ރިޕޯޓް

ތަހުގީގު މަރުހަލާގައި ބަންދު ނުކުރުން: ވަކި ބަޔަކަށް އެކަނި އޮންނަ ހައްގެއް؟

މައްސަލައެއްގައި ކުރިން ބަޔަކު ހައްޔަރު ކޮށްފައި ނެތުމަކީ އެ ބާވަތުގެ އެހެން މައްސަލައެއްގައި މީހުން ހައްޔަރު ނުކުރަން ގާނޫނީ ގޮތުން ދެއްކޭނެ ސަބަބަކަށް ނޫން

ކުށުގެ ތުހުމަތުކުރެވޭ މީހުން ތަނެއް: ތަހުގީގު މަރުހަލާގައި މީހުން ބަންދު ކުރުމުގައި އަބަދުވެސް ތަފާތު ކުރުން ގެންގުޅޭ --- ފޮޓޯ/މިހާރު

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހައްޔަރު ކުރަން ފުރަތަމަ ފަހަރަށް ކޯޓު އަމުރަކަށް އެދުނު މައްސަލާގައި ދާދިފަހުން ކޯޓުން އަމުރު ނެރެ ނުދިނުމުން ދެން ހިނގަން ފެށީ ތަހުގީގު މަރުހަލާގައި މީހުން ހައްޔަރު ނުކުރުމުގެ ބަހުސެވެ. މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ މައްޗަށް ތުހުމަތު ކުރެވުނު ގެވެށި އަނިިޔާގެ މައްސަލާގައި އޭނާ ހައްޔަރު ކުރުމުގެ އަމުރު ނުދޭން ކޯޓުން ދެއްކި އެއް ސަބަބަކީ ތަހުގީގު މަރުހަލާގައި މީހުން ބަންދު ކުރުމަކީ ގާނޫނުއަސާސީ ދަންނަ ކަމެއް ނޫން ކަމަށް ބުނެ އެވެ.

ތެދެކެވެ. މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ އެންމެ ހާއްސަ އެއް ސިފައަކީ ކުށް ސާބިތު ވަންދެން އެ މީހެއްގެ މިނިވަންކަން ނަގަހައްޓައި ދިނުމެވެ. ކުށެއް ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީ ވެސް ގާނޫނީ ގޮތުން މައުސޫމް މީހަކަށް ވާތީ ކުށް ސާބިތުވާ ކަމަށް ކޯޓުން ހުކުމް ކުރަންދެން އެ މީހާ މިނިވަންކޮށް ބެހެއްޓުމަކީ ގާނޫނުއަސާސީގެ ވިސްނުމެވެ. އެހެންވެ، ކުށެއް ތުހުމަތެއް ކުރެވުނަސް، ހާއްސަ ހާލަތްތަކުގައި ނޫނީ ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާގައި މީހުން ބަންދު ކުރުން (ޕްރީ ޓްރަޔަލް ޑިޓެންޝަން) ގާނޫނުއަސާސީގެ 49 ވަނަ މާއްދާއިން މަނާކުރެ އެވެ.

ތަހުގީގު މަރުހަލާގައި ހައްޔަރު ކުރުމުގައި ބޮޑު ތަފާތު ކުރުމެއް

ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާގައި މީހުން ބަންދު ކުރުން ގާނޫނުއަސާސީ ހުއްދަ ކުރަނީ މުޖްތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ނުވަތަ ހެކި ނައްތާލަފާނެ ކަމަށްޓަކައި ނުވަތަ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ނުވަތަ ފިލާފާނެ ކަމަށްޓަކައި އެކަންޏެވެ. އެހެންކަމުން ޓެރަރިޒަމާއި މީހުން މެރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ މުޖްތަމައުއަށް ނުރައްކާތެރި ކުށްތަކުގައި ތަހުގީގު އަދި ޝަރީއަތުގެ މަރުހަލާގައި ވެސް މީހުން ބަންދުގައި ބޭތިއްބުން ގާނޫނުއަސާސީގެ ދަށުން ހުއްދަ އެވެ. އެ ނޫން ހާލަތްތަކުގައި މީހުން ބަންދުގައި ބޭތިއްބުން މަނާކޮށްފައި އޮތަސް، ހަމަހަމަ އުސޫލެއް މިކަމުގައި ގެންގުޅޭ ތަނެއް އަދިވެސް ނުފެނެ އެވެ.

