ޚަބަރު / އަހުމަދު ނާޒިމް

ނާޒިމް ޖަލަށްލި މައްސަލައިގައި ބަދަލު ހޯދަން ދައުވާއެއް ނުކުރެވޭނެ: ހައި ކޯޓް

ނާޒިމް: އޭނާ ޖަލަށްލި މައްސަލާގައި ބަދަލު ހޯދަން ދައުވާ ނުކުރެވޭނެ ކަމަށް ހައި ކޯޓުން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ޖަލަށްލި މައްސަލައިގައި ބަދަލު ހޯދަން އޭނާ އަށް ދައުވާ ނުކުރެވޭނެ ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ މެމްބަރަކަށް ހުންނަވަނިކޮށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވާ ކަމަށް ބުނެ ނާޒިމް 25 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކުރީ 2015 ވަނަ އަހަރު އެވެ. އެ ހުކުމާ އެކު، އޭނާގެ މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލުނެވެ. އެކަމަކު އެ ހުކުމް ރިވިއު ކުރަން ނާޒިމްގެ ފަރާތުން ހުށަހެޅުއްވުމުން 2018 ގައި ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އޭނާ މިނިވަންކޮށްފަ އެވެ.

އެ މައްސަލައިގައި ނާޒިމް ސިވިލް ކޯޓަށް ހުށަހެޅުއްވީ އެ ހުކުމުގެ ސަބަބުން އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާތީ މެމްބަރުކަމުގެ މުސާރަ އާއި އިނާޔަތްތައް ހޯދުމަށާ އަދި ލިބުނު އެހެން ގެއްލުންތަކަށް ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އޮންނާނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެހެން ނަމަވެސް ސިވިލް ކޯޓުން ނިންމީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ނެތް ކަމަށެވެ.

އެ މައްސަލަ ނާޒިމްގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ގާނޫނާ ޚިލާފަށް މީހަކު ބަންދު ކުރުމުން އެކަމުގެ ބަދަލު ލިބިދެވޭނެ ކަމަށް ގާނޫނު އަސާސީ އާއި ބޭރުގެ މުއާހަދާތަކުގައި ބަޔާންކޮށްފައި ވިޔަސް، އިސްތިއުނާފީ ކޯޓަކުން ކުރީގެ ހުކުމެއް ބަދަލު ކުރުމަކީ ބަދަލު ދޭންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ނާޒިމްގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ފަހުން ބާތިލްކުރީ އިޖްރާއީ ނުކުތާއެއްގެ މައްޗަށް ކަމަށްވާތީ އެއީ ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.

އެ ހުކުމުގައި ވަނީ އެމްޑީޕީގެ ވެރިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގާނޫނާ ޚިލާފަށް ބަންދުކުރި މައްސަލައިގައި އެމަނިކުފާނަށް ބަދަލު ދޭން އޭރު ސިވިލް ކޯޓުން ހުކުމްކޮށްފައި ވިޔަސް، އެ މައްސަލަ އާއި ނާޒިމްގެ މައްސަލަަ ތަފާތު ކަމަށެވެ. އެގޮތުން ޔާމީނަށް ބަދަލު ދޭން އޭރު ހުކުމްކުރީ ޝަރީއަތުގެ ކުރިން އެމަނިކުފާނު ހައްޔަރުކުރި މައްސަލައެއްގައި ކަމަށް ވިޔަސް، ނާޒިމްގެ މައްސަލައަކީ ކޯޓަކުން ކުރި ހުކުމަކާ ގުޅޭ މައްސަލައެއް ކަމަށް އެ ހުކުމުގައިވެ އެވެ.

"ސުޕްރީމް ކޯޓުގެ ނިންމުން ސާފެއް ނޫން"

ހުކުމުގައި ވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނާޒިމް ޖަލަށްލާން ކުރި ހުކުމް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ފަހުން ބާތިލް ކުރީ އިޖްރާއީ ނުކުތާއެއްގެ މައްޗަށް ބިނާކޮށް ކަމަށް ވާއިރު، އެ ހުކުމުން ބައެއް ކަންކަން ސާފު ނުވާ ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމުގައި ނާޒިމަށް އަދަބު ލިބެންޖެހޭ ކަމަށް ކަނޑައަޅާފައި ވިޔަސް، ފަހުގެ ހުކުމުގައި އޭނާ އަށް އަދަބު ލިބެންޖެހޭ ކަން ނުވަތަ ނޫންކަން ވެސް ކަނޑައަޅާފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

"އަހުމަދު ނާޒިމަށް އުގޫބާތް ހައްގުވެގެންވާ ކަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައެޅި ކަނޑައެޅުން އެ ކޯޓުން ފަހުން ބާތިލް ކޮށްފައިވަނީ އެ އުގޫބާތް ހައްގު ނުވާތީ ނުވަތަ ބަރީއަ މީހަކަށް ވާތީތޯ ކުޑަމިނުން ސާފުވާން ޖެހޭނެ ކަމަށް ދެކެމެވެ." ހުކުމުގައިވެ އެވެ.

