ކޮންމެ އިންސާނަކީ ވެސް ކުށް ކުރެވޭނެ އަދި އެނގިގެންނާއި ނޭނގި ވެސް ފާފަތައް އަރައިގަނެވިދާނެ މީހަކަށް ވާއިރު އެންމެ ހެޔޮ ގޮތަކީ އެ ކަމަކަށް މާފަށް އެދި ތައުބާވުމެވެ. ﷲ އަށް ދުއާ ދެންނެވުމެވެ.
"ނޫރު" ގެ މިއަދުގެ އެޕިސޯޑުގައި ޝައިހު އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، އެންމެ ރަނގަޅު އެއް ސިފައަކީ ކުށެއް ކުރެވުނީމާ އެ ކަމަކަށް އިއުތިރާފުވުން ކަމަށެވެ.
އެ ކުށްތަކަށް އިއުތިރާފުވެ، ﷲ ގެ ހަޟްރަތަށް ދަންނަވަން އެންމެ ރަނގަޅު އެއް ދުއާކީ ޝައިހު ވިދާޅުވި ގޮތުގައި އާދަމް އަލައިހިއްސަލާމް ވެސް އެ ހާލަތުގައި ކުރެއްވި ދުއާ އެވެ.
އެ ދުއާގައި ބުނަނީ "އަޅަމެންގެ ވެރިރަސްކަލަކޮ! އަޅަމެންގެ އަމިއްލަ ނަފުސުތަކަށް އަޅަމެން އަނިޔާވެރިވެއްޖައީމު އެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަނުފުއްސަވައިފި ނަމަ އަދި ރަހުމަތް ނުލައްވައިފި ނަމަ އޅަމެން ވާހުށީ ގެއްލެނި ވެގެންވާ މީހުންގެ ތެރެއިންނެވެ،" މި އެވެ.
އާދަމްގެފާނަށް ކުރެއްވުނު ކުށަށް އިއުތިރާފުވެވަޑައިގަތުމުގެ ނަތީޖާއަކީ އެކަލޭގެފާނަށް ﷲ ތައުބާ ލެއްވުމެވެ.