އާދައިގެ ކުދި ކުށްތަކުގައި މީހުން ހައްޔަރު ކުރުމާއި ބަންދު ކުރުމުގެ ކަންކަމުގައި އެއްވެސް ހަމައެއް ލަމައެއް ނެތެވެ. ޓްވީޓެއް ކޮށްލުން ފަދަ އާދައިގެ ކުށްތަކުގައި ވެސް މީހުން ހައްޔަރުކޮށްފައި އެބަހުއްޓެވެ. މިފަދަ މައްސަލަތަކުގައި މީހުން ހައްޔަރު ކުރަން ކޯޓުތަކުން ބަރާބަރަށް އަމުރު ވެސް ދީފައި އެބަހުއްޓެވެ. ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ދައުވާ ކުރުމުގެ މުއްދަތު ކަނޑައަޅަން ޖެހުނީ މިކަން ހައްދު ނެއްޓޭ ހިސާބަށް ދިއުމުންނެވެ. ޖިނާއީ އިޖްރައާތުގެ ގާނޫނު މިހާރު އޮންނަ ގޮތުން ހައްޔަރު ކުރުމަށްފަހު ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދާ ހިސާބުން ދައުވާ ކުރުމުގެ މުއްދަތު ހިނގަން ފަށާނެ އެވެ. އެ މުއްދަތުގައި ދައުވާ ނުކުރެވިއްޖެ ނަމަ އެ މައްސަލާގެ ފައިލް ބަންދު ކޮށްލަން ޖެހޭނެ އެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނު ވުޖޫދަށް އައުމުން އާދައިގެ ކުށްތަކުގައި މީހުން ހައްޔަރު ކުރުން މަދުވި އެވެ. އެހެން ނަމަވެސް އެއްކޮށް ހުއްޓިގެނެއް ނުދެ އެވެ. މިދިޔަ އަހަރު ކޮވިޑް-19 އާ ގުޅިގެން ފުރަތަމަ ފަހަރަށް ލޮކްޑައުން ކޮށްފައި ވަނިކޮށް ލޮކްޑައުންއާ ހިލާފްވެގެން 300 އަށް ވުރެ ގިނަ މީހުން މާލެ ސަރަހައްދުން ހައްޔަރުކުރި އެވެ. ހަމަގައިމު ވެސް، އެ މީހުން އެ ކުރި އަމަލަކީ ބަންދުގައި ބައިތިއްބައިގެން ތަހުގީގު ހިންގަންޖެހޭ ވަރުގެ ކުށެއް ނޫނެވެ. އަދި ފަހުން އެއިން އެއްވެސް މީހަކަށް ދައުވާ ނުކުރަން ނިންމި އެވެ. އެކަމަކު ހައްޔަރު ކުރަން ނުޖެހޭ އަދި ދައުވާ ކުރެވެން ނެތް ކުށެއްގައި އެ މީހުން ބަންދުގައި ބޭތިއްބި މައްސަލާގައި ޒިންމާ ނަގާނެ މީހަކު ނުވި އެވެ.

