އެއް ފަންވަތް ދަށުން އަނެއް ފަންވަތް މަތިން ގެންދިޔަ އިލިން ތިން ވަނަ ފަންވަތް ތޮރުފައިލި އެވެ. އެ އަށް ލައްވާފައިވާ ރޯނުފަށް ދަމައިލި އެވެ. ވިދެފައިވާ ފަންގަނޑެއްގެ ސިފަ އައީ އެ ހިސާބުންނެވެ. މިހެން އަދި ކިޔައި ދިނަސް މި މަސައްކަތް ކުރާކަށް ނޭނގޭނެ އެވެ. އެއީ އެ އަށް ވުރެ ކަވި، އުނދަގޫ މަސައްކަތެކެވެ. 

އެކަމަކު މިހެން ފަންގި ބޮނޑިތައް ވިދެ ކޮޅަށް ޖެހުމުގައި، ލ. މާބައިދޫ، ޗަނބޭލީގެ ހަދީޖާ އަބްދުއްރަހްމާން ދުވާލު ހަތަރުދަން ވެސް ހޭދަކޮށްފާނެ އެވެ. އޭނާ މިކަން ކުރާހާ ފަރިތަކޮށް، އަވަހަށް ކުރެވޭނެ މީހުން ރާއްޖޭގައި ވެސް މިހާރު މަދުވާނެ އެވެ.

ފަންގިވިނުން ބައެއް ރަށްރަށުން އުވިގެންދާން ފަށާފައިވީ ނަމަވެސް ހަދީޖާއަކީ އެ ކަވި މަސައްކަތް ދޫނުކޮށް ހިފަހައްޓައިލި މީހުންގެ ތެރެއިން އެކެކެވެ. މި ދިރިއުޅުމުގައި ގާތްގަނޑަކަށް 20 އަހަރު ވެއްޖެ އެވެ. 

މި މަސައްކަތުން އޭނާއަށް ލިބޭ އާމްދަނީއާ އެއްވަރަށް ހިތްހަމަޖެހުން ވެސް ބޮޑެވެ. އޭނާގެ ލޯތްބަކީ ދިވެހި ވަންތަ މި ދިރިއުޅުމެވެ. 

އާމްދަނީ ހޯދަން މިއަށް ވުރެ ލުއި އެހެން މަސައްކަތެއް ވެސް ކުރެވިދާނެ އެވެ. އެކަމަކު ފަންގިވިނުން ވަނީ ހަދީޖާގެ ލެއާ ގުޅިފަ އެވެ. 

ފަންގިވިނުމުގެ މަސައްކަތް ފެށޭ ހިސާބަކީ ހަދީޖާ ބުނި ގޮތުގައި ވިންނަން ބޭނުންވާ ފަން ހޯދުމުގެ މަރުހަލާ އެވެ. އެ އަށް ފަހު، ކުރާ ކަމަކީ ވިނުމަށް ޓަކައި ފަން ތައްޔާރުކުރުމެވެ. 

"ރޭނގަނޑު ފަން މޫދަށް ލާފައި ހެނދުނު ނަގަނީ. އިރުއޮއްސި ހަތެއް ޖަހާކަން ހާއިރު ފަންތައް މޫދަށް ލަނީ. ދެން ދުވާލު ގާތްގަނޑަކަށް 7، 8 ޖަހާއިރު ނަގަނީ،" ހަދީޖާ ބުންޏެވެ. 

އެގޮތަށް ކަންތައް ކުރަނީ ފަން ހަލާކުނުވެ، ގިނަ ދުވަހަށް ދެމިހުންނާނީ އެގޮތަށް ތައްޔާރުުކުރުމުން ކަމަށް ވާތީ އެވެ. 

"މިގޮތަށް ތައްޔާރުކުރީމާ ދެން ވާރޭފެނުން ނުޖެހޭހާ ހިނދަގު ހަލާކެއް ނުވާނެ،" ހަދީޖާ ކިޔައިދިނެވެ. 

ހަދީޖާ ކިޔައިދިން ގޮތުގައި މިއީ ރަނގަޅު އާމްދަނީއެއް ވެސް ލިބޭ މަސައްކަތެކެވެ. ހަދީޖާއަކީ މާބައިދޫގައި އެންމެ ކުރިއްސުރެ މި މަސައްކަތް ފަށައި، ދޫނުކޮށް، މިކަމުގައި ދެމިތިބި މީހުންގެ ތެރެއިން ހޮވައިލެވޭ މޫނެކެވެ.

