މީރާ؛ ސިޔާސީ ހަތިޔާރަކަށް ވެގެން ނުވާނެ!

ރާއްޖޭގެ އެންމެ ބޮޑު އެއް އަމިއްލަ ކުންފުނި، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ ބޭންކް އެކައުންޓްތައް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފްރީޒް ކުރީ ބުދަ ދުވަހުގެ ރޭ ވަރަށް ކުއްލިއަކަށެވެ. އެއާއެކު 5،000 ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ބިޔަ ކުންފުނި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.


މިއީ ރާއްޖޭގެ ޓޫރިޒަމްގައި ވެސް ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏަށް އަލަށް ދިމާވި މައްސަލައެއް ނޫނެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހަމަ މިފަދަ މައްސަލައެއް ކުރިމަތިވެ ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ވިލާ ގްރޫޕް އޮފް ކޮމްޕެނީގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ސީދާ ސަރުކާރުން އޭނާއަށް ދެއްވި ސިޔާސީ ހަމަލައެކެވެ. ވިލާ އިން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ކުއްޔަށް ނެގި ތ. އެލާގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ގާތްގަނޑަކަށް 18 މިލިއަން ޑޮލަރު ނުދައްކައިގެން މީރާ އިން އެ ކުންފުނީގެ އެކައުންޓްތައް ފްރީޒްކުރީ އަންގާރަ ދުވަހު ހައިކޯޓުން ކުރި ހުކުމާ ގުޅިގެން ކުއްލި ގޮތަކަށް ކަމަށްވެ އެވެ.

ހައިކޯޓުން ކުރި ހުކުމާ ގުޅިގެން މީރާ އިން ވިލާގެ އެކައުންޓްތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްްއެމްއޭ) މެދުވެރިކޮށް ފްރީޒްކުރުމުގެ ކުރިން އެ ކުންފުންޏަށް އެއްވެސް ނޯޓިސްއެއް ނުދޭ ކަމަށްވެ އެވެ. މީރާ އިން ވިލާގެ އެކައުންޓްތައް ފްރީޒްކުރިއިރު، އެލާގެ ކުލި ނުދައްކައިގެން އެއްބަސްވުން ބާތިލުކުރުމަށްފަހު، ދައުލަތަށް ނެގީ އެއްބަސްވުމާ ހިލާފަށް ކަމަށް ސިވިލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރުމުން އެ ހުކުމް އިސްތިއުނާފު ކުރުމަށް މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ މުނާއްސަބަތުގައި ޖުމްހޫރީމައިދާނުގައި ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޒަމީރު ގާސިމްއާ ވާހަކަދައްކަވަނީ. ---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ވިލާއިން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ މައްސަލައިގެ އަސްލަށް ވުރެ ބޮޑަށް މިހާރު ދިމާވެގެން އުޅެނީ ސިޔާސީ މައްސަލަތަކެއް ކަމަށް ސިޔާސީ އެކި ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ސިޔާސީ ގޮތުން ސަރުކާރު ޕްރެޝަރަށް ވެއްޓޭ ވަގުތު އެންމެ ފުރަތަމަ ވެސް ދިމާކޮށްލަނީ ގާސިމް އިދިކޮޅުގައި ހުރެއްޖެ ނަމަ އޭނާގެ ވިޔަފާރި ހުއްޓުވުމަށް އިދިކޮޅު ފަރާތްތަކުން ގަބޫލުކުރެ އެވެ.

ގާސިމް ވިދާޅުވިގޮތުގައި މީރާ އިން ވިލާ ޝިޕިންގެ އެކައުންޓްތައް ފްރީޒްކުރުމުން ކުންފުންޏަށް މާލީ ގޮތުން ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. އެގޮތުން ކުންފުނީގެ އެކައުންޓްތައް ފްރީޒްކުރުމުން ކަސްޓަމުން ނެރެން ޖެހޭ ގިނަ އަދަދެއްގެ މުދާ ނުނެރެވި ތާށިވެ، ކުންފުންޏަށް ލިބެން ޖެހޭ އެކި އެކި ޕޭމަންޓްތައް ހުއްޓިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހަމަ އެހެންމެ ސަރުކާރުގެ އެކި ދާއިރާތަކުން ހިދުމަތް ހޯދުމުގައި ދިމާވެފައިވާ މައްސަލަތަކުގެ އިތުރުން ބޭރުން ލިބެން ޖެހޭ އެތައް ބައިވަރު ފައިސާއެއް ލިބުމުގެ ދޮރު ވަނީ ބަންދުވެފަ އެވެ.

