އިދިކޮޅު އިއްތިހާދު: ރުހުމާއި ނުރުހުމުގެ ލޮލަކުން

"ވަތަން އެދޭ ގޮތަށް" ނަމުގައި ކުރީގެ ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރަން ބޮޑު އިއްތިހާދެއް އެކުލަވާލި އެވެ. ޖީއެމްއާރު އަތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ހޯދަން "23 ޑިސެމްބަރު އިއްތިހާދުގެ ނަމުގައި ސިޔާސީ ބޭފުޅުން އެއް ވަލެއްގައި ހިއްޕެވި އެވެ. ރައީސް އަބްދުﷲ ޔާމީން ވެސް ވެރިކަމަށް ވަޑައިގަތީ "ބޮޑު ފަޅި" ނަމުގައި ސިޔާސީ ލީޑަރުން ބައިއަތު ހިއްޕަވައިގެންނެވެ. އެކަމަކު އެ ހުރިހާ އިއްތިހާދެއް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ރޫޅި ދިޔައީ އެވެ.


އިއްތިހާދަކީ މިހާރު ގިނަ ދިވެހިން އިތުބާރު ކުރާ ނަމަކަސް ނުވެ އެވެ. އެކަމަކު ރައީސް ޔާމީން ސަރުކާރާ ދެކޮޅަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ނަމުގައި އިއްތިހާދެއް ހަދައިގެން އަންނަނީ މަސައްކަތްކުރަމުންނެވެ. އަނެއްކާވެސް ސިޔާސީ ބޮޑެތި ހަތުރުން، މިތުރުންނަށް ވީ އެވެ.

ސިޔާސީ ބައެއް މީހުން ދެކޭ ގޮތުގައި މިހާރު އޮތް އިދިކޮޅު އިއްތިހާދަކީ، ކުރީގެ އިއްތިހާދުތަކާ އަޅާބަލާއިރު "މަޑުމޮޅި" ބައެކެވެ. ސިޔާސީ ހަރަކާތްތައް ހިންގަން ސަރުކާރުން އަޅާފައިވާ ހުރަސްތަކާ އެކު އިއްތިހާދަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް އަނެއް ބަޔަކު ދެކެ އެވެ. ސަރުކާރު އެއްކޮޅު މީހުން ގަބޫލުކުރަނީ ސިޔާސީ ހަރަކާތްތައް ހިންގުމުގެ މިނިވަންކަން އޮތް ކަމަށެވެ. ނަމަވެސް މުޒާހަރާކުރަން ހުއްދަ ނުދިނުމާއި ސިޔާސި ޖަލްސާތައް ބާއްވާނެ ތަނެއް ނެތުމާއި ވަރަށް ފަސޭހަކަމާ އެކު އިދިކޮޅު ބައެއް ބޭފުޅުން ހައްޔަރުވެ، ހުކުމްތައް އައިސްފައި ވުން ފަދަ އެތައް ކަމެއް ވަނީ ކުރިމަތިވެފަ އެވެ.

އިދިކޮޅު އިއްތިހާދަށް ތާއީދުކުރާ ބަޔަކު މާލޭގައި ބޭއްވި މުޒާހަރާއެއް ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރަނީ. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ނަންގަވަނީ އަދި އެހެން މައްސަލައެކެވެ. އިދިކޮޅު އިއްތިހާދުގެ އިސް ބައެއް ބޭފުޅުން ރާއްޖޭން ބޭރުގައި ތިއްބަވައިގެން ކުރަައްވާ މަސައްކަތްތަކެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ބޭރުގައި އެގޮތަށް ތިއްބެވުމުގެ މާނައެއް ނެތެވެ.

މޫސާ ވިދާޅުވީ އެއްވެސް ގައުމެއްގައި އެންމެ ރަނގަޅަށް ޑިމޮކްރެޓިކް ވެށި ގާއިމްވެފައި ނެތް ކަމަށެވެ. ޖިނާއީ ތުހުމަތުތަކުގައި ކޮންމެ ވެރިކަމެއްގައި ވެސް މީހުންނަށް ދައުވާކޮށް ޝަރީއަތް ހިންގާ ކަމަށާއި އެއީ ވަކި ސަރުކާރެއް އޮވެގެން ކުރިއަށް ދާ ކަމެއް ނޫން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ކޮންމެ ވެރިކަމެއްގައި ވެސް މީހުންނާ ސުވާލުކޮށް ޖަލަށް ލައި ހަދާފައި އެބަހުރި،" ކުރިން އެމްޑީޕީގައި އިސްކޮށް އުޅުއްވި އެކަމަކު މިހާރު ސަރުކާރު ކޮޅަށް ވާހަކަ ދައްކަވަމުން ގެންދަވާ މޫސަ ވިދާޅުވި އެވެ.

