ރަސްދޫގައި މިރޭ ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
09 އެޕްރީލް 2021 - 00:45
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އުފެއްދުމެއް ކަމަށާއި އެއީ އެ ޕާޓީއެއްގެ "ހާއްޔެއް" ކަމުން، އިދިކޮޅު ޕީޕީއެމަށް އެ "ހާއްޔަށް" ބިހެއް ނޭޅޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އެމްޑީޕީގެ ކެމްޕޭން ނިންމުމަށް، އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި، ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ "ހާއްޔެއް" ކަމަށާއި އެ ހާލީގައި ވާ ކޮންމެ ނަރުކޮޅެއް ވެސް، ކޮންމެ ފަތްކޮޅެއް ވެސް ގެންގޮސް ބޭއްވީ އެމްޑީޕީގެ "ތުނބުން" ކަމަށެވެ. އެ "ހާއްޔަށް" ބިސް އެޅީ ވެސް، ބިސް ފީކުރީ ވެސް އެ ޕާޓިން ކަމަށާއި މިހާރު ދޫނިތައް ފިޔަ ހުޅުވާލާފައި އުފަލުން އެ ދަނީ މުޅިން އާ، ރަން ރީނދޫ ފަތިހަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ކޮވެލީގެ ޒާތެއް އެއީ ކާޅުގެ ހާއްޔަށް ބިސް އެޅުން. ނޫން. މިއީ އެމްޑީޕީގެ ހާއްޔެއް. މި ހާއްޔަކަށް ޕީޕީއެމަށް ބިހެއް ނޭޅޭނެ." ރަސްދޫ ބަނދަރުގައި އޮތް ކަންނެލި އޮޑިތަކުގައި ބޭއްވި އެ ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
"މި ހާލީގައި ބިސް އަޅާނީ ވެސް، ބިސް ފީކުރާނީ ވެސް އަދި އެ ދޫނި ނެރެ އުދުއްސާލާނީ ވެސް ހަމަ އެމްޑީޕީން."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އިސްވެރިންނާއި ގިނަ ސަޕޯޓަރުން ބައިވެރިވި އެ ޖަލްސާގައި ނަޝީދު ވިދާޅުވިގޮތުގައި، އެމްޑީޕީން މިހާރު ނުކުމެ ތިބީ މުޅިން އެހެން ގައުމިއްޔަތެއް އުފެއްދުމަށެވެ. އެއީ އިސްލާމްދީނުގެ އުސޫލުތައް ގަބޫލުކުރާ، އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ، ދުޅަހެޔޮ، ތާހިރު ރައްޔިތުންތަކެއް ދިރިއުޅޭ ގައުމެއް ބިނާކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، އެ މަސައްކަތުގެ އެންމެ މުހިއްމު ތަރަހައަކީ، ރައްޔިތުންނާ ގާތުން ވެރިކަން ކުރެވޭނެ ނިޒާމެއް ހޯދުން ކަމަށެވެ. ލާމަރުކަޒީ ނިޒާމުގެ ހާލި އުފެއްދީ ރައްޔިތުންނާ ގާތުން ވެރިކަން ކުރެވޭނެ ގޮތެއް ހޯދަން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ ރައީސްކަން ވެސް ކުރެއްވި ނަޝީދުގެ އުއްމީދަކީ، އެ ނިޒާމު ބަލައިގަނެ، އެމްޑީޕީގެ ކައުންސިލް ގޮނޑިތަކެއް، މާދަމާ ރުކުރުވައިލުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަށްގޮދާ
09 April 2021
އެހެންވީމާ، ރ. ޔާމީން އެޅި ފުލެޓް ބަހަން މިސަރުކާރުން އުޅުމަކީ ކާޅުހާއްޔަށް ކޮވެލި ބިސް އެޅުންތާ!!
ޥަގުތީ
09 April 2021
ކަނަކު އަތަށް ކަނޑި ދިނުމެކޭ އެމްޑީޕީއަށް ބާރުތައް ދިނުމެކޭ ތަފާތެއްނެތެވެ!
ނުދުވާތިނުދުވާތި
09 April 2021
ތަމެންނަށް ރަނގަޅަށް ބިސް އަޅާދޭނަމޭ އިނގޭތޭ އެދުވަހަކުން އަލިފާނޯއި އޭ ކިޔާ ގޮވަމުން ނުދުވާތި އިނގޭތޭ...
އުދުހޭ
09 April 2021
ކޮރަޕްޝަނުގެ ހާއްޔަށް ބިސްއަޅާކީ ކޮރަޕް މީހުން.
އެލެކްސް އަހުމަދު
09 April 2021
ކުރީރޭ ގައިންތާހިރުވާށޭވެސް އިބޫ އެބުނީ ކަލޭމެން ފީބިސްއަޅާބަހައްޓާފާ ބާތުޑޭތަކުގާ މީސްމީހުން ގަޔަށް އެ ޖަހާތީއޭ،
ވާނުވާނޭގޭ
09 April 2021
އެމްޑީޕީއަށް ކައުންސިލް ދިނުމެކޭ ކުޑައަލީ އަށް ގޯންޏެއް ދިނުމެކޭ ވާނީ ހަމަ އެއް ގޮތެއް
ޑިވައިޑަޑް ވިދިން ދަ ސޮސައިޓީ
09 April 2021
ދިވެހިރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގަން މާކުރިންވެސް ކުރީގެ އެޓޯލް މިނިސްޓަަރަކަށް ހުންނެވި އޮނަރަބަލް ވަޙީދުއްދީން (ޑީން) ކުރީގެ ރައީސް މައުމޫނަށް ވަނީ ތިޚިޔާލު ދެއްވާފައި.
ފިސާރިސާފު
09 April 2021
ވެރިކަން ކުރަން ވެސް މަޖިލިސް ކުރަން ވެސް ކަމެއް ކުރަން ވެސް ނޭނގޭ މީހަކު ނުކުމެގެން ހަމައެކަނި ޕާރޓީ ކުރިއަކަސް އަހަރުމެން ހަމަ ކަހަރުވަކެކޭވެސް ހިތަކަށް ނާރާ، މިއީ ވަރަށް ގިނަ ވާހަކަ
އަސްލު އަސްލު
09 April 2021
އެމްޑީޕީގެ ކާޅު ހާއްޔައް އަމިއްލަޔަށް ބިސް އަލަންތިބޭ، އަހަރުމެން ކުރަން މިއުޅެނީ އެހެން ކަމެއް، އެއީ ރައްޔިތުންގެ އުދާސްތަކާއެކު ނިއްމާ ނިއްމުމެއް، މި ނިންމުމަކާ ތިޔަ ސޮހޯލުންނަކަށް ނުކުޅެވޭނެ
އިޚްލާސްތެރި ދޫ
09 April 2021
ތިޔަބުނާ ރޫހީ އުފާވެރި އެމްޑީޕީގެ ހާއްޔެއް މިޤައުމަކު ނުހުންނާނެއެވެ. މިތާ ހުންނާނީ ރައްޔިތުންގެ ހާއްޔެވެ. އެމްޑީޕީ އަށް މި ޤައުމާއި ރައްޔިތުންގެ މިލްކުވެރިކަން ދޭކަށް އަހަރުމެން ނެތީމުއެވެ. މިޤައުމުގެ ތަރަހާގައި ހިނގާނީ ރައްޔިތުންގެ ބާރެވެ.