"މިވަރުގެ ބޮޑު ކުންފުންޏެއް މީހުންގެ ތެރޭގައި އަގު ވެއްޓުމަކީ އަދި ކިހާ ބޮޑު ކަމެއްތޯ؟ ކޮބައިތޯ އިންވެސްޓަރުންގެ އިތުބާރު،" ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑު ދައްކަން ޖެހޭ އެއްވެސް ފައިސާއެއް އޮވެގެނެއް ނޫން މިހެން މި ހެދީ ވެސް."

ވިލާ ޝިޕިންގެ އެކައުންޓްތައް ފްރީޒްކުރިއިރު މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ވެސް ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ފްރީޒްކޮށްފަ އެވެ. އެ ކުންފުނީގެ އެކައުންޓްތައް ވެސް ފްރީޒްކުރީ ނުދައްކާ ހުރި ފައިސާތަކެއްގެ މައްސަލައިގައި ކަމަށް ބުނެ އެވެ. އެކަމަކު ޔޮޓް ޓުއާސް ބުނީ އެ ފައިސާ ނުދައްކާ އޮތީ މައްސަލަ ކޯޓުގައި ހިނގަމުންދާތީ ކަމަށެވެ. ޖާބިރު ވިދާޅުވި ގޮތުގައި އޭނާގެ އެކައުންޓްތައް ވެސް ފްރީޒް ކުރީ ސިޔާސީ ހަތިޔާރެއްގެ ގޮތުގަ އެވެ.

"ހަ ޔަގީން ކަމެއްތާ މިއީ ސިޔާސީ ކަމެއްކަން. އަޅުގަނޑު މި މައްސަލައިގައި މީރާއާ ދެކޮޅަށް ދައުވާ ނުކުރާނެ ގޮތެއް އެއީ ނެތް ގޮތެއް،" ޖާބިރު ވިދާޅުވި އެވެ.

ސިޔާސީ ޕްްލެޓްފޯމްތަކުގައި ދައްކާ ވާހަކައަކީ މި އެވެ؛ އެތައް މިލިއަން ޑޮލަރެއް މީރާ އަށް ދައްކަން ޖެހިފައިވާ ނަމަ އެ މީހުންގެ އެކައުންޓްތައް، އެ މީހުން ނަގާ ސިޔާސީ ކޮޅަކުން ކުއްލިއަކަށް ފްރީޒް ކޮށްލަނީ ކީއްވެ ހެއްޔެވެ؟ ފައިސާ ދައްކަން ޖެހޭ ނަމަ އެ ފައިސާ ހޯދަން މީރާ އިން އެހާ ދުވަސް އެ ހޭދަކުރަނީ ކީއްވެގެން ހެއްޔެވެ؟ ހަމަ އެފަދައިން، ގާސިމް އާއި ޖާބިރު، ސަރުކާރާ އެކު ތިބި ނަމަ އެ މީހުންގެ އެކައުންޓްތައް ފްރީޒް ކުރީސް ހެއްޔެވެ؟

މީރާ އިން ފައިސާ ހިފަހައްޓަނީ ކީއްވެ؟

ދައުލަތުގެ ޓެކްސް އިދާރާ 2010 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން އުފެއްދީ ގާނޫނީ ގޮތުން ވަރަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ޓެކްސް އިދާރާތައް ހިންގާ ގޮތް ބަލައިގެންނެވެ. އެހެންވެ ޓެކްސް ނުދައްކާ ފަރާތްތަކާ ދެކޮޅަށް ދައުވާކުރުމާއި އެ ފަރާތްތަކުގެ އެކައުންޓްތައް ފްރީޒްކުރުމާއި އެ ނޫން ވެސް އެކި ފިޔަވަޅުތައް އެޅުމުގެ ބާރު މީރާއަށް ލިބިގެންވެ އެވެ. އަދި ހަމަ އެހެންމެ އެއީ މިނިވަން މުއައްސަސާއެއް ވެސް މެ އެވެ.

ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އެކައުންޓްތައް ފްރީޒްކުރުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ މަރުހަލާތަކެއް ހުރެ އެވެ. އެގޮތުން ފައިސާ ނުދައްކާ ނަމަ 30 ދުވަހުގެ ނޯޓިސް ފޮނުވުމާއި އޭގެ ފަހުން އެ ފައިސާ އިން ވަކި މުއްދަތަކަށް ބަހާލައިގެން ދެއްކުމަށް އެއްބަސްކުރުވުމާއި އޭގެ ފަހުން ކޯޓަށް މައްސަލަ ހުށަހެޅުން ފަދަ މަރުހަލާތަކެއް ހުރެ އެވެ.

މީރާގައި ކުރިން އިސް މަގާމެއް އަދާކުރެއްވި ބޭފުޅަކު ވިދާޅުވީ އެއްވެސް ކުންފުންޏަކުން ނުވަތަ ފަރުދަކު ވެސް ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ނުދައްކާ ނަމަ އެކައުންޓް ފްރީޒްކުރުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ މަރުހަލާތަކެއް ހުންނަ ކަމަށެވެ. އެހެންވެ އެއްވެސް ފަރާތެއްގެ އެކައުންޓެއް ފްރީޒްކުރާ ނަމަ އެކަން ކުރަން ޖެހޭނީ އެ އުސޫލްގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީރާ އިން ހިދުމަތް ހޯދަން ގޮސް ތިބި ބަޔަކު މަޑުކޮށްލައިގެން: މީރާއަކީ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ބޭނުންކުރާ ސިޔާސީ ހަތިޔާރެއް ކަމަށް ސިޔާސީ ފަރާތްތަކުން ތުހުމަތުކުރޭ. --މިހާރު ފޮޓޯ: ނިޝާން އަލީ

"މީރާގައި އޮވޭ އެންފޯސްމަންޓް ޕޮލިސީއެއް. އެ ޕޮލިސީގައިވާ ގޮތުން އެކައުންޓް ފްރީޒްކުރުމުގެ ކުރިން ނޯޓިސް ފޮނުވަން ޖެހޭނެ. އެނޫން ގޮތަކަށް އެކަމެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީރާ އިން ފޮނުވި ނޯޓިސްއަކާ ގުޅިގެން ކޯޓު އަމުރަކުން އެ ނޯޓިސް ފަސްކޮށްފި ނަމަ އެކައުންޓެއް ފްރީޒް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް މީރާއާ އެއްކޮޅަށް މަައްސަލައެއް ނިމިއްޖެ އެކައުންޓް ވަގުތުން ފްރީޒްކުރެވޭނެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އެ ބޭފުޅާ ވިދާޅުވި އެވެ.

"މީރާއާ އެއްކޮޅަށް މައްސަލައެއް ނިމިއްޖެ ނަމަ އެކައުންޓް ފްރީޒްކުރުމުގައި މިހާރު އަމަލުކުރާ އުސޫލެއް ނޭނގެ. އަދި އެއްވެސް މައްސަލައެއް ކޯޓުގައި ހިނގަމުންދަނިކޮށް ވެސް އެކައުންޓެއް ފްރީޒެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެކައުންޓްތައް ފްރީޒް ކުރާ މައްސަލައިގައި މީރާ އިން ވާހަކައެއް ނުދެއްކި އެވެ. މީރާގެ އޮފިޝަލަކު ވިދާޅުވީ ވަކި ވަކި ކުންފުނިތަކާ ބެހޭ ގޮތުން މައުލޫމާތު ހާމަކުރުމުގެ އުސޫލެއް ނޯންނަ ކަމަށެވެ. އެ ފަދަ މައުލޫމާތެއް ހިއްސާކުރާނީ ސީދާ އެ ކުންފުންޏަކަށް ކަމަށް ވެސް ވެސް އޭނާ ވިދާޅުވި އެވެ.