އޭނާ ބުނި ގޮތުގައި ކުރިން 65ރ. އަށް ވިއްކި ފަންބޮނޑި މިހާރު ވިއްކަނީ 90ރ. އަށެވެ.

ފަން ގަންނަ ބަޔަކު މާބައިދު އަށް އައީ މި ރޯދަމަސް ފެށުމުގެ ދެހަފުތާއެއްހާ ދުވަސް ކުރިންނެވެ. އެ ފަހަރު އޯކިޑްމާގެެ އިން 183 ބޮނޑި ފަން ވިއްކި އެވެ.

ހަދީޖާ އާއި މާބައިދޫގައި މި މަސައްކަތް ކުރަމުން އަންނަ އަލީ ޝަރީފާއި އެހެން އެތައް ބައެއްގެ ވެސް އޮތީ މައިގަނޑު ދެ ޝަކުވާ އެކެވެ. އެއް ޝަކުވާ އަކީ ފަންގިވިނުމަށް ޓަކައި ރޯފަން ހޯދުން ދަތިވުމާއި ވިންނަ ފަން ގަންނަ މީހުންނާ ހަމައަށް ގެންދިއުމުގައި އުފުލަން ޖެހޭ ތަކުލީފެވެ.

"ފަން ބޭރުކުރެވެނީ އަށް މަހުން، ފަސް މަހުން އެހެން ގޮސް ބައެއް ފަހަރު އަހަރެއް ވެސް އެބަ ވޭ،" ހަދީޖާ ބުންޏެވެ.

އާބާދީ މަދު މި ރަށު ކައުންސިލުން ވެސް ހަދީޖާގެ އެ ވާހަކަތަކަށް އެއްބަސްވެ އެވެ. 

މާބައިދޫ ކައުންސިލްގެ މެންބަރު އަމީނާ ޔޫސުފް ވިދާޅުވި ގޮތުގައި މާބައިދޫގައި މިހާރު ފަންގިވިނުމުގެ މަސައްކަތް  ނުކުރާ ގޭބިސީއެއް ނެތެވެ. އަންހެންނުންގެ ތެރެއިން، ގިނަ މީހުން އެ މަސައްކަތް ކުރަނީ އޭނާ ވިދާޅުވި ގޮތުގައި އެހެން ވަޒީފާތައް ވެސް އަދާކުރަމުންނެވެ. 

"ދުވާލަކު އެއްގަނޑު ފަން ވިނަސް ލިބޭ 3،000- 4،000 ރުފިޔާ. އެވްރެޖްކޮށް އެންމެ މަދުން ވިންނަ މީހާ ވެސް ތިންބުރި، ހަތަރުބުރި ފަން ދުވާލަކު ވިންނާނެ،" އޭނާ ވިދާޅުވި އެވެ.  

އަމީނާ ވިދާޅުވީ، އެހެން ބައެއް ރަށްރަށުން ފަންގިވިނުމުގެ މަސައްކަތް އުވެމުންދާ އިރު މާބައިދޫގައި އެ މަސައްކަތް މިހާރު އާލާވެފައި އޮތީ ވަރަށް ވަރުގަދަ އަށް ކަމަށެވެ.

"މިހާރު މިސާލަކަށް އަޅުގަނޑު ވެސް ރަސްމީ ގަޑި ހަމަ ނިމޭ އިރަށް އިންނާނީ އެ މަސައްކަތުގައި،" އަމީނާ ވިދާޅުވި އެވެ.

މިހާރު މާބައިދޫން ފަން ގަންނަން ބަޔަކު އަންނަ ކޮންމެ ފަހަރަކު ގާތްގަނޑަކަށް 4،000 ބޮނޑި ފަން ލިބެ އެވެ.

