ފުލުހުންތަކެއް އޮޕަރޭޝަނެއްގައި: ޓެރަރިޒަމްގެ ގާނޫނަށް އަނެއްކާވެސް އިސްލާހުުތަކެއް ގެންނަން ސަރުކާރުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
02 ޖޫން 2021 - 06:37
ކުށް ކުރުން ނުހުއްޓުވި މުޖްތަމައުގެ އަމަންކަން ގެއްލިގެންދާ ކޮންމެ ފަހަރަކު އަބަދުވެސް އޮންނާނީ އެންމެ ބަހަނާ އެކެވެ. ކޮންމެވެސް ގާނޫނެއް ނެތް ވާހަކަ އެވެ. ކޮންމެވެސް ގާނޫނެއް އޮތްގޮތުން ކުށްވެރިން ދޫވާ ވާހަކަ އެވެ. މި ބަހަނާތައް ދައްކައިގެން ޖިނާއީ އަދުލުގެ ނިޒާމުގައި ހިިމެނޭ މުއައްސަސާތަކުން ތިބޭތާ އެތައް ޒަމާނެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެފައި ވަނިކޮށް އަނެއްކާވެސް މި ފެންނަނީ އެ މަންޒަރެވެ.
ޓެރަރިޒަމްގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން އަނެއްކާވެސް މަސައްކަތް ފެށުނީ އެވެ. މިއީ 2015 ގައި އަމަލު ކުރަން ފެށި ޓެރަރިޒަމްގެ ގާނޫނަށް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އިސްލާހު ގެންނަން ތިން ވަނަ ފަހަރެވެ. ގާނޫނުއަސާސީ ބުނާގޮތުން ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރާތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ޖެހުނަސް، ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން މިފަހަރު އިސްލާހު ހުށަހަޅަނީ އެ ހަައްގު ހަނިކުރުމަށެވެ.
އެގޮތުން ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ ނަމަ، ކޯޓަށް ނުގެންގޮސް، 48 ގަޑިއިރު ބަންދުގައި ބޭތިއްބުމުގެ ހުއްދަ ދިނުމަށާއި ބަންދު މުއްދަތު އިތުރު ކުރުމުގައި އިތުރަށް ހަރުކަށި އުސޫލު ހިމެނުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ވަނީ ނިންމައިފަ އެވެ. އަދި ހަނގުރާމަ އަށް ދާ މީހުން ރިހެބިލިޓޭޓް ކުރުމުގެ މަރުހަލާ އިތުރަށް ހަރުކަށިކޮށް، ހަނގުރާމަވެރި ސަރަހައްދަކަށް ދިޔަކަމުގެ ޝައްކެއް ކުރެވުނަސް، އެ މީހަކު ދައުލަތުގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ރިހެބިލިޓޭޝަން ދެވޭ ގޮތަށް އިސްލާހު ހުށަހަޅަން ވެސް ވަނީ ނިންމައިފަ އެވެ.
އިރުއިރުކޮޅުން ގާނޫނު ބަދަލުކޮށް، ހައްގުތައް ހަނިކޮށްގެން ނުވަތަ ގާނޫނު ހަރުކަށިކޮށްގެން ނަތީޖާއެއް އެބަ ހާސިލްވޭތޯ މިއީ އުފައްދަންޖެހޭ ސުވާލެކެވެ. ޓެރަރިޒަމްގެ ގާނޫނު 2015 ގައި ވުޖޫދަށް އައީ ރާއްޖޭގައި ހެދި އެންމެ ހަރުކަށި ގާނޫނުގެ ގޮތުގަ އެވެ. ޓެރަރިޒަމްގެ އަމަލުތަކަކީ ކޮބައިކަން ފުޅާ ދާއިރާއެއްގައި މާނަކޮށް އަދި ބޮޑެތި އަދަބުތަކެއް ހިމެނުމާ އެކު، މޮނިކޮން އަމުރު ނެރުމުގެ ބާރު ފަދަ ބޮޑެތި ބާރުތަކެއް ތަހުގީގީ އިދާރާތަކަށް ދިނެވެ.