އެ ހުކުމުގައި ވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމާއި އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮޮތް ގާނޫނީ ގޮތުން ސާފުނުވާ ކަމަށެވެ. އެގޮތުން އިޖްރާއީ ނުކުތާއެއްގެ މައްޗަށް ބިނާކޮށް ހުކުމް ބާތިލް ކުރުމުން ބަދަލު ހޯދަން ހުށަހަޅާފައިވާތީ އެ ބާވަތުގެ މައްސަލަތަކާ ގުޅިގެން ސާފުވާންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އަދި މިފަދަ މައްސަލަތަކުގައި ބަދަލު ދިނުމާ ބެހޭ ގާނޫނެއް އޮންނަން ޖެހޭނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ހުކުމެއް ބާތިލް ކުރުމަކީ ބަދަލު ދެވޭނެ ކަމެއް ނޫން

ހުކުމުގައިވާ ގޮތުން އެހެން ގައުމުތަކުގައި މިފަދަ މައްސަލަތަކުގައި ބަދަލު ނަގައިދެނީ ގާނޫނުތަކުގައި އެކަން ބަޔާންކޮށް، ވަކި އުސޫލުތަކެއްގެ ތެރެއިންނެވެ. އެގޮތުން ކުށް ސާބިތު ނުވާ ކަމަށް ހުކުމްކުރާ ހާލަތްތަކާއި އިޖްރާއީ ނުކުތާއެއްގެ މައްޗަށް ބިނާކޮށް ހުކުމް ބާތިލްކުރާ ހާލަތްތައް އެ ގައުމުތަކުގައި ތަފާތު ކަމަށާއި އަދި ބަދަލު ނަގައި ދެނީ ވެސް ކުށެއް ނެތް މީހެއްކަން ފަހުން ސާބިތުވާ ހާލަތްތަކުގައި އެކަނި ކަމަށް އެ ހުކުމުގައިވެ އެވެ. އޭގެ މިސާލެއްގެ ގޮތުން އެމެރިކާގެ ގާނޫނެއް އެ ހުކުމުގައި ފާހަގަކުރި އެވެ.

"ހުކުމެއް ބާތިލް ނުވަތަ ބަދަލު ކުރުމަކީ އޭގެ ޒާތުގައި އެ ހުކުމުގެ މައްޗަށް ބިިނާކޮށް، ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރެވިދާނެ ކަމެއް ނޫންކަން އެހެން ގައުމުތަކުގައި އެކަށައެޅިފައިވާ ގާނޫނުތަކުން ވެސް އެނގެ އެވެ." އެ ހުކުމުގައިވެ އެވެ.

އެހެންވެ، ނާޒިމް ހުށަހެޅުއްވި މައްސަލަ ސިވިިލް ކޯޓުން ނުބެލޭނެ ކަމަށް ނިންމި ނިންމުމަށް ތާއީދުކުރީ ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަލީ ސަމީރުގެ އަޣުލަބިއްޔަތުން އެގޮތަށް ހުކުމް ކުރެއްވިޔަސް، އެ ބެންޗުުގައި ހިިމެނިވަޑައިގަތް ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ ރައުޔު ތަފާތެވެ. ފަނޑިޔާރު ރައޫފްގެ ރައުޔުގައި ވަނީ ގާނޫނާ ޚިލާފަށް ބަންދު ކުރުމުން އެކަމުގެ ބަދަލު ހޯދަން ހުށަހެޅި މައްސަލަ ސިވިިލް ކޯޓުން ކުރިން ވެސް ބަލާފައި އެބަހުރި ކަމަށެވެ. އެހެންވެ، ނާޒިމް ހުށަހެޅުއްވި މައްސަލަ ބެލޭނެ ކަމަށް ފަނޑިޔާރު ރައޫފްގެ ރައުޔުގައިވެ އެވެ.

ސުޕްރީމް ކޯޓުން ނާޒިމް ޖަލަށްލާން ހުކުމް ކުރުމުން ޖަލުގައި ހުންނެވުމަށް ފަހު ރާއްޖެއިން ބޭރަށް ވަޑައިގެން ފަހުން ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އޭނާ ރާއްޖެ ވަޑައިގަތީ 2018 ގެ ރިޔާސީ އިންތިޚާބު ނިމުނު ފަހުންނެވެ. އޭނާގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ފަހުން ބާތިލް ކުރިޔަސް، އޭނާގެ މެމްބަރުކަމުގެ ގޮނޑި އަލުން އަނބުރާ އިއާދަކުރަން ހުކުމެއް ނުކުރެ އެވެ. އޭރު އެ ދާއިރާގެ މެމްބަރަކަށް ފަހުން ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނެވެ.

2 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 25%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބިރިހިންބެއްޔާ

25 August 2021

ދިވެހި ޝަރުޢީނިޒާމު.

The name is already taken The name is available. Register?

ފުއްގިރި

25 August 2021

ހިހޫ ތަނުން ކައި އުޅުނު ނާޒިމަށް ދެން ލިބޭނެ އެއްޗެއް ނެތިގެން ބަދަލެއް ނަމަވެސް ހޯދޭތޯ އެ ބަލަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454