ރިޕޯޓް / އޮޅުވާލައިގެން ފައިސާ ހޯދުން

އެންމެ ބޮޑު ސްކޭމް: ދަރިއަކު މަޔަކަށް ދެނީ ވެސް މިވަރުގެ ލަނޑެއް!

ހުނައިން އޭނާގެ މައިމީހާ އަށް ދިން ހިތްދަތިކަން މި ސްކޭމްގައި އެހެން މީހުންނަށް ލިބުނު ލަނޑާ އަޅާ ވެސް ނުކިޔޭނެ. ކޯޓުގައި ހިނގާ ކޭސްތައް ނިމޭ ގޮތަކުން ފާގަތިގެ ބީވެ, މުސްކުޅި މަންމަ އާއި އާއިލާ މަގުމަތިވުމުގެ ބިރު އެބައޮތް.

ފާގަތިގެ: މިގޭގައި ފިތްކަނޑައިގެންދާ ވަރުގެ ސްކީމެއް ދަރިފުޅު ހިންގީ މަންމަ ވެސް ބައިވެރިކޮށްގެން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެޕާޓްމަންޓްތަކުގެ އެއްބަސްވުމެއްގައި ސޮއިކުރުވި ކޮންމެ ފަހަރަކު ވެސް މަންމަ ސުވާލުކުރި އެވެ. ދަރިފުޅުގެ ޖަވާބަކަށް ވީ އެޕާޓްމަންޓް ކުއްޔަށް ދޫކުރި މުއްދަތު އިތުރުކުރަން ނުވަތަ އެހެން ބަޔަކަށް ދޫކުރަން މަންމަގެ ހުއްދަ ހޯދަނީ ކަމަށެވެ. ހަމައެކަނި ހުރި ފިރިހެން ދަރިފުޅަށް އިތުބާރުކުރީ ދެ ލޯމަރައިގެންނެވެ. އެހާ ވެސް ލޯތްބާ އެކުގަ އެވެ. އުމުރުން 69 އަހަރުގެ މަންމައަށް އޮތް ޔަގީންކަމަކީ ދަރިފުޅު އިބްރާހިމް ހުނައިނު ގޯހެއް ނުހަދާނެ ކަމެވެ.

އާއިލާގެ ޒިންމާތަކާ ހުނައިނު ހަވާލުވީ އަމިއްލައަށް ބޭނުންވެގެންނެވެ.

ބައްޕަ ނިޔާވުމަށް ފަހު މަންމަ އާއި އަންހެން ކޮއްކޮ ބަލަހައްޓަމުން އައީ، މ. ފާގަތިގެ ކުއްޔަށް ދޫކޮށްގެން ލިބޭ އެއްޗަކުން ހުނައިނެވެ. މޮރިޝަސް ކޮމާޝަލް ބޭންކްގެ 18 މިލިއަން ރުފިޔާގެ ލޯނަކުން ދިހަ ބުރިއަށް ހެދި ގެ ބީވެގެންދާނެ ފަދަ ކަމެއް ދުވަހަކު ވެސް ނުކުރާނަމޭ މަންމަ ގާތުގައި އެތައް ފަހަރަކު ހުނައިނު ބުންޏެވެ. ބޭންކް ލޯނު ބަރާބަރަށް ދައްކަންހޭ އަހާ ކޮންމެ ފަހަރަކު މި ނޫން ޖަވާބެއް މަންމައަކަށް އޭނާ ނުދެ އެވެ.

އެކަމަކު އެއީ ދަރިފުޅު ހެދި ހުސް ދޮގުތަކެވެ. މަކަރާއި އޮޅުވާލުންތަކާއި ދެމުން އައި ލަނޑު ފޮރުވަން ދިން ޔަގީން ކަމެކެވެ.

މާލޭގެ މިހާތަނަށް އެންމެ ބޮޑު ސްކޭމް ހިންގީ ފާގަތިގޭގެ ހަތަރު ފާރު ތެރޭގަ އެވެ. އެންމެ އެޕާޓްމަންޓަކުން މިލިއަނުން ފައިސާ ނަގައި ދަރިފުޅު އެތައް ބަޔަކަށް ލަނޑުދިނީ މަންމަ އަށް ވެސް އޮޅުވާލައިގެންނެވެ.!