އެ ގާނޫނުގެ ހަރުކަށިކަމުގެ ފައިދާ އޭރުގެ ސަރުކާރުން ބޭނުންކުރީ އިދިކޮޅު ސިޔާސީ ބޭފުޅުންނާ ދެކޮޅަށެވެ. ސިޔާސީ އެތައް ބަޔަކު އެ ގާނޫނުގެ ދަށުން ހައްޔަރުކޮށް، ޖަލަށް ވެސް ލި އެވެ. އެހެން ނަމަވެސް ހުއްޓުވުނު ޓެރަރިސްޓަކު ނެތެވެ. ބޭރުގައި ހިނގާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވި އެއްވެސް މީހެއްގެ މައްޗަށް ކުށެއް ސާބިތެއް ނުވެ އެވެ. ގާނޫނުގެ ހަގީގީ އެއްވެސް ބޭނުމެއް ނުހިފުނެވެ.
މި ސަރުކާރުގައި ވެސް 2019 ވަނަ އަހަރު އެ ގާނޫނު އިތުރަށް ހަރުކަށިކުރި އެވެ. ހަނގުރާމައެއްގައި ބައިވެރިވިޔަސް އަދި ނުވިޔަސް، ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމަކީ އޭގެ ޒާތުގައި ކުށެއްގެ ގޮތުގައި ހެދި އެވެ. އެގޮތުން މުޅި ސީރިއާއަކީ އެ ގާނޫނުގެ ބޭނުމަށްޓަކައި ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި އޮތީ ކަނޑައަޅައިފަ އެވެ. އަދި ޓެރަރިޒަމަށް ނުވަތަ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ކަން ލިޔުމަކުން ނުވަތަ ފޮޓޯއަކުން ހާމަ ކުރުން ނުވަތަ ގެންގުޅުން ކުށަކަށް ހެދުމާ އެކު، އެފަދަ އެއްޗެއް ރަމްޒުކޮށް ދޭ އަންނައުނެއްހާ މިންވަރު ގެންގުޅުން ވެސް އޮތީ ކުށަކަށް ހަދައިފަ އެވެ.
މީގެ އިތުރަށް ތަހުގީގީ އިދާރާތަކަށް މިއިން ޒަމާނެއްގައި ވެސް ނުލިބޭހާ ބޮޑެތި ބާރުތައް 2019 ވަނަ އަހަރު ގެނައި އިސްލާހުުގެ ދަށުން ލިބުނެވެ. ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރު ކުރުމުގެ ބާރު ދިނުމުގެ އިތުރުން ތަހުގީގު މަރުހަލާގައި އަސާސީ އެތައް ހައްގެއް ހަނިކުރި އެވެ. ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުންނާއި އެ މީހުންގެ ވަކީލުންނާ ދެމެދު ދެކެވޭ ވާހަކަތައް އަޑުއެހުމުގެ ހުއްދަ ފުލުހުންނަށް ދިނުމަށްޓަކައި (ލޯޔާ ކްލަޔަންޓް ޕްރިވިލެޖް) ހަނިކުރި އެވެ. އަދި ތަހުގީގު މަރުހަލާގައި ބަންދު ކުރުމުގެ އުސޫލު ހަރުކަށިކޮށް، ޓެރަރިޒަމްގެ ތުހުމަތެއް އޮތް ކަމަށް ކިރިޔާ ބެލެވުނަސް އެ މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރުންނަށް ލާޒިމްކުރި އެވެ.
ސިފައިންތަކެއް ހަތިޔާރާ އެކު --- ފޮޓޯ/މިހާރު
މިވަރުން ނިމުނީކީއެއް ނޫނެވެ. ހެކީގެ މިންގަނޑު ހަރުކަށިކޮށް، ފުލުހުން އަމިއްލައަށް ހަދާ އިންޓެލިޖެންސް ރިޕޯޓާއި ރާއްޖެއިން ބޭރުގެ ތަހުގީގީ އިދާރާތަކަށް ލިބޭ މައުލޫމާތު ކޯޓުތަކުން ގަބޫލު ކުރަން ޖެހޭ ގޮތަށް ހެދި އެވެ. ތަހުގީގަށް ދޭ އިއުތިރާފް ބަޔާން ކޯޓުތަކުން ގަބޫލު ކުރުން ގާނޫނުއަސާސީން މަނާ ކުރިޔަސް، ޓެރަރިޒަމްގެ މައްސަލަތަކުގައި ތަހުގީގު ބަޔާން ވެސް ކޯޓުން ގަބޫލު ކުރަން ޖެހޭ ގޮތަށް ހަމަޖެއްސި އެވެ. އަދި ފަސް ހެއްކެއް ލިބިއްޖެ ނަމަ، ކުށް ސާބިތުވީ ކަމަށް ނިންމަންޖެހޭ ގޮތަށް ގާނޫނުގައި ލިޔުނެވެ.