ވިލާގެ މައްސަލައާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އެ ބޭފުޅާ ވިދާޅުވީ މިފަހަރު ވިލާގެ އެކައުންޓްތައް ފްރީޒްކުރީ ކުރިން ފޮނުވާފައިވާ ނޯޓިސްއާ ގުޅިގެން ކަމަށް ވެސް ވެދާނެ ކަމަށެވެ.

"ވިލާއަށް މީގެ ކުރިން ވެސް އެކި ރަށްރަށާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 100 މިލިއަނެއްހާ ޑޮލަރު ނުދައްކައިގެން ފްރީޒްކޮށްފައިވާނެ. ފަހަރެއްގައި މިއީ އެއް މައްސަލައަކަށް ވެސް ވެދާނެ. އެކަމަކު ވަކި މައްސަލަ މިހާރު މީރާ އިން އަމަލުކުރި އުސޫލަކީ މީގެ ކުރިން އަމަލުކުރި އުސޫލެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ވިލާ އާއި ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކުރި މައްސަލައާ ބެހޭ ގޮތުން މީރާ އިން އެއްވެސް މައުލޫމާތެއް ނުދިނެވެ.

ވަކި ވަކި ކުންފުނިތަކާ ބެހޭ މައުލޫމާތު އާއްމުނުކުރާ ކަމަށް މީރާގެ އޮފިޝަލް ވިދާޅުވިއިރު މީގެ ކުރިން މީރާ އިން ބޭނުންވުމުން ބައެއް ކުންފުނިތަކުގެ އެކައުންޓްތައް ފްރީޒްކޮށްފައިވާ ކަން މީޑިއާތަކަށް އަންގާފައިވެ އެވެ. އެކަމަކު ފަހަކަށް އައިސް ސިޔާސީ ގޮތުން ހަލަބޮލިވާ ދަނޑިވަޅުގައި ފްރީޒްކުރާ ކުންފުނިތަކުގެ އެކައުންޓްތަކުގެ މައުލޫމާތު ހާމަކުރަން މީރާއިން ދެކޮޅު ހަދަ އެވެ. އެފަދަ މައުލޫމާތުތައް ހިއްސާކުރަނީ އެ ކުންފުނިތަކުންނެވެ.

"މީރާއިން ބޭނުންވުމުން މީގެ ކުރިން ފްރީޒްކުރުމަށްފަހު އެ ކުންފުނިތަކުގެ މައުލޫމާތު ދީފައިވާނެ. ހަމައެގޮތަށް ޖީއެސްޓީ ނުދައްކާ ކުންފުނިތަކުގެ މައުލޫމާތު ވެސް އާއްމުކުރަމުންދޭ. އެހެންވީމަ ވަކި ކުންފުންޏެއްގެ އެކައުންޓެއް ފްރީޒްކުރުމުން އެކަން މީޑިއާއަށް ސިއްރުކުރަން ޖެހޭ ސަބަބެއް ނުވިސްނޭ،" ކުރިން ވާހަކަދެއްކި މީރާގައި މަސައްކަތްކުރެއްވި ބޭފުޅާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީރާ އިން އޮޑިޓްކުރުމަށްފަހު ވަކި ވަކި ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާ އަދަދު މަދުވުމުން އެ ކުންފުންޏަކަށް އަންގާ އެންގުން ސިއްރުކުރި ނަމަވެސް އެކައުންޓް ފްރީޒްކޮށްފި ނަމަ އެކަން ސިއްރުކުރަން ނުޖެހޭނެ ކަމަށެވެ.

ފަހަކަށް އައިސް މީރާއިން އަމަލުކުރަމުން އަންނަ ގޮތުން އެ އިދާރާއަކީ ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާ ތަނެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި ޕްރޮފެޝަނަލް އުސޫލް ދޫކޮށްލައި، ސަރުކާރުން ބޭނުންވާ އެޖެންޑާއެއް ހާސިލްކުރަން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ވެސް ސިފަކުރެ އެވެ.