ލ. އިސްދޫގައި ފޮގުކުރަނީ: އެ ރަށުގައި ޑެންގީ ހުން ފެތުރުން އަދިވެސް ހުއްޓުމަކަށް ނާދޭ
18 ޖުލައި 2016 - 07:08
ކޮންމެ އަހަރެއްގެ މި ދުވަސްވަރާ ދިމާކޮށް ޑެންގީ ހުން ފެތުރޭކަން މިހާރު އެންމެންނަށް ވެސް އެނގެ އެވެ. ރައްކާތެރިވާން އަޅަންވީ ފިޔަވަޅާއި ރައްކާތެރިވާން ޖެހޭ ގޮތް ވެސް ގިނަ މީހުންނަށް އެނގެ އެވެ. އެކަމަކު ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު ކޮންމެ އަހަރަކު ވެސް އިތުރުވަމުން އަންނައިރު، ހުމުގެ ބިރުވެރިކަން ވެސް ދަނީ ބޮޑުވަމުންނެވެ.
މިދިޔަ އަހަރު ވެސް ޑެންގީގެ ހާލަތު ވަރަށް ގޯސްވި އެވެ. ޑެންގީ ހުން ޖައްސާ އީޑީސް މަދިރި އާލާވާ ގޮތަށް ބަލާއިރު މިދިޔަ އަހަރަކީ އެންމެ ބޮޑަށް އެ ހުން ފެތުރުނު އެއް އަހަރެވެ. ހުން ޖެހިގެން މިދިޔަ އަހަރު 1،800 އަށް ވުރެ ގިނަ މީހުން ރިޕޯޓު ކުރި އިރު ހަ މީހަކު މަރުވި އެވެ.
ޑެންގީން ރައްކާތެރިވުމަށް ރަށުތެރެ ސާފުކުރަނީ: ބައެއް ރަށްރަށުގައި ހުން އަދިވެސް ކޮންޓްރޯލެއް ނުކުރެވޭ
މިދިޔަ އަހަރާ އަޅާބަލާއިރު ހުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު މިއަހަރު ވަކި މަދެއް ނޫނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނާގޮތުގައި މި އަހަރުގެ މިހާތަނަށް 1،300 މީހުންނަށް ޑެންގީ ޖެހިގެން ވަނީ ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭން ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.
ޑެންގީގެ ހާލަތު އަދިވެސް ރަނގަޅު ނުވާތީ މި ބަލި ޖެހިގެން ރިޕޯޓު ކުރާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ޑެންގީ ޖެހިގެން އެންމެ ގިނަ މީހުން ރިޕޯޓުކޮށްފައި ވަނީ ހއ. އިހަވަންދު އާއި ލ. އިސްދޫންނެވެ. ދެން މާލެ އާއި ހުޅުމާލޭންނެވެ.
ޑެންގީ ޖެހިގެން ރިޕޯޓު ކުރާ މީހުންގެ އަދަދު އިހަވަންދޫގައި އިތުރުވަމުން ދާ ނިސްބަތުން އެ ރަށު ރައްޔިތުން ތިބީ ވަރަށް ކަންބޮޑުވެފަ އެވެ. މިދިޔަ އޭޕްރީލް މަހުން ފެށިގެން ފެތުރެމުން އައި އެ ހުން ޖެހިގެން މި މަހުގެ މިހާތަނަށް 35 މީހުން ވަނީ ރިޕޯޓުކޮށްފަ އެވެ. ބައެއް ދުވަސް ދުވަހު ފަސް ހައެއްކަ މީހުން ވެސް އެ ހުމުގައި އެޑްމިޓު ކުރެ އެވެ.
އިހަވަންދޫ ސިިއްހީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތު ވޯކަރު ހުސެން ފަޔާޒު ވިދާޅުވީ ވޭތުވެ ދިޔަ ދެތިން ދުވަހު އެ ނިސްބަތް ތަންކޮޅެއް މަދުވެފައިވާ ކަމަށެވެ.
