ވަޒީފާ ބާޒާރުގެ އަދަދުތައް، އެކި ވެރިން އެކި ގޮތަށް!

ސަރުކާރުގެ އެއް އަމާޒަކީ ވަޒީފާގެ ފުރުސަތުތައް ފަސް އަހަރުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން 94،000 ވަޒީފާ އުފައްދައި ރައްޔިތުންނަށް އުފާވެރިކަން ގެނެސް ދިނުމެވެ. އެކަމަކު މިހާރު އުފެދިގެން އުޅޭ ބަހުސަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިހާތަނަށް އުފެއްދި ވަޒީފާތަކުގެ އަދަދެވެ. ރައީސް ޔާމީން ވިދާޅުވާ އަދަދަކާއި މިނިސްޓަރުން ދެއްވާ މައުލޫމާތުތަކާ ގުޅުމެއް ނެތެވެ.


އެ ތަފާތުތައް ސިޔާސީ އިދިކޮޅު ފަރާތްތަކުން ނަގަނީ އޮޅުވާލުމެއްގެ ގޮތުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި، ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި އެކި ދާއިރާތަކުން 64،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިފައިވާ ކަމަށެވެ. އަދި މި އަހަރު ހުޅުވާ ރިސޯޓުތަކާއި ސަރުކާރުން ހިންގަން ހަމަޖެހިފައިވާ ބޮޑެތި މަޝްރޫއުތަކަށް ބަލާއިރު، 2017 ވާނީ ވަޒީފާގެ ބާޒާރު ތިޔާގި އަހަރަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކުރިން ސަރުކާރުން ބުނެފައި އޮތީ އޭރު 70،000 ވަޒީފާ އުފައްދާފައިވާ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން އެ ދެއްވީ 6،000 މަދު އަދަދެކެވެ.

މީގެ ދެ އަހަރު ކުރިން، 2015 ގައި ޒުވާނުންގެ އެވޯޑް ދޭން ބޭއްވި ޖަލްސާގައި އޭރުގެ ޔޫތު މިނިސްޓަރު، އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވީ ރައީސް ޔާމީންގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި 70،000 އަށް ވުރެ ގިނަ މީހުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީފައިވާ ކަމަށެވެ.

އެކަމަކު ރައީސް ޔާމީނާއި ޒުހޫރު އޭގެ އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ. ވަޒީފާގެ ބާޒާރާ ބެހޭ ގޮތުން ތަފްސީލް ދެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް، މިދިއަ ބުދަދުވަހު އެވެ. އެކަމަކު އޭނާގެ ތަފްސީލްތަކުން ވެސް އުފެދުނީ އަނެއް ބަހުސެވެ.

ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިރުތިޝާމް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވި ގޮތުގައި ތިން އަހަރުން 67،000 އަށް ވުރެ ގިނަ ވަޒީފާ ވަނީ އުފެދިފައި. - ފޮޓޯ: ޔޫތު މިނިސްޓްރީ

ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިރުތިޝާމް ވިދާޅުވީ މިދިޔަ ތިން އަހަރުގެ ތެރޭގައި 67،800 އަށް ވުރެ ގިނަ ވަޒީފާ އުފައްދާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ވަޒީފާތަކުގައި މިހާރު ވެސް މީހުން މަސައްކަތް ކުރެ އެވެ.

އިރުތިޝާމް އާންމުކުރެއްވި ވަޒީފާގެ ހިސާބުތައް:

- ސިވިލް ސާވިސްގެ ތެރެއިން 3165 ވަޒީފާ

- ސަރުކާރު ހިއްސާވާ ކުންފުނިތަކުން 5159 ވަޒީފާ

- ޓޫރިޒަމް ދާއިރާ އިން 18،390 ވަޒީފާ

- މަސްވެރިކަމުގެ ދާއިރާ އިން 6229 ވަޒީފާ

- އެހެނިހެން ދާއިރާތަކުން 34،895 ވަޒީފާ

- ޖުމްލަ: (67،838 ވަޒީފާ)

އިރުތިޝާމް ދެއްވި އަދަދާއި ޒުހޫރު ވިދާޅުވި އަދަދުގައި 2،000 އަށް ވުރެ ބޮޑު ތަފާތެއް އެބަ ހުއްޓެވެ. ރައީސް ޔާމީނާއި ޒުހޫރުގެ އަދަދުތަކުގެ ތަފާތު 6،000 އެވެ. ވަޒީފާގެ ބާޒާރުގެ ހިސާބުތަކަށް ބަލަންޏާ، ރާއްޖެ ފަދަ ގައުމަކަށް، އެއީ ވަރަށް ބޮޑު ތަފާތެކެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ސަރުކާރުގެ ވެރިން ވިދާޅުވާ އަދަދުތަކާ ގާތަށް ވެސް ވަޒީފާ އުފެދިފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި ފެންނަނީ ސިޔާސީ ގޮތުން ވަޒީފާ އިން މީހުން ވަކިކުރަމުން ދާ ތަނާއި ސިޔާސީ މަގާމުތައް ދުވަހެއް ދުވަހަކަށް އިތުރު ކުރަމުންދާ ތަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަޒީފާ ނެތް މީހުން ގިނަވާ ތަން ފެންނަނީ. ކަންބޮޑުވަނީ ވަޒީފާ އިތުރުކުރާ ވާހަކަތައް ދައްކާފައި، ބިރު ދައްކައި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވާ މީހުން ވަޒީފާ އިން ވަކިކުރާތީ،" ރޮޒެއިނާ ވިދާޅުވި އެވެ.

