ރިޕޯޓް / ރިޔާސީ އިންތިޚާބު

ވޯޓަށް ރިޝްވަތު ދިނުމުގެ މައި ދޮރާށި ހުޅުވާފައި!

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގައި ވޯޓު ލީ މީހެއްގެ އިނގިލީގައި ފާހަގަ ޖަހަނީ: ވޯޓު ކަރުދާހުގައި ކުރަހައިފި ނަމަ ވޯޓު ބާތިލްވާ ގޮތަށް ގާނޫނަށް ހުށަހަޅާ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ގެންދަނީ ފެއިލްކުރަމުން.-- ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު

ވޯޓު ހޯދުމުގެ ބޭނުމުގައި ފައިސާ އާއި ހަދިޔާ ދިނުމަކީ ރާއްޖޭގައި އާއްމު ކަމެކެވެ. އެއްޗެއް ދީފައި އެކަން ނިންމާލަނީއެއް ނޫނެވެ. ވޯޓު ގަންނަ ފަރާތަށް އެ ވޯޓު ލިބޭނެކަން ކަށަވަރު ވެސް ކުރެ އެވެ. އެ ޔަގީންކަން ހޯދަން ބޭނުންކުރާ މައިގަނޑު އުކުޅަކީ އެކަން ސާބިތުވާނެ ވަކި ކަހަލަ ފާހަގައެއް ނުވަތަ ނިޝާނެއް ވޯޓު ކަރުދާހުގައި ޖަހަން ޝަރުތުކުރުމެވެ.

ރާއްޖޭގެ އިންތިޚާބުތަކުގައި މިކަން ހިނގާކަން ވޯޓު ގުނާ ވަގުތު ފެނި، ސާބިތުވެ އެވެ. އެކަމަކު ރިޝްވަތާއި ކޮރަޕްޝަންގެ މި އަމަލު ހުއްޓުވުގެ ޝައުގުވެރިކަމެއް ސިޔާސީ މީހުންގެ ނެތެވެ. އޭގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުން ގެންދަނީ މި ބޮޑު މައްސަލަ ހައްލުކުރަން ކުރާ އެންމެ މުހިއްމު މަސައްކަތަށް ހުރަސްއަޅަމުންނެވެ.

ވޯޓު ގަތުން ކުރިއަށް ގެންދިޔުމުގެ ނިޔަތުގައި، ގަސްދުގައި އެ ކަމަށް ދޮރު ހުޅުވާފައި ބަހައްޓަން ސިޔާސީ ފަރާތްތަކުން ބޭނުންވަނީ ހެއްޔެވެ؟

"ވޯޓު ގަތުމަކީ ދިވެހިރާއްޖޭގައި ސީރިއަސް މައްސަލައެކެވެ. އަދި އެ މައްސަލަ ހައްލު ނުކޮށްފި ނަމަ ރާއްޖޭގެ ޑިމޮކްރެޓިކް ޕްރޮސެސް ހީނަރުވުމުގެ ބިރު އެބަ އޮތެވެ."

އަންނަ މަހުގެ 23 ގައި ރިޔާސީ އިންތިޚާބު ބާއްވަން ތައްޔާރުވަމުން އަންނަ އިރު، އިލެކްޝަންސް ކޮމިޝަނުން ބުނާގޮތުގައި ވޯޓު ކަރުދާސްކޮޅުގައި ކުރަހައި، ލިޔެ ހެދިޔަސް ވޯޓު ބާތިލެއް ނުވާނެ އެވެ. ކޮމިޝަނުން ބުނަނީ އެކަމާ ގުޅުވައިގެން ވޯޓު ބާތިލްކުރުން ގާނޫނު ހުއްދަ ނުކުރާ ކަމަށެވެ.