މި ސްކޭމް "މިހާރު"ގައި ކުރިން ރިޕޯޓްކުރިއިރު، ލަނޑު ލިބުނު ގިނަ ބަޔަކު ވަނީ އެޕާޓްމަންޓް ކުއްޔަށް ދޫކުރުމުގެ ނަމުގައި ހުނައިނު ފައިސާ ނެގި ގޮތް ކިޔައިދީފަ އެވެ. ގަނޑުކޮށް ފައިސާ ނަގައި އެއް އެޕާޓްމަންޓެއް ދެތިން، ހަތަރު، ފަސް މީހަކަށް ދޫކުރި އެވެ. އެކި މީހުންގެ އަތުން ފައިސާ ނެގީ އެކި ވަރަށެވެ. އެއް އެޕާޓްމެންޓް އެކަކަށް ހަތް އަހަރަށް ކުއްޔަށް ދޫކުރިއިރު އަނެކަކަށް ފަސް އަހަރަށް ވެސް ދޫކޮށްފައި އެބަހުއްޓެވެ.

ފާގަތިގޭގެ އެޕާޓްމަންޓްތައް 2-25 އަހަރަށް ދޫކުރަން ގިނަ އެއްބަސްވުންތަކެއް ހެދި އެވެ. އެކަމަކު އެއްވެސް އެޕާޓްމެންޓެއް ނުލިބެ އެވެ.

ސިވިލް ކޯޓުގައި މި ސްކޭމާ ގުޅޭ ގިނަ މައްސަލަތައް ހިނގަމުންދާއިރު, ފާގަތިގެ ކުއްޔަށް ދޫކުރުމުގެ ހުރިހާ އެއްބަސްވުމުގައި ވެސް ގޭގެ ވެރިފަރާތުގެ ހައިސިއްޔަތުން ސޮއިކުރީ ހުނައިނުގެ މަންމަ އެވެ. އެހެންވެ ބަދަލު ނަގައިދޭން އެދެނީ އޭނާގެ އަތުންނެވެ.

އެޕާޓްމަންޓްތަކަށް ފައިސާ ދެއްކި ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މަންމަ އަށް ނޭނގި މިވަރުގެ ސްކޭމެއް ދަރިފުޅަކަށް ނުހިންގޭނެ އެވެ.

އެކަމަކު އާއިލާގެ ގާތް މީހަކު "މިހާރު" އަށް ވިދާޅުވީ މި ސްކޭމާ ގުޅުވައި މަންމަ އަށް ކުރަނީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ހުނައިނު އޭނާގެ މައިމީހާ އަށް ދިން ހިތްދަތިކަން މި ސްކޭމްގައި އެހެން މީހުންނަށް ލިބުނު ލަނޑާ އަޅާ ވެސް ނުކިޔޭނެ އެވެ. ކޯޓުގައި ހިނގާ ކޭސްތައް ނިމޭ ގޮތަކުން ފާގަތިގެ ބީވެ, މުސްކުޅި މަންމަ އާއި އާއިލާ މަގުމަތިވުމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ފާގަތިގެ: މިގޭގެ އެއް އެޕާޓްމަންޓް އެކި މީހުންނަށް ކުއްޔަށް ދިނުމުގެ ނަމުގައި އެއްބަސްވުން ހަދައި ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވޭ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި މަންމަ ލައްވައި ހުނައިނު ސޮއިކުރުވީ ނުރަނގަޅު ނުފޫޒު ފޯރުވައިގެންނެވެ.

"މިކަން ފަޅާއެރީމަ ވަރަށް ބޮޑު ޝޮކެއް މަންމައަށް ލިބުނީ. ހިއެއް ނުކުރޭ މިވަރުގެ އޮޅުވާލުންތަކެއް ފުލް ޓްރަސްޓްދިން ދަރިއެއްގެ ފަރާތުން ކޮށްފާނެ ކަމަކަށް. މިއީކީ އޭނާގެ މަންމަގެ އެއްވެސް ބައިވެރިވުމެއް އޮވެގެން ނުވަތަ އެނގިގެން ވެސް ހިނގި ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ސްކޭމްގެ ފެށުމާއި މަންމައަށް "ލަނޑުދިން" ގޮތް!

ގޭގެ ހުރިހާ ކަމެއް ހުނައިނުގެ އަތްމައްޗަށް ދޫކޮށްލީ އޭނާ މޮރިޝަސް ބޭންކްގައި ވަޒީފާ އަދާކުރިއިރު އެ ބޭންކުން ލޯނަކުން ގެ ހެދުމުގެ މަސައްކަތް ފެށުމުންނެވެ. އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާ އިން ކިޔަވައި ދުވަހަކު ވެސް ގޯސް ގޮތަކަށް ނޫޅޭ ދަރިފުޅާ ގޭގެ ހުރިހާ ކަމެއް ހަވާލުކުރަން އާއިލާގެ އެއްވެސް މީހެއްގެ ބިރެއް ނެތެވެ.

