ފްލެޓް ބީވެ މާޔޫސްވެފައި، ދެން އޮތީ ކޮން ގޮތެއް؟

ބޯހިޔާވަހިކަމަށް ބޭނުންވެފައި ހުންނަތާ އެތައް އަހަރެއް ފަހުން، ލިބުނު ފްލެޓު ވެސް އަތުން ބީވެ، ސަރުކާރުން އެ އޮތީީ ބީލަމަށް ލާން ނިންމައިފަ އެވެ. ހުރިހާ ހިތްދަތިކަމެއް އޮތީ، އަހްމަދު ރަޝީދު (އަސްލު ނަމެއް ނޫން)ގެ އާއިލާ އަށެވެ. އޭނާ އަށް އަދިވެސް އޮތް ގޮތަކީ، ލިބޭ އާމްދަނީ ކުއްޔަށް ހޭދަކޮށް ދިރިއުޅުމުގެ ނަމުގައި "ގަނަތެޅުމެ"ވެ. ލިބުނު ފްލެޓް، ހަ އަހަރަށް ފަހު އަތުން ބީވީ ސަރުކާރުން ޝަރުތުކުރި އަދަދަށް ފައިސާ ހަމަނުޖެހިގެންނެވެ. އެ ފްލެޓު ވިއްކަން ހުޅުވާލުމާ އެކު ފައިސާ ހުރި މީހުން ގަނެ، ފައިދާ ހޯދަންވީ އެވެ.


ކިހާ ބޮޑު ބޭއިންސާފެއް ހެއްޔެވެ؟

ސަރުކާރުން 2012 ގައި ހުޅުވާލި ޓާޓާ ފްލެޓް ލިބި، އެ ފްލެޓް ދޫކޮށްލަން ޖެހުނު އެތައް ބަޔަކު މި ޝަކުވާ ނުކުރަންވީ ސަބަބެއް ނެތެވެ. އެ ފްލެޓްތައް ލިބުނު ބައެއް މީހުންގެ ހައްގު އޮތީ ނިގުޅައިގެންފަ އެވެ. މައްސަލައަަކަށް ވީ، ފައިސާ ދެއްކޭނެ އެއްވެސް މަގެއް ނުފެނުމެވެ.

"ވަރަށް ގަނަތެޅުނިން، އެ ގޮތް މިގޮތް ހަދައިގެން ވެސް ފައިސާ ހަމަޖައްސަން. ބޭންކުން ލޯނެއް ލިބޭތޯ ބެލިން. އެކަމެއް ވެސް ކާމިޔާބެއް ނުވި، މީހެއްގެ އަތުން ވިއަސް ދަރަންޏަށް ފައިސާ ނަގައިގެން ފްލެޓް އަތުޖެހޭތޯ ކުރެވެން އޮތް މަސައްކަތެއް ކުރިން،" ރަޝީދު ބުންޏެވެ.

ޓާޓާ ފްލެޓްތައް ލިބުނު މީހުން ގުރުއަތު ނަގަނީ: ދެ މިލިއަން ރުފިޔާ ނުދެއްކުނު މީހުންގެ ފްލެޓްތައް ވިއްކާލަން ސަރުކާރުން އޮތީ ނިންމާފައި.

އިންޑިއާގެ ޓާޓާ ކުންފުންޏާ ހަވާލުކޮށްގެން، ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކުރި ޖުމްލަ 264 ފްލެޓުގެ ތެރެއިން 105 ފްލެޓް ސަރުކާރަށް ނެގީ، ފްލެޓުތައް ލިބުނު މީހުންނަށް ފައިސާ ނުދެއްކުމުންނެވެ. ފްލެޓްތައް ހަވާލުކުރީ، ފަަސް އަހަރުގެ ތެރޭގައި ދެ މިލިއަން ރުފިޔާ ދެއްކޭނެ ކަމުގެ ޔަގީންކަން ދިން މީހުންނަށެވެ. އެއީ މަހަކު ގާތްގަނޑަކަށް 33،000ރ. އެވެ.

މިއީ، މި މަޝްރޫއު ހުޅުވާލިއިރު ފްލެޓެއް ވިއްކަން ކަނޑައަޅާފައި އޮތް މިންވަރަށް ވުރެ އެތައް ގުނަ ބޮޑު އަދަދެކެވެ. ސަރުކާރުން 2012 ގައި ބުނެފައި އޮތީ އެ ފްލެޓްތައް ލިބޭ މީހުން، މަހަކު ދައްކަން ޖެހޭ ވަރު އުޅޭނީ 9،725ރ. ގައި ކަމަށެވެ. ޑައުންޕޭމަންޓްގެ ގޮތުގައި ހަތަރު މަހުގެ ކުލި ދެއްކުމަށް ފަހު ބާކީ ބައި 25 އަހަރަށް ބަހާލައިގެން ދައްކާ ގޮތަށް ވެސް އޭރު އޮތީ ހަމަޖައްސައިފަ އެވެ. އެކަމަކު އެ ފްލެޓް އިމާރާތްކުރުމުގެ އެއްބަސްވުމުން، ދައުލަތަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް ބުނެ، މި ސަރުކާރުން ފްލެޓްތަކުގެ އަގު ބޮޑުކުރީ އެވެ.

މި ސަރުކާރުން ވަނީ ޓާޓާއަށް އެއް ފަހަރާ 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކައިފަ އެވެ. ފްލެޓްތައް އަގުބޮޑުވީ، އެ ދެ ބިން ހަވާލުކުރުމުގައި އެމްޑީޕީ ސަރުކާރުން ގެންގުޅުނު ސިޔާސަތުގެ ސަބަބުން ކަމަށް މިހާރުގެ ސަރުކާރުން ބުނެ އެވެ.

