ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލާ ބެނާއެއް ހިއްޕަވައިގެން މަޖިލީހުގެ ދޮރެއްގެ ކައިރީގައި ތިއްބެވި އިދިކޮޅު މެމްބަރުންނާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.
04 ފެބުރުއަރީ 2021 - 13:09
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ފަސް އަަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި ޝުއޫރުތައް ލިޔެފައިވާ ބެނާއެއް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފެނިވަޑައިގަންނަވާނެހެން، މަޖިލިހުގެ އެތެރޭގައި އިދިކޮޅުން މިއަދު ދަމާލައިފި އެވެ.
ރިޔާސީ ބަޔާން ނިންމާލެއްވުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ނަޝިދު ޗެމްބަރުން ނުކުމެވަޑައިގެންނެވިއިރު، އެ ދެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަށް "ރައީސް ޔާމީން މިނިވަން ކުރޭ" ޖަހާފައިވާ ބެނާ ހިއްޕަވައިގެން، ރައީސާއި މަޖިލީހުގެ ރިޔާސަތު ބަަލަހައްޓަވާ ބޭފުޅުން ތަޅުމަށް ވަދެވަޑައިގަންނަވާ ދޮރުގެ ކުރިމަތީގައި، ތިއްބެވީ މާވަށު ދާއިރާ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދާއި ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ފަޒުލް ރަޝީދާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. މަހިބަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގު ވެސް އެ ތަނުގައި ހުންނެވި އެވެ.
ނަޝީދުގެ އަރިހުގައި ވަޑައިގެން އެ ބެނާ ކައިރި އަށް ހުއްޓިވަޑައިގެން ސައީދުއާ ރައީސް ވާހަކަފުޅު ދެއްކެވި އެވެ.
ސައީދު "މިހާރު" އަށް ވިދާޅުވީ ރައީސް ބެނާ ކައިރީގައި މަޑުކުރެއްވި ވަގުތު، އެ މަނިކުފާނަށް ގިނަ ޝަކުވާތަކެއް ހުށަހެޅުއްވި ކަމަށެވެ. ޔާމީނުގެ އާއިލާ ތަހައްމަލު ކުރައްވަމުން ގެންދަވާ އަނިޔާގެ ވާހަކަ ވިދާޅުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެންނެވިން ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވާށޭ އަދި އެ މަނިކުފާނަށް އިންސާފު ލިބިދިނުމަށް ސަރުކާރުން ހުރަސް އެޅުން ހުއްޓަވައިލައްވާށޭ. އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގު އެ މަނިކުފާނަށް ދެއްވާށޭ،" ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވި އެވެ.
ސަރުކާރުން ކޯޓުތަކަށް އަތް ބާނައިގެން ޔާމީނަށް އިންސާފު ލިބިދިނުމަށް ހުރަސްއަޅާ ކަަމަށް އިދިކޮޅުން ކުރާ ތުހުމަތު ވެސް، ސައީދު ވިދާޅުވި ގޮތުގައި، ރައީސަށް ހުށަހެޅުއްވި އެވެ.
"ރައީސް ވިދާޅުވި އަޅުގަނޑު ތިކަން ބަލައިދޭނަމޭ،" ސައީދު ވިދާޅުވި އެވެ
ބެނާ ހިއްފަވއިގެން ތިއްބެވި މެމްބަރުންނާ ވާހަކަފުޅު ދެއްކެވުމަށް ފަހު ރައީސް މަޖިލީހުގެ އިދާރާ އިން ނުކުމެވަޑައިގަތީ އެހެން ދޮރަކުންނެވެ. އިދިކޮޅު މެމްބަރުން އެ ހިސާބުން ނުކުމެވަޑައިގެން މަޑުކުރެއްވީ މަޖިލީހުގެ ގޯތިތެރޭގަ އެެވެ.
ސައީދު ވިދާޅުވި ގޮތުގައި އެއީ މިއަދުގެ ޖަލްސާ އަށް ވަޑައިގެންނެވި ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިއްޒަތްތެރިންނަށް އެ ބޭފުޅުންގެ ޝުއުރޫ ހިމޭންކަމާ އެކު ހިއްސާ ކުރެއްވުމަށް ކުރެއްވި ކަމެކެވެ.
އޭރު މަޖިލީހުގެ އިދާރާގެ ބޭރުގައި، ސޯސަން މަގާއި މެދު ޒިޔާރަތް މަގު ގުޅޭ ކަންމަތީގައި، އިދިކޮޅުން އަޑުއިއްވަމުން ވެސް ގެންދިޔަ އެވެ.