ގޭގެ އެޕާޓްމަންޓްތައް ހުނައިނު ފުރަތަމަ ކުއްޔަށް ދޫކުރަމުން އައީ ރަނގަޅަށެވެ. މަޖީދީމަގުގެ ވިޔަފާރި އެންމެ ރަނގަޅު ލޮކޭޝަނަކަށް ވާތީ އިމާރާތުގެ ގްރައުންޑް ފްލޯ ދޫކުރީ ފިހާރައެއް ހިންގާށެވެ.

ހުނައިނު އާއި މަންމަގެ އިތުރުން އެއްބަނޑު ކޮއްކޮ ދިރިއުޅޭނެ އެޕާޓްމެންޓް ނަގައި ދެން ހުރި ހުރިހާ ތަނެއް ވެސް ދޫކުރީ ކުއްޔަށެވެ. ކޮންމެ ފްލޯއެއްގައި ދެ އެޕާޓްމެންޓް ހުރިއިރު، މަހު ކުލީގެ ގޮތުގައި ފްލޯއަކުން މަހަކު ގާތްގަނޑަކަށް 40,000ރ. ލިބެ އެވެ.

"ގޭގެ ހަރަދުތަކަށް ކޮންމެ މަހަކު ފައިސާ ގެނައީމަ މަންމަ ހަނދާންކޮށްދޭ ކަމަކީ ލޯނު ބަރާބަރަށް ދައްކައްޗޭ. އިތުރަށް ފައިސާއާ ބެހޭ ގޮތުން ސުވާލެއް ކޮށެއް ނުހަދާ،" އޭނާ ވިދާޅުވި އެވެ.

މައްސަލައެއް ފެންމަތިވެއްޖެ ކަން އާއިލާއަށް ރޭކާލީ ޖުލައި، 2020ގަ އެވެ.

"ހުނައިނުގެ މަންމަ ހޯދަން މީހަކު އައީ ގެއަށް. ފޯނަށް ޖަވާބު ނުދިނޭ މެސެޖަށް ޖަވާބެއް ނުދިނޭ. ރަށުގައި އުޅޭތޯ ބަލަން އައީ. ހޯދާ ސަބަބު އެހީމަ ބުނީ ތިމަންނާގެ އަތުން މިހާ ފައިސާއެއް ނަގައިފިއޭ ކޮންމެ މަހަކު ވަކިވަރަށް ޑޮލަރު ދޭން ކިޔާފައި. ފުރަތަމަ ކޮޅު ދިނޭ. ފަހުން ނުދެއޭ،" އާއިލާގެ ގާތް ބޭފުޅާ ވިދާޅުވި އެވެ.

އޭގެ ފަހުން ވެސް ހުނައިނު ހޯދަން ގިނަ ބަޔަކު ގޭދޮށަށް ގޮސް ނުރުހުންފާޅުކޮށް ހެދި އެވެ. އެންމެންގެ ވެސް ޝަކުވާއަކީ ހުނެއިނު ބޮޑެތި އަދަދުތަކުން ފައިސާ ނަގައި ފިލައިގެން އުޅުމެވެ.

މިކަން މިހެން ދިމާވުމުން ބަރާބަރަށް ލޯނު ދައްކާކަން ކަށަވަރުކުރަން މަންމަ އެދުނީ ބޭންކް ސްޓޭޓްމެންޓް ގެނެސްދިނުމަށެވެ. އެތައް ފަހަރަކު ބުނެގެން ވެސް އެކަން ނުކުރުމުން ގޭގެ ވެރިފަރާތުގެ ހައިސިއްޔަތުން ހުނައިނުގެ މަންމަ ބޭންކަށް ގުޅީ އެވެ. އެތަނުން އެނގުނު ގޮތުގައި ލޯނު ވެސް ނުދައްކާތާ ގާތްގަނޑަކަށް އަހަރެއް ވެއްޖެ އެވެ.

ރަހުނުކުރި ގެ ވެސް އަތުނުލައި އޮތީ ކިރިޔާ އެވެ.

ލޯނު ނުދައްކައިގެން ބޭންކުން އޭރު އޮތީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. މިކަން އެނގުނު ހިސާބުން، ގޭގެ ވެރިފަރާތުގެ ހައިސިއްޔަތުން ހުނައިނުގެ މަންމަ އޭގެތެރެއަށް ވަދެ، ބޭންކާ އެކު އެއްބަސްވުމަކަށް އައިސް މައްސަލަ ހައްލުކުރީ އެވެ.

ފުރަތަމަ ޑޮލަރު ވިއްކީ، އެޕާޓްމެންޓް ދޫކުރީ އޭގެ ތެރޭގައި!

އެތައް ބަޔަކަށް ހުނައިނު އެޕާޓްމަންޓް ވިއްކީ މިކަމުގައި ހިމެނުނު ބައެއް މީހުން ބުނާ ގޮތުގައި ގަނޑުކޮށް ލާރި ބޭނުންވެގެންނެވެ.

