ބޭސްފަރުވާއަކީ އަސާސީ ހައްގެއް، ހުރަސް އަޅައިގެން ނުވާނެ

އެކަށީގެންވާ ބޭސް ފަރުވާ ލިބުމަކީ ކޮންމެ މީހަކަށް ވެސް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިންސާނީ އަސާސީ ހައްގެކެވެ. ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން ދިޔަޔަސް އެ ހައްގު ކަށަވަރުކޮށްދެ އެވެ. ސާބިތުވެފައިވަނީ ކިތަންމެ ބޮޑު ކުށެއް ކަމުގައި ވިޔަސް، އެ މީހަކަށް އެކަށީގެންވާ ބޭސް ފަރުވާ ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ. ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގްވާމީ މުއާހަދާތަކުގައި ވެސް އެކަން އޮންނަނީ އެ ގޮތަށެވެ.


ހުކުމް ތަންފީޒު ކުރާ ގައިދީންނަށް އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށްދިނުމުގައި އަމަލު ކުރާ އުސޫލުތަކެއް ރާއްޖޭގައި ވެސް އެބަހުއްޓެވެ. ހުކުމް ތަންފީޒު ކުރާ މަރުކަޒުންނާއި ހޮސްޕިޓަލުން ފަރުވާ ދޭ އިރު، ރާއްޖޭން ކުރެވެން ނެތް ބޮޑެތި ފަރުވާތަކަށްޓަކައި ކަނޑައެޅޭ އުސޫލަކުން ރާއްޖޭން ބޭރަށް ވެސް ފޮނުވެ އެވެ. އެކަމަކު ދިގު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އެ ފުރުސަތު އަދިވެސް ނުދެ އެވެ.

ޑޮކްޓަރުންނާ ހަވާލާދީ އަދީބުގެ އާއިލާ އިން ބުނެފައިވާ ގޮތުގައި އަދީބަށް ވަނީ "ގްލުކޮމާ" ކިޔާ ލޮލުގެ ބައްޔެއް ޖެހިފަ އެވެ. އަދީބުގެ އެތެރެހަށިން ސިސްޓެއް ފެނިފައިވާ އިރު، އެ ސިސްޓް ކެންސަރަށް ބަދަލުވެދާނެ ކަމުގެ ބިރު އެބައޮތެވެ. އޭނާގެ ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. އަދީބުގެ އާއިލާ އިން ބުނެފައިވާ ގޮތުގައި އަދީބުގެ ސިއްހީ މައްސަލަތަކަށް ފަރުވާ ކުރެވެން އޮތީ ރާއްޖޭން ބޭރުން ކަމަށް ޑޮކްޓަރު އޮތީ ލަފާ ދީފަ އެވެ. އެކަމަކު ރާއްޖޭން ބޭރުން ފަރުވާ ހޯދުމުގެ ފުރުސަތެއް އަދީބަށް އަދިވެެސް ނުދެ އެވެ.

ސަރުކާރުން ކުރިން ބުނެފައިވަނީ ބޭސްފަރުވާ އަށް އަދީބު ރާއްޖޭން ބޭރަށް ދާން ހުއްދަ ދެވޭނީ އޭނާ ދައުލަތަށް ޚިޔާނާތްތެރިވި ފައިސާ އަނބުރާ ދައުލަތަށް ދެއްކުމުން ކަމަށެވެ. ތެދެކެވެ. އަދީބުގެ މައްޗަށް އޮތީ ޚިޔާނާތުގެ ދައުވާއެއް ސާބިތުވެފަ އެވެ. އެއީ ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވި މައްސަލަ އެވެ. އެކަމަކު ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އެ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް ދައުލަތަށް އަނބުރާ ދައްކަން އަދީބުގެ މައްޗަށް މިހާތަނަށް ހުކުމެއް އައިސްފައި ނެތް ކަމެވެ.

މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުލް އުގޫބާތު އޮންނަ ގޮތުން، ޖިނާއީ ކުށަކާ ގުޅިގެން އުފެދޭ މަދަނީ ގެއްލުމުގެ ބަދަލަކީ އެ ކުށަކަށް އަދަބު ކަނޑައެޅުމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. އެހެންވުމުން އަދީބުގެ މައްޗަށް ޚިޔާނާތުގެ ކުށެއް ސާބިތުވެފައި އޮތަސް، އޭނާ ޚިޔާނާތްތެރިވި ފައިސާ އަނބުރާ ހޯދެން އޮތީ މަދަނީ ވަކި ދައުވާއެއް ކޮށްގެންނެވެ. އެކަމަކު މިހާތަނަށް އެފަދަ މަދަނީ ދައުވާއެއް ދައުލަތުން އަދީބުގެ މައްޗަށް ކޮށްފައެއް ނެތެވެ. އެހެންވެ، ގާނޫނީ ގޮތުން ބަލާއިރު އެ ފައިސާ ދައްކަން އަދީބުގެ މައްޗަށް މި ވަގުތު ލާޒިމެއް ނޫނެވެ.

އަދީބު ރާއްޖޭން ބޭރަށް ނުފޮނުވަން ސަރުކާރުން ފާހަގަ ކުރި ދެ ވަނަ ސަބަބަކީ، އޭނާ ފިލުމުގެ ފުރުސަތު އޮތުމެވެ. ތިން ކުށެއް ސާބިތުވެ އަދީބު މިހާރު ގެންދަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އޭގެ އިތުރުން ވެސް ގިނަ މައްސަލަތަކެއް އަދީބާ ދެކޮޅަށް ކޯޓުގައި މިހާރު ވެސް ދަނީ ހިނގަމުންނެވެ. އެހެންވެ ސަރުކާރުން ގަބޫލުކުރަނީ އަދީބު ބޭރަށް ފޮނުވައިފި ނަމަ. ޝަރީއަތުން ރެކުމަށްޓަކައި އޭނާ ފިލާފާނެ ކަމަށެވެ.

ދާދި ފަހުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވަނީ، ހުކުމް ތަންފީޒު ކުރަމުންދާ މީހުން ބޭސް ފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވަން ހުއްދަ ދިނުމުގައި ސަރުކާރުން ވަރަށް ބޮޑަށް ބަލާނެ ކަމަށް ވިދާޅުވެފަ އެވެ. އަޒްލީން އެ ގޮތަށް ވިދާޅުވީ ޖަލު ހުކުމް ތަންފީޒު ކުރަންޖެހިފައިވާ ބައެއް ސިޔާސީ ލީޑަރުން ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވުމުން ރާއްޖެ އެނބުރި ނައިސް އުޅޭ މައްސަލަ އަށް އިޝާރާތް ކުރައްވަ އެވެ.

ތެދެކެވެ. ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ނަމަ، ސަރުކާރުން ހުއްދަ ދިން މުއްދަތު ހަމަވުމުން އެނބުރި އަންނަން ޖެހޭނެ އެވެ. ނާންނަ ނަމަ އެއީ ގާނޫނީ ކުށެކެވެ. އެކަމާ މެދު ދެބަސްވާކަށް ނެތީމެވެ. އެކަމަކު އެ ގޮތަށް ވަކި ބަޔަކު ކަން ކުރުމަކީ، އެހެން މީހުންގެ ހައްގަށް ހުރަސް އެޅުމަށް އޮތް ހުއްޖަތެއް ނޫނެވެ. ސަބަބަކީ ބަންދުގައި ހުރި މީހަކަށް ކޮންމެހެން ލިބެންޖެހޭ ފަރުވާއެއް ނުލިބި ހުއްޓައި، ސިއްހީ ބޮޑު ގެއްލުމެއް ލިބިއްޖެ ނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭނީ ސަރުކާރުން ކަމަށްވާތީ އެވެ.