ރައީސް، ރިޔާސީ ބަޔާން އިއްވެވިއިރު، މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މެމްބަރުން އެއްވެސް އިހުތިޖާޖެއް ކުރި ތަނެއް ނުފެނެ އެވެ. ތަޅުމުގައި އަޑުގަދަކުރައްވަމުން ގެންދެވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. އޭނާ ދެއްކެވި ގިނަ ވާހަކަތައް ސާފެއް ނުވެ އެވެ. ނަމަވެސް އަޑުގަދަކުރައްވާ ކަން ލައިވުން ސާފުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޓޭ
05 February 2021
ޖަލުގަތިބި އެހެންމީހުންގެ ޢާއިލާތައް އުޅެނީ ހާލުގައެއްނޫންތަ؟
ޓާކޫރު
05 February 2021
ރައީސް ޔާމީނަށް އިންސާފު ލިބޭއިރުވެސް އިންސާފެއް ނުލިބެޔޭ މިކިޔަނީ ކީއްވެތަ؟ އިންސާފު ލިބުމަކީ ބޭއިންސާފުކަމަށް ވާނަމަ އިންސާފާ ބޭއިންސާފު އޮޅިއްޖެ.
އަލީބަލީ
05 February 2021
ޔާމީނު ވެރިކަމުގައި ތިކަހަލަ ކަމެއް ކުރީމާ ތަނުން ނެރެ ބޭރަށް އުކާލަނީ.
ގެދާނޯމޮސް
04 February 2021
ޖަލަށް ވަޑއިގެން ތޭރިތަކުން ބަލާވާހަކަ ތޯއްޗެކެވެ.
ޢަބްދުލް
04 February 2021
ޔާމީނު ނަމަ މިހާރު ބެނާ ބޭނުން ކޮށްގެން އެމީހުން ބަނދެފަ ދޫނިދޫއަށް ފޮނުވާލީސް. އިދިކޮޅުގެ ކުޅިވަރު ބަލަންވެސް ރައީސް އިބޫގެ ކެތްތެރި!
އަހުމަދުބޭ
04 February 2021
އިންސާފުވެރި ހުކުމަކަށް މިވަނީ ކޮންމެ މީހަކުވެސް ހިތުހުރިހައި ކަމެއްކޮއްފައި ކޯޓުން އެމީހަކު ކުއްވެރި ވެއްޖެނަމަ އެމީހަކު ގޭގައި ބެހެއްޓުމެވެ. ނޫނީ އަލުން ކޯޓުން ދޫކޮއްލުމެވެ. މިއީ އަޅެފަހެ ސިޔާސީވެރިންނަށް ސަރިޔަތް ކުރަން އޮންނަގޮތްހެއްޔެވެ. މާދަމާ ރައީސް ސޯލިހު ކުއްވެރިވެގެން ޖަލަށް ލުމުން ކޯޓުތަށް ގޯސްވެގެން އިންސާފުން ބޭރުވެއެވެ، ސުޥާލަކީ ސިޔާސީވެރިން ހަމަކުއްނުކުރަނީހެއްޔެވެ، ކޮރަޕްސަން ނުހިންގަނީހެއްޔެވެ.
މިސުވާލަށް ޖަވާބު ދީބަލަ
04 February 2021
ކީއްވެގެންތޯ ވަގުންގެ ބޮޑުން ކަމަށްވާ އަދީބާއި ޒިޔަތު ގެބަންދަށް ބަދަލުކޮށްފައި އެވަނީ. ކީއްވެގެންތޯ އެހިޔާނާތުގައި ހިމެނޭ އެހެން މީހުންގެ މައްޗަށް (އަންނިއާއި އިބޫވެސް ހިމެނޭ ގޮތަށް) ޝަރީއަތެއް ނުހިންގެނީ؟ ވައްކަންކުރީ އަދީބު. ކޯޓުން ޔާމީނަށް ހުކުމް މިކުރީ އެފައިސާ ބޭނުންކޮށްގެން އިންވެސްޓް ކުރިކަމުގެ ތުހުއްމަތުގައި. އެކަމަކު ޔާމީނަކީ ރައީސްކަންކޮށްފައި އޭގެ ކުރިންވެސް ވަޒީފާ އަދާކުރެއްވި މީހެއް. ކިހިނެއް އެނގޭނީ އެއީ އެފައިސާ ކަމެއް؟
މަންގަލްސިންގް
05 February 2021
އަދީބު އެހެރީ ކުރި ހުރިހާ ކުށަކަށް އެއްބަސްވެފަ. އަދި ހުރިހާ ކަމަކަށް ހުކުމް އިއްވާފަ. ޔަމީން އެއުޅުއްވަނީ ހުުރިހާކަމެއްކޮއްފަ ނުކުރާކަމަށް ހެދެން.
ރައްޔިތުސޮރު
04 February 2021
ތީ ބޮޑަށް ވައްތަރީ ޕީޕީއެމްގެ ފަރާތުން ރިޔާސީ ކެންޑިޑޭޓަކަށް ޕާޓީތެރޭ ކުރާ ހަނގުރާމައިގެ އެޕިސޯޑަކާ. އެހެން ނޫނަސް ސައީދަށް ޗައިނާގެ ސަޕޯޓުވެސް އޮތީ.
އުލިގަމް އިސްޓައިލް
04 February 2021
ގައުމު ދަވާލާފަ ހަދާ ބެނާ ބޮޑަސް، އޭގެ ފަހަތަކަށް ބަޔަކު ނާރާނެ
ށައީދު
04 February 2021
ދެން ބަލާ ތި މިނިވަން ވީ ކަމަށް. ލޮލް