މީހަކު ހައްޔަރު ކުރަނީ --- ފޮޓޯ/މިހާރު

ވޭތުވެދިޔަ މަހެއްހާ ދުވަހަށް ބެލިޔަސް، ކުދިކުދި ވައްކަމާއި ހުއްދަ ނެތި ގޭގެއަށް ވަނުން ފަދަ ކުދި ކުށްތަކުގައި ވެސް މީހުން ހައްޔަރުކޮށް، ކޯޓުން ބަންދު މުއްދަތު ޖަހާފައި އެބަހުއްޓެވެ. މިއީ ޖިނާއީ ކުށްތަކެއް ކަމަށް ވިޔަސް، އެއީ ކުރިން ވެސް ދެންނެވިހެން، އެ މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ހިނގަންޖެހޭ ވަރުގެ ކުށެއް ނޫނެވެ. އޭގެކުރިން، ވެސް ދެ ތިން މަހުގެ ޖަލު ހުކުމް އަންނަ ފަދަ ކުދި ކުށްތަކުގައި މީހުން ޝަރީއަތް ނިމެންދެން ވެސް ބަންދުކުރި އެވެ. ހަގީގަތަކީ، އާދައިގެ ރައްޔިތެއް މީހެއް ނަމަ، ގެންގުޅެނީ ވަކި އުސޫލެކެވެ. ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ "ތަހުގީގަށް ބަންދު ނުކުރުމުގެ" ފޮނި މީރުކަން ލިބެނީ ވަކި ބަޔަކަށޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. އެހެން ނަމަވެސް އެ ވާހަކަ ދައްކާނެ ބަޔަކު ނެތެވެ.

ހައްޔަރު އަމުރު ދިނުމުގައި އެހެން މައްސަލަތަކާ އަޅާ ކިޔުން

މެމްބަރު އީސަ ހައްޔަރު ކުރުމުގެ އަމުރު ނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައިވަނީ ހައްޔަރު ކުރުމަށް ގާނޫނީ ގޮތުން ބޭނުންވާ މިންވަރުގެ ހެކި ހުއްޓަސް، ހައްޔަރު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ތަހުގީގު ބޭނުމަށް މީހުން ހައްޔަރު ކުރުމަކީ ގާނޫނުއަސާސީ ދަންނަ ކަމަކަށް ނުވުމުގެ އިތުރަށް ދެން ކޯޓުން ދެއްކި ސަބަބަކީ އެފަދަ އެހެން މައްސަލަތަކުގައި ކުރިން މީހުން ހައްޔަރު ކޮށްފައި ނެތުމެވެ. އެގޮތުން ކޯޓުން ހަވާލާދިނީ ކުޑަކުދިންގެ ހިޔާގައި ކުޑަކުދިންތަކަކަށް އަނިޔާކުރި މައްސަލައެއްގައި އެއްވެސް ބަޔަކު ހައްޔަރު ނުކުރާތީ އެކަމަށެވެ.

ނަމަވެސް އެއީ ގާނޫނީ ގޮތުން އެއްވެސް ހަމަައެއް އޮތް ވާހަކައެއް ނޫނެވެ. އެހެނީ، ވަކި މައްސަލައެއްގައި ކުރިން ބަޔަކު ހައްޔަރު ކޮށްފައި ނެތުމަކީ އެ ބާވަތުގެ އެހެން މައްސަލައެއްގައި މީހުން ހައްޔަރު ނުކުރަން ގާނޫނީ ގޮތުން ދެއްކޭނެ ސަބަބަކަށް ނޫނެވެ. އަދި އެއީ ކޯޓަކުން ބަލަންޖެހޭ ކަމެއް ވެސް ނޫނެވެ. ހައްޔަރު އަމުރެއް ނެރެދިނުމުގައި ކޯޓުން ބަލަން ޖެހޭނީ ހައްޔަރު ކުރަންޖެހޭ ސަބަބެއް އޮތްތޯ އާއި ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ހުރިތޯ އެކަންޏެވެ.

