ޚަބަރު / އެޓާނީ ޖެނެރަލް

ހިޔާނާތުން ގެއްލުނު ފައިސާ އާއި މުދާ ހޯދުމުގެ ދައުވާއެއް އަދި ނުލިބޭ: އޭޖީ

އެޓާނީ ޖެނެރަލް ރިފްއަތު "މިހާރު"އާ ވާހަކަ ދައްކަވަނީ: އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މަދަނީ މައްސަލައެއްގައި ދައުވާކުރަން އަދި ނުފޮނުވާ ކަަމަށް ވިދާޅުވި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓޫރިޒަމަށް ރަށްތަކާއި ފަޅުތަކާއި ފަރުތައް ދޫކޮށްގެން އެމްއެމްޕީއާރުސީއަށް ވަންނަން ޖެހޭ ފައިސާ އިން ހިންގި ބޮޑު ހިޔާނާތާ ގުޅިގެން ހިންގާ ތަހުގީގުން މައްސަލައެއް ނިމި ގެއްލުނު ފައިސާ އާއި މުދާ ހޯދައިދިނުމުގެ ދައުވާއެއް އުފުލައިދޭން މިހާތަނަށް ފޮނުވާފައި ނުވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ ތަހުގީގު މި ވެރިކަމުގައި ހިންގަން ފެށީ ތަހުގީގީ އިދާރާތައް ގުޅިގެންނެވެ. އޭގެ ތެެރއިން ޖިނާއީ މައްސަލަތަކެއް ނިމި ޝަރީއަތް ހިނގާއިރު، ފެންމަތިވި އެއް ކަމަކީ ފައިސާ ލޯންޑާކުރި ކުންފުނި އެސްއޯއެފަށް ދައުވާ ނުކުރަން ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް ނިންމާފައި ވުމެވެ.

އެއާއެކު، ދައުލަތަށް ގެއްލުނު ފައިސާ އާއި މުދާ އެސްއޯއެފްގެ އަތުންނާއި ވައްކަމުގެ އެހެން ބައިވެރިންގެ އަތުން ހޯދިދާނެ ކަމާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ.

އެެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން "މިހާރު"ން ސުވާލު ދެންނެވުމުން އޭޖީ ވިދާޅުވީ އެ މައްސަލަތަކުގައި އެ އޮފީހުގެ މަސައްކަތްތައް ފެށޭނީ ރިޔާސީ ކޮމިޝަނުން މައްސަލަތައް ހުށަހެޅުމުން ކަމަށެވެ. އެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ އިޖުރާއަތުތައް ރިޔާސީ ކޮމިޝަންތަކާ ބެހޭ ގާނޫނުގައި ސާފުކޮށްދީފައި އެބައޮތް ކަން ފާހަގަކުރެއްވި އެވެ.

އޭޖީ އިޝާރާތް ކުރެއްވީ އެމްއެމްޕީއާރުސީއާ ގުޅޭ ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި ރިޔާސީ ކޮމިޝަނުން އަމަލުކުރާނެ ގޮތް ކަނޑައަޅާފައިވާ ގާނޫނުގެ ނުވަ ވަނަ މާއްދާއަށެވެ.

އެ މާއްދާގައި ށ. ގައި ބުނެފައި ވަނީ ރިޔާސީ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގެ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމާއި މުދަލާއި ފައިސާ އަނބުރާ ހޯދުމުގެ ކަންކަން ހިމެނޭ ނަމަ އެފަދަ މައްސަލަތަކުގައި އަޅަން ޖެހޭ ފިޔަވަޅު އެޅުމާއި ދައުވާ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އިހްތިޔާރު ކޮމިޝަނަށް ލިބިގެންވެ އެވެ.

"ކޮމިޝަންގެ ތަހުގީގަށް ހޯދޭ ކަންތައްތަކުގެ މައްޗަށް އެ ބޭފުޅުން ނިންމަވާ ނިންމެވުމަކާ އެކީގައި ރައީސްގެ ލަފާ ހޯއްދަވާފައި ދެން މި އަންނަނީ އަޅުގަނޑުމެންނާ ހަމައަށް. އެހެންވީމަ އެގޮތަށް މައްސަލައެއް އައީމަ ދައުވާ ކުރުމުގެ މަރުހަލާ ފެށިގެން ދަނީ،" އޭޖީ ވިދާޅުވި އެވެ.

