ބްރިޖުގެ މަސައްކަތް ކުރަން ހެދި ޕްލެޓްފޯމުގެ މަތިން ފެބުރުއަރީ 21، 2017، ގައި ހިނގާފައި ހުޅުލެ އަށް ދިޔަ ވާހަކަ "މިހާރު"ގައި ލިއުމުން، އެއް ބަޔަކު އެހީ މިހެންނެވެ؛ ތިއީ މަސައްކަތް ކުރަން އެޅި ކުޑަ ފާލަމެއް ނޫން ހެއްޔެވެ؟ ބްރިޖެއް އެޅޭނީ އަދި ކޮން ދުވަހަކުން ހެއްޔެވެ؟ ތިއީ، ހަގީގަތަކަށް ވާނެ ކަމެއް ހެއްޔެވެ؟
ބްރިޖަކީ ނުވާނެ ކަމެއް ކަމަށް ގަބޫލުކުރި މީހުން މަދެއް ނޫނެވެ؛
އެކަމަކު، އޭގެ ދޮޅު އަހަރު ފަހުން މިދިޔަ ބުރާސްފަތި ދުވަހު، މާލެ އިން ހުޅުލެ އަށް އަޅުގަނޑު ދިޔައީ، މާކަނޑުގައި އަޅާފައިވާ ބްރިޖު މަތިން ހިނގާފަ އެވެ. މާލެ އާއި ހުޅުލެ އޮތީ ބްރިޖުން ގުޅުވާލައިފަ އެވެ.
ބްރިޖުގެ އެންމެ ފަހު މަރުހަލާ ކުރިއަށްދާ ގޮތް، ބަލާލަން ހައުސިން މިނިސްޓްރީން ދިން ފުރުސަތުގައި، ނޫސްވެރިންގެ ދަތުރު ފެށީ، ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރިންނެވެ. އާއްމުންނަށް އަދި ބަންދުކޮށްފައި އޮތަސް އެއީ، މާލޭ ކޮޅުން ބްރިޖަށް އަރާ ސަރަހައްދެވެ. ބްރިޖުގައި އެޅި ފުރަތަމަ ފިޔަވަޅާ އެކު ބަލައިލެވުނީ، ހުޅުލެއާ ވީ ކޮޅަށެވެ. މާލެ އާއި ހުޅުލެއާ ދެމެދު އޮންނަ ގާތްގަނޑަކަށް ދެ ކިލޯ މީޓަރުގެ ރާސްތާ އޮތީ، ގުޅުވާލައި ދެ ރަށް އެއްކޮށްލައިފަ އެވެ.
އެއާއެކު ހިތަށް ސިފަވީ، މާލެ އާއި ހުޅެލެއާ ދެމެދު ކަނޑު ހުރަސްކޮށް ފެރީގައި ކުރަން ޖެހޭ އުނދަގޫ ދަތުރު ފަސޭހަވާނެ މިންވަރެވެ. އުފުލަން ޖެހޭ ތަކުލީފު ކުޑަވެފައި، ވަގުތު ސަލާމަތްވާނެ ކަމުގެ ހިތްހަމަޖެހުމެވެ. އިގްތިސާދީ ގޮތުން އަންނާނެ ކުރިއެރުންތަކެވެ.
އެކަމަކު ބްރިޖުގެ ހުވަފެން ހަގީގަތަކަށް ހަދަން ކުރަން ޖެހުނު މަސައްކަތްތައް އުނދަގޫވެފައި ގޮންޖެހުން ބޮޑެވެ. ރިޔާސީ ވައުދެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނަށް ދެއްކެވި މަންޒަރުތަކަށް ދިރުން ގެންނަން ހަވާލުކުރި، ޗައިނާގެ ސީސީސީސީ އަށް އެކަން ކުރެވުނީ، ހަތަރު އަހަރު ވަންދެން 24 ގަޑިއިރު ހުއްޓާނުލައި މަސައްކަތްކޮށްގެންނެވެ. ބްރިޖުގެ މަސައްކަތުގައި ގާތްގަނޑަކަށް 900 މުވައްޒަފުން ހަރަކާތްތެރިވި އެވެ. މަސައްކަތް ފުރިހަމަކުރުމުގައި ވިސްނުން ބެހެއްޓީ، ސީސީސީސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ބްރިޖަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުމުގެ ރަމްޒު ކަމަށް ދެކިގެންނެވެ.
މާލޭ ކޮޅުގައި ހުރެ ބަލާލުމުން ބްރިޖުގެ މެދު ފެންނަނީ އުސްކޮށެވެ. އެއީ، ބްރިޖުގެ އެންމެ އުސް ތަނބު ފެއްތި ހިސާބެވެ. ބްރިޖުގެ މައި ހަތް ތަނބު ހުންނައިރު، އެންމެ އުނދަގޫ މަސައްކަތަކަށްވީ، އެ ތަނބުތަކުގައި ޖަހާފައިވާ ބިޔަ 35 ހޮޅި ކަނޑު އަޑި އަށް ފެއްތުމެވެ. ކޮންމެ ހޮޅިއެއްގެ ޑައިމީޓަރުގައި 10 ފޫޓު ހުރެ އެވެ. މާލެ އާއި ހުޅެލެއާ ދެމެދު އޮންނަ ކަނޑަކީ އޮއިވަރު ގަދަ ހިސާބަކަށް ވާތީ އަޑިއަށް ހޮޅިއެއް ދާއިރު، އޮއި ހުންނަ ގޮތުން އެ ހޮޅި ބެލެންސް ކުރުން ފަދަ ކަންކަމަކީ، ސީސީސީސީން ބުނެފައިވާ ގޮތުގައި، ވަރަށް އުނދަގޫ ކަމެކެވެ.
