މެމްބަރުންނަށް މިލިއަނުން ފައިސާ، ރައްޔިތުންނަށް ބޮޑު ކަރަންޓް ބިލް!

ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނަށް ފައިދާ ލިބޭ ގޮތަށް އެކަމަކު އެސްޓީއޯއަށް ވުރެ ލިޓަރަކުން 1.50ރ ބޮޑުކޮށް، ފެނަކައިން ތެޔޮ ގަނެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވުމުން، އެ މެމްބަރުންގެ އަމިއްލަ އެދުން ކިހާ ބޮޑުކަން މިވަނީ އެނގިފަ އެވެ. ރަށްރަށުގައި ފެނަކައިން ހިންގާ އިންޖީނުގެތަކަށް ބޮޑު އަގުގައި ތެޔޮ ގަތުމުގެ މާނައަކީ ރައްޔިތުންގެ ކަރަންޓް ބިލް ވެސް ބޮޑުވުމެވެ.


ފެނަކައާ ގުޅިގެން ބައެއް މެމްބަރުން ހިންގާފައި އެވަނީ، އެއް ބަޔަކު ބުނާ ގޮތުގައި، ވީހާވެސް އަގުހެޔޮކޮށް ކަރަންޓްގެ ހިދުމަތަށް އެދިއެދި ތިބި ރައްޔިތުންގެ މޫނުމަތީގައި ޖެހުން ފަދަ އަމަލެކެވެ.

ތެޔޮ ވިޔަފާރީގައި މެމްބަރުން

ޕީޕީއެމަށް ނިސްބަތްވާ ނުފޫޒު ގަދަ މެމްބަރުންތަކެއްގެ މަސްލަހަތު އޮންނަ ތެޔޮ ކުންފުނިތަކެއް 2013 ގެ ފަހުކޮޅާއި 2014ގެ ކުރީ ކޮޅު އުފެއްދިކަން ވަނީ އެނގިފަ އެވެ. އަދި ކުރިންސުރެ ހިންގަމުން އައި ތެޔޮ ކުންފުނިތަކެއް ވެސް، ފެނަކައިގެ ތެލުގެ އެ ވިޔަފާރީގައި ބައިވެރިވި ކަމަށްވެ އެވެ. އެ ކުންފުނިތަކުން ތެޔޮ ގަންނަނީ އެސްޓީއޯގެ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހެޔޮ އަގުގަ އެވެ. އެކަމަކު ފެނަކަށް ވިއްކަނީ، ފެނަކައިން ސީދާ އެފްއެސްއެމް އިން ގަނެފި ނަމަ ލިބޭނެ އަގަށް ވުރެ މާ ބޮޑުކޮށެވެ.

މެމްބަރުންތަކެއް މަޖިލީހުގެ ޖަލްސާގައި: ތެލުގެ ވިޔަފާރިން ބައެއް މެމްބަރުންނަށް ފައިދާތަކެއް ވި -- ފޮޓޯ: މަޖިލިސް

"އެބޭފުޅުން [މެމްބަރުންގެ މަސްލަހަތު އޮންނަ ކުންފުނިތައް] އެފްއެސްއެމްއިން މިގަންނަނީ ވަރަށް އަގުހެޔޮކޮށް. ދެން ފެނަކައިން އެމީހުންގެ އަތުން ތެޔޮ ގަންނަން ޖެހެނީ އަގުބޮޑުކޮށް. އެއީ އެކަން ހިނގި ގޮތަކީ،" ފެނަކަ ކޯޕަރޭޝަންގެ އިސް މުވައްޒަފަކު، ނަން ނުޖެހުމަށް ޝަރުތުކޮށް، ވިދާޅުވި އެވެ.

ފެނަކަ މެދުވެރިކޮށް ބައެއް މެމްބަރުންނާއި އެ މެމްބަރުންގެ ގާތް މީހުން ތެލުގެ އެ މުއާމަލާތް ހިންގާކަން ކުރިން ވެސް ފަޅާއެރި އެވެ. އަދި އެ ވާހަކަ އާންމުން ދައްކާ ވެސް ހެދި އެވެ. އެކަމަކު އެ ވާހަކަތައް ރަސްމީކޮށް ޔަގީން މިކޮށްދިނީ އޮޑިޓަ ޖެނެރަލް ރިޕޯޓުންނެވެ،.