"މިހާތަނަކަށެއް އެސެޓް ރިކަވަރީ ކޮމިޝަންގެ ފަރާތުން އެމްއެމްޕީއާރުސީ މައްސަލައާ ގުޅިގެން އަޅުގަނޑުމެންނާ ހަމައަށް އެފަދަ ނިންމުމެއް ނިންމަވާފައި ފޮނުވާފައެއް ނެތް."

އޭޖީ "މިހާރު"އާ ވާހަކަ ދައްކަވަނީ: އެމްއެމްޕީއާރުސީއާ ގުޅޭ ގޮތުން ހައި ކޯޓަށް ހުށަހެޅި ދައުވާތައް އަނބުރާ ގެނައީ ތަހުގީގު އިތުރަށް ފުރިހަމަކުރަން ކަމަށް ވިދާޅުވި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދައުވާއެއް އަދި ނުލިބުނަސް އެސެޓް ރިކަވަރީ ކޮމިޝަނުން ކުރަމުން އަންނަނީ، އޭޖީ ވިދާޅުވި ގޮތުގައި، ވަރަށް ބުރަ އަދި ގޮންޖެހުން ބޮޑު މަސައްކަތެއް ކަން ވެސް އެނގިވަޑައިގަންނަވަ އެވެ. ރަށްތަކާއި ފަޅުތައް ދޫކޮށްގެން ހިޔާނާތް ހިންގާފައިވާ މުއްދަތާއި މި ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލެއްވި ކޮމިޝަނަކުން އެކަން ބަލާއިރު ލިޔެކިޔުންތަކާއި ހަގީގަތް ހޯދަން ދަތިވާނެ ކަމަަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގާފައިވާ ގޮތާއި ފައިދާ ލިބިފައިވާ ގޮތް މިހާތަނަށް ފެންނަން ހުރި ގޮތަށް ބަލާއިރު ވެސް އެންމެ އިދާރާއެއްގައި ހުރި ލިޔެކިޔުމަށް ވެސް ތަހުގީގު ނުނިންމޭނެ ކަމަށެވެ. އިދާރާތައް ގުޅިގެން ތަހުގީގު ހިންގަމުން އަންނަ އިރު ލަސްތަކެއް އުޅެނީ ތަހުގީގު ފުރިހަމަކޮށްފައި ފޮނުވުމަށް ކަމަށް އޭޖީ ދެކެވަޑައިގަންނަވަ އެވެ.

"މިސާލަކަށް ލިޔެކިއުމަށް ބަލާއިރު ފޮރެންސިކް އޮޑިޓް ވެސް ހަދަން ޖެހޭ. ލިޔެކިޔުމުން އެކަންކަން ސާބިތުކުރެވޭ މިންވަރަށް ކޯޓުގައި ވެސް ޖެހޭނެ ހާމަކުރަން. އޭގެ އިތުރަށް މި މައުލޫމާތު ހުންނަ ޑިވައިސްތަކުން އެ ހޯދުން، އުނދަގޫ ކަމެއް،"

"ބަލަން ޖެހޭ ބެލުންތައް ބަލާފައި ތަހުގީގު ފުރިހަމަކޮށްފައި ވީހާވެސް ރަނގަޅަކަށް އެކަން ކުރިއަށް ގެންދިއުމުގެ ނިޔަތުގައި ލަސްވާ ލަސްވުމެއް ކަމަށް އަޅުގަނޑު މިދެކެނީ،" އޭޖީ ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ޖިނާއީ މައްސަލަތައް ޕްރޮސިކިއުޓަ ޖެނެރަލް ކޯޓަށް ހުށަހަޅުއްވާ އިރު ކުށްކޮށްގެން ހޯދި ފައިސާ އާއި މުދާ ދައުލަތަށް އަނބުރާ ހޯދުމުގެ ބައި ކުރިއަށް ގެންދަން ހުށަހެޅުމަކީ މައްސަލައެއް ނޫން ކަމަށް ޕީޖީ ދެކިވަޑައިގަންނަވާ ކަމަށެވެ. އެހެންވީމާ ޖިނާއީ މައްސަލައިގެ ތެރެއިން މުދަލާއި ފައިސާ ހޯދަން ވެސް ޕީޖީ އެދިވަޑައިގަންނަވާ ކަން ރިފްއަތު ފާހަގަކުރެއްވި އެވެ.