ފްލެޓަަށް ދެ މިލިއަން ނުދެއްކުނު މީހުންގެ އަތުން، ފްލެޓް އަތުލުމަށް ފަހު މިދިޔަ މަހުގެ ތެރޭގައި ވިއްކަން ހުޅުވާލި އެވެ. އެކަމަކު އެ ފްލެޓުތައް ގަންނަން ހަދާލި ކިޔޫއާ އެކު ސަރުކާރުން ވަނީ ފްލެޓް ވިއްކުން މަޑުޖައްސާލައިފަ އެވެ.

"އަޅުގަނޑުމެންނަށް ލިބުނު ފްލެޓްތަކެއް ހަގީގަތުގައި މި ގޮތަކަށް ނުވިއްކޭނެ. ޓާޓާ ފްލެޓެއް ލިބިފައި އޮތީމައޭ ކިޔާފައި، މިވީހާ ދުވަހު ދޫކުރި އެއްވެސް މަޝްރޫއަކުން ކުރިމަތިލުމުގެ ފުރުސަތެއް ވެސް ނުލިބުނު،" ފްލެޓަށް ފައިސާ ނުދެއްކުނު އެހެން މީހަކު ބުންޏެވެ.

"އެއީ ފިރިމީހާ ވިއަސް ދަރިއަކަށް ވިއަސް ފްލެޓަކަށް ކުރިމަތި ނުލެވި މިއޮއްހާ ދުވަސް މިދިޔައީ. ފްލެޓް ލިބިފައި އޮތީތީއޭ ކިޔައި އެ ހައްގު ވެސް އަޅުގަނޑުމެންނަށް އޮތީ ގެއްލިފައި."

ގާކޮށީގައި ހަދާފައިވާ ފްލެޓް އިމާރާތުގެ އެތެރޭގެ ކޮރިޑޯއެއް: މި ތަނުން ފްލެޓް ލިބުނު ބައެއް މީހުންނަށް ފައިސާ ނުދެއްކި މާޔޫސްކަމާ ވަނީ ކުރިމަތިލާން ޖެހިފައި.

ފްލެޓް ބީވި މީހުން ބުނާ ގޮތުގައި، އެ މީހުން ވެއިޓިން ލިސްޓަށް އަރުވާނެ ކަމަށް ނުރަސްމީކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮފިޝަލުން މައުލޫމާތު ދެ އެވެ. އެކަމަކު އެ މީހުންނަށް ދެންވާނެ ގޮތެއް، އަދި އެހެން ފްލެޓެއް ލިބޭނެ ދުވަހެއް ރަސްމީކޮށް ސަރުކާރުން ނުބުނުމަކީ ކަންބޮޑުވުމެކެވެ.

"އަޅުގަނޑުމެންނަށް ދެން އޮތީ ކޮން ގޮތެއްހޭ އެހީމަ ބުނަނީ، ވެއިޓިން ލިސްޓުގައޭ ނަން އޮންނާނީ. އެކަމަކު އެގޮތަށް ނަން ޖަހައިގެން ފްލެޓް ދޭނެ ދުވަހެއް ނޭނގި ތިއްބާ މަރުވެއްޖިޔާ، ދެން ހަދާނެ ގޮތެއް ވެސް ނޭނގެ. އަޅުގަނޑުމެންނަށް ސާފުކޮށް އެއްވެސް ވާހަކައެއް ކިޔައެއް ނުދޭ،" އޭނާ ބުންޏެވެ.

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ޓާޓާ ފްލެޓުތަކެއް ވިއްކާލަން ނިންމީ، އެ ފްލެޓްތައް ލިބުނު މީހުން ފައިސާ ދައްކަން ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ފަހު ކަމަށެވެ. މުހުލަތުތަކެއް ދިނުމަށް ފަހު، ފައިސާ ނުދެއްކުނު ފަރާތްތަކުގެ ފްލެޓް ވިއްކާލިއަސް ސަރުކާރުން އެ މީހުންނަށް ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަަށް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް މުޅިން ފައިނަލް ނުވާތީ އޭގެ ތަފްސީލްތަކެއް ނުދެއްވަ އެވެ.

ފްލެޓެއް ލިބި އަތުން ބީވުމަކީ، އަހްމަދު ރަޝީދު ބުނާގޮތުގައި، ވަރަށް ހިތްދަތި އިހްސާސެކެވެ. އޭނާ ސިފަކުރާ ގޮތުގައި، އެއީ އޭނާގެ ހައްގެއް އެހެން މީހަކު ނިގުޅައިގަތުމެވެ. އެހެންވެ މިއީ ސަރުކާރުން އަވަސް ހައްލެއް ހޯދައިދޭން ޖެހޭ މައްސަލައެއް ކަމަށް އޭނާ ދެކެ އެވެ.

ބޯހިޔާވަހިކަމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދަން ބިޔަ މަޝްރޫއެއް ފަށާފައިވީ ނަމަވެސް އެ މަޝްރޫއުން އެ މީހުންނަށް ބަދަލު ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. އެހެންވެ، އެ މަޝްރޫއު ފެށުމުން ލިބޭ ހިތްހަމަޖެހުމަށް ވުރެ ފްލެޓް ބީވި މީހުންގެ މާޔޫސްކަން މާ ބޮޑެވެ.