"މާހައުލު ނެތޭ ކިޔާފައި ބޭރުގައި ތިބޭވަރުގެ ކަމެއް ނުފެނޭ. މިއަށް ވުރެ މާ އަނދިރި ދުވަސްވަރު އަޅުގަނޑުމެން ހިޔާލުފާޅުކުރިން ހަމަ ރާއްޖޭގައި ތިބެގެން،" ރައީސް މައުމޫނާ ދެކޮޅަށް ކުރެއްވި މަސައްކަތް ފާހަގަކުރައްވަމުން މޫސަ ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުގެ ލީޑަރުން ވިދާޅުވާ ގޮތުގައި ސަރުކާރާ ދެކޮޅަށް މަސައްކަތްކޮށްގެން ވަންނަން ޖެހެނީ ޖަލަށެވެ. ދައުލަތުގެ ހުރިހާ ބާރުތަކާއި މުއައްސަސާތައް އޮތީ ސަރުކާރުގެ މުށުތެރޭގައި ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.

އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރާއްޖޭގައި ތިއްބަސް، ބޭރުގައި ތިއްބަސް ރާއްޖޭގައި އަދިވެސް ކާމިޔާބު ފޯމިއުލާއަކީ އިއްތިހާދު ކަމަށެވެ. އަދި އިއްތިހާދުގެ ގިނަ ވެރިން ބޭރުގައި ތިއްބަވަން ޖެހެނީ ސިޔާސީ ގޮތުން ވާދަކުރެވޭނެ މާހައުލެއް ރާއްޖޭގައި ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ސިޔާސީ ހަރަކާތް ހިންގަން އިދިކޮޅު އެއްވެސް ލީޑަރަކަށް ފުރުސަތު ދެއްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާނެ. އަޅުގަނޑު ބޭނުން ރައީސް ޔާމީނާ ސިޔާސީ ގޮތުން ވާދަކުރަން،" ޖަމީލް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގައި ޕީޕީއެމްގެ އިސް މެމްބަރެއް ކަމަށްވާ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު، އިދިކޮޅު އިއްތިހާދުގެ ހަރަކާތްތައް ނަންގަވަނި އަދި މުޅިން އެހެން ގޮތަކަށެވެ. އޭނާ ވިދާޅުވާ ގޮތުގައި އިއްތިހާދު ހަދައިގެން އެ އުޅެނީ "ރާއްޖެ ކުރިއަރައި ތަރައްގީވަމުން އަންނާތީ" އެހެން ގައުމުތަކުގެ މަދަދާ އެކު "ބަގާވާތްކޮށް، ޓެރަރިސްޓް ހަމަލާއެއްދީ ވެރިކަން ބަދަލުކުރާ"ށެވެ.

"ބޭރު މީހުންގެ ނިވަލުގައި އައިސް މިތަނުގައި ވެރިކަން ކުރަން މިއުޅެނީ، އެކަމެއް އެމީހުންނަކަށް ނުވާނެ. އެމީހުން ކުރާ ކަމަކުން ސަރުކާރަށް އެއްވެސް ޕްރެޝަރެއް ނާދޭ،" ރިޔާޒް ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުގެ ބައްދަލުވުމެއް ލަންޑަންގައި ކުރިއަށް ދަނީ: އިއްތިހާދުގެ އިސް ބައެއް ބޭފުޅުން ދިރިއުޅުއްވަނީ ވެސް އިނގިރޭސި ވިލާތުގައި