"މި ވަގުތު ގާނޫނު އޮތީ ވޯޓު ކަރުދާހުގައި ވޯޓު ފާހަގައިގެ އިތުރުން އެހެން އެއްޗެއް ލިޔުނަސް ނުވަތަ ކުރެހިޔަސް އެ ވޯޓު ކަރުދާސް ބާތިލްވާނެ ފަދަ ގޮތަކަށް ނޫން. އެހެންވީމާ މީގެ ކުރީގެ އަހަރުތަކުގައި ވެސް އޮތް ގޮތަށް، މި އަހަރު ވެސް [އުސޫލު] އޮންނާނީ،" އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވި އެވެ.

"އެއްވެސް ސިޔާސީ ޕާޓީއަކުން މި ކަމަށް އަމަލީ ސިފައެއް ގެންނާކަށް ބޭނުމެއް ނުވޭ."

ވޯޓު ގަތުން އިންތިހާގައި!

ރާއްޖޭގެ އިންތިޚާބުތަކުގައި ފައިސާ ބޭނުންކުރާ ގޮތް ފުރަތަމަ ފަހަރަށް ދިރާސާކޮށް އިންޓަނެޝަނަލް ފައުންޑޭޝަން ފޮ އިލެކްޓޯރަލް ސިސްޓަމްސް (އައިއެފްއީއެސް) އިން 2014 ވަނަ އަހަރު ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ކޮންމެ ތިން މީހަކުން އެކަކަށް ވުރެ ގިނައިން (37 ޕަސެންޓް)، ވޯޓު ގަނެވިއްކުން ތަޖުރިބާކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސީދާ އެ މީހާގެ ވޯޓު ހޯދަން ފައިސާ އާއި ހަދިޔާގެ ހުށަހެޅުންތައް ލިބިފައިވާ މީހުންނާއި އާއިލާގެ މެމްބަރަކަށް ނުވަތަ އެހެން މީހަކަށް ފައިސާ އާއި ހަދިޔާ ހުށަހެޅި މަންޒަރު އަމިއްލަ ލޮލުން ދެކެފައިވާ މީހުންނެވެ.

ވޯޓު ގަނެވިއްކުމުގެ ތަޖުރިބާތައް ކޮށްފައިވާ މީހުންގެ ނިސްބަތް 37 ޕަސެންޓަށް އަރާ

މިއީ ދުނިޔޭ ނިސްބަތުން ވަރަށް ބޮޑު އަދަދެއްކަން ފާހަގަކޮށް އައިއެފްއީއެސް އިން ބުނެފައިވަނީ "ވޯޓު ގަތުމަކީ ދުނިޔޭގެ ބައެއް ހިސާބުތަކުގައި އާއްމު މައްސަލައަކަށް ވިޔަސް ދިވެހިރާއްޖޭގައި މި ކަން ގޮސްފައި އޮތީ ހައިރާންވާހާ މަތީ ދަރަޖައަކަށް" ކަމަށެވެ.

ވޯޓު ގަނެވިއްކުމުގެ ތަޖުރިބާތައް ކޮށްފައިވާ މީހުންގެ 82 ޕަސެންޓް ބުނެފައިވާ ގޮތުގައި ރިޝްވަތުގެ ގޮތުގައި ހުށަހަޅާފައި ވަނީ ނަގުދު ފައިސާ އެވެ. އަދި އޭގެ ތެރެއިން 53 ޕަސެންޓް މީހުން ބުނެފައި ވަނީ 4،000 ރުފިޔާ އާއި 20،000 ރުފިޔާއާ ދެމެދުގެ އަދަދެއް ހުށަހަޅާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ތެރޭގައި ހެދި ސާވޭ އިން އެނގުނު މުހިއްމު އަނެއް ކަމަކީ ފައިސާ އާއި ހަދިޔާ ދިން ކެންޑިޑޭޓަށް ނުވަތަ ޕާޓީ އަށް ވޯޓު ދިންކަން ކަށަވަރުކުރުމުގެ މައިގަނޑު ގޮތަކީ (27 ޕަސެންޓް) ވޯޓު ކަރުދާހުގައި ވަކި ކަހަލަ ފާހަގައެއް ޖެހުން ކަމެވެ. (ޚަތިމުގައި އަތްލައި ހުވާކުރުވުމާއި ވޯޓު ކަރުދާސްކޮޅުގެ ފޮޓޯ ނެންގުވުމާއި ވާދަވެރި ކެންޑިޑޭޓަށް ވޯޓުލިޔަ ނުދޭން އައިޑީ ކާޑު، ޕާސްޕޯޓް އަދި ލައިސަންސް އަތުލުން ވެސް ހިމެނެ އެވެ.)