"އެހެންވިއްޔާ އަޅުގަނޑުމެން ދައުލަތަށް ލިބޭ އެއްޗެއް ހޯދަން ވަކިން މަދަނީ މައްސަލައެއްގެ ގޮތުގައި ކޯޓަށް ދިއުމުގެ ބޭނުމެއް ނެތް،" އޭޖީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގައި ގުޅިގެން ހިންގާ ތަހުގީގުން ކުރިއެރުންތަކެއް ލިބޭ ކަމަށެވެ.

އެސްއޯއެފުން ދައްކަން ހުކުމްކުރި 160 މިލިއަނަށްވީ ގޮތް

ރިޔާސީ ކޮމިޝަނުން އެއްވެސް މަދަނީ މައްސަލައެއްގައި ދައުވާކުރަން މިހާތަނަށް ނޭދުނަސް ސިވިލް ކޯޓުން ސެމްޓެމްބަރު، 17، 2017 ގައި ވަނީ އެމްއެމްޕީއާރުސީއަށް 160 މިލިއަން ރުފިޔާ ދައްކަން އެސްއޯއެފަށް ހުކުމްކޮށްފަ އެވެ. ހުކުމް ކުރާ ދުވަހުން ފެށިގެން ފައިސާ ދައްކަން އޮތީ ހަ މަހެވެ. އެކަމަކު ހުކުމާ އެއްގޮތަށް މި ފައިސާ ހޯދައިފައެއް ނުވެ އެވެ.

މިކަމާ ގުޅޭ ގޮތުން އޭޖީ ފާހަގަކުރެއްވި ގޮތުގައި އެމްއެމްޕީއާރުސީ އާއި އެސްއޯއެފަކީ ވަކި ކުންފުންޏެއް ކަމަށާއި މުއާމަލާތް ހިނގާފައި ވަނީ އެ ދެ ކުންފުނި ދޭތެރޭގައި ކަމަށެވެ. މިއީ ދައުލަތަށް ދައުވާ ރައްދުވާ ގޮތަކަށް ހިންގި މައްސަލައެއް ނޫން ކަމަަށް ވިދާޅުވި އެވެ.

ހުކުމުގައިވާ ގޮތުން އެސްއޯއެފުން ފައިސާ ދައްކަން ޖެހެނީ އެމްއެމްޕީއާރުސީއަށް ކަަމަށް ވިދާޅުވި އެވެ. ފައިސާ ދައްކައި ހަލާސްކޮށްފައި ނުވާ ނަމަ ހުކުމް ތަންފީޒުކުރުމުގެ ބައި ކުރިއަށް ގެންދަން ޖެހެނީ އެމްއެމްޕީއާރުސީންނެވެ.

އޭޖީ ރިފްއަތު "މިހާރު"އަށް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ނޫން ނަމަ ކޯޓުގެ އަމިއްލަ އިސް ނެގުމަށް ވެސް ހުކުމް ތަންފީޒުކުރުން ކުރިއަށް ގެންދެވިދާނެ ކަން އޭޖީ ރިފްއަތު ފާހަގަކުރެއްވި އެވެ.

"މި އޮފީހުން އެ މައްސަލައިގައި ދަންނަވާނެ ވަކި އެއްޗެއް ނެތް، އެއީ ދައުލަތުގެ ދައުރެއް އެކަމުގައި އޮތް ކަމެއް ނޫން، އެއީ ވަކި ކުންފުންޏަކަށް ދައުވާ ލިބޭ ގޮތަށް ހިނގައިދިޔަ މައްސަލައެއް،" އޭޖީ ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީއާ ގުޅޭ ދައުވާތައް އަނބުރާ ގެނައީ ފުރިހަމަކުރަން"

އެމްއެމްޕީއާރުސީއާ ގުޅޭ ގޮތުން ސިވިލް ކޯޓަށް ކުރިން ހުށަހަޅާފައި ހުރި ދައުވާތައް މި ސަރުކާރުގައި ވަނީ އަނބުރާ ގެނެސްފަ އެވެ.

