަގޮތް އެގޭމީހަކީމެވެ. މިއަދު ތިވަރަށް ނިކަމެތިކޮށްފަ ދެން ކީކޭ ކިޔާކަށް ތޯއެވެ.

The name is already taken The name is available. Register?

ނަމެއްނެތް

06 November 2016

ދައުވަތު ކީއްކުރަން، ދައުލަތުގަވެސް ނެތް އިހުލާސްތެރިކަމެއް.

The name is already taken The name is available. Register?

ސަމާސާ

06 November 2016

ދައުލަތުގެ މާނައޮޅޭ ހިސާބަށް މިހާރު އެބަސް ބޭނުން ކުރަން ފަށައިފި. ސަރުކާރާ ދައުލަތަކީ ދޭއްޗެއް.

The name is already taken The name is available. Register?

ގާބިލޯ

06 November 2016

ގާބިލުގެ މާނަ އޮޅިއްޖެ. މިބަހުގެ މާނައިގެ ތެރޭގައި "ފައސާއަށް ވާނުވާ ނޭގުންވެސް ހިމެނޭތޯ". ވރށ ވދނ.

The name is already taken The name is available. Register?

ފަޅުވެރިން

06 November 2016

ޒެޑް-ފެކްޝަންގެ ބޭފުޅުންނަށް ކުޑަކޮށް އޮޅެނީ! ތާއީދާއި، އިޙްތިރާމަކީ މުޅީން ދެއެއްޗެއް! ރައީސް މައުމޫނަށް މިހާރު އެއްވެސް ތާއީދެއް ބޭނުމެއް ނުވާނެ. އަދި އެމަނިކުފާނުގެ ފަހަތްޕުޅެއްވެސް މިހާރަކު ނޯންނާނެ! އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު ތާއީދު ބޭނުންފުޅުވި، އަދި ދިވެހި ރައްޔިތުން (ޚުދު އަޅުގަނޑުވެސް ހިމެނޭގޮތުން) ތާއީދު ދިންވެސްމެ. ނަމަވެސް މިހާރު އެމަނިކުފާނަށް މިއިން އެއްވެސް އެއްޗެއް ބޭނުންފުޅެއް ނުވާނެ. މިހާރު އެމަނިކުފާނަށް އަރުވަންޖެހޭ އެއްޗެހީގެ ލިސްޓް: އިޙްތިރާމް، ޢިނާޔަތް، ސެކިއުރިޓީ، ބޭސްކޮޅުގެ ޚަރަދު. މިނޫން އެއްޗެއް ރައީސް މައުމޫނަށް މިހާރު އަރުވާކަށް ނުޖެހޭނެ! ތާއީދު ކަމަށްވިއަސް، އަދި ފަހަތްޕުޅު ކަމަށްވިއަސް މިހާރު އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ. ރައީސް މައުމޫން މިއަދު އެއްވެސް ކަމަކާ އެއްވެސް ފިކުރުފުޅެއް ކުރައްވާނެކަމެއް ނެތް. އަދި ހިތްޕުޅުގައިވެސް ޖެހޭނެ ކަމެއް ނެތް. ރައީސް މައުމޫން ކުރައްވަންވީ ހަމައެކަނި ކަމަކީ އުފާފުޅު! އުފާފުޅު ކުރައްވަންވީ، އުފާފުޅު ކުރައްވަންވީ! އެއީ، އެމަނިކުފާނު މުސްކުޅިފުޅުވެ، ގައިކޮޅުގައި ޖޯރު ނެތުނު ދުވަހުގައި، ޕާޓީއާއި، ޤައުމުގެ ކަންކަމާ، ހަމަ އެމަނިކުފާނު އުފެދުނު ސުލާލަތުން ނުކުމެ ތިބި ނުހަނު ޤާބިލު ބަޔަކު ޙަވާލުވެ ތިއްބަތީވެ! ވަލްޙަމްދުލިﷲ!

The name is already taken The name is available. Register?

ނިޔަމި

07 November 2016

ފަޅުވެރިންނޭވެ. ތީ ހަމަ ސިކުޑި ފަޅުވެފަ ހުރި ވެރިންތާއެވެ. ވާސަރީއެވެ. ތިޔަ ދައްކާލި ފޫނުބެދޭ މޮޅު އޮލަ ވާހަކައެއްތާ ދޯއެވެ. މުސްތަޝާރު ގިނިކަންޏާ ފެޔަކަށް ޖެހިފަ އެހުންނަ އިރު އަރުވާނޭ އެއްޗެހީގެ ލިސްޓް މިތާ ނަންގަންނަން އަޅުގަޑަށް ވާ ނުކެރޭނެއެވެ. އަޅުގަޑުމެން ހަޔާތުގައި ލަދު ހުރީތީއެވެ. ވަﷲ އައުލަމް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454