"އެހެންވީމަ ސަރުކާރުގެ ވެރިން ދައްކާ ވާހަކަތައް އެއްގޮތަކަށް ވެސް ދިމަލެއް ނުވޭ."

ޔޫތު މިނިސްޓްރީން މީގެ ކުރިން ބޭއްވި ޖޮބް ފެއާއެއް: އެ މިނިސްޓްރީން ބުނާ ގޮތުގައި ޖޮބް ފެއާތައް ބާއްވައިގެން ވަޒީފާގެ އިތުރު ފުރުސަތުތައް ތަނަވަސްވޭ

ރޮޒެއިނާ ވިދާޅުވި ގޮތުގައި ދިވެހި ކޮންމެ ރައްޔިތަކަށްމެ، ބޭނުން ފިކުރަކަށް ތާއީދުކޮށް އުޅުމުގެ މިނިވަންކަން ލިބިގެންވެ އެވެ. ނަމަވެސް ސަރުކާރުން ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކައިގެން އެ ފިކުރު ވެސް ނިގުޅައިގަންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިސާލު ނަންގަވަމުން އޭނާ ވިދާޅުވީ އެތަނުގައި ވަޒީފާ އިތުރު ކުރުމަކީ ސިޔާސީ ގޮތުން ކުރި ކަމެއް ކަމަށެވެ. ނަމަވެސް އެމްޕީއެލް އިން ވަޒީފާ ދެނީ ކަމަށް ގާބިލް މީހުންނަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްޕީއެލް އަށް ސިޔާސީ ގޮތުން ވަޒީފާ އިތުރުކޮށްފައި ހުއްޓަސް، ޕްރޮޑަކްޓިވިޓީ ހަމަ ދަނީ ދަށަށް، އެ ތަނަށް ލާފައި ތިބީ ގާބިލް ބައެއް ނޫން. ތަޖުރިބާ ލިބިފައި ތިބި މީހުން ވަކިކުރީ،" އޭނާ ވިދާޅުވި އެވެ.

"އެހެންވެ ސަރުކާރުން ވަނީ ވަޒީފާ ދިނުމުގެ އުސޫލުތައް ގަޑުބަޑުކޮށްފައި."

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވި ގޮތުގައި ސަރުކާރުގެ ދައުރު ހަމަވުމުގެ ކުރިން 94،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމާ މެދު އޭނާ ޝައްކު ނުކުރައްވަ އެވެ. އަދި ސަރުކާރުން ހާމަކުރާ އަދަދުތަކަށް ދޭތެރެ ދޭތެރެއިން ބަދަލުތައް އައުމަކީ ވެދާނެ ކަމެއް ކަމަށާއި އެއީ ސުވާލު އުފައްދަންވާ ވަރުގެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކި ދިމާތަކުން އަބަދުވެސް ބަދަލު އަންނަމުން ދާނެ. އެއް ފަހަރު ބަޔަކު ވަކިކޮށްފި ނަމަ، އަނެއް ބަޔަކު ވަޒީފާ އަށް އިތުރު ކުރަމުން އެ ދަނީ،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރު އައި ފަހުން މިހާތަނަށް ކުންފުންޏަކުން 1700 އަށް ވުރެ ގިނަ ވަޒީފާ އުފައްދާފައިވެ އެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"އެހެންވީމަ އަޅުގަނޑުމެންނަކީ އިދިކޮޅު ފަރާތްތަކަށް ރައްދުދީ ހަދާނެ ބައެއް ނޫން. އަޅުގަނޑުމެންނަކީ ކަންކަން ކުރަމުންދާ ބައެއް،" ރިޔާޒް ވިދާޅުވި އެވެ.

ޕެންޝަން އޮފީހުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނޮވެމްބަރު، 2012ގެ ނިޔަލަށް ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގައި އުފެދިފައި ވަނީ 68،383 ވަޒީފާ އެވެ. އަދި މިދިޔަ އަހަރުގެ ނިޔަލަށް އެ އަދަދު އުޅެނީ 80،081 ގަ އެވެ. އެހެންކަމުން ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި އަލަށް އުފެދުނީ 11،698 ވަޒީފާ އެވެ.

އެކަމަކު ޕެންޝަން އޮފީހުގެ ހިސާބުތަކަށް އެކަނި ބަލައިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ އަސްލު މަންޒަރެއް ނުފެންނާނެ އެވެ. ސަބަބަކީ ޕެންޝަން އޮފީހަށް މައުލޫމާތު ނުދީ ވެސް އެތައް ވަޒީފާއެއްގައި މީހުން ގެންގުޅޭތީ އެވެ. ނަމަވެސް ޔޫތު މިނިސްޓަރު ދެއްވި ހިސާބުތަކަށް ބަލާއިރު، އެހާ ގިނަ އަދަދެއްގެ ބަޔަކު ޕެންޝަން ސްކީމްގައި ނުހިމަނާ، އެކި ކުންފުނިތަކުން ވަޒީފާގައި ގެންގުޅެފާނެތޯ ވެސް ސުވާލު އުފެދެ އެވެ.

ވަޒީފާގެ ބާޒާރާ ބެހޭ ޔަގީން މައުލޫމާތު ލިބޭނެ ގޮތެއް ނެތެވެ. އެހެންކަމުން އާ ވަޒީފާ އުފެދުމާ ބެހޭ ގޮތުން ސަރުކާރުން ދޭ އަދަދުތަކާ މެދު ހަމައެކަނި ބަހުސްކޮށްލުން ފިޔަވައި ދެން ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