ޑރ. ޝިފާން: ފުން ލޯތްބަކާއެކު ދިވެހިންނަށް ހާއްސަ

މީގެ 10 އަހަރު ކުރި އެވެ. ޑރ. މުހައްމަދު ޝިފާނަށް ފެނިވަޑައިގަތީ ހިތް ދަތި މަންޒަރެކެވެ؛ އުމުރުން ދުވަސްވީ އަންހެނަކު، ކޮތަޅަކަށް ބޭސްފުޅިއެއް ލައިގެން އައިޖީއެމްއެޗުގެ އެއް ކޮޓަރިން އަނެއް ކޮޓަރި އަށް ވަންނަނީ އެވެ. މޫނުމަތިން ފެނުނީ މާޔޫސްކަމާއި ގޮތް ހުސްވެފައިވާ ތަނެވެ. އެތައް އިރެއްވީއިރު ވެސް އެ އަންހެން މީހާ ބޭނުންވެގެން އުޅުނު ފަރުވާއެއް ނުލިބުނެ އެވެ.


އޮޕަރޭޝަން ޑޮކްޓަރެއްގެ ގޮތުގައި އެ ދުވަހު އޯޕީޑީގައި އިންނެވި ޝިފާން، އަންހެންމީހާގެ ގާތަށް ވަޑައިގަތީ، އެ ހާލަށް ހަމްދަރުދީވެގެންނެވެ. މައުލޫމާތު އޮޅުންފިލުއްވިއިރު، އަންހެން މީހާ ކޮޅުކޮޅަށް ދުވެ ނެގީ، އަތުގައި އޮތް ބޭސްފުޅި ބޭނުންކުރާނެ ގޮތެއް ނޭނގިގެންނެވެ. އެ ބޭސްފުޅި ހިފައިގެން ދާންވީ ކޮން ކަހަލަ ޑޮކްޓަރެއްގެ ގާތަށް ކަމެއް ވެސް އަންހެން މީހާ އަށް އެނގިފައެއް ނެތެވެ. ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ އެ މީހާ، އަތުގައި ގެންގުޅުނު ބޭސްފުޅިއަކީ، ޝިފާން، 43، ވިދާޅުވި ގޮތުގައި، އެގޮތަށް އަތުގައި ގެންގުޅެވޭނެ އެއްޗެއް ވެސް ނޫނެވެ.

އާސަންދައިގެ ފަރުވާ ވެސް ނުފަށާއިރު، އަގުބޮޑުކޮށް ގަނެގެން އުޅުނު އެ ބޭސްފުޅި، އޭރު އޮތީ ހަލާކުވެފަ އެވެ. އެހެންވެ، އެ ދުވަހު އަންހެން މީހާ ގެއަށް ދާން ޖެހުނީ މާޔޫސްވެ ހުރެ އެވެ. ކެންސަރުގެ ފަރުވާ އަށް ހާއްސަ ދިވެހި ޑޮކްޓަރަކު ހުންނަން ޖެހޭކަން ޝިފާނަށް ވިސްނިވަޑައިގަތީ އެ ދުވަހެވެ. އެ އަޒުމާ އެކު މަސައްކަތް ކުރައްވައި، މިއަދު އޭނާ އަކީ ދިވެހި ފުރަތަމަ އޮންކޯ ސާޖަން ނުވަތަ ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑޮކްޓަރެވެ.

އޭނާ މިހާރު ވަނީ، އައިޖީއެމްއެޗުގައި އަލަށް ހުޅުވި، ނެޝަނަލް ކެންސާ ސެންޓަރުގައި ޚިދުމަތް ފައްޓަވައިފަ އެވެ. ހިތްޕުޅުގައި ދިވެހިންނަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.

"ކެންސަރު ބަލީގައި މީހުން ތަހައްމަލްކުރި އުނދަގޫ ވަރަށް ގާތުން ފެނުނު. އަޅުގަނޑަށް ގަބޫލުކުރެވުނީ ކެންސަރުގެ ފަރުވާ ވެސް އެންމެ ރަނގަޅަށް ދާނީ ދިވެއްސަކު އުޅެގެންނޭ. އެހެން ގައުމެއްގެ ބަޔަކަށް ވުރެ ދިވެހިންނަށް ހިތްހަމަޖެހުން އޮތީ ދިވެހިންތަކެއް ތިބެގެންނޭ، މި ދާއިރާ އަށް އަޅުގަނޑު ހާއްސަވި ސަބަބަކީ އެއީ،" ޝިފާން ވިދާޅުވި އެވެ.