ކުރުކޮށް ދަންނަވާ ނަމަ، ގާނޫނެއް ހަރުކަށި ކުރެވޭނެ އެންމެ ބޮޑަކަށް ޓެރަރިޒަމްގެ ގާނޫނު މިހާރު ވެސް އޮތީ ހަރުކަށިކޮށްފަ އެވެ. އެ ގާނޫނުގެ ދަށުން އެތައް ހައްގުތަކެއް ހަނި ކޮށްފައިވާތީ އޭގެ ބޭނުން ނާޖާއިޒް ގޮތުގައި ހިިފުމުގެ ބިރު އޮތަސް، ރައްޔިތުން އެކަން ވަރިހަމަކޮށް މިހާތަނަށް ތިބީ ޓެރަރިޒަމާ ދެކޮޅަށް ކޮންމެވެސް އެދެވޭ ނަތީޖާއެއް ފެންނާނެ ކަމުގެ އުއްމީދުގަ އެވެ. ދައުލަތުގެ މުއައްސަސާތަކަށް އިތުބާރު ކޮށްގެންނެވެ.
އެހެން ނަމަވެސް ބޮޑެތި ބާރުތަކެއް ދިންތާ ދެ އަހަރުވާން ގާތްވިއިރު ވެސް ވީކަމެއް ނެތެވެ. ދޭތެރެ ދޭތެރެއިން ބައެއް މީހުން ހައްޔަރުކޮށް، ދައުވާ ކުރިޔަސް، މިހާތަނަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކުށް ސާބިތުވި މީހަކު ރާއްޖެއަކު ނެތެވެ. ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގެ ޝަރީއަތް ކުރިއަށް ދަނީ އާދައިގެ ވައްކަމާއި ފޭރުމުގެ މައްސަލަތަކެކޭ އެއް އުސޫލަކުންނެވެ. ޝަރީއަތް ނިމުނު މަދު މީހުން ވެސް ކުށް ސާބިތުނުވެ، ސަލާމަތްވެއްޖެ އެވެ. ފުޅާ ދާއިރާއެއްގައި ޓެރަރިޒަމްގެ އަމަލު ހިންގާކަން އެނގޭއިރު ވެސް، އެފަދަ އެތައް ބަޔަކު މުޖްތަމައުގެ ތެރޭގައި ދޫވެފައި އެ ތިބީ އެވެ.
ނަޝީދަށް ދިން ހަމަލާއަށްފަހު ކުއްލި އޮޕަރޭޝަންތައް މުޅި ރާއްޖޭގައި ހިންގައި، ގިނަ ބަޔަކު ހައްޔަރު ކުރަމުން ދިއުމަކީ ނަތީޖާއެއް ނެރެދިނުން ކަމަކަށް ނުވާނެ އެވެ. ގާނޫނު އޮވެމެ، މިހާ ހިސާބަށް ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެގެން ދިޔައީ މުއައްސަސާތަކުގެ އިހުމާލުންނެވެ. ނަޝީދަށް ހަމަލާއެއްގެ ނުރައްކާ އޮތްކަން މުއައްސަސާތަކަށް އެނގި ތިބެމެ، އެ މައުލޫމާތު ހާމަނުކޮށް ތިބި ތިބުމުން ވެސް، މިފަދަ ކަންކަމުގައި ސީރިއަސް ކަން ހުރި މިންވަރު ހާމަވެ އެވެ. ގާނޫނެއް ނެތިގެން ނުވަތަ ގާނޫނުން ވަކި ބާރެއް ނުލިބިގެން ކަމަށް ބުނެ އިތުރަށް ދައްކާނެ ބަހަނާއެއް ނެތެވެ.