ހަދީޖާ އާއި އަލީ ޝަރީފު "މިހާރު" އާ ވާހަކަ ދައްކަނީ.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ހަދީޖާ އާއި އަލީ ޝަރީފު "މިހާރު" އާ ވާހަކަ ދައްކަނީ.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ހިކިފަން ވެސް މިހާރު ޖެހެނީ ގަންނަން

ހަދީޖާ އާއި ޝަރީފު ވެސް ބުނި ގޮތުގައި ފަންގި ވިންނަން ފުދޭ ވަރަށް މިހާރު ހިލޭ ފަން ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. މާބައިދުއަކީ ރުއް ގިނަ ރަށަކަށް ވިޔަސް، ފަހަކަށް އައިސް ރުއްތަކަށް ޖެހުނު ބައްޔެއްގެ ސަބަބުން އެކަށީގެންވާ ވަރަށް ފަނެއް ނުލިބެ އެވެ. ފަން ހޯދަން ކުރިން ގޮސް އުޅުނު ބަރެސްދު އަށް ވެސް މިހާރު ފަން ހޮވަންދާން އަމުރެެއް ނެތެވެ.

ބަރެސްދޫއާ މިހާރު ހަވާލުވެ އުޅޭ މީހުން އެ ރަށުން ފަން ދޫކުރަނީ އަގަށެެވެ.

"ވަރަށް ބޮޑު އަގުގައި ގަންނަން ލިބެނީ. ފަން ބަސްތާއެއް ދެނީ 110ރ. އަށް،" ހަދީޖާ ބުންޏެވެ.

މާބައިދޫ ކައުންސިލްގެ މެންބަރު އަމީނާ ވިދާޅުވި ގޮތުގައި ފަންގަނޑެެއް 100ރ. އަށް ވިއްކިޔަސް ކުރިން އެއީ ރަނގަޅު އަގަކަަށް ވެފައި އޮތީ ފަނަކީ ހިލޭ ލިބޭ އެއްޗެއްގެ ގޮތުގައި އޮތީމަ އެވެ. 

ހަދީޖާ އިބްރާހީމް ފަންގިވިންނަނީ. ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ހަދީޖާ އިބްރާހީމް ފަންގިވިންނަނީ. ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"ކުރިން އަޅުގަނޑުމެންނަށް ކޮންމެ ވަގުތަކު ވެސް ފަން ލިބޭ، ބޭނުން ވަރަކަށް. އެކަމަކު މި ވެރިކަން ފެށުނު ފަހުން މިހާރު ބަރެސްދޫ ގެންގުޅޭ މީހުން އެއްގޮތަކަށް ވެސް ފަން ނުދޭ. އެހެން ތަންތަނުން [އެހެން ކުންފުނިތަކުން] އެ ރަށް ނަގައިގެން އުޅުނު މީހުން ހަފުތާއަކު އެއް ދުވަހު މި ކޮޅަށް [މާބައިދޫއަށް] އަނެއް ދުވަހު އެކޮޅަށް [ގަން، ފޮނަދޫ އަށް] އެގޮތަށް ކޮންމެ ވެސް އެއް ދުވަހަކު ދޭނެ ފަން،" އަމީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެގޮތަށް އޮތް އިރު، ގިނަ ބަޔަކު ބައިވެރިވެގެން ބަރެސްދުއަށް ގޮސް ފަން ހޯދަން ކުރަން ޖެހެނީ ވަރަށް ކުޑަ ހަރަދެކެވެ.

އަމީނާ ވިދާޅުވި ގޮތުގައި މާބައިދުއަކީ ރުއް ގިނަ ރަށަކަށް ވާތީ، ފަންގި ވިނުމުގެ މަސައްކަތް ފުރަތަމަ އާލާވާން ފެށި އިރު ރަށުން ވެސް ފުދޭ ވަރަކަށް ފަން ލިބުނެވެ. ނަމަވެސް ފަހުން ރުއްތަކަށް ޖެހުނު ބައްޔެއްގެ ސަބަބުން ފަން ލިބުން ދަތިވި އިރު ފަންގި ވިންނަ މީހުން ވެސް ވީ އިތުރެވެ.

"މިރަށަކީ ވެސް އަސްލު ނިސްބަތުން ބަލާއިރު، ވަރަށް ރުއް ގިނަ ރަށެއް. އެކަމަކު ފަހަކަށް އައިސް މި ޖެހުނު ބައްޔެއްގެ ސަބަބުންނާއި ރަށު އެންމެން ކުރާނެ އިތުރު ކަމެއް ނެތުމުގެ ސަބަބުން [މި މަސައްކަތަށް އެނބުރުނީމަ، ފަން ލިބުން ދަތިވީ]،" އަމީނާ ވިދާޅުވި އެވެ.