އައިޖީއެމްއެޗް: ކެންސަރުގެ ފަރުވާ އަށް ހާއްސަ ސެންޓަރެއް އެ ހޮސްޕިޓަލުގައި ވަނީ ހުޅުވާފައި. --. ފޮޓޯ:ނިޝާން އަލީ/މިހާރު

ކްލިނިކަލް އެސިސްޓެންޓެއްގެ ގޮތުގައި މީގެ 23 އަހަރު ކުރިން، އައިޖީއެމްއެޗާ ގުޅިވަޑައިގެންނެވި ޝިފާން، ސުޕަ ސްޕެޝަލިސްޓަކަށް ވާން، ސްރީ ލަންކާ އަށް ފުރާވަޑައިގެންނެވިއިރު ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ، ސާޖަރީ ޑިޕާޓްމެންޓުގަ އެވެ.

ހާލަތު ދެނެގަތުން، ފުރަތަމަ ކަންތައް

ކެންސަރު ބަލީގެ މީހުން ތަހައްމަލްކުރަން ޖެހެނީ ހިތަށް ގެންނަން ވެސް ފަސޭހަ ތަކުލީފްތަކެއް ނޫނެވެ؛ އެއީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ވެސް ވޭން ހުރި ކަމެކެވެ. މި ވޭން އެތައް ގުނައެއް ބޮޑުވަނީ، އެކަށީގެންވާ ފަރުވާ ރާއްޖެއިން ލިބެން ނެތުމުންނެވެ. ވަރަށް ފަހަކާ ޖެހެންދެން ވެސް ރާއްޖޭގައި، ކެންސަރަށް ހާއްސަ ޑޮކްޓަރެއް ނުހުރެ އެވެ. ކީމޯތެރަޕީއެއް ނުދެވެ އެވެ. އެހެންވެ، ކެންސަރުގެ ފަރުވާ ހޯދަން ޖެހެނީ ބޭރު ގައުމުތަކުންނެވެ. އެކަމަކު ހާލަތު ބަދަލުވެ، ކެންސަރަށް ހާއްސަ ޑޮކްޓަރުން ތިބިއިރު، ކީމޯތެރަޕީ ވެސް ރާއްޖޭގައި މިހާރު ދެ އެވެ.

ކޮންމެ ކެންސަރެއްގެ ވެސް ފަރުވާގައި ވަރަށް ގިނަ ބައިތަކެއް ހިމެނެ އެވެ. ކީމޯތެރަޕީއެއް ދީފައި ނިންމާލެވޭނީ، ޝިފާން ވިދާޅުވި ގޮތުގައި، މިސާލަކަށް ލޭގެ ކެންސަރަށެވެ. އެކަމަކު ކެންސަރުގެ ގިނަ ޓިއުމަރުތައް ފަރުވާއެއްގެ ގޮތުން ރޭޑިއޭޝަނާއި ކީމޯތެރަޕީގެ އިތުރުން އޮޕަރޭޝަން ވެސް ކުރަންޖެހެ އެވެ. ކެންސަރަށް ފުރިހަމައަށް ފަރުވާކުރެވޭނީ، މި ތިން ބައި ވެސް އެކުލެވިގެން ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ގިނަ ކެންސަރުތަކުގައި ފުރަތަމަ އޮޕަރޭޝަން ކުރަން ޖެހެނީ. އޭގެ ފަހުން ކީމޯ، ރޭޑިއޭޝަން ދޭން ޖެހޭނީ،" ޝިފާން ވިދާޅުވި އެވެ.

ކެންސަރުގެ ފަރުވާ ކުރިއަރުވަން ފިޔަވަޅުތަކެއް އަޅަން ބަލާއިރު، މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކެންސަރު ޖެހޭ މީހުންގެ ނިސްބަތާއި ތަފްސީލުތައް އެނގޭނެ ފަދަ ރަޖިސްޓްރީއެއް އެކުލަވާލާފައި ނެތުމެވެ. ކެންސާ ސޮސައިޓީ އާއި ސަރުކާރުގެ އެކި އިދާރާތަކަށް ލިބޭ ހިސާބުން، ރާއްޖޭގެ ކެންސަރުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ ކަމަށް ދެއްކި ނަމަވެސް، އެ ހިސާބުތަކަށް މުޅިން ބަރޯސާވާން އުނދަގޫވާނެ އެވެ.