އެހެންވެ، ކަނޑުގެ އަޑިން ފެށިގެން 100 މީޓަރު ފުނަން ބައެއް ހޮޅިތައް ޖަހަން ޖަރުމަނުގެ ޓެކްނޮލޮޖީ ވެސް ބޭނުން ކުރި އެވެ. ހޮޅިތައް ފައްތައި އޭގެ ތެރޭގައިވާ، ވެލި ނަގައި އެ ހޮޅިތަކުގެ ތެރެއަށް ރެއިންސްފޯސްމަންޓް ޖަހައި، އެ ވަނީ ކޮންކްރީޓް އަޅައިފަ އެވެ. ހަތް ތަނބުގެ މަތީގައި، ވީ އަކުރެއްގެ ސިފާގައި ފެންނަ ކެޕިން ޖެހީ އޭގެ ފަހުންނެވެ.
މާލެ އާއި ހުޅުލޭ ކޮޅުން ބްރިޖް، މައި ކަނޑާ ހަމައަށް ގެންދިޔައީ ކޮންކްރީޓް ޝީޓްތަކުންނެވެ. އެކަމަކު ކަނޑުގައި ޖަހާފައިވާ ބިޔަ ތަނބުތަކުގެ ދެމެދުން ބްރިޖް ގުޅުވާލީ، ޗައިނާގައި ތައްޔާރުކޮށްގެން ގެނައި "ސުޕަސްޓްރަކްޗާ" އިންނެވެ.
ބްރިޖުގެ މަސައްކަތް މުޅިއަކުން އަދި ނުނިމެވެ. މާލޭ ކޮޅުން ފެށިގެން ހުޅުލޭ ކޮޅާ ހަމައަށް މަސައްކަތް ކުރަމުން އަންނައިރު، މިހާރު ތައްޔާރުވަމުން އަންނަނީ ތާރު އެޅުމަށެވެ. ބްރިޖުގެ ސައިޓުން ކުރިން ފެންނަ ބިޔަ މެޝިނަރީޒްތަކާއި ދަގަނޑު ހޮޅިތަކެއް ވެސް މިހާރަކު ނެތެވެ. މާނައަކީ ބްރިޖުގެ އެންމެ އުނދަގޫ، ބުރަ މަސައްކަތްތަކުން ސީސީސީސީ އަތް ދޫކޮށްލައިފި އެވެ.
ބްރިޖު އަޅަން މިހާތަނަށް ކުރަން ޖެހުނު މަސައްކަތަށް ބަލާއިރު، ހަގީގަތުގައި ވެސް ދެން ކުރަން ހުރީ ވަރަށް އާދައިގެ ކަންކަމެވެ.
ހަތަރު ލޭން، ދެ ފަރާތުގައި ބައިސިކަލް ދުއްވޭނެ
ސީސީސީސީން މިހާރު ކުރަމުން އަންނަނީ ބްރިޖުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. މައިގަނޑު މަސައްކަތަކަށް ދެން އޮތީ، ތާރު އެޅުމެވެ. އޭގެ ކުރިން، ބްރިޖުގެ ޑެކު ވަރުގަދަކުރަން ދަގަނޑުން ބޮކްސް ގާޑާތައް ވަނީ ހަދައިފަ އެވެ. ތާރު އަޅާނީ އޭގެ މައްޗަށް ކޮންކްރީޓް ލޭޔާއެއް އެޅުމަށް ފަހު އެވެ.
ބްރިޖުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ އޮފިޝަލުން ވިދާޅުވި ގޮތުގައި ވެހިކަލްތަކަށް ޖުމްލަ ހަތަރު ލޭން އޮންނާނެ އެވެ. އެއީ ހުޅުލޭ ކޮޅަށް ޚާއްސަ ދެ ލޭނާއި މާލޭ ކޮޅަށް ދެ ލޭނެވެ. މާލޭ ކޮޅުގެ ދެ ލޭންގައި، 3.5 މީޓަރު ހުންނައިރު، އަނެއް ދެ ލޭންގައި 3.2 މީޓަރު ހުންނާނެ ކަމަށް ބްރިޖުގެ މަސައްކަތުގައި އުޅުއްވާ އޮފިޝަލުން ވިދާޅުވި އެވެ. އޭގެ އިތުރުން، ދެ ފަރާތުން ބައިސިކަލް ދުއްވޭވަރުގެ ލޭނެއް ވަނީ ހަދައިފަ އެވެ.