އޭނާ  އެ ވިދާޅުވި ބަލީގެ އަަސަރު  މުޅި ލ. އަތޮޅުން ވެސް ފެންނަން އެބަހުއްޓެވެ. އެއީ އާއްމުކޮށް ރާއްޖޭގައި ކުރިން ނޫޅޭ ވައްތަރެއްގެ މަޑި އެކެވެ. ރުއްތަކުގެ ފަންތަކުގެ އިތުރުން ރުއްގަނޑު ވެސް ކައި ހަލާކުރާ އެ ބާވަތުގެ މަޑި ލ. އަތޮޅުގައި އޮތީ ވަރަށް ބޮޑަށް ފެތުރިފަ އެވެ.

ފަން ވިއްކަން ވެސް އެހީތެރިކަން ބޭނުންވޭ

ހަދީޖާ ބުނި ގޮތުގައި މާބައިދޫ މީހުން ވިންނަ ފަން ރިސޯޓްތަކާ ހަމައަށް ގެންދަން އެންމެ ފުރަތަމަ މަސައްކަތް ކުރީ ހަދީޖާގެ ދަރިއަކު މެދުވެރިވެގެން، އއ. ފެރިދުއާ ހިސާބަށް ފަން ގެންގޮސްގެންނެވެ. އެގޮތަށް އެ މަސައްކަތް ކުރަން ޖެހުނީ ލ. އަތޮޅުގައި ޓޫރިޒަމް އެހާ ބޮޑަށް ކުރިއަރާފައި ނެތީމަ އެވެ.

"މިހާރު ދެން ފުދޭ ވަރަކަށް އެއްޗެއް ލިބޭ. އެކަމަކު އެ ބޭރުކުރެވޭނެ މާކެޓް އަދި ވެސް އަޅުގަނޑުމެންނަށް ދަށް. އެ ދަށްވާ ގޮތަކީ އަސްލުަ، މި އަތޮޅުގައި ރިސޯޓްތައް މަދުުވުން އެއީ ވަރަށް ބޮޑު ގޮންޖެހުމެއް،" އަމީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަން ވިއްކުން އެހާ ދަތިކަަމަކަށް ވަނީ ރިސޯޓްތަކަށް ފަން ސަޕްލައިކުރާ މީހުން ލ. އަތޮޅަށް އަންނަން ޖެހެނީ ވަރަށް ބޮޑު ހަރަދެއް ކޮށްގެން ކަމަށް ވެފައި އެހެން އަތޮޅުތަކުން މާ ފަސޭހައިން ފަން ލިބެން ހުރުމުންނެވެ.

ރިސޯޓްތައް ގިނަ އަތޮޅުތަކުގައި ފަންގަނޑެއް ވިއްކަނީ 100ރ. އަށް ކަމަށާއި އެއީ މާބޮޑު އިތުރު ހަރަދެއް ނުކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މާބައިދޫގައި ވިންނަ ފަން ފަސޭހައިން ވިއްކޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަދީޖާ އާއި ޝަރީފު ވެސް އެދުނީ ފަސޭހައިން ފަން ވިއްކޭނެ ގޮތެއް ހޯދުމަށާއި ވިންނާނެ ފަން ފަސޭހައިން ލިބޭނެ ގޮތެއް ހަމަޖައްސައި ދިނުމުގައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ އެހީތެރިކަމެވެ. 

"ސަރުކާރުގެ އެއްބާރުލުން މިކަމަށް ވަރަށް ބޮޑަށް ބޭނުންވޭ" ދެމަފިރިން ބުންޏެވެ. 

ފަންގިވިނުމަކީ އުނދަގޫ އަދި ރާއްޖެ އިން އުވެމުންދާ ކަމަކަށް ހަދީޖާ ހުރީ މިކަން ހުއްޓާލާ ގޮތަކަށް ނޫނެވެ. އެންމެން ދުރަށް ދިޔައަސް ހަދީޖާ މިކަމުގައި ދެމިހުރީ ރަށްފުށުގެ ހިތްގައިމު ދިރިއުޅުމުގެ ތެރޭގައި ލޯތްބާއި ހިތްހަމަޖެހުމާ އެކުގަ އެވެ.