އެ ރިޕޯޓުގައިި ބުނެފައި ވަނީ 2014 ގައި އެފްއެސްއެމް އިން ހުށަހެޅި އަގަށް ވުރެ ބޮޑު އަގުގައި އަމިއްލަ ފަރާތްތަކުން 16 މިލިއަން ލީޓަރުގެ ޑީސަލް ފެނަކައަށް ގަނެފައިވާ ކަމަށެވެ. އަދި 2015 ގައި 10 މިލިއަން ލީޓަރު ޑީސަލް، ބޮޑު އަގުގައި ގަނެފައިވެ އެވެ. މި 26 މިލިއަން ލިޓަރު ގަތުމުން، ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، ފެނަކައިން އިތުރަށް 21.8 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. އެ އަމިއްލަ ފަރާތްތަކަކީ ކޮން ބައެއްކަން ރިޕޯޓްގައި ބުނެފައި ނެތަސް ޔަގީންކުރެވޭ ގޮތުގައި އެއީ މަޖިލިހުގެ ބައެއް މެމްބަރުންގެ މަސްލަހަތާ ގުޅިފައިވާ ބައެކެވެ.

ރިޕޯޓުގައިވާ ގޮތުން ފެނަކަ އިން އެކި ރަށްރަށުގައި ހިންގާ އިންޖީނުގެތަކަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށްދޭން އެފްއެސްއެމް އިން ފެނަކަ އަށް ހުށަހެޅީ އައްޑޫ ފިޔަވައި އެހެން ރަށްރަށަށް އެއް ރޭޓެކެވެ. އެކަމަކު އަމިއްލަ ބައެއް ފަރާތްތަކުން ފެނަކަ އަށް ޑީސަލް ވިއްކީ ތަފާތު ރޭޓްތަކުގަ އެވެ. އެހެންކަމުން އިންޖީނުގެތަކާ ހަމައަށް ތެޔޮ ފޯރުކޮށްދޭ އަގު ބޮޑުވި އެވެ.

ފެނަކައިން ހިންގާ އިންޖީނުގެއެއް

ތެލާ ގުޅޭ އެހެން ބޮޑު ނާޖާއިޒު ފައިދާއެއް ނެގި މައްސަލައެއްގައި ވެސް އޮޑިޓް ރިޕޯޓުގައި ހުނިޖަހާފައިވެ އެވެ. އެގޮތުން އިތުރު އެހެން ކުންފުންޏެއްގެ ފަރާތުން އަގު ހޯދުމެއް ނެތި، ހަމައެކަނި އެންމެ ކުންފުންޏަކުން ކޯޓޭޝަން ހޯދައިގެން ތ. އަތޮޅުގެ އިންޖީނުގެތަކަށް 2014 އާއި 2015 ގައި 26.1 މިލިއަން ރުފިޔާގެ ޑީސަލް ގަނެފައިވެ އެވެ.

ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު 8ރ. އަށް ވުރެ ބޮޑުވާ ނަމަ ކޮންމެ 10 ލާރިއަކުން ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނަގަ އެވެ. އެހެންކަމުން އެފްއެސްއެމްއިން އަގުހެޔޮކޮށް ތެޔޮ ލިބެން އޮއްވައި މަޖިލިސް މެމްބަރުންތަކެއްގެ ނުފޫޒު އޮންނަ އަމިއްލަ ކުންފުނިތަކުން އަގުބޮޑުކޮށް ތެޔޮ ގަތުމުން ކަރަންޓް ބިލްތައް ވެސް ބޮޑުވާނެ އެވެ.

"ކޮންމެ ގޮތެއް ވިޔަސް ތެޔޮ ލިބޭ އަގު ބޮޑުވީމަ ފިއުލް ސާޗާޖް ބޮޑުވާނެތާ، އެހެންވެ ބިލް ބޮޑުވަނީ،" ފެނަކައިގެ އޮފިޝަލް ވިދާޅުވި އެވެ.

ކޮން މެމްބަރުންތަކެއްކަން އިނގެން ޖެހޭ

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ނައިބް ލީޑަރު ރޮޒެއިނާ އާދަމް ވިދާޅުވީ މެމްބަރުން ތެޔޮ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭއިރު އެއީ ކޮން ކުންފުނިތަކެއްކަން އޮޑިޓް ރިޕޯޓްގައި ހާމަކޮށްފައި ނެތުމުން ބަޔަކު ސިއްރުވާ ކަމަށެވެ.

"އޮޑިޓް ރިޕޯޓަކު ނެތް ކޮންކޮން ކުންފުނިތަކެއްގެ އަތުންކަމެއް ތެޔޮ ގަތީއެއް އިނގޭކަށް. މީގެ ކުރިން އޮޑިޓް ރިޕޯޓްތަކުގެ ނަންތައް ޖަހާފައި ހުރޭ. އޮޑިޓަ ޖެނެރަލް އަރިހުން އެދެން ކޮންކޮން ކުންފުނިތަކެއްކަން ބުނެދިނުމަށް،" ކަރަންޓާއި ފެން ފަދަ އަސާސީ ޚިދުމަތްތަކުގެ އަގު ރަށްރަށުގައި މާ ބޮޑުވުމުން، އެ އަގު ކުޑަކޮށްދޭން ދާދި ފަހުން ގޮވާލެއްވި ރޮޒެއިނާ ވިދާޅުވި އެވެ.