ފާހަގަ ކުރަންޖެހޭ އަނެއް ކަމަކީ ފިލައިގެން ނޫޅެވޭނެ ފަދަ ގޮތަކަށް ވެސް އަދީބަށް މި ފުރުސަތު ދެވެން އެބައޮތް ކަމެވެ. އެހެނީ، ބޭސްފަރުވާ އަށް ގައިދީއަކު ރާއްޖޭން ބޭރަށް ފޮނުވާ ނަމަ، ފަރުވާ ހޯދަން ދެވޭނެ ގައުމާއި އެ ގައުމެއްގައި ހުރެވޭނެ މުއްދަތު ކަނޑައަޅާނީ ސަރުކާރުންނެވެ. އަދި އާންމުކޮށް ގައިދީން ފަރުވާ އަށް ބޭރަށް ފޮނުވަނީ ވެސް ޕާސްޕޯޓްގެ ބަދަލުގައި، ވަކި ގައުމަކަށް އެކަނި ދަތުރު ކުރެވޭ ގޮތަށް އޮންނަ ޚާއްސަ ޓްރެވަލް ޑޮކިއުމަންޓެއް ދިނުމަށް ފަހު އެވެ. އޭގެ ބޭނުމަކީ ސަރުކާރުން ހުއްދަ ދޭ ގައުމު ފިޔަވައި، އެހެން ގައުމަކަށް ނުދެވޭނެ ގޮތް ހެދުމެވެ.

މީގެ އިތުރުން، އެގޮތަށް ގައިދީން ބޭރަށް ފޮނުވަނީ ވެސް ގައިދީގެ ބެލެނިވެރިޔާ ލައްވައި، އިގްރާރެއްގައި ސޮއި ކުރުވުމަށް ފަހު އެވެ. އަދި ހުއްދަ ދޭނީ ވެސް ބެލެނިވެރިޔާ ނުވަތަ ހަވާލުވާ މީހާގެ ސީދާ ބެލުމުގެ ދަށުގައި އަބަދުވެސް ހުންނަ ގޮތަށެވެ. އަދި ކަނޑައެޅޭ ވަކި މުއްދަތެއް ހަމަވުމުން އަނބުރާ ޖަލަށް އަންނަން ވެސް ޝަރުތު ކުރެ އެވެ.

އަދީބު --ފޮޓޯ/މިހާރު

އަދީބު ރާއްޖޭން ބޭރަށް ފޮނުވުމުގެ މައްސަލަ އެންމެ ފަހުން މިހާރު ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ. ފަރުވާ އަށް ބޭރަށް ފޮނުވަން ދައުލަތުގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި އަދީބުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ދައުލަތުން ނެގި އިޖްރާއީ ނުކުތާގައި ބުނެފައިވަނީ އެ މައްސަލަ ކޯޓުގައި ނުބެލޭނެ ކަމަށެވެ. ސަބަބެއް ކަމަށް ދައުލަތުން ފާހަގަކުރި އެއް ކަމަކީ ގައިދީން ބޭރަށް ފޮނުވުމުގެ ހުއްދަ ދިނުމާ ބެހޭ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖްރާއާތުތައް އަދީބުގެ މައްސަލައިގައި ފުރިހަމަވެފައި ނެތުމެވެ.

ޖަލުތަކާއި ޕެރޯލް ގާނޫނުގެ 110 ވަނަ މާއްދާ ބުނާ ގޮތުން ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ކޮންމެހެން ބޭނުންވާ ފަރުވާއެއް ރާއްޖޭން ލިބެން ނެތް ހާލަތުގައި، ކަމާ ބެހޭ ޚާއްސަ ޑޮކްޓަރަަކު އެ ކަމަށް ލަފާ ދީފި ނަމަ، ކަރެކްޝަންސްގެ މެޑިކަލް ބޯޑުން ނިންމާ ގޮތެއްގެ މަތިން އެ މީހަކު ރާއްޖޭން ބޭރަށް ފަރުވާ ހޯދަން ދިއުމުގެ ހުއްދަ ކޮމިޝަނާ އޮފް ޕްރިޒަންސަށް ދެވިދާނެ އެވެ.