ކޯޓުން ދެއްކި އަނެއް ސަބަބަކީ އެއީ ޖިނާއީ ބޮޑު ކުށަކަށް ނުވުމެވެ. އެހެން ނަމަވެސް، ތަހުގީގު މަރުހަލާގައި މީހުން ހައްޔަރު ކުރެވޭނީ ޖިނާއީ ބޮޑެތި ކުށްތަކުގައި އެކަނި ކަމަށް ގާނޫނުއަސާސީ ނުވަތަ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ވެސް ނެތެވެ. އެހެންކަމުން އާދައިގެ ކުށެއްގައި ވެސް މީހުން ހައްޔަރު ކުރަން ހުރަހެއް ނެތެވެ. ކުރިން ވެސް، ދެންނެވިހެން އެގޮތަށް އަމަލު ކޮށްފައި ވެސް އެބަހުއްޓެވެ. އެހެންކަމުން ޖިނާއީ ބޮޑު ކުށަކަށް ނުވުމަކީ މީހަކު ހައްޔަރު ނުކުރަން ދެއްކޭނެ ހުއްޖަތެއް ނޫނެވެ.

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ތަހުގީގަށް މީހުން ބަންދު ކުރުމާ ދެކޮޅަށް ގާނޫނުއަސާސީ ލިޔެފައި އޮތަސް، އެކަން ހުއްޓުވިފައެއް ނެތެވެ. ބޮޑެތި ޖިނާއީ މައްސަލަތަކުގައި ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ބަންދު ކުރުމުގެ އިތުރަށް، އާދައިގެ ކުދި ކުށްތަކުގައި ވެސް ތަހުގީގަށް މީހުން ބަންދު ކުރާ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"ބައެއް ފަހަރު މީހުން ބަންދުން ދޫކޮށްލާއިރު ކޯޓުތަކުން އެބަ ބުނޭ ތަހުގީގު ނިމިފައި އޮތީމަ ބަންދުން ދޫކޮށްލަނީ ކަމަށް. މާނައަކީ ކޯޓުތަކުން ވެސް އެބަ ގަބޫލު ކުރޭ ތަހުގީގަށް ބަންދުން ކުރުމަކީ އޮންނަ ކަމެއް ކަން." ޖިނާއީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ އެ ވަކީލް ވިދާޅުވި އެވެ.

ތަހުގީގަށް ބަންދު ކުރުމުގައި އެކި މައްސަލަތަކުގައި ތަފާތުކުރާ ކަމަށް އެ ވަކީލު ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ. ހާއްސަކޮށް، އާދައިގެ ރައްޔިތުންގެ މައްސަލަތަކުގައި އެ ތަފާތު ކުރުން މުއައްސަސާތަކުން ގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްތިސްނާ ހާލަތްތަކުގައި ނޫނީ ތަހުގީގު މަރުހަލާގައި މީހުން ބަންދުގައި ބޭތިއްބުން ގާނޫނުއަސާސީން މަނާކުރިތާ 12 އަހަރު ފާއިތުވިއިރު ވެސް، އެ ހައްގު ފުރިހަމަ ގޮތުގައި ލިބިދީފައެއް ނުވެ އެވެ. އާންމު ރައްޔިތެއް ނަމަ، އާދައިގެ ކުށްތަކުގައި ވެސް ބަންދު އެބަ ކުރެ އެވެ. މިކަމުގައި ތަހުގީގީ އިދާރާތަކާއި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އެހެން މުއައްސަސާތަކުގެ ފަރާތުން ވެސް ފެންނަނީ ތަފާތު ކުރުން ގެންގުޅޭ ތަނެވެ.

15 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 10%
icon angry icon angry 90%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބުދުލް ޤާދިރު

26 May 2021

އުންސުރު ހަމަވެގެންތާ ހައަޔަރު ކުރެވޭނީ. އުންސުރު ހަމަވާނީ އާއްމު ނިކަމެތި މީހާ. ރޯޔަލް ބޭފުޅުންގެ އުންސުރު ދުވަހަކު ވެސް ހަމައެއް ނުވާނެ. ދެން ކިހެނެއް ހައްޔަރު ކުރަނީ.

The name is already taken The name is available. Register?

ސޮއްޓި

26 May 2021

ތިޔަ އަމުރު އިސްތިއުނާފް ނުކުރަން ނިންމީ ތިޔައަމުރުނެރުނީޕީޖީ ހުސޭނުގެ ބެސްޓްފްރެންޑް އަށްވާތީޕީޖީހުސޭނުވެސްގަބޫލުކުރާނެތިޔައީއޮއްޓަރެއްހުރިއަމުރެއްނޫންކަން

The name is already taken The name is available. Register?