އެހެންވެ، ކެންސަރުގެ ފަރުވާގެ ޑިޕާޓްމަންޓުން މިހާރު ކުރަން ފަށާފައިވާ އެއް ކަމަކީ ކެންސަރާ ބެހޭ ހުރިހާ ހިސާބުތަކެއް އެނަލައިޒްކޮށް، ރަޖިސްޓްރީއެއް އެކުލަވާލުމެވެ.

"ކެންސަރުގެ ކިތައް ބަލި މީހުންތޯ ދުވާލަކު އޯޕީޑީ އަށް އަންނަނީ. ކީމޯތެރަޕީ އަށް އަންނަ، އޮޕަރޭޓް ކުރެވޭ އެންމެންގެ ވެސް ތަފްސީލުތައް އެނގިގެން އެނަލައިޒްކުރެވިގެން ސީދާ އަދަދެއް އެނގޭނީ،" ޝިފާން ވިދާޅުވި އެވެ.

އެއާއެކު ރާއްޖޭގައި އެންމެ ގިނައީ ކެންސަރުގެ ކޮން ވައްތަރުތަކެއްތޯ އާއި، އެންމެ ގިނައިން ކެންސަރު ޖެހެނީ ރާއްޖޭގެ ކޮން ސަރަހައްދުތަކަކުން ކަން ދެނެގަތުމަށް ވެސް ރަޖިސްޓްރީއެއް މުހިއްމު ކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުރިއެރުންތަކެއް، އޮޕަރޭޝަންތަކަށް ތައްޔާރު

ޝިފާން ވިދާޅުވި ގޮތުގައި، ކުރިއާ އަޅާބަލާއިރު، ސިއްހީ ހިދުމަތްތަކުގެ ފެންވަރު އައިޖީއެމްއެޗުގައި ވެސް ވަނީ ވަރަށް ބޮޑަށް ކުރިއަރައިފަ އެވެ. ކެންސަރުގެ ފަރުވާ ވެސް އޭގެތެރޭގައި ހިމެނޭކަން ފާހަގަކުރައްވަމުން ވިދާޅުވީ، ކެންސަރު ޖެހުމުން ދައްކާނީ ކޮން ޑޮކްޓަރަކަށް ކަން ނުވަތަ އޭގެ ފަރުވާއަކީ ކޮބައިކަން ކުރިން ނޭނގުނަސް އެ ހާލާތު މިހާރު ބަދަލުވެފައިވާ ކަމަށެވެ.

ފުރަތަމަ ދިވެހި އޮންކޯސާޖަން ޝިފާން "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ކެންސަރުގެ ފަރުވާ އަށް ވަކި ސެންޓަރެއް ވެސް އައިޖީއެމްއެޗުގައި މިހާރު ވަނީ ގާއިމްކޮށްފަ އެވެ. އެތަނުގައި އޮންކޮލޮޖިސްޓަކާއި ފަރުވާ އަށް ހާއްސަ ނަރުހުން ވެސް އެބަތިބެވެ. އުފާވެރި ހަބަރަކީ، އެ ޑިޕާޓްމަންޓަށް ހާއްސަކޮށް ދިވެހިންތަކެއް މިހާރު އަންނަނީ ތަމްރީނު ވަމުންނެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ވެސް ހިމެނޭނެ އެވެ.

އެ ސެންޓަރުގައި ޑރ. ޝިފާންގެ ޒިންމާބޮޑެވެ. އެކަމަށް އޭނާ ތައްޔާރެވެ.

ރާއްޖޭގައި ކުރިން ނުކުރެވޭ ކެންސަރުގެ ގިނަ އޮޕަރޭޝަންތަކެއް އައިޖީއެމްއެޗުގައި ކުރަން މިހާރު ވަނީ އަމާޒު ހިފައިފަ އެވެ. އެކަމަށް ބޭނުންވާ، ވަސީލަތްތައް ވެސް އެބަހުރި ކަމަށް ޝިފާން ވިދާޅުވި އެވެ.

ސުޕަ ސްޕެޝަލައިޒް ނުވާއިރު ވެސް، އުރަމައްޗާއި ތައިރޮއިޑާއި ގޮހޮރުގެ ކެންސަރުގެ އޮޕަރޭޝަންތައް ޑރ. ޝިފާން ވަނީ ކުރައްވައިފަ އެވެ.

"ރޭޑިއޭޝަން ނޫން ކެންސަރުގެ ހުރިހާ ފަރުވާތަކެއް ވެސް އަޅުގަނޑުމެންނަށް މި ހޮސްޕިޓަލުގައި މިހާރު ދެވޭނެ،" ޝިފާން ވިދާޅުވި އެވެ.