ގައިދީން ފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ ހުއްދަ ދިނުމުގައި އަމަލު ކުރާނެ ގޮތް ބަޔާން ކޮށްފައިވަނީ "ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ތިއްބަންޖެހޭ މީހުން ޖަލުގެ ސިއްހީ މަރުކަޒު ފިޔަވައި، ރާއްޖޭގެ ސިއްހީ ފަރުވާ ދޭ ތަންތަނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމާ ބެހޭ ގަވާއިދު"ގަ އެވެ.

އެ ގަވާއިދު ބުނާ ގޮތުން ގައިދީއަކު ފަރުވާ އަށް ރާއްޖޭން ބޭރަށް ދާން ހުއްދަ ލިބޭނީ މައިގަނޑު ހަތަރު މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހު އެވެ. ފުރަތަމަ މަރުހަލާއަކީ ފަރުވާ އަށް އެ ގައިދީ ބޭރަށް ދާން ކަމާ ބެހޭ ޑޮކްޓަރަކު ލަފާ ދިނުމެވެ. ދެ ވަނަ މަރުހަލާއަކީ ޑޮކްޓަރު އެ ގޮތަށް ލަފާ ދިނުމުން، އައިޖީއެމްއެޗްގެ ކަމާ ބެހޭ ޚާއްސަ ޑިޕާޓްމެންޓްގެ މަދުވެގެން ދެ ޑޮކްޓަރަކު އެކަން އިތުރަށް ބަލައި، ކަށަވަރު ކުރުމަށް ފަހު އެކަމަށް ލަފާ ދިނުމެވެ.

ތިން ވަނަ މަރުހަލާ އަކީ އައިޖީއެމްއެޗްގެ ޚާއްސަ ޑިޕާޓްމެންޓްގެ ލަފައަށް ބިނާކޮށް، ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން ވެސް އެކަން އިތުރަށް ބަލައި، އެކަމަށް ހުއްދަ ދިނުމެވެ. ހަތަރު ވަނަ މަރުހަލާއަކީ މެޑިކަލް ބޯޑުން ދޭ ލަފައަށް ބިނާކޮށް، ގައިދީ ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ކޮމިޝަނާ އޮފް ޕްރިޒަންސް ދިނުމެވެ.

ގައިދީއަކު ރާއްޖޭން ބޭރަށް ފޮނުވަން ހުއްދަ ދެނީ މި ދެންނެވި މަރުހަލާތައް ފުރިހަމަ ކުރުމަށް ފަހު އެވެ. އޭގެ މަގްސަދަކީ ގައިދީ އަށް ދިމާވާ ސިއްހީ މައްސަލައަކީ ހަމަ ހަގީގަތުގައި ވެސް ރާއްޖޭން ބޭރުން ފަރުވާ ކުރަންޖެހޭ ކަމެއްތޯ އާއި އެކަމަށް ރާއްޖޭން ފަރުވާ ކުރެވެން ނެތްކަން ކަށަވަރު ކުރުމަށެވެ.

