ޚަބަރު / ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ކޮވިޑް-19: މާބަނޑު މީހުންނަށް ބަލި ޖެހޭ ވަރު އިތުރުވެއްޖެ: ޑރ. ފައިސަލް

މެއި 17، 2021: ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އަހްމަދު ފައިސަލް ވާހަކަދައްކަވަނީ.

ރާއްޖޭގައި ކޮވިޑް ޖެހޭ މާބަނޑު މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އަދި މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެއާޕާސަން އަހުމަދު ފައިސަލް މިރޭ ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފައިސަލް ވިދާޅުވީ، ކޮވިޑް ބަލި ޖެހޭ މާބަނޑު މީހުން އިތުރުވެފައި ވާއިރު، ހާލު ބޮޑުވެގެން ފަރުވާ ދޭންޖެހޭ މީހުން ވެސް މިހާރު ގިނަ ކަމަށެވެ.

މި ބަލިޖެހޭ މާބަނޑު މީހުންގެ ހާލު ބޮޑުވެ، މަންމަގެ އިތުރުން ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ނޭދެވޭ އަސަރުކުރާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޑރ. ފައިސަލް ވިދާޅުވިގޮތުގައި، މިހާރު ވެސް ކޮވިޑް ޖެހިގެން ދުވަސް ނުފުރާ ވިހާފައިވާ ދެ ކުއްޖަކަށް އައިޖީއެމްއެޗުގެ އެންއައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ.

"ކޮވިޑާއެކު ދުވަސް ނުފުރާ ވިހާ ކުދިންގެ އަދަދު ވެސް އެއް ޕަސެންޓް އިތުރުވާނެ ކަމެއް ބެލެވޭ. މިހާރު އެ އަދަދު ހުރީ 13 ޕަސެންޓްގައި،" ޑރ. ފައިސަލް ވިދާޅުވި އެވެ.

"މާބަނޑު މީހާއަކީ 35 އަހަރުން މަތީގެ މީހަކަށް ވެފައި، މާބަނޑުވުމުގެ ކުރިން ހަކުރު ބަލި ނުވަތަ ހިތުގެ ބަލި ހުރި މީހެއް ނަމަ ބަލި ޖެހިއްޖެއްޔާ ރިސްކު ވަރަށް ބޮޑުވޭ."

ކޮވިޑް ޖެހޭ ކުޑަކުދިންގެ ހާލު މާބޮޑު ނުވި ނަމަވެސް ނިސްބަތަށް ބަލާއިރު، ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވްވާ ކުޑަކުދިންގެ އަދަދު ވަރަށް ގިނަ ކަމަށާއި އެކަމަކު އެ ކުދިން ބަލިން ރައްކާތެރި ކުރުމަށް ފަރުވާކުޑަ ނުކުރުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

އިތުރު މުހިންމު ކަމެއްގެ ގޮތުގައި ޑރ. ފައިސަލް ފާހަގަކުރެއްވީ ކޮވިޑްގައި ނިޔާވާ މީހުންނާއި މި ބަލީގައި ހާލުބޮޑުވާ މީހުންގެ ތެރޭގައި ވެކްސިން ނުޖަހާ މީހުން ގިނަ ވުމެވެ. މާބަނޑު މީހުންނަށް ވެސް މިހާރު ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފައި އޮތް އިރު އޭގެ ބޭނުން ހިފުމަށް އޭނާ އެދިވަޑައިގަތެވެ.

"އެ ފަރާތްތަކަށް ޖެހޭނެ ވެކްސިނެއް ހުއްޓައި، ނުޖެހީމާ އެއީ ވަރަށް ދެރަ ކަމެއް،" މިހާރު ވެސް ރާއްޖޭގައި ސިނޮފޯމް ވެކްސިންގެ 68،000 ޑޯޒް އެބަހުރިކަން ފާހަގަކުރައްވަމުން ޑރ. ފައިސަލް ވިދާޅުވި އެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ ހަވީރު 6:00 އިން މިއަދުގެ ހަވީރު 6:00 އަށް އަލަށް ކޮވިޑް ޖެހުނީ 594 މީހަކަށެވެ. އެކަމަކު ބެކްލޮގުގައި ހުރި ސާމްޕަލްތަކާ އެކު މިދިޔަ 24 ގަޑިއިރުގެ ޖުމުލަ 1،433 އަށް އަރަ އެވެ.

ރާއްޖޭގައި މިވަގުތު 16،977 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން 268 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

ރާއްޖޭގައި މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 100 އަށް ވުރެ މަތިވެފަ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454