ވޯޓު ވިއްކިކަން ސާބިތުކޮށްދޭން އެންމެ އާއްމުކޮށް ކުރާ ކަމަކީ ވޯޓު ކަރުދާހުގައި ފާހަގައެއް ޖެހުން

"ފައިސާ އިން ތަފާތު ގެނެވޭނެ"

"އައިއެފްއީއެސްގެ ދިރާސާ އިން އެބަ އެނގޭ ގާތްގަނޑަކަށް 80،000 މީހުން، ވޯޓު ގަނެވިއްކުން ތަޖުރިބާކުރާކަން. ރާއްޖޭގެ އެއްވެސް އިންތިޚާބެއްގައި ނެތް، 80،000 ވޯޓުގެ ތަފާތެއް ފެނިފައެއް،" ޓްރާސްޕޭރެންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަންސް އެންޑް އެޑްވޮކެސީ މެނޭޖަރު އައިމަން ރަޝީދު ފާހަގަކުރެއްވި އެވެ.

"މިސާލަކަށް 2013ގެ އިންތިޚާބުގައި ވޯޓުގެ ތަފާތަކީ 6،022. ރާއްޖޭގެ އިންތިޚާބުތަކުގައި އެންމެ ބޮޑުވެގެން ވެސް މި ފެންނަނީ 6،000 އާއި 9،000އާ ދެމެދުގެ ތަފާތެއް. އެ ތަފާތު ގެނެވޭނެ، ވޯޓަށް ނުފޫޒު ފޯރުވައިގެން. އެކަން ކުރަން އެންމެ ގިނައިން ކުރާ ކަމަކީ ވޯޓު ގަނެ، ވޯޓުގެ ސިއްރުކަން ގެއްލުވައިލުން."

ފައިސާ ދިން މީހާ ބުނި ގޮތް ހަދައިދިންކަން ސާބިތުކުރުމުގެ ގޮތުން ވަކި ކަހަލަ ފާހަގައެއް ނުވަތަ ނިޝާނެއް ޖަހައި ވޯޓު ކަރުދާސްކޮޅު އަމިއްލަ އަށް ދައްކާލާ މަންޒަރު މީގެ ކުރިން ފެނިފައި އެބަ ހުއްޓެވެ. ވޯޓު ގުނާ ވަގުތު ވެސް، ޕާޓީތައް ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުންނަށް އެކަން ބެލޭނެ އެވެ. އެއާ އެކު ވޯޓުގެ ސިއްރުކަން ވެސް ގެއްލިގެންދަނީ އެވެ.

"ކުރީގެ އިންތިޚާބުތަކުގައި މި ކަން ފެނިފައި ވަނީ. ވަކި ކަހަލަ ފާހަގައެއް ވަކި ގޮތަކަށް ހުއްޓާ ފެނުނީމަ، ވޯޓު ލާ މަރުކަޒުގައި ހުންނަ ޕާޓީގެ އޭޖެންޓަށް އެނގޭނެ، ވޯޓު ލީ، ލާރި ދީފައި ބުނި ގޮތަށް ކަން،" އައިމަން ވިދާޅުވި އެވެ.

ވޯޓު ގަތުމަކީ މިހާރު ވެސް ކުށެކެވެ. ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި، "ގާނޫނީ ގޮތުން ހުއްދަކޮށްފައި ނުވާ މަންފާއެއް ދިނުމަށް ހުށަހެޅުން ނުވަތަ ދިނުން" އެއީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގައި ކުރިންސުރެ ވެސް އޮވެ އެވެ. އެކަމަކު އެ މާއްދާ ތަންފީޒުކުރާ ތަން ނުފެންނަ އިރު، އައިމަން ފާހަގަކުރެއްވި ގޮތުގައި، ވޯޓު ކަރުދާހުގައި ކުރަހައިފި ނަމަ ވޯޓު ބާތިލްވާ ގޮތަށް ހަމަޖެއްސުމަކީ ވޯޓު ގަނެވިއްކުން ހުއްޓުވަން އެޅޭނެ އެންމެ ކާމިޔާބު އެއް ފިޔަވަޅެވެ.