އޭގެ ސަބަބެއް ކަމަށް އޭޖީ ވިދާޅުވީ މައްސަލަތަކުގެ ތަހުގީގު ފުރިހަމަނުކޮށް އޭރު ހުށަހަޅާފައި ވުމެވެ. އޭގެއިން ނުކުންނާނެ ނަތީޖާ އަކީ އެކަށީގެންވާ ގޮތެއްގައި ހެއްކާއި ގަރީނާ ނެތިއްޖެ ނަމަ މައްސަލަ ސާބިތު ނުވުމުގެ ފުރުސަތު އޮތުން ކަމަށް ރިފްއަތު ވިދާޅުވި އެވެ.

"އޭގެތެރެއިން ދެ މައްސަލައެއް ދައުލަތާ ދެކޮޅަށް ނިމިގެން ދިޔަ. އެ މައްސަލަ ހައި ކޯޓުގައި އިސްތއުނާފްކޮށްފައިވާނެ،" އޭޖީ ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި އެސެޓް ރިކަވަރީ ކޮމިޝަނުން މައްސަލަތައް ރަނގަޅަށް ތަހުގީގު ކުރަމުން އަންނާތީ އެ ތަހުގީގުގެ އަލީގައި އިތުރު ހޯދުންތަކެއް ހޯދައި ކާމިޔާބުވާނެ ކަމުގެ ވެސް ފުރުސަތު ބޮޑުވެގެންދާނެ އެވެ.

"އެއާއެކު ވެސް ކުރިން ދެންނެވިހެން އަދި އަޅުގަނޑުމެންނާ ހަމައަށް އެއްވެސް މައްސަލައެއް މަދަނީ ދައުވާކުރަން ހުށަހަޅާފައެއް ނެތް،" އޭޖީ ވިދާޅުވި އެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

14 October 2021

ތިފައިސާ މިސަރުކާރުން ހޯދުމަކީ ނުވާނެ ކަމެއް.. ރައްޔިތުންގެ ލޮލުގައި އަދުން އަޅުވައި ފައިސާ ހޯދައި ކުއްވެރިންނަށް އަދަބުދޭނެ ކަމުގެ ވައުދާއިއެކު ވެރިކަމަށްއައި ފަހުން އެގުނީ އަދި މީގެ ގިނަ ފައިސާ މިހުރީ ލިބޭގޮތަކަށް ނޫންކަން. އެފައިސާތައް ބަލަން ނުކެރޭ ހިސާބުގައިކަން، އެހެންވެ އިއުތިރާފުގެ އެއްބަސްވުންތައް ހަދާ އެމީހުންގެ މައްޗަށް ދައުވާނުކޮށް ކަންބަޅިއެއް ކަތިލާފައި ނިންމާލަނީ.. އެންމެނަށްވެސް ކަންބަޅިމަސް މީރުވާނެތާ

The name is already taken The name is available. Register?

14 October 2021

ރައީސް ޔާމީންގެ މައްސަލަ ނޫނީ ތަހުގީގުކޮށް ނިމޭނެ ހަމަ އެއްވެސް މައްސަލައެއް ތިކަމުގެ ތެރޭ ނޯންނާނެ. އެމްއެމްޕީއާރްސީގެ މައްސަލައިގެ ހެކި ހޯދަން އެހާ ބުރަޔޯ. އެކަމު އަވަސް ކުރަން ބޭނުންވާ ކަންކަން އަވަސްކޮށްލާފަ ނިންމާލައިފި. އެކަމާ ގުޅިގެން މީހެއްގެ އިއުތިރާފްވެސް ހޯދިއްޖެ. އަދި އެމީހާއާއެކު އެއްބަސްވުމެއްވެސް ހަދައިފި. އެކަމުވެސް އެހާ ގިނަ ދުވަސް ނަގާނެޔޯ އެކަން ކުރަން. 2023 ނިމެންދެން ނުނިމޭނެއޭ ހަމައެކަނި ނުބުނާކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454