މައުލޫމާތު އެނގޭ މީހުން ކިޔައިދިން ގޮތުގައި އަދި ކޯޓުތަކުގައި ހުނައިނާ ދެކޮޅަށް ހިނގާ މައްސަލަތަކަށް ބަލާއިރު އޭނާ ފުރަތަމަ ކުރި ކަމަކީ ފުޅާދާއިރާއެއްގައި ޑޮލަރު ވިއްކުމެވެ. ޑޮލަރު ދޭނެ ކަމަށް ބުނެ އެކި މީހުންގެ އަތުން ނެގި ފައިސާ އަނބުރާ ދައްކަން އޭނާގެ މައްޗަށް ހުކުމްތަކެއް ވެސް ކޮށްފައި އެބަހުއްޓެވެ.

ބައެއްގެ މީހުންގެ އަތުން އެއްފަހަރާ ގާތްގަނޑަކަށް 50,000 ޑޮލަރަށްވާ ފައިސާ ވެސް އަތުލާފައިވެ އެވެ.

ޑޮލަރު ވިއްކުމުގެ ނަމުގައި ޝަރޫ ލޯންޗުން ހިންގި އޮޅުވާލުމުގެ ތެރޭގައި ވެސް ހުނައިނުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރި އެވެ. އޭރު ކޮމާޝަލް ބޭންކުގައި ވަޒީފާ އަދާކުރި ހުނައިނު އެ މައްސަލައިން "ސަލާމަތްވީ" އެވެ. ޝަރޫ ލޯންޗް ކުންފުނިން ސަރުކާރުގެ ކުންފުނިތައް ވެސް ހިމެނޭ ގޮތަށް ޑޮލަރު ހޯދަން ދޫކުރި ޗެކްތަކުގެ ނުފުށުގައި ޖަހާފައި ވަނީ މޮރިޝަސް ކޮމާޝަލް ބޭންކުގެ ތައްގަނޑެވެ.

އެ ބޭންކުން އޭނާ ވަކިކުރީ އެ މައްސަލައިގެ ތުހުމަތުތަކާއި އޮތޯރިޓީ ނެތި އެއް ތަނެއްގެ ޗެކު އަނެއް ތަނަކަށް ފޮނުވުން ފަދަ ކަންކަން ވެސް ހިންގާފައިވާ ކަމަށް ފަޅާއެރުމުން ކަން "މިހާރު"އަށް އެނގިފައިވެ އެވެ.

ވަޒީފާ އިން ވަކިވި ފަހުން ވެސް ޑޮލަރުގެ މުއާމާލާތް ހިންގުމަށް ފަހު, ހުނައިނު އެޕާޓްމެންޓްތައް ދޫކުރުމުގެ އޮޅުވާލުން ފެށީ އޭގެ ފަހުންނެވެ. ކޯޓުން އާއްމުކޮށްފައިވާ ހުކުމްތަކަށް ބަލާއިރު މާލޭގެ ޑްރަގް ނެޓްވޯކެއްގެ އިސްކޮށް އުޅޭ ކަމަށް ރަސްމީ އިދާރާތަކުން ތުހުމަތުކުރާ މީހަކާ އެކު ވެސް އެޕާޓްމެންޓްތައް ދޫކުރަން އެއްބަސްވުން ހެދި އެވެ. އޭނާ ކޯޓަށް މައްސަލަ ހުށަހެޅީ ހުނައިނު އަތުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދާށެވެ.

އެކި ފެންވަރުގެ މީހުން މި ސްކޭމް ތެރެއަށް ވައްދާފައި ހުރިއިރު، ރާއްޖޭގެ ކޯޓެއްގައި ކުރިން ގާޒީކަން ކުރި މީހަކު ވެސް ހިމެނެ އެވެ. ދެ އެޕާޓްމަންޓަކަށް ފައިސާ ދެއްކި އޭނާ އަށް ލަނޑު ލިބުނު އިރު ހަމަ އެ އެޕާޓްމަންޓް ދައްކައިގެން އެހެން މީހުންގެ އަތުން ވެސް ފައިސާ ނެގި އެވެ.

މި ސްކޭމާ ގުޅިގެން ހުނައިނަށް ސަލާމަތްނުވެވޭވަރަށް އޭނާގެ މައްޗަށް ކޭސްތައް އެބަ ހިނގަ އެވެ. ފައިސާ އަނބުރާ ނުދައްކައިގެން ކުރި ހުކުމެއްގައި އޭނާ މިހާރު ވެސް ހުރީ ގޭބަންދުގަ އެވެ.