އެކަމަކު އަދީބުގެ މައްސަލައިގައި މިހާތަނަށް ފުރިހަމަ ކުރީ މި ދެންނެވި މަރުހަލާތަކުގެ ތެރެއިން ފުރަތަމަ މަރުހަލާ އެކަންޏެވެ. އަދީބު ބޭރަށް ގެންދަން ޑޮކްޓަރަކު ލަފާ ދިނުމުން، ގަވާއިދުގައި ބުނާ ގޮތަށް އެކަން އިތުރަށް ކަށަވަރު ކުރުމަށް އައިޖީއެމްއެޗްގެ ކަމާ ބެހޭ ޚާއްސަ ޑިޕާޓްމެންޓަށް ހުށަހަޅާފައެއް ނެތެވެ. އަދި ކަރެކްޝަންސްގެ މެޑިކަލް ބޯޑަށް ހުށަހަޅައި، އެ ބޯޑުގެ ލަފާގެ މަތިން ކޮމިޝަނާ އޮފް ޕްރިޒަންސްގެ ހުއްދަ ވެސް ހޯދާފައެއް ނެތެވެ. ދައުލަތުން ކޯޓުގައި ދައްކަނީ އެ ސަބަބެވެ. ގައިދީން ބޭރަށް ފޮނުވުމުގައި ފުރިހަމަ ކުރަންޖެހޭ އިޖްރާއާތު އަދީބުގެ މައްސަލައިގައި ފުރިހަމަ ނުވާ ކަމަށާއި މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ދައްކަނީ މި ސަބަބެވެ.

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އަދީބަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދެއްގައި ހުރި މީހެއް ކަމެވެ. އޭނާ ޑޮކްޓަރަށް ދެއްކުމާއި ބޭސް ފަރުވާގެ ހުރިހާ ކަމެއް ބަލަހައްޓަނީ ވެސް ސަރުކާރުންނެވެ. އެހެން ވީއިރު، އަދީބު ބޭރަށް ގެންދަން ޑޮކްޓަރު ލަފާ ދިނުމުން، ގަވާއިދުގައި ބުނާ ގޮތަށް އެކަން އިތުރަށް ކަށަވަރު ކުރަން އައިޖީއެމްއެޗްގެ ކަމާބެހޭ ޚާއްސަ ޑިޕާޓްމެންޓަށް ހުށަހެޅުމާއި އޭގެ ފަހުގައި ދެން ހުރި މަރުހަލާތައް ފުރިހަމަ ކުރުމަކީ އަދީބުގެ ޒިންމާއެއް ތޯ ސަރުކާރުގެ ޒިންމާއެއްތޯ ސުވާލު އުފެދެ އެވެ.

އަދީބުގެ ފަރާތުން ވެސް ކޯޓަށް ހުށަހެޅި ޖަވާބަކީ އެއީ އެވެ. އަދީބުގެ ފަރާތުން ހުށަހެޅި ޖަވާބުގައި ބުނެފައިވާ ގޮތުގައި ޑޮކްޓަރު ދޭ ލިޔުންތައް ވެސް އަދީބަށް އަދި އޭނާގެ އާއިލާއަކަށް ވެސް ނުލިބެ އެވެ. އެހެންވެ، ގައިދީން ބޭރަށް ފޮނުވުމާ ބެހޭ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖްރާއާތު އަދީބުގެ މައްސަލައިގައި ފުރިހަމަ ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް އަދީބުގެ ފަރާތުން ބުނެފައިވެ އެވެ.

ކިތަންމެ ބޮޑު ކުށްތަކެއް ސާބިތުވެފައި އޮތަސް، އެކަށީގެންވާ ބޭސް ފަރުވާ ލިބުމަކީ ކޮންމެ މީހެއްގެ ވެސް ހައްގެކެވެ. ކަނޑައެޅިފައި ހުންނަ އުސޫލުތަކުގެ ދަށުން އެއީ ދައުލަތުން އަދާކުރަން ޖެހޭ ޒިންމާއެކެވެ. އެހެންވެ، އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަކީ ރާއްޖޭން ފަރުވާ ކުރެވެން ނެތް ކަންތައްތަކެއް ކަމަށްވާ ނަމަ، އެކަމަށް އޮންނަ އުސޫލުތަކުގެ ދަށުން އެ ފުރުސަތު އޭނާ އަށް ވެސް ފަހިކޮށް ދޭން އެބަޖެހެ އެވެ.