މައްސަލައަކީ ގާނޫނެއް ނޫނެވެ. މައްސަލައަކީ ގާނޫނު ތަންފީޒު ކުރަން ތިބި މުއައްސަސާތަކުގެ އިހުމާލެވެ. ކުށްކުރުން އިތުރުވެ، މުޖްތަމައުއަށް ނުރައްކާ ބޮޑުވާ ކޮންމެ ފަހަރަކު ގާނޫނު އިސްލާހު ކޮށްގެން ރައްޔިތުންގެ އަސާސީ އެތައް ހައްގުތަކެއް ހަނިކޮށް، ތަހުގީގީ އިދާރާތަކަށް އިތުރު ބޮޑެތި ބާރުތަކެއް ދިނުމަކީ އޮތް ހަމައެކަނި ހައްލު ކަމަށް ދެންނެވޭކަށެއް ނެތެވެ. ގާނޫނުތައް ހަރުކަށިކޮށްގެން މިހާތަނަށް ހޯދުނު ކުރިއެރުމެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚާލިދުއީސާހަޒާރުވިލާ
02 June 2021
ލިޔުންތެރިޔާއަށް މަރުހަބާ. މިވާހަކަ ދެއްކެވީތީ ޝުކުރިއްޔާއު. މުޢިއްޒު އަޅުގަނޑުމެންނަށް ވިސްނަން ދޫކޮށްލާފާ އޮތީ ފުލުހުންގެ ހެކި ހޯދުމުގެ ގާބިލްކަން އަދިވެސް ނެތް ވާހަކަ. އަޅުގަނޑު ދަންނަވާނީ ހެކި ހޯދޭ ގޮތް ހުރެއޭ ބައިވަރު. އަބަދުވެސް އޮންނަ ގޯސްގޮތަށް ހޯދަން ބޭނުން މީހުންނަށް ހެކި ލިބޭނީވެސް އެގޮތަށޭ. ނަމަވެސް އެ ފަންތިއަށް ގާނޫނުތައް ތިރިކުރުމުގެ ބޭނުމެއް ނެތް. ފުލުހުންގެ ވަޒީފާ ދޭ މީހުންގެ ކްރިޓީރިއާ މަތިކޮށް ތަމްރީން ވެފަ ތިބި މީހުން ވައްދަވާ
އެމްސް
02 June 2021
އަން އެމްޕްލޯއިމެންޓް މަތިވުމީވެސް ކުށްކުރުން އިތުރުވާނެ ފޯމިއުލާއެއް! ރާއްޖޭގަ އުޅޭ ބިދޭސީން ތެރެއިން 1 ލައްކަމީހުން ފޮނުވާލާފަ، ސްކިލްޑް/ސެމީ ސްކިލްޑް މީހުން ނޫނީ ނުގެނެވޭ ގޮތަށް ހެދުންވެސް އެއީ ބުއްދިވެރި ގޮތެއް!
ކަލީމާ
02 June 2021
ހުރިހާވެސް މައްސަލައަކީ ސިޔާސީ ނުފޫޒްގަދަ އަދި ބޮޑެތި މަހުޖަނުންނަށް ގާނޫނު އާއި ގަވައިދު ނުހިގުން! ބަނގުރާ ބޮއެ މަސްތުގެ ހާލުގައި މަޖިލީހުގައި އަދި އެނޫންވެސް ތަންތާގައި ސިޔާސީ މީހުން އުޅޭ އިރު ފުލުހުންނަށް ކުރެވޭނެ ކަމެއް ނެތް! މުޅި ދައުލަތުގައި މިވަނީ ކަރަޕްޝަން އަދި ފަސާދަ މޫލާފަ! މިއީ ގަބޫލު ނުކުރިއަސް ހަގީގަތް! ރައްޔިތުން ތިބީ ފިތިފަ! އެލެކްސް އަހުމަދު ނޫނީ އަންނި ވަނީ މުޅި ދައުލަތް ފިތުނަވެރި ކޮށްފަ!
އެމްސް
02 June 2021
މަޖިލިހާއި ސިފައިންނަށް ބޮންދުން ލުން ކިހިނެއް! މިޙާލަތުގަ ހަމަ ގައިމުވެސް ޚަރަދު ކުޑަވާނެ!
ސަލީމްބެ
02 June 2021
ނެތް.
ހަމައެކަނި ސުރުހީ ވިދާޅުވި ބޭފުޅެއް ދޮއްތޯ؟
02 June 2021
ނަޖީބު
ސަލީމްބެ
02 June 2021
ނަޖީބު ކޮމެންޓް ލިޔެފަ ތިޔައޮތީ ނަން ޖަހާން އޮތްތާ! ތިބޭފުޅާ ކިޔުއްވީ ވަކި ކޮން ބައެއް؟
ވައްލޭ
02 June 2021
އެމްބިއުލެންސް އޮޕަރޭޓްކުރަންވީ ވަކި މުއައްސަސާއަކުން.