ހުނައިނަށް ކުރާ ތުހުމަތުތަކާ ގުޅިގެން "މިހާރު"ން އޭނާގެ ކޮމެންޓަކަށް އެދި ގުޅުމުން ބުނީ ވާހަކަ ދައްކަން ތައްޔާރު ކަމަށެވެ. އޭނާއާ ބެހޭ ގޮތުން ދައްކާ ވާހަކަތައް ތަފްސީލްކޮށް ކިޔައިދޭން ބޭނުންވަނީ ފޯނުން ނޫން ކަމަށާއި ބައްދަލުކޮށްގެން ކަަމަށް ބުނެ ޖެހިގެން އައި ދުވަހުގެ ވަގުތެއް ވެސް ދިނެވެ.

އެ ދުވަހު ގުޅުމުން ބުނީ ކޮވިޑް ކޮންޓެކްޓުވެ ޓެސްޓް ހަދައި ނަތީޖާ އަދި ނުލިބޭ ކަމަށެވެ. ނަތީޖާ ލިބުމުން އަންގާނެ ކަަމަށް ބުނުމަށް ފަހު ހަބަރެއް ނުވެގެން ގުޅިއިރު ފަހުން ފޯނަށް ޖަވާބެއް ނުދެ އެވެ.

މަންމަ މަގުމަތިވުމުގެ ބިރު!

ހުނައިނުގެ މަންމަ ރިޓަޔާވެވަޑައިގަތީ ބައިނަލްއަގުވާމީ ބޮޑެތި ޖަމިއްޔާތަކުގައި މަސައްކަތްކުރައްވައި ގަދަރުވެރިކަމާއި އިތުބާރާ އެކުގަ އެވެ. ދަރިފުޅު އެކި މީހުންނަށް ދިން ލަނޑުގެ ތެރޭގައި މަންމަގެ ނަން ފައްތާލާ ގޮތަށް ކަންކަން ކުރުމަކީ ލިބުނު "ޝޮކެއް" ކަމަށް އާއިލާގެ ގާތް ބޭފުޅާ "މިހާރު" އަށް ކިޔައިދެއްވި އެވެ.

"ހުނައިނުގެ މަންމަ ދަންނަ އެއްވެސް މީހަކަށް ގަބޫލެއް ނުކުރެވޭ މިކަހަލަ ކަމެއް ދަރިފުޅުގެ ފަރާތުން ވެސް ހިނގައިފި ކަމަކަށް. އެފަދަ ކުށަކަށް އަރައިގަތުމަކީ އާއިލާ އިން ރުހޭ އަދި ބައިވެރިވުން ވެސް މިހާތަނަށް އޮތް ކަމެއް ނޫން،"

"ހުނައިނުގެ މަންމަ ދަންނަ އެއްވެސް މީހަކަށް ގަބޫލެއް ނުކުރެވޭ މިކަހަލަ ކަމެއް ދަރިފުޅުގެ ފަރާތުން ވެސް ހިނގައިފި ކަމަކަށް. އެފަދަ ކުށަކަށް އަރައިގަތުމަކީ އާއިލާ އިން ރުހޭ އަދި ބައިވެރިވުން ވެސް މިހާތަނަށް އޮތް ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

"ލިބޭ އެއްޗަކުން ދިރިއުޅެން ދަސްކޮށްދިނީ."

މަންމައާ ދެކޮޅަށް ގިނަ މައްސަލަތަކެއް ކޯޓުގައި ހިނގާއިރު އާއިލާ އިން ގަބޫލުކުރަނީ އެއީ ނަހަމަ ނުފޫޒު ބޭނުންކޮށްގެން ހުނައިނު ހިންގި ކަންކަން ކަމަށެވެ. މިކަމާ ހެދި އޭނާއާ އާއިލާގެ މާބޮޑު ގުޅުމެއް ވެސް މިހާރަކު ނެތެވެ.

މަންމަގެ ބައިވެރިވުމެއް މީގައި ނެތް ކަން ކިޔައިދެއްވަމުން "މިހާރު"އާ ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވީ އެޕާޓްމަންޓްތައް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރީ ހެކިން ގެއަށް ގޮސްގެން ނޫން ކަަމަށެވެ. ދެ މީހަކު ފިޔަވައި ހުނައިނުގެ މަންމައާ އެހެން އެކަކާ ވެސް ބައްދަލުވެ އެއް ހާޒިރެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއްފަހަރާ ފައިސާ ދައްކާފައި އެޕާޓްމަންޓްތައް ނެގި މީހުންނަށް ވެސް މާލޭގެ އެޕާޓްމަންޓްތައް އާއްމުކޮށް ދޫކުރާ އަގުތަކާއި ހުނައިނުު އެ ދޫކުރި ރޭޓާ އަޅާކިޔާއިރު އަދި ގޭގެ ވެރިފަރާތް ނުފެނި އަދި އެޕާޓްމަންޓްތައް ވެރިފަރާތާ އެކު ބެލުމެއް ނެތި އެއްބަސްވުމެއް ހެދިއިރު އެއީ އާއްމު އުސޫލު ނޫން ކަން ވެސް އެނގޭނެ ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