އެކަމަކު، އެ ތަނުގައި ބައިސިކަލް ދުއްވާނެތޯ މުޅިއަކުން އަދި ކަށަވަރެއް ނޫނެވެ. އެކަން ނިންމުން ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކަށް އޮތީ ދޫކޮށްލައިފަ އެވެ.
ބްރިޖުގައި ތާރު އަޅައި ނިމުމުން ދެން އޮންނާނީ ލައިޓް ހަރުކުރުމެވެ. ލައިޓް ހަރުކުރަން ޖެހޭ ސަރަހައްދުތައް ވެސް ފާހަގަކޮށް، އެކަމަށް ވެސް މިހާރު ވަނީ ތައްޔާރުވެފަ އެވެ.
ބްރިޖުގެ ޑިޒައިންގައި ވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް ކަމަކީ ސަލާމަތީ ގޮތުން ރައްކާތެރިކަމާ އެކު ދަތުރު ފަސޭހަކޮށްދިނުމެވެ. ސްޕީޑު ބްރޭކަރު ނެތަސް، ބްރިޖު މަތީގައި ތޮއްޖެހުން ކުޑަވާ ގޮތަށް ދުއްވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމުގެ ޔަގީން ކަން ހައުސިން މިނިސްޓްރީން ދެ އެވެ.
20 މިނެޓުގެ ދަތުރު ތިން މިނެޓަށް
ކަނޑު ހުރަސްކޮށް ކުރާ ވިއްސަކަށް މިނެޓުގެ ފެރީ ދަތުރަށް އަންނަ ފަސޭހަ އަމިއްލަ އަށް އިހްސާސް ވާނީ ބްރިޖުން ދަތުރުކޮށްލުމުންނެވެ. ދެން މާ ގިނަ ދުވަހަކު އިންތިޒާރު ކުރާކަށް ވެސް ނުޖެހޭނެ އެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި މޫންލައިޓު ހިނގުމުގައި އިންނަ ބްރިޖު ޖަންކްޝަނުން ފެށިގެން ގަޑިއަކު 50 ކިލޯ މީޓަރުގައި ދުއްވިއަސް ގާތްގަނޑަކަށް ތިން މިނެޓުން ހުޅުލެ އާއި މާލެ ހުރަސްކޮށްލެވޭނެ އެވެ. އެންމެ ލަސްވިއަސް ދަތުރުގެ ދިގުމިން ހަތަރު މިނެޓަށް ވުރެ ލަހެއް ނުވާނެ ކަމުގެ ޔަގީންކަން އޮފިޝަލުން ދެ އެވެ.
"ބްރިޖުގެ ސްޓްރަކްޗާ ޑިޒައިންކުރި އިރު މިއޮތީ ގަޑިއަކު 60 ކިލޯ މީޓަރުގައި ދުއްވާ ގޮތަށް. އެކަމަކު ބްރިޖުގައި ދުއްވާނެ ވަކި ސްޕީޑެއް އެތަން ހުޅެވެން ވާއިރަށް އިއުލާންކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ބްރިޖު ޑިޒައިންކޮށްފައި ވަނީ ވެހިކަލްތަކުގައި ދަތުރުކުރާ ގޮތަށެވެ. ހިނގާފައި ބްރިޖު ހުރަސްކުރާ ގޮތަކަށް ނޫނެވެ.
ދެން އޮތީ، ބްރިޖުގެ ދަތުރަށް ފީ އެއް ކަނޑައެޅުމެވެ. ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ދަތުރަށް އެކަށީގެންވާ އަގެއް ހަމަޖައްސައި ވަރަށް އަވަހަށް އާއްމުކުރާނެ އެވެ.
ސަރުކާރުން ސީސީސީސީއާ އެކު އެއްބަސްވެފައި ވަނީ ސެޕްޓެމްބަރު މަހު ބްރިޖުގެ މަސައްކަތް ނިންމައި ހަވާލުކުރާށެވެ. އެކަމަކު، ޝެޑިއުލަށް ވުރެ މާ އަަވަހަށް މަސައްކަތް ނިންމައި އެ ކުންފުނިން އަމާޒު ހިފާފައި ވަނީ އަންނަ މަހުގެ ތެރޭގައި ހުޅުވުމަށެވެ. މާލެ އާއި ހުޅުމާލޭގައި ވެސް ބްރިޖާ ގުޅިފައިވާ މަގުތައް އެ މުއްދަތަށް ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ބްރިޖުގެ ދަތުރުތަކަށް ޚާއްސަ ބަސް ދަތުރުތައް ފެށުމަކީ ވެސް ހައުސިން މިނިސްޓްރީގެ ވިސްނުމުގައި ހުރި ކަމެކެވެ. އެ ހުރިހާ ތައްޔާރީތަކެއް ވެސް މިހާރު އަންނަނީ ވަމުންނެވެ.
ދެ ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކުލަ ގަދަ ރަސްމިއްޔާތަކުން އަންނަ މަހު ބްރިޖު އާއްމުންނަށް ހުޅުވާލާނެ އެވެ. އެހެންކަމުން، ދެން އޮތީ ގާތްގަނޑަކަށް މަހެއްހާ ދުވަހެވެ.