"މިއީ ދުނިޔޭގެ އެހެން ތަންތަނުގައި ވެސް އެކަން ކުރާ ގޮތް. މި ސަރަހައްދުގެ އެކި ގައުމުތަކުގައި ވެސް އެ ގޮތަށް ހަމަޖައްސާފައި ވަނީ. ގާނޫނަށް މި ބަދަލު ގެނެސްފިއްޔާ ހުރިހާ އެންމެން ވެސް ބިރުގަންނާނެ ފާހަގަ ޖަހަން. އެއްވެސް މީހަކު ބޭނުމެއް ނުވާނެ، އެ މީހެއްގެ ވޯޓު ބާތިލްވާކަށް،" އޭނާ ވިދާޅުވި އެވެ.

ދެ ފަހަރު ވެސް ޕީޕީއެމުން އިސްލާހު ބޭރުކޮށްލީ

އަކްރަމް ފާހަގަކުރެއްވި ގޮތުގައި "ވޯޓު ކަރުދާހުގައި ކުރަހައި ފާހަގަޖެހުމަކީ އިލެކްޝަންސް ކޮމިޝަނުން ބާރުއަޅާ ކަމެއް ނޫނެ"ވެ.

"ކޮމިޝަނުން ގަބޫލުކުރާ ގޮތުގައި ވޯޓު ކަރުދާހުގައި އެކި ކަހަލަ ފާހަގަތައް ޖެހުމަކީ ވޯޓް ބައިން އަށް (ގަތުމަށް) މަގުފަހިވެދާނެ ކަމެއް. އޭގެ އިތުރުން، ބައެއް ފަހަރު މީހުންގެ އައިޑެންޓިފިކޭޝަން އަށާއި އަދި ބައެއް ފަހަރު ބޭއަދަބީ ކަންކަން ވެސް އެކަމުގެ ތެރެއިން ފެންނަން އެބަ ހުރޭ. މިސާލަކަށް ބޭކާރު އެއްޗެހި ލިޔެ، ބައެއް މީހުންނަށް ހަޑިހުތުރު ބަސްތައް އަމާޒުކުރުން،" އޭނާ ވިދާޅުވި އެވެ.

"ވޯޓު ކަރުދާސްކޮޅަކީ އެ މީހަކު ބޭނުންވާ މީހާ އަށް ފާހަގަ ޖަހަން ހުންނަ އެއްޗެއް. އެ މީހަކު ހިތުހުރި އެއްޗެއް ލިޔެ، ކުރަހާ، ނުވަތަ ކޮރަޕްޝަންގެ އަމަލުތަކަށް މަގުފަހިވާ ފަދަ ކަންކަން ކުރަން ހުންނަ އެއްޗެއް ނޫން."

މައްސަލަ ހައްލުކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓު ކަރުދާހުގައި އިތުރު އެއްޗެއް ލިޔެ ކުރަހައި ހަދައިފި ނަމަ ވޯޓު ބާތިލްވާ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ދެ ފަހަރު ހުށަހަޅައިފަ އެވެ. އެކަމަކު 2016ގައި ވެސް އަދި މި އަހަރު ވެސް ރައްޔިތުންގެ މަޖިލީހުގެ ތާއީދެއް އެކަމަކަށް ނުލިބުނެވެ. ދެ ފަހަރު ވެސް، ވެރިކަން ކުރާ ޕީޕީއެމުން އަމިއްލަ އަށް އިސްލާހު ހުށަހަޅައި އަމިއްލަ އަށް ފެއިލްކޮށްލީ އެވެ.

ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ދީދީ 2016ގައި ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ ތެރެއިން ސަރުކާރަށް ތާއީދުކުރާ 43 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެ އިސްލާހު ފާސްކުރަން ފެންނަ ކަމަށް އިދިކޮޅު އެމްޑީޕީ އާއި ޖޭޕީގެ 24 މެމްބަރަކު ވޯޓު ދެއްވި އެވެ.

އަކްރަމް ވިދާޅުވީ ފުރަތަމަ ފަހަރު އިސްލާހު ފެއިލްކޮށްލީ "ހުރިހާ ޕާޓީއެއް އެކުވެގެން" ކަމަށެވެ. އޭރު އިދިކޮޅު އެމްޑީޕީން ވެސް ހަގީގަތުގައި އެ އިސްލާހާ ދެކޮޅު ކަމަށް ވާހަކަ ދެކެވުނެވެ. ޕީޕީއެމްގެ މެމްބަރުން އިސްލާހު ފެއިލްކޮށްލާނެ ކަމާއި އިދިކޮޅު މެމްބަރުން އެއްކޮޅަށް ވޯޓު ދިނަސް ނުކުންނާނީ އެ ނަތީޖާކަން އެނގޭތީ ނަމެއްގައި އެހެން ހެދީ ކަމަށް އޮތީ ބެލެވިފަ އެވެ. ކޮންމެ ގޮތަކަށް ކަން ހިނގިޔަސް ޕީޕީއެމުން ބޭނުންވި ނަމަ، އޭރު ސަރުކާރަށް އޮތް ބޮޑު އަޣުލަބިއްޔަތުން އެ އިސްލާހު ފާސްކުރެވުނީހެވެ.

"އެންމެ ފުރަތަމަ ހުށަހެޅީ 2016ގައި. އޭރު ހުރިހާ ޕާޓީއެއް ވެސް މަޖިލީހަށް ދިޔަ. އެހެން ނަމަވެސް އެއްވެސް ޕާޓީއަކުން މީތި ފާސްކޮށްދޭ ގޮތެއް ނުވި. އޭރުގައި ހުރިހާ ޕާޓީއެއް އެކުވެގެން މީތި މަޖިލީހުން ބޭރުކޮށްލީ. ދެން މި ފަހަރު މަޖިލީހަށް ދިޔަ އިރު ހުރިހާ ޕާޓީއެއް ޝާމިލެއް ނުވޭ،" އިދިކޮޅު ޕާޓީތަކުން މިހާރު މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓްކޮށްފައި އޮންނަ އޮތުމަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް. - ފޮޓޯ: މަޖިލިސް

އިންތިޚާބުތަކާ ބެހޭ އާއްމު ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު މިދިޔަ ޖޫން މަހު ހުށަހެޅުއްވި ބިލުގައި ވެސް، "ކެންޑިޑޭޓުގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުން ފިޔަވައި އެއްވެސް ގޮތަކަށް ވޯޓު ކަރުދާހުގައި ލިޔެގެން ނުވަތަ ކުރަހައިގެން ދީފައިވާ ވޯޓު" ބާތިލްވާނެ ކަމަށް އޮތެވެ. އެކަމަކު ސަރުކާރަށް ތާއީދުކުރާ 34 މެމްބަރުންގެ އިއްތިފާގުން ބިލު ފާސްކުރީ އެ އިބާރާތް އުނިކޮށްފަ އެވެ.

"ވަރަށް ބޮޑު އޮޅުވާޅުމެއް!"

ކުރަހާފައި ހުންނަ ވޯޓު ކަރުދާސް ބާތިލްވާ ގޮތަށް ހަމަނުޖައްސައިގެން އުޅޭ މައްސަލައިގައި އެންމެ ބޮޑަށް ހައިރާންވާން ޖެހެނީ މެމްބަރުންގެ ބަހާއި އަމަލު ދިމާނުވާތީ އެވެ. ފުރަތަމަ ފަހަރު އިސްލާހު ބޭރުކޮށްލީ، ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ބަހުސް މަރުހަލާގައި އިސްލާހާ އެއްކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.