މޫސަ ވިދާޅުވީ "ބޭރުގައި ފިލާ ތިބެގެން" ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަނީ ރައީސް ޔާމީން ސަރުކާރުގެ ތެރޭގައި ކޮންމެވެސް ހިޔާނާތެއް ނުވަތަ ޖަރީމާއެއް ހިންގަވާފައި ތިބި ބޭފުޅުން ކަމަށެވެ. ޖަމީލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުމެން ފަދަ ސިޔާސީ ލީޑަރުން ބޭރުގައި ތިއްބެވީ ރާއްޖޭގެ ނިކަމެތި ރައްޔިތުން ޖިނާއީ ކުށްތަކަށް އަރައިގަންނަން ހިތްވަރު ދެއްވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާޒާއި މޫސަގެ ވާހަކަތަކަށް ޖަމީލް، ބައެއް މިސާލުތައް ނަންގަވަމުން، ރައްދު ދެއްވަ އެވެ.

އޭނާ ވިދާޅުވީ ހަގީގަތެއް ނެތް، ދޮގު ހެއްކެއް ބޭނުންކޮށްގެން، ބައެއް މީހުންނާ ދެކޮޅަށް "މައްސަލައެއް އުފަންކުރުމަކީ" ރައީސް ޔާމީންގެ ފިނޑި އަމަލުތަކުގެ ތެރެއިން ބައެއް ކަމަށެވެ.

ސައްހަ ނޫން ކޯޓު އަމުރެއް ހޯދައިގެން ރައީސް ހައްޔަރުކުރަން ރޭވިކަމުގެ ތުހުމަތު ޖަމީލަށް އަމާޒުވެ، ފުލުހުން އޭނާގެ މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ. އަދި ރާއްޖެ ވަޑައިގަތް ތަހުގީގަށް އެއްބާރުލުން ދެއްވަން އެދި ފުލުހުން ވަނީ އަމުރެއް ވެސް ނެރެފަ އެވެ. އެކަމަކު ޖަމީލު ހުންނެވީ އިނގިރޭސި ވިލާތުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެންނެވެ.

"އިއްތިހާދުގެ ލީޑަރުންތައް މި ގޮވާލަނީ ނުކުންނާށޭ މަގުމައްޗަށް، ހައްޔަރުކޮށްފިއްޔާ ފައިސާ ދޭނަމޭ. އެކަމުގެ ސަބަބުން ގެއްލުން ލިބެނީ އެމްޑީޕީގެ މެމްބަރުންނަށާއި އާންމު ރައްޔިތުންނަށް،" މޫސަ

އިދިކޮޅު އިއްތިހާދަށް ހަތަރު މަސް ވީއިރު، ހޯދުނީ ކޮން ކާމިޔާބީއެއްތޯ، ސަރުކާރަށް ނިސްބަތްވާ މީހުން ސުުވާލުކުރެ އެވެ. ހަމައެކަނި ބަޔާނެއް ނެރެގެން ސަރުކާރު ޕްރެޝަރު ނުކުރެވޭނެ ކަމަށް ވެސް އެ މީހުން ބުނެ އެވެ. އެކަމަކު ސިޔާސީ އެއްވުންތަކާ ގުޅިގެން އެތައް ބަޔަކު ހައްޔަރުކޮށް، ދައުވާ ކުރާ މަންޒަރު ފެނެ އެވެ. އަދި އެއްވުންތަކުގައި ބައިވެރިވާ ބައެއް މީހުންގެ ބަންދުގެ މުއްދަތު ވެސް ވަރަށް ފަސޭހައިިން އިތުރުކޮށްދެ އެވެ.

މޫސަ ވިދާޅުވީ ސިޔާސީ އެއްވުންތަކުގައި ބައިވެރިވެ، ޖިނާއީ ކުށްތަކަށް އަރައިގަނެގެން ޖަލަށް ދާ ކޮންމެ މީހެއްގެ ޒިންމާ ނަގަން ޖެހޭނީ އިދިކޮޅު ހަރަކާތްތައް ލީޑުކުރައްވާ ބޭފުޅުން ކަމަށެވެ.

"އިއްތިހާދުގެ ލީޑަރުންތައް މި ގޮވާލަނީ ނުކުންނާށޭ މަގުމައްޗަށް، ހައްޔަރުކޮށްފިއްޔާ ފައިސާ ދޭނަމޭ. އެކަމުގެ ސަބަބުން ގެއްލުން ލިބެނީ އެމްޑީޕީގެ މެމްބަރުންނަށާއި އާންމު ރައްޔިތުންނަށް،" މޫސަ ވިދާޅުވި އެވެ.