ފާގަތިގެ: މި އިމާރާތުން އެޕާޓްމަންޓް ކުއްޔަށް ދޫކުރަން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލަ ވަނީ ކޯޓުގައި. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"އެޕާޓްމެންޓް ކުއްޔަށް ހިފަން އައިސް މަންމައާ ބައްދަލުކޮށް, ތަން ބަލައި ހެކިން ތިބެގެނެއް ނޫން މަންމަ ސޮއިކުރީ, އަދި ފައިސާއެއްގައި ވެސް ހިފައިފައެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

"މީގައި ބައިވެރިވި މީހުންނަށް ވެސް އެނގޭނެ ހުނައިނުގެ މައި މީހާ [ގޭގެ ވެރިފަރާތާ] އޭނާއާ ބައްދަލުވެފައި ނެތް ކަން. ކޮން ކަމެއް ކަން މިކުރަނީ ވެސް އެ މީހުންނަށް ވެސް އެނގޭނެ. ނޯމަލް ޗެނަލަކުން އެޕާޓްމެންޓްތައް ހިފާ ގޮތަކުން ނޫން މިކަން ހިންގާފައި އޮތީ ވެސް."

އޭނާގެ ކަންބޮޑުވުމަކީ އަދި ބިރަކީ ގޭގެ ވެރިފަރާތް ނުކުރާ ކަމެއްގެ ބަދުނާމު ބޮލުގައި އެޅި ގެ ވެސް ބީވެ، މަގުމަތިވެދާނެ ކަމުގެ ބިރެވެ. ދުވަސްވެފައި އިން ބަލި މަންމަ އަށް މި ހިތްދަތި ކަމުގައި ކޮންމެ ފަދަ ނުރައްކަލެއް ކުރިމަތިވުމުގެ ކަންބޮޑުވުން ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސްކޭމާ ގުޅޭ މައްސަލައެއް ކޯޓުން ނިންމާފައިވާ އިރު، އެޕާޓްމަންޓް ކުއްޔަށް ދޫކުރަން ވެފައި ވަނީ ސައްހަ އެއްބަސްވުމެއް ކަމަށް ބަލައި ތަން ހަވާލުކުރަން ހުކުމްކޮށްފައި އެބައޮތެވެ. އެ ހުކުމްގެ އިސްތިއުނާފް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ހުނައިނުގެ މަންމައާ ދެކޮޅަށް ހުށަހަޅާފައި ހުރި މި މައްސަލަތައް ނިމޭއިރު، އެއްބަސްވުންތައް ހެދި މީހުންނަށް ތަން ދޫކޮށް، އެ ގެއިން އެއްވެސް އެއްޗެއް ވެރިފަރާތަށް ނުލިބި ލޯނު ވެސް ނުދެއްކިދާނެ ފަދަ ހާލަތަކަށް ދިއުމުގެ ފުރުސަތު ވެސް އެބައޮތެވެ.

"އެ އުމުރުގައި އެކަނި އިން މަޔަކަށް މި ހުރިހާ ކަމެއް ކިހިނެއްތޯ ތަހައްމަލްކުރާނީ،؟ މިވަރުގެ ކަމެއްގެ ތެރެއަށް ވަންނަން ކާކުތޯ ބޭނުންވާނީ އެނގިގެން."

ހުނައިނު ނެގި ހުރިހާ ފައިސާއެއް ކޮބާ؟

ޑޮލަރުގެ މުއާމަލާތާއި އެޕާޓްމަންޓްތަކުގެ އެއްބަސްވުންތައް ހަދައި ހުނައިނު އެކި މީހުންގެ އަތުން ނެގި ފައިސާގެ އަދަދު, މައުލޫމާތު އެނގޭ ބައެއް މީހުން ލަފާކުރާ ގޮތުގައި 50-60 މިލިއަނަށް ވުރެން މަތިވާނެ އެވެ. އެކި މީހުންނަށް މަކަރު ހަދައި އޮޅުވާލައިގެން ނެގި އެ ހުރިހާ ފައިސާ އަށް ކުރީ ކީއް ހެއްޔެވެ؟

ހުނައިނު ދަންނަ މީހުންނަށް އަދި އާއިލާ އަށް ވެސް ޖަވާބު ދޭން ނޭނގޭ ސުވާލަކީ މި އެވެ.