"މިއީ ހަގީގަތުގައި ވަރަށް ބޮޑު އޮޅުވާލުމެއް. ވަރަށް މުހިއްމު ކަމެކޭ ބުނެފައި ގޮސް، ފިއްތާލަނީ ރަތް ބަޓަން އަށް،" އައިމަން ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިހާ މުހިއްމު ކަމެއް ރައްޔިތުންގެ މަޖިލީހުން ފެއިލްކޮށްލުމަކީ ރިޝްވަތު ދީގެން ވޯޓަށް ނުފޫޒު ފޯރުވަން ބޭނުންވުން ކަމަށް ބެލުމުގެ ޖާގަ އެބަ އޮތެވެ.

"މީގެ މާނައަކީ ވޯޓު ގަތުމަށް ބާރުއަޅަން ބޭނުންވާ ފަރާތްތަކެކޭ ކޮންމެ ފަހަރަކު [އިސްލާހު] މި ބޭރުކުރަނީ،" އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ވޯޓު ކަރުދާހުގައި ކުރަހައި ހެދުމަކީ ވޯޓު ގަތުމަށް މަގުފަހިވާ ކަމެއް ކަމަށް ސިޔާސީ ޕާޓީތަކުން ވެސް ގަބޫލުކުރެ އެވެ. އެކަން ބަދަލުކުރަން ނޫޅެނީ އެވެ.

"ސިޔާސީ ޕާޓީތަކުން އަޅުގަނޑުމެންނާ އެކު ބާއްވާ މީޓިންތަކުގައި ފާހަގަކުރާ ކަމެއް މިއީ، ވޯޓު ކަރުދާސްކޮޅުގައި އިތުރު ފާހަގަތައް ޖަހައި، ފާހަގަކުރެވޭނެ ގޮތް ހެދުމަކީ ވޯޓް ބައިން އަށް މަގުފަހިވެދާނެ ކަމެކޭ. އެހެން ނަމަވެސް އެއްވެސް ސިޔާސީ ޕާޓީއަކުން މި ކަމަކަށް އަމަލީ ސިފައެއް ގެންނާކަށް ބޭނުމެއް ނުވޭ،" އޭނާ ފާހަގަކުރެއްވި އެވެ.

މި ފަހަރު މަޖިލީހަށް ހުށަހެޅި އިސްލާހުގެ ބަދަލުގައި ބިލުގައި ލިޔުނީ "ވޯޓު ދޭ މީހާ ވޯޓު ދޭ ވަކި ކެންޑިޑޭޓެއް ކަށަވަރު ކުރަން ނޭނގޭ ގޮތަށް ދީފައިވާ ވޯޓު" ބާތިލްވާނެ ކަމަށެވެ. އޭގެ މާނައަކީ މި އިންތިޚާބުގައި ކޮންމެވެސް އެއް ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ހެޔޮ ފާހަގަ ޖަހާފައި ހުންނަ ހުރިހާ ވޯޓެއް ސައްހަވާނެ އެވެ؛ އިތުރު ނިޝާނަކުން ނުވަތަ ފާހަގައަކުން ވޯޓު ވިއްކިކަން ކަށަވަރުކޮށްދިނަސް މައްސަލައެއް ނެތެވެ.

ވޯޓު ގަތުމުގެ މައި ދޮރާށި އަދިވެސް ހުޅުވާފައި ހުރި އިރު އައިއެފްއީއެސްގެ ރިޕޯޓުގައި އެކަން ސިފަކޮށްފައި ވަނީ ރާއްޖޭގެ ޑިމޮކްރެސީ އަށް އޮތް ވަރަށް ބޮޑު ހުރަހެއްގެ ގޮތުގަ އެވެ. އެ ޖަމްއިއްޔާ އިން ބުނާގޮތުގައި "ވޯޓު ގަތުމަކީ ދިވެހިރާއްޖޭގައި ސީރިއަސް މައްސަލައެކެވެ. އަދި އެ މައްސަލަ ހައްލު ނުކޮށްފި ނަމަ ރާއްޖޭގެ ޑިމޮކްރެޓިކް ޕްރޮސެސް ހީނަރުވުމުގެ ބިރު އެބަ އޮތެވެ."