ނަމަވެސް ޖަމީލް ވިދާޅުވީ "ސަލާމަތް ބުއްދީގެ އެއްވެސް މީހަކަށް ހައްގު ބަސް ބުނެފައި" ރައީސް ޔާމީންގެ "ފޮތަށް" ނާރާ ނޫޅެވޭނެ ކަމަށެވެ. އަދި ރައީސް ޔާމީނާ ދެކޮޅަށް ބަސް ބުނާ ކޮންމެ މީހަކަށް ޝަރީއަތް ކުރަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާޒާއި މޫސަ ގަބޫލުކުރައްވާ ގޮތުގައި އިއްތިހާދަށް ސިޔާސީ ހަރަކާތްތައް ކާމިޔާބުވުމުގެ އެއްވެސް ފުރުސަތެއް ނެތެވެ.

"މައުމޫނާ ދެކޮޅަށް ނިކުތީ ހަމަ އެއް ބަޔަކު. ނުކުމެ ވެރިކަން ބަދަލުކުރީ. ރައީސް ޔާމީނާ އެކު ނުކުތީ އެއް ބައެއް. އެކަމަކު ރައީސް ޔާމީނާ އިދިކޮޅަށް މިހާރު ނުކުމެ އުޅޭ ބޭފުޅުންނަށް ކަމެއް ކުރެވިދާނެ ގާބިލްކަމެއް ނެތް،" މޫސަ ވިދާޅުވި އެވެ.

"ރައީސް ނަޝީދު ސަރުކާރު ވައްޓާލިއިރު، އެންމެން ތިބީ މަގުމަތީގައި. މިއަދު އެ ތިބީ ފިލާ."

ރީކޯ މޫސާ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. އިއްތިހާދަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ އެއް ބޭފުޅަކީ މޫސަ. - ފޮޓޯ: މަޖިލިސް

ސަރުކާރާ ދެކޮޅަށް ބޮޑު އިއްތިހާދެއް ނުކުމެ، އަދި ވަކި ކަހަލަ އަމާޒުތަކަކަށް މަސައްކަތް ކުރަން ފެށުމާ އެކު ބައިނަލްއަގްވާމީ އެކި ގައުމުތަކާއި ޖަމާއަތްތަކުގެ ތާއީދު ލިބުނުކަން އިއްތިހާދުގެ ލީޑަރުން ގަބޫލުކުރައްވަ އެވެ.

ޖަމީލް ވިދާޅުވީ ދިވެހިން އަބަދުވެސް ތާއީދުކުރަނީ ގުޅިގެން ކުރާ މަސައްކަތަށް ކަމަށެވެ. އަދި އިއްތިހާދު ކާމިޔާބުވުމާއި ނުވުން ބިނާވެފައި އޮންނާނީ ލީޑަރުންގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް މަގު ފަހިކުރަން ބިރުގަނޭ. މިއަދު ރައީސް ޔާމީނަށް ރާއްޖެ ފެންނަނީ ވަޅެއްގައި އޮތް ބޮކަކަށް ދުނިޔެ ފެންނަ ގޮތަށް،" ޖަމީލް ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދު މަސައްކަތްކުރާ ގޮތާއި ލީޑަރުން ބޭރުގައި ތިއްބެވުން ފަދަ ކަންކަމަށް ސަރުކާރަށް ތާއީދުކުރާ މީހުން ސުވާލުކޮށް، ހަޖޫޖަހަ އެވެ. އެކަމަކު ސަރުކާރާ އިދިކޮޅު ފަރާތްތަކުން މިސާލު ދައްކަނީ، ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ އަދި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފަށް އައި ހުކުމްތަކުންނެވެ. އަދި މުޒާހަރާކުރަން ހުރަސް އެޅޭ ގޮތަށް ގާނޫނަށް ގެނައި ބަދަލާއި ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހުއްޓުވަން ދާދި ފަހުން ހެދި ގާނޫނެވެ. މިއިން އެއްވެސް ކަމެއް ގޯސް ގޮތަކަށް ސަރުކާރަކުން ނުނަގަ އެވެ.