އަހަރެމެން ﷲ އަށް ދުއާ ދަންނަވާއިރު އަމިއްލަ ނަފުސަށް އެކަނި ހާއްސަ ކުރުމުގެ ބަދަލުގައި މައިންބަފައިންނާއި ދަރިންނާއި ގާތްތިމާގެ މީހުން އަދި ޖުމުލަކޮށް ހުރިހާ މުއުމިނު އަޅުތަކުން ޝާމިލް ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.
ޝައިހު އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، އަމިއްލަ ނަފުސަށް ދުއާކުރާ ފަދައިން އެ ދުއާގައި އެހެން މީހުން ޝާމިލް ކުރުމުގެ ނަތީޖާއަކީ އެ ދުއާކުރާ މީހާގެ ދުއާ އިޖާބަ ކޮށްދެއްވުން މަލާއިކަތުން ﷲ އަށް ދެންނެވުން ކަމަށެވެ.
"އެހެންވީމާ ޝާމިލުވެގެންވާ ގޮތެއްގައި އަމިއްލަ ނަފުސަށާއި އަނބިދަރިންނަށާއި މައިންބަފައިންނަށާއި އަދި ހުރިހާ މުއުމިން އަޅުތަކުން ހިމަނައިގެން ދުއާ ދެންނެވުން ވަރަށް މުހިންމު،" ޝައިހު ވިދާޅުވި އެވެ.
އިބްރާހިމްގެފާނު ކުރެއްވި ދުއާއެއް ވެސް ޝައިހު ޒަކަރިއްޔާ ފާހަގަކުރެއްވި އެވެ.
އެ ދުއާގެ މާނައިގައި ވަނީ "އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ ނަމާދު ގާއިމްކޮށް އުޅޭ މީހަކު ކަމުގައި ލައްވާފާނދޭވެ. އަދި އަޅާގެ ދަރިން ކުރެން ވެސް މެ އެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ ދުއާ ގަބޫލު ކުރައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހިސާބު ގާއިމްވާ ދުވަހު އަޅާއަށާއި އަޅުގެ މައިންބަފައިންނަށާއި މުއުމިނުތަކުންނަށް ފާފަފުއްސަވާނދޭވެ!" މިއެެވެ.
ޝައިހު ޒަކަރިއްޔާ އެދިވަޑައިގަތީ ކޮންމެ ނަމާދަކަށް ފަހު އައްތަހިއްޔާތުގެ ފަހުގައި އެ ދުއާ ކުރުމަށެވެ.