ހަލަލު ނޫސް

26 May 2021

2012 ވަނަ އަހަރު އެމްޑީޕީ ސަރުކަރާ ދެކޮޅަށް މުޒާހަރާކޮށްގެން ކޯޓަށް ގެންދިޔަ އެއްވެސް މީހަކަށް މުއްދަތު ޖަހާފަ ހައްޔަރު ކުރިތޯ، 2013 އިން 2018 އަށް މުޒަހަރާތަކުން ހައްޔަރުކުރި ކިތައް މީހުނަށް މުއްދަތު ޖަހާފަ ހައްޔަރު ކުރިކަން އެނގޭތަ، އެމްޑީޕީ މީހެއް ހައްޔަރު ނުކުރީމާ ނޫސްވެރިންނަށްވެސް ފެންނަނީ

The name is already taken The name is available. Register?

މައްސަލަ

26 May 2021

މައްސަލައަކީ ވަކިޕާޓީއަކާ ގުޅޭ މައްސަލައެއް ނޫން. ހުރިހާ އެންމެންނަށް ހަމަހަމަ ކަމާއިއެކު ޤާނޫނު ތަންފީޛުކުރުމާބެހޭ މައްސަލައެއް. ވަކިޕާޓީއަކަށް، ވަޒީފާގެ ފެންވަރަކަށް، ހުރިފައިސާއަކަށް، މުޖުތަމައުގައި ލިބިފައިވާ މަޤާމަކަށް، މޮޅުދެރަ ބެލުމެއްނެތި ހަމަހަމަޔަށް އިންސާފުން ޤާނޫނު ތަންފީޛުކުރުމަކީ ލިބިފައިވާ އަސާސީ ހައްގެއް. ވާހަކައެއް ފެށޭނީ ކޮންމެވެސް ހަމައަކުން. ވިސްނަންވީ ވަކިފަރާތަކަށް ނުޖެހި މައްސަލައިގެ އަސާސަށް ހައްލެއް ގެނެވޭތޯ.

The name is already taken The name is available. Register?

ސައިޚް

26 May 2021

މި ވާހަކަ ގޯސް، ހުންނާނެދޯ، މުޖުތަމައުއަށް އެކަމެއްގެ ސަބަބުން އާއްމުކޮއް ގެއްލުން ލިބޭނެ، ކަންކަން، މިސާލަކަށް ލޮކްޑައުންތެރޭ އަމުރާ ޚިލާފުވެގެން އޭރު ހައްޔަރުކުރި މީހުން، އޭގެ ރީތިމިސާލެއް މިހާރު މިފެންނަނީ، މީހުން އާއްމު މުޖުތަމައަށް އޭގެ އަސަރުކުރާފަދަ ގޯސް ކަންތަކުން ވަގުތުކޮޅާކަށް އެކަހެރިކުރުމުން އޭގެން އެލިބޭ ފައިދާ އާއި ގެއްލުން މިނެކިރަން މިފެންނަނީ ރަނގަޅު މިސާލެއް، މުއިއްޒު އިބްރާހިމް ވެސް ވިސްނާލާފަ ލިޔުނު ނަމަ ހާދަ ރަނގަޅެ،

The name is already taken The name is available. Register?

ސިއާ

26 May 2021

ތިޔަ އަމުރު ނެރެ ނުދިން ގާޒީއަކީ މަޖްލިހުގެ މެންބަރެއްގެ އާއިލާއެއްގެ މީހެއް. މާލޭގެ ބޭފުޅެއް. އެކަމަކު ގާނޫނީ ގޮތުން ފެންވަރެއް ހުރި މީހެއް ނޫންކަން ނިންމުމުގައި ބުނެފައިވާ ވާހަކައިންވެސް ސާފުވާނެ. އެކަމަކު ސަރުކާރުން ބޭނުން ބަޔަކު ގާޒީކަމަށް މިހާރުވެސް ލަނީ. އެހެންވީމަ މިހާރުގެ ސަރުކާރަށް ބެލެނިވެރިކަން އަރާ މީހުންނަށް ގާޒީކަން ދިނުމަށް އޭނާއަށްވެސް އެވަނީ އެމަގާމު ދީފަ. ދުވަސްކޮޅަކުން އިސްގާޒީކަންވެސް ދޭނެ.