ބޮޑުމީހާ
02 June 2021
ހުރިހާ ވެސް މައްސަލައަކީ ސިޔާސީ ވަގުން ގިނަވުން. އެތައް ބިލިއަން ރުފިޔާ ދައުލަތުން ސިޔާސީ މީހުން ވަގަށް ނަގައިފި. އެޅުނު ފިޔަވަޅެއް ނެތް. ޒިންމާދާރު ވެރިންނެެއް ނެތް. އިސްމަގާމުތަކުގެ ފުރަތަމަ ޝަރުތަކީ ޕާޓީމީހާ، ދެން އާއިލާ މީހާ ދެން ރައްޓެހި މީހާ. ޖަރީމާ ހިންގަނީ ވަކި ދާއިރާއަކުން ނޫން
އެމްސް
02 June 2021
ފުރަތަމަ ޝަރުޠަކީ ބޮންދު މީހާ! ދެންވެސް ބޮންދު މީހާ! އެއަށްފަހުވެސް ބޮންދު މީހާ!
ބަބޫ
02 June 2021
އިލާހީ ގާނޫނު ކަމުނުގޮސްގެން އޭތި ކޮށާމަށާ ހެދީމަ އަބަދު ޖެހޭނީ ގާނޫނު މައްޗައް ގާނޫނު ހަދަން. މިހާރު އެއޮތީ ދުލުން ކޮއްލާ ބަހަކަށްވެސް ގާނޫނު ހަދަން ޖެހިފަ.
ޥިސްނާ
02 June 2021
ގާނޫނެއް ކިޔަންފަށާއިރު އޮންނަނީ ވަރަށް ހަރު ކަށިކ ކޮށް ނިމެންދާބައިގައޮންނާނެ ބަހެއް "އެހެންނަމަވެސް" ދެން އަންނާނީ ކޮންމެވެސް ގާނޫނީ މާއްދާއެއް އޭގެ ދަށުން ކިތަންމެ ގިނަ ބޮޑު ކުށަ ކަށްއަރައިގަތްފަ އޮތަސް ހުދުފޮތިކ ކޮޅަކަށްވެ ސަލާމަތްވެ އަނެއް ކާވެސް މީހުންގެތެރޭގަ އެގޮތަށްއުޅެގަންނާނެ ....ކިހިނެއް ކަމެއް ރަނގަޅުވާނީ
އެމްސް
02 June 2021
ކޯޓުގަ ކަމެއް ސާބިތުވަނީ އެތަނުގަ އެކަމެއް ހިނގީމަ ކަމަަށް ވަންޏާ ދެނޯ؟
އ
02 June 2021
އޯ. އިންސާނީ ވަސީލަތް ދަށީއެއްނުން . ބޮޑުހިލައިގެ ތަރައްގީއެއްނުން ރާއްޖެއަށްއައީ. ދިވެހީންގެ ފެންވަރު މަތިވީމައި ލިޔެފައި އޮންނައެއްޗަކަށް އަމަލުކުރާނެ.
އެމްސް
02 June 2021
ރާއްޖެއަށް އައީ ބޮންދު ތަރައްޤީ!
ވާނުވާގައި
02 June 2021
ހަރުކަށި ގާނޫނުން ހައްލު ގެނެވޭނެ. އެކަމަކު އެއީ ތެދުވެރިކަމާއެކު ގާނޫނު ހިންގައިގެން. އަމާބުނީތީ ފަރަށްދާގޮތަށް ޕާޓީ މީހާއަށް ހެޔޮގޮތް ހަދައިދީފައި ގޭދޮށު ކުއްޖާއަށް މޮޅު ހޯދައިދީފައި ތިމާގެ ކުއްޖާ ޖަލުން ނެރެފައި ވޯޓު ބޭނުންވީމާ އާއިލާބޮޑު މީހާ ޖަލުން ނެރެފައި މިކަމެއް ނުވާނެ. ދިމާވެގެން މިއުޅެނީ އެމައްސަލަ. ގާނޫނުގެ މައްސަލައެއް ނޫން.
އެމްސް
02 June 2021
ރަގަނޅު! މަގުމަތީ ނަންނުގައްޗެހެން ދުއްވާފަދާ ސައިކަލު، ޓްރެފިކް ޕޮލިހުން ނުހުއްޓުވަނީވެސް ޤާނޫނުގަ އެހެން ލިޔެފަ ނެތިގެން!