ދ. އަތޮޅުގެ ހޮސްޕިޓަލްގެ މުވައްޒަފުން ޑެންގީ މަދުކުރުމުގެ ކެމްޕެއިންގެ ތެރެއިން ތަންތަން ސާފުކުރަނީ --ފޮޓޯ:ހެލްތް މިނިސްޓްރީ
"ވޭތުވެ ދިޔަ ދެތިން ދުވަހު ޑެންގީއަށް ޕޮޒިޓިވްވި މީހުންގެ ނިސްބަތް ތަންކޮޅެއް މަދު. އެކަމަކު ވިއްސާރަވެ، މަދިރި އުފެދޭނެ ފުރުސަތު އޮތުމުން އެ ނިސްބަތް އަނެއްކާވެސް މަތިވާނެ ކަމަށް ބެލެވެނީ،" ފަޔާޒު ވިދާޅުވި އެވެ.
އިހަވަންދޫގެ ހާލަތު ގޯސްވުމުން ހެލްތު މިނިސްޓްރީގެ ޓީމެއް އެ ރަށަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި އިތުރު ޑޮކްޓަރުންނާއި ލެބޯޓަރީ ޓެކްނީޝަނުން ވެސް ސިއްހީ މަރުކަޒުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އިސްދޫ ކައުންސިލުން ބުނިގޮތުގައި ޑެންގީ ޖެހިގެން އެ ރަށުން ރިޕޯޓު ކުރާ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުންނެވެ. އެ ހުން ޖެހިގެން އެ ރަށު ކުޑަކުއްޖަކު މަަރުވެފައިވާ އިރު އިތުރު ކުއްޖެއްގެ ހާލު ސީރިއަސް ވެގެން އިތުރު ފަރުވާ ދޭން މިހާރު ވަނީ މާލެ ގެނެސްފަ އެވެ.
އިސްދޫ ކައުންސިލް މެމްބަރު މުހައްމަދު ލުތުފީ ވިދާޅުވީ އެ ރަށުގައި ޑެންގީގެ ހާލަތަށް އަދި އެއްވެސް ބަދަލެއްް ނާންނަ ކަމަށާއި މިހާރު ވެސް ކޮންމެ ދުވަހަކު ދެތިން މީހަކު އެ ބަލީގައި ރިޕޯޓު ކުރާ ކަމަށެވެ.
އިސްދޫގައި ޑެންގީ ޖެހޭ ގިނަ މީހުން ގެންދަނީ ލ. ގަމުގައި ހުންނަ އެ އަތޮޅު ރީޖަނަލް ހޮސްޕިޓަލަށެވެ.
ލަތީފް ވިދާޅުވީ މިހާތަނަށް 13 މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށެވެ.
ކައުންސިލުން ބުނީ ޑެންގީގެ ސަބަބުން ރައްޔިތުން ތިބީ ކަންބޮޑުވުމެއްގައި ކަމަށެވެ.
"މި ރަށުގެ ސިއްހީ މަރުކަޒުގެ ހާލަތު ދަށްވުމުގެ ސަބަބުން އެތަނުގައި ބާއްވައިގެން ވެސް ފަރުވާ ދެވޭކަށް ނެތް. އެކަމަކު ހުން ކޮންޓްރޯލް ކުރުމަށް އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތެއް މިދަނީ ކުރަމުން،" ލަތީފު ވިދާޅުވި އެވެ.
ބ. ތުޅާދޫގައި އުޅޭ ބިދޭސީންތަކަކަށް ޑެންގީއާ ބެހޭ މައުލޫމާތު ދެނީ: ޑެންގީ އަދިވެސް ކޮންޓްރޯލެއް ނުވޭ
ޑެންގީ ހުން ފެތުރުމުގެ ކުރިން މި އަހަރު ކުރީކޮޅު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ގޮތުގައި ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާ ކުރެވިއްޖެ ނަމަ ޑެންގީ ހުން ޖެހިގެން އެއްވެސް މީހަކު މަރުވިޔަ ނުދީ ސަލާމަތް ކުރެވިދާނެ އެވެ. އެކަމަކު މި އަހަރުގެ މިހާތަނަށް މި ހުމުގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.
އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ ޑެންގީ ކޮންޓްރޯލް ކުރުމަށް ކުރިއްސުރެ އެތަނުން ވަނީ ތައްޔާރުވެފައި ކަމަށެވެ. މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރިޔާލާ ފެށި އެވެ. އެކަމަކު ރޯދަ މަހާ ގުޅިގެން އެ މަސައްކަތަށް ހުރަސް އެޅުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑެންގީއަކީ ކޮންމެ އަހަރަކު ވެސް ފެތުރޭ ހުމެއް. އަޅުގަނޑުމެންނަށް ހުން މުޅިން ކޮންޓްރޯލް ނުކުރެވުނު ނަމަވެސް ބަލި ޖެހޭ މީހުންގެ އަދަދު މަދު ކުރުމަށް މަސައްކަތް ކުރެވޭނެ. އެފަދަ ގިނަ މަސައްކަތްތަކެއް މި އަހަރު ވެސް ކުރިން. އެކަމަކު ރޯދަ މަސް އައުމުން، އެހާ ރަނގަޅަކަށް އެކަމެއް ކުރިއަކަށް ނުދިިޔަ،" އޮފިޝަލް ވިދާޅުވި އެވެ.
ފުރާނައަށް ނުރައްކާވާ ޑެންގީ ހުން ކޮންޓްރޯލް ކުރަން އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ ބަލި ޖައްސާ މަދިރި އުފެދުން ހުއްޓުވުމެވެ. އެގޮތުން މަދިރި ބިސް އަޅަން ބޭނުންކުރާ ސާފު ފެން ހަރުލާފައި ހުންނަ ތަންތަން ނައްތާލަން ޖެހެ އެވެ. ސާފު ފެން ހަރުލާފައި ހުންނަ ކޮންމެ އެއްޗަކުން އެ ފެން ހުސްކުރަން ޖެހެ އެވެ.
މި ދުވަސްވަރު ބޯކޮށް ވާރޭ ވެހި، ތަންތަނުގައި ފެން ހަރުލުމަކީ ޑެންގީ ހުން ޖައްސާ މަދިރި އުފެދެން ދިމާވާ މައިގަނޑު ސަބަބެވެ. ރައްކާތެރިވުމުގެ މަސައްކަތުގައި ހުރިހާ އެންމެން ބައިވެރިވެގެން ނޫނީ، ޑެންގީގެ ބިރުވެރިކަމަށް ނިމުމެއް ނުގެނެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީރާ
18 July 2016
ރާއްޖޭގައި ދިރި އުޅުމަކީ ވެސް ބިރުވެރިކެއް. އެއވެސް ރައްކާތެރިކަމެއް ފޯރުކޮއްނުދީ ކުޑަކަޑަ ހިންގާ މީހާ ގެ ފިހާރައަށް މީރާ ވަދެ އޯޑިޓް ކޮއފައި އެބަބުނޭ ބޮޑެތި އަދަދުތަކުން ޓެކުސްދެއްކުމަށާއި ޖޫރީމައިނާ ދައްކަން. މީވަކި ޑެންގީއަށްވުރެ މާސީރިޔަސް މައްސަލަެއް.
ނަގިއްޔާ
18 July 2016
ކޮންމެ އަހަރެއްގެ މިދުވަސްވަރު މިބަލި އިންތިހާއަށް މަތިވާކަން އެގޭ އެކަމަކު ދުރާލާ ތައްޔާރުވެ އަޅަންޖެހޭ ދިފާއީ ފިޔަވަޅެއް ރަގަޅަށް އެޅޭތަނެއް ނުފެނޭ މުބާތާތް ބޯމަތިވީމަ ގައުމީ ޓީމަށް ކޯޗެއް ގެންނަހެން ތެޅިގަންނަތަން މިފެންނަނީ، ދެންކިހިނެތް ވާނީ.