އޮޑިޓް އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާންމުކުރާ ރިޕޯޓްތަކުގައި ކުންފުނިތަކުގެ ނަންތައް ހާމަކުރާ އުސޫލު މިހާރު ނުގެންގުޅޭ ކަމަށެވެ. ނަމަވެސް ކަމާ ބެހޭ މުއައްސަސާތަކަށް އެ ނަންތައް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތ. އަތޮޅު އައުމުން ބައެއް މީހުންގެ ތުހުމަތުގެ އިނގިލި، ކުރިންސުރެ ތެލުގެ ވިޔަފާރި ކުރައްވަމުން ގެންދަވާ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދަށް ދިއްކޮށްފާނެ އެވެ. އެކަމަކު އޭނާ ވިދާޅުވީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި އެވަނީ އޭނާގެ މަސްލަހަތު އޮންނަ "މެރީޑިއަމް" ގެ ވާހަކަ ނޫން ކަމަށެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި މަޖިލިހުގެ މެމްބަރުން ތެލުގެ ވިޔަފާރިކުރެއްވުމަކީ މައްސަލައެއް ނޫނެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ ފެނަކައިން ތެޔޮ ގަނެފައި އެހެރީ އެ އަތޮޅަކުން ތެޔޮ ލިބޭ އަގެއްގައި ކަމަށެވެ. ފެނަކަޔަށް ބޮޑު އަގުގައި ތެޔޮ ވިއްކަނީ ބިލްތަކަށް ފައިސާ ލިބުން ދަތިވާތީ ކަމަށް ވިދާޅުވި އެވެ.

"އެމީހަކު ވިއްކާ އަގަކަށްތާ ލިބޭނީ. ކުރެޑިޓް މުއްދަތު ދިގުވީމަ އަގު ބޮޑުވާނެ. ފަސް ދުވަހުން ތެޔޮ ވިއްކާ ނަމަ އިންނާނެ ވަކި ރޭޓެއް. ހަމައެހެން 30 ދުވަހުން ތެޔޮ ވިއްކާ ނަމަ ވެސް އިންނާނެ ވަކި ރޭޓެއް،" ރިޔާޒު ވިދާޅުވި އެވެ.

"ފެނަކައިން ފައިސާ ހޯދުމަކީ ފަސޭހަ ކަމެއް ނޫން. ގޮނޑި އަޅައިގެން އެތަނުގައި އިންނަން ޖެހޭނީ."

ރަށްރަށުގެ އިންޖީނުގެތަކަށް ބޭނުންވާ ތެޔޮ ފެނަކައިން ހަމައެކަނި އެފްއެސްއެމް އަތުން ގަންނާތީ ރިޔާޒު ފާޑު ވެސް ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ވަގުތުތަކުގައި އެފްއެސްއެމްއަށް ތެޔޮ ފޯރު ވެސް ނުކޮށްދެވޭ ކަމަށެވެ.

"ރަށެއްގެ އިންޖީނުގޭތަކުން ތެޔޮ ހުސްވާއިރު ތެޔޮ ނުގެންދެވޭ. ކިހިނެއްތޯ ތެޔޮ ހުސްވާއިރު [ފެނަކައިގެ] އެމްޑީ [ކަމެއް ނުކޮށް] ހުންނާނީ؟" ރިޔާޒު ވިދާޅުވި އެވެ.

އެކަމަކު އަގުހެޔޮކޮށް ލިބެން ހުއްޓާ ނިސްބަތުން މާ ބޮޑު އަގެއްގައި އިންޖީނުގެތަކަށް ތެޔޮ ގަތުމަކީ އޭގެ ޒާތުގައި މައްސަލައެކެވެ. އޭގެ ސަބަބުން ކަރަންޓް ބިލް ބޮޑުވުމުން ދަތިތަކާ ކުރިމަތިލާން ޖެހެނީ ނިކަމެތި ރައްޔިތުންނެވެ. އެކަމަކު މިފަހަރު މި އޮތީ މަޖިލިހުގެ ބައެއް މެމްބަރުންގެ އަމިއްލަ އެދުން، ރައްޔިތުންގެ ހެވާލާބައަށް ވުރެ ބޮޑުވެފަ އެވެ.

ފެނަކައަށް ތެޔޮ ވިއްކައިގެން ހުރިހާ ފައިދާއެއް އެ މެމްބަރުންނަށެވެ. ކަރަންޓް ބިލާ ހެދި ބާރު ބޮޑުވުން ރައްޔިތުންނަށެވެ.