68 ކޮމެންޓް, 845 ރިއެކްޝަންސް

icon happy icon happy 1%
icon sad icon sad 1%
icon angry icon angry 98%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުލައިމާމް

30 August 2018

ކީކޭބުނާނީ. އަހަރުމެން ބުނާނަް ދޯ އަހަރުމެން ވަރަށް ތަރައްގީވެފައޭ މިތިބީ. މަސްބޮލުގައި ވާވަރުގެ ތެތްކަމެއްވެސް ނުތިބޭ. ލާރިއަކަށް ދެގުޅާ

The name is already taken The name is available. Register?

ނަޖްވާ

30 August 2018

މި ފަދަ ޖަަރީމާ އާ ފަސާދަ ހިންގާ ޤައުމެއް، އެކަމަކު، 100 ޕަސެންޓު އިސްލާމީ ޤައުމެކޯ، ލަދު ކޮބާބާވެއޭ ހިތަށް އަރާ!

The name is already taken The name is available. Register?

މުރޫތަލޯ

30 August 2018

ވިއްކާ 17 ވޯޓް އެންމެ މަތީ އަގެއް ކިޔާފަރާތަކައް........

The name is already taken The name is available. Register?

ޥިސްޏާ

29 August 2018

މިފަހަރު އަގުތަ އުޅެނީ ކިހާވަރެއްގަ. ޢޭސީ ބަދިގެ ސެޓު ފިރިއްޖު ފޯނު މިފަހަރުވެސް ދޫކުރޭތަ. މިސްރުގަ ބޭއްވި އިންތިހާބުގާ ސީސީ އައްވޯޓު ލީ ބަޔެއްމީހުންނަ ލިބުނު ހައްޖު ދަތުރުވެސް.

The name is already taken The name is available. Register?

ޝާފީ

29 August 2018

މަ ވަރަށް ސާފުކޮށް މިބުނަނީ. މަށެއް ތިޔަ އިންތިހާބަކު ވޯޓެއް ނުލާނަން. ނުލާނަން. ހަޖަމް ޕްލީޒް.

The name is already taken The name is available. Register?

ކެކެ

29 August 2018

މަ ނުވިއްކާަނަން ވޯޓެއް.އެއީ ދަރންގެ މުސްތަގްބލް ގަ ކޮޅުފައިން ޖެހުން ކަހަލަ ކަމެއް.ވަގަކައް ނޯ ...

The name is already taken The name is available. Register?

ހަސަނު2

29 August 2018

އެމްޑީޕީގައި ވަގުން ނެއްތޯ؟ ޖޭޕީގައި ވަގުން ނެތްތޯ؟ ތިހެން ވެއްޖިއްޔާ ވޯޓު ލާނެ މީހަކު ނެތް..

The name is already taken The name is available. Register?

އިމާމުލް

29 August 2018

ވޯތަށް ނުފޫޒު ފޯރުވުމަށާއި ނާޖާއިޒް ފައިދާ ނެގުމަށް ސަރުކާރުން ކުރަމުން ގެންދާ ކަނތައް ތަކުގެ ދިރާސާއެއް ކޮށްލައްވައި ޝާއިއު ކޮށްލެއްވުން ވަރަށް މުހިއްމު ކަމަށް ފެންނަ ވާހަކަ ދަންނަވަން.

The name is already taken The name is available. Register?