"އަދިވެސް ނޭނގޭ އާއިލާ އިން އެހީމަ ވެސް ނުއެއް ބުނޭ މިކަން ކުރަން ޖެހުނު ސަބަބެއް. ފައިސާއިން ކުރި ކަމެއް ވެސް."

ބޭރުން ގެއެއް ގަތް ކަމަށް އަޑު ފެތުރުނަސް ހަގީގަތެއް ނޭނގެ އެވެ. އޭނާ ދިރިއުޅެމުން އަންނަނީ ފާގަތިގެއިން މަންމަ ދީފައި ހުންނަ އެޕާޓްމަންޓެއްގަ އެވެ. ކުރިން ކެފޭއެއްގައި ހިއްސާ އޮތަސް ހުނައިނު ވިޔަފާރިއެއް ވެސް މިހާރު ނުހިންގާ ކަމަށް އޭނާ ދަންނަ މީހުން ބުނެ އެވެ. އުޅެނީ އާދައިގެ ދިރިއުޅުމެކެވެ.

އަމިއްލަ މަންމަ އަށް މިހާ ބޮޑު ޖަރީމާއެއްގައި ތާށިކޮށްލައި، އޮޅުވާލަން ޖެހުނީ ކޮން ކަމެއްގެ ބަދަލަށްތޯ ސާފެއް ނޫނެވެ. އެކަމަކު، ކޯޓުގައި ހުނައިނު އަންނަނީ، މި ސްކޭމް އޭނާ ހިންގި ކަމަށް އެއްބަސްވަމުންނެވެ. މިއިން ކޮންމެ ކޭސްއެއްގައި ވެސް ގޭގެ ވެރިފަރާތުގެ ހައިސިއްޔަތުން ހުރިހާ ގެއްލުމެއް، ހުތުރު ބަދުނާމެއް އަދި ދެންވެދާނެ ގޮތެއް ނޭނގުމުގެ ބިރެއްގައި އިންނަން ޖެހިފައި ވަނީ އޭނާގެ މަންމަ އެވެ.

61 ކޮމެންޓް, 150 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 75%
icon angry icon angry 22%
icon wow icon wow 1%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރިޒޫޒް

28 November 2021

ސުވާލަކީ..؟؟؟!!! 1 އެޕާޓުމަންޓެއް ފަސް ހަމީހުންނަށް ދޭވޭ އިރުވެސް މަންމާފުޅަށް ހަމަ ރޭކާ ނުލީހޭ! "އެހެންކަމަށް" ވަނީނަމަ ބައިނަލްއަޤުވާމީ މުއްސަސާތަކުގައި އުޅެވިއްޖެ ފުދޭވަރަކަށް!

The name is already taken The name is available. Register?

އަނބުރާ

26 November 2021

ފްލޯއަކުން 40،000 ކަމަށް ލިބޭނީ ވަރަށް ގަބޫލުނުކުރެވޭ. އެކަމު މިހާރު ހިސާބު ހަދާފަ ތިޔަ އޮތް ގޮތުން ތިޔަ ގޭގެ 6 ފްލޯއަށް އެކަނި ބެލިއަސް 2 ލައްކަ ކޮންމެވެސް ވަރެއް މަހަކަށް ލިބޭނެއެއްނު. ބޭންކު ލޯނު ދައްކާ ހަމަނުވާނަމަ ކޮންމެ މަހަކު ލޯނަށް ކަނޑާފަވިއަސް ދަރިފުޅު އޮޅުވާލި މީހުންނަށް ކޮންމެވެސް ވަރަކަށް ފައިސާ ދެމުން ގެންދެވޭނެ ގޮތެއް ހަމަ ނެތީބާ؟

The name is already taken The name is available. Register?

މަނިކޭ

27 November 2021

ފުލޯއަކު 2 އެޕާޓްމެންޓް ހުރިއްޔާ 40000 ރުފިޔާ ނުލިބެންވީ ގޮތެއް ނީންނާނެ. ލޮކޭޝަންގެ ގޮތުންނާއި

The name is already taken The name is available. Register?

އަނބުރާ

27 November 2021

މިކިޔަނީ އެއަށްވުރެ ގިނައިން ލިބޭނެ ވާހަކަ. މަދުން ލިބޭނެ ވާހަކައެއް ނޫން.

The name is already taken The name is available. Register?

ޣޮބި

26 November 2021

އަހަރެންގެ އަތުންވެސް އެތައް ބައިވަރު ފައިސާއެއް ނަގާ ލަނޑުދީ ދުނިޔޭގައި ހުރި އެންމެ ނުބައި މީހާތީ. ދެދުނިޔެވެސް ގެއްލުނީނު ހުނޭނުއަށް

The name is already taken The name is available. Register?

އައްޑޫބެ

26 November 2021

ގޯތި ނީލަން އުސޫލުން ވިއްކާލަން އިއުލާނުކުރޭ އަވަހަށް. މަ ހޭވައްލާ ތައްޔާރު..