The name is already taken The name is available. Register?

ވާނުވާ....

26 May 2021

މަހީކުރީމިވެރިކަމުގަ އަދުލުއިންސާފްލިބޭނެކަމަށްއެމީހުން ވެރިކަމަށްއައީ އެހެންކިޔާފަ އެކަމުވެސްމީމިވާވަރަކީ

The name is already taken The name is available. Register?

އަލީލީ

26 May 2021

އަހަރެން ދަންނަ މީހަކު މިހާރުވެސް އެބަހުރި ހައްޔަރުކޮށްފަ ގެވެށި އަނިޔާގެ މައްސަލަ އެއްގައި. އީސާ ހައްޔަރު ނުކޮށް ދޫކޮއްލިތާ 42 ގަޑި އިރު ނުވޭ އަސޫ އީސައަށް ދައުވާ ނުކުރަން ބޭނުންވެއްޖެ، މީހަކަށް ތަހުގީގަށް ނުފޫޒު ފޯރުވޭނީ މިހާވަރަކަށް. ހަމަ ނިކަމެތިންނަށް ނިކަމެތިގޮތް ސަދޫމު ގެ އަދުލް.

The name is already taken The name is available. Register?

އުދުހޭ

26 May 2021

ވަރަށް ފުރިހަމަ ރިޕޯޓެއް. މިފަދަ ފުރިހަމަ އަދި ބޭނުންތެރި ލިޔުމެއް މީންދުވަހަކުވެސް ނޫހަކުން ނުކިޔަން. ބެނާއެއް ހިފައިގެން ވިއްސަކަށް މީހުން ތާކަށް އެއްވާއިރަށް ހައްޔަރުކުރަނީ. އެކަމަކު ފަލަސްތީނަށް ސަޕޯޓްކުރަން އެއްވީމަ ހައްޔަރުނުކުރާކަން ފާހަގަކުރަން. މީގައިވެސް ގާނޫނީ އިމެއް ނެތް. ފެނުނީމަ ހައްޔަކުރަނީ ނުފެނުނީމަ ނުކުރަނީ.

The name is already taken The name is available. Register?

ފަރާ

26 May 2021

އީސަގެ މަައްޗަށަ ގެވެށި އަނިޔާހެ ތުހުމަތުކުރެވުމުގެ ދެދުވަހެއް ކުރިން ސުޕްރީމް ކޯޓުން ނިންމާފަ އޮތް މަައްސަލައަކީ މީހަކު ލޯބިވެރިޔާއާ މާރާމާރީ ހިންގައިގެން ހައްޔަރުކޮށް 15 ދުވަހަށްވުރެ ގިނަ ދުވަހު ބަންދުގަ ބެެހެެއްޓުމަށްފަހު އިތުރަށް ނުބެހެއްޓޭނެކަމަށް ކުރި ޙުުކުމަކާ ގުޅިގެން ޕީޖީ ހުށަހެޅި މައްސަލައެއް. ލޯބިވެރިންގެ މެދުގަ އޮންނަ ގުޅުމަކީވެސް ޤާނޫނުގަ ބުނާ ގެވެށި ގުޅުމެއް. އެއްބާވަތެއްގެ ހެކި ހުރިއިރު ތަފާތީ މީހާ

The name is already taken The name is available. Register?

ގޮރru

26 May 2021

ކުދިކުދި ވައްކަމާއި ހުއްދަނެތި ގޭގެއަށް ވަނުމުން ބަންދު ކުރަނީ އ ެފަދަ ކުއްތަށް ތަކުރާރު ކުރަަމީހުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454