ތުއްތުނާ

29 August 2018

އެތަކެއް ބަޔަކު ވޯޓުލާ ފޮއްޓެއްގައި ވޯޓު ކަރުދާހުގައި ވަކިކަހަލަ ފާހަގައެއް އެކަކަށް ވުރެ ގިނަމީހުން ޖަހާފައި ހުރުމުން އެކަން ބަލަން އުޅޭމީހަކަށް ވެސް ނޭނގެ އެއީ ކާކު ލާފައިވާ ވޯޓެއް ކަން......... އެހެންކަމުން ކިތަންމެ ގިނައިން ފައިސާ ދިންނަމަވެސް އެ ފައިސާ ދިން މީހަކު ބުނާ ގޮތަށް ހަދަން ނުޖެހޭ........ އެއީ ފައިސާ ދިނީމަ ތިބުނާ ކަހަލަ އެނގޭނެ ފާހަގަ ޖަހަން އެތައް ބަޔަކު ތިބޭނެ........ ފައިސާ ދިނަސް ބޭނުން މީހަކަށް ވޯޓު ދިނީމަ ހުންނާނީ ރަނގަޅަށް...............

The name is already taken The name is available. Register?

ނުރަބޯ

29 August 2018

މަގޭ ވޯޓް މަބޭނުންގޮތެއް ހަދާނީ. ވިއްކާލިޔަަސް އެއީކީ މީހަކާ ބެހޭކަމެއް ނޫން.

The name is already taken The name is available. Register?

އެއްމިލިއަން ދެރުފިޔާ

29 August 2018

ކަމަކު ނުދާނެ ބުރޯ..

The name is already taken The name is available. Register?

އާދައިގެ

29 August 2018

އަމިއްލަ މީހާ ވިކި ހުސްވެ ގޮސް އެހެން މީހެއްގެ އަޅެއްގެގޮތުގަ ހުރެބަލަ. ކަލޭކަހަލަ މީހުން ވޯޓު ވިއްކީމަ އެހެންމީހުންނަށޭ އޭގެ ދުއްޕާންޖެހެނީ. މިވަރުގެ ސިކުނޑީގަ ތެތްކަމެއްނެތް މީހުނަށް ކޮން ކުރިއެރުމެއް އޮންނާނީ؟

The name is already taken The name is available. Register?

ބާލިސް

29 August 2018

ކިހާވަރަކަ؟

The name is already taken The name is available. Register?

ރޮކެޓް ސައިންސް

29 August 2018

"ރަނގަޅު އަދަދެއްގެ ފައިސާވެއްޖެއްޔާ އޭގައި ނުހިފާނީ ކާކުތޯ". އަދި ވޯޓު ކަރުދާހުގައި ކޯޑު ޖަހާނަމޭ ބުނެފަ ކޯޑު ނެޖެހިޔަސް އެކަން ބަލާނީ ކާކުތޯ. ( މިބުނީ ދައުރު ހަމަވީމަ ބާރު ދާނެއޭ ) ޕޕ ކުދިންނަށް ވަރަށް ސާފުކޮން އެގޭނެ ކޯޑު ޖަހައިގެން މިހާރު އެކަން ވޯކް ނުކުރާނެކަން. އެކަން އޮންނާނީ ހަވަރު ތިނަދޫއިން އެންމެ ފަހުން ބޭއްވި އިންތިހާބުގަ ދައްކާލާފަ. އިރާދަ ކުރެއްވިއްޔާ އެ ތިޔަރީ ހުރިހާ ރަށެއްގަ މިފަހަރު ބޭނުންކޮށް އިންތިހާބުން އިދިކޮޅު ބޮޑު ތަފާތަކުން މޮޅުވާތަން ފެންނާނެ. މިއީ ފައިނަލް ޓެސްޓް ވަޒީފާގެ ބިރެއް ވެސް ނުދެއްކޭނެ ހަދިޔާއަކަށް ވެސް ނުގުޑާނެ ނަގުދު ފައިސާ ދިނަސް ނުހެއްލޭނެ. ޔަގީން ވާކަމަކީ ބަލިވާނެކަން އެގުނީމަ ގައުމުދޫކޮއް ފިލާނެކަމެވެ. ކުދިންނޭ ބިރުނުގަނެ އެކުއްޖަކަށް ފެންނަ ގޮތަކަށް ވޯޓުދޭށެވެ. އިރާދަކުރެއްވިއްޔާ އިބޫ ފައިސަލް މިކަން ކާމިޔާބު ކުރާނެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454