ޝިފާންގެ އުއްމީދަކީ ރޭޑިއޭޝަން ވެސް ދެވޭ ވަރަށް ހޮސްޕިޓަލުގެ ފަރުވާ ކުރިއެރުމެވެ. އެތަނުގެ ވިސްނުން ހުރީ ވެސް އެ ފެންވަރަށް ކެންސަރުގެ ޚިދުމަތް ފުޅާކުރުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

ރޭޑިއޭޝަންގެ ފަރުވާ އަކީ ނިއުކްލިއަ މެޑިސިންއާ ގުޅިފައިވާ ކަމަކަށްވާތީ، ފުރިހަމަ ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް ޝިފާން ވިދާޅުވި އެވެ.

"އެއީވެސް ނުވާނެ ކަމެއް ނޫން. ރާއްޖޭގައި ނިއުކްލިއަ މެޑިސިންގެ އެއްވެސް ތަނެއް ނެތުނީމަ ޖެހޭނީ އިންޓަނޭޝަނަލް އެޓޮމިކް އެޖެންސީއާ ގުޅިގެން އެ ބޭފުޅުންގެ ލަފައާއެކު ކަންތައްތަކެއް ކުރަން. މިކަމުގައި ވެސް އަޅުގަނޑުމެން ވަރަށް އަވަހަށް ލިޔާނަން،" ޝިފާން ވިދާޅުވި އެވެ.

ފުރިހަމަ ފަރުވާ: އެންމެ ބޮޑު ހިތްހަމަޖެހުން

ކެންސަރު ބަލީގެ ގިނަ ފަރުވާތަކެއް ރާއްޖެ އިން ލިބެން ހުއްޓަސް ރާއްޖެ އިން ބޭރަށް ނުގޮސް މިކަން އަދި ފަރުޖައްސާލެވޭކަށް ނެތެވެ. އެކަމަކު އައިޖީއެމްއެޗުގެ މެނޭޖްމެންޓުގެ ވިސްނުން ހުރި ގޮތުން، މި ތަކުލީފަށް ނިމުން އަންނަން މާގިނަ ދުވަހެއް ނެތް ކަމުގެ ޔަގީންކަން ޝިފާން ދެއްވަ އެވެ.

"އަޅުގަނޑުމެންނަކީ އަދި ފުރިހަމަ ބައެއް ނޫން، ގަބޫލުކުރަން އެކަންތައް. އެކަމަކު އެންމެންނަށް ފަސޭހަ، ލުއިތަކެއް ހޯދައިދިނުމުގެ އަމާޒުގައި އަޅުގަނޑުމެން މި މަސައްކަތް ކުރަނީ،" ޝިފާން ވިދާޅުވި އެވެ.

"އަޅުގަނޑަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަދި ދެކެން އެންމެ ބޭނުންވާ ދުވަހަކީ ވެސް ކެންސަރުގެ ހުރިހާ ފަރުވާއެއް ރާއްޖެއިން ދެވި، އެއްވެސް މީހަކު ބޭރަށް ދާން ނުޖެހި ޝިފާ ލިބިގެންދާތަން ފެނުން."

ދުފުމާއި ސިނގިރެޓް ބުއިމުގެ އިތުރުން ވެސް ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރީ ކެންސަރު ފަދަ ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާ ގޮތަށް ކަން ފާހަގަކުރައްވައި ޝިފާން ވިދާޅުވީ އެއީ އިތުރަށް ވިސްނައި ރަނގަޅަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ފަރުވާތެރިކަމާ އެކު ފަރުވާ ފުރިހަމަކޮށްފި ނަމަ ގިނަ ކެންސަރުތައް ރަނގަޅު ކުރެވެ އެވެ. އެކަމަކު މުހިއްމީ، ޝިފާން ފާހަގަކުރެއްވި ގޮތުގައި، ދުރާލައި ދެނެގަނެ ފަރުވާ ފެށުމެވެ. ކެންސަރު ޖެހިފައި ހުންނަ ކަން ނޭނގި ގިނަ ދުވަސްވެ، އެންމެ ފަހު ސްޓޭޖަށް ދިއުމަކީ ރަނގަޅުވާން އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާންގެ ނަސޭހަތް ގަބޫލުކުރާށެވެ؛ އޭނާ އެ ހުންނެވީ ދިވެހިންނަށްޓަކައި ހުސްވެގެންނެވެ.