The name is already taken The name is available. Register?

މަފް

26 November 2021

"ހުނައިނުގެ މަންމަ ރިޓަޔާވެވަޑައިގަތީ ބައިނަލްއަގުވާމީ ބޮޑެތި ޖަމިއްޔާތަކުގައި މަސައްކަތްކުރައްވައި ގަދަރުވެރިކަމާއި އިތުބާރާ އެކުގަ އެވެ." އެހެންވީމަ ތިޔަމަންމައަށްވެސް އެނގޭނެވާނުވާ. ެ އެހެންވީމަ އާއިލާގެ ފުރިހަމަ ބައިވެރިވުމާއިއެކު ހިނގާފައޮތްކަމެއް.

The name is already taken The name is available. Register?

ޢަރުތަ

26 November 2021

"މޮރިޝަސް ބޭންކްގައި ވަޒީފާ އަދާކުރިއިރު އެ ބޭންކުގެ ލޯނަކުން ގެ ހެދުމުގެ މަސައްކަތް ފެށުން". އެހެންވީމަ މިއޮތީ ފެށުންވެސް ގޯސްވެފަތާ! "ރިބާ"ނުހިމެނޭ ލޯނަކުންބާ ގެ ހަދާފަމިހުރީ!؟

The name is already taken The name is available. Register?

ވަލުސޮރު

25 November 2021

މިތަނުން އެޕާޓުމެންޓަށް ބޮލުގެ އަޅުވާލަން ހާދަ މަސައްކަތެއް ކުރި އޭ ތިސޮރު ވާހަކަ ދެއްކިގޮތުން ކުޑާކޮސް ބޮލުގެ ރިއްސީ، ދެނޤަބޫލު ކުރަން އުދަޣޫ ވީ މާލޭން މެއިންރޯޑުގެ ހުރިތަނަކުން 2.5 މިލިއަނަށް އަގުކީމަ ގާބުޅު ކުރަން އުދގޫވީ!!

The name is already taken The name is available. Register?

އުދުހޭ

25 November 2021

ދުވަސްވީ މަންމަށް ދިމާވި ގޮތް ކިތަންމެހާވެސް ހިތާމަވެރި. އެކަމަކު ދަރިފުޅުގެ އޮޅުވާލުމުގެ ސަބަބުންނަމަވެސް މަންމަ ސޮއިކޮށްފައިވާތީ އެހުރިހާ އެންމެންނަށް ބަދަލުދީ އަދި ލޯނުވެސް ދެއްކުމުގެ ޒިންމާ ނަގަންޖެހޭނީ މަންމަ. ދުނިޔޭގައި އުޅެންޖެހިދާނެ ހާލަށްވުރެ ވިސްނަންވީ ގެއްލުންލިބުނު މީހުންގެ ހައްގުތަށް ދުނިޔޭގައި ހުރެ ހޯދައިދޭން.

The name is already taken The name is available. Register?

އަހައްމަދު.

25 November 2021

ބަލަ ތިއީ މާލޭ މީހުންގެ އާންމު ކަމެއް. މާލޭ ކިތައްމީހުން ލާރިބޭނުން ވެގެން ގޯތި ވިއްކާފައި އެތައް އަހަރެއް ފަހުން ގޯތި ނުވިއްކާކަމަށް ބުނެ ކޯޓްގައި މައްސަލަ ޖައްސައިގެން ގޯތި ގަތްމީހާ އަތުން ގޯތި ދަމައި ގަންނަނީ. މިގޭ ގޯލު ތެރޭގައި ހުރި ގެއެއްވެސް މާލޭ މީހާ ހަމަ އެގޮތަށް ދަމައިގަތް. ވަރަށް ވިޔާނުދާ ދޮގުވެރިން އުޅޭ ރަށެއް.

The name is already taken The name is available. Register?

ހެލޯޕިގް

26 November 2021

މާލެ ރާޢްޖެތެރެ ކިޔާނެކަމެއްނެތް މިކަމުގަވެސް! ބޯ ހަލާކު.މާެލެއެންމެން އުޅެނީ ތިހެނެއް ނޫން! ތިހެންވިއްޔާ ރާއްޖެތެރަޭ މީހެއް މިކަންކުރިނަމަ އަހަރުން ކިޔަންވީ ހަމަ ތިހެންތަ؟ ޕިސްޕސް

The name is already taken The name is available. Register?

ސުން

25 November 2021

މިގޮލާގެ ފޮޓޯއެއް ދައްކާލަބަލަ.ފަހަރުގަ މަގޭއަތުން ވެސް ރުފިޔާ ނަގާފަ ހުރެދާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454