އިހަވަންދޫ ކައުންސިލަރުން އެހާ ގިނައިން ސަސްޕެންޑްކުރީ ކީއްވެ؟

ދެ ކައުންސިލަރުން މަހަށެވެ. އަނެއް ކައުންސިލަރު ވިޔަފާރީގަ އެވެ. ކައުންސިލްގެ ނައިބް ރައީސް އުޅުއްވަނީ ވަޑާން ކުރައްވާށެވެ. ކައުންސިލް ރައީސްގެ ދިރިއުޅުމުގެ ބައެއް ކަންކަން ހަމަޖައްސަވަނީ އާއިލާގެ އެހީތެރިކަމާ އެކު އެވެ.


ހއ. އިހަވަންދޫގެ ފަސް ކައުންސިލަރުން ސަސްޕެންޑްކުރުމުން އެ ބޭފުޅުންގެ ދިރިއުޅުމުގެ ކަންކަން ހޭދަކުރައްވަމުން އަންނަނީ އެގޮތަށެވެ. މުސާރަ ލިބިވަޑައިނުގަންނަވާ ގޮތަށް ދެ ފަހަރެއްގެ މަތިން، ކޮންމެ ފަހަރަކު ތިން މަސް ދުވަހުގެ ސަސްޕެންޝަނެއް، ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ އެ ބޭފުޅުންނަށް ކުރިމަތިކޮށްފަ އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ފަސް ކައުންސިލަރުން ސަސްޕެންޑްކުރުމުން އޭގެ އުނދަގޫ ދިމާވަނީ ހަމައެކަނި އެ ބޭފުޅުންނަކަށް ނޫނެވެ. އާބާދީގައި 3،500 އެއްހާ މީހުން ހިމެނޭ ރަށުގެ އާންމު ރައްޔިތުންނަށް ވެސް އެތައް ދައްޗެއް ދިމާވެ އެވެ.

މިރަށުގެ ކައުންސިލް މެދުވެރިކޮށް އައިޑީ ކާޑު ހެދުމާއި ޕާސްޕޯޓަށް ހުށަހެޅުމުގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުން ދޭ ހިދުމަތްތައް ފޯރުކޮށްދޭން އިހަވަންދޫ ކައުންސިލަރުން އަމަލީ ގޮތުން އުޅުއްވަ އެވެ. އިދާރީ މުވައްޒަފުން މަދުވުމުން އެ ނޫން ގޮތެއް ނޯވެ އެވެ. އެހެންކަމުން ކައުންސިލަރުން ސަސްޕެންޑް ކުރުމާ އެކު ހިދުމަތްތަކަށް ބުރޫއެރި ކަމަށް ރަށުގެ ބައެއް އާންމުން ވެސް ބުންޏެވެ.

ފަސް ކައުންސިލަރުން ފުރަތަމަ ފަހަރަށް ސަސްޕެންޑްކުރީ މިދިޔަ ފެބްރުއަރީ 1 ގައި ތިން މަސް ދުވަހަށެވެ. މުސާރަ އާއި އެއްވެސް އިނާޔަތެއް ނުލިބޭ ގޮތަށެވެ. ކައުންސިލަށް ވެންނެވެނީ ވެސް އާންމު މީހެއްގެ ހައިސިއްޔަތުން ހަމައެކަނި ހިދުމަތެއް ހޯއްދެވުމަށެވެ.

އެފަހަރު އެކައުންސިލަރުން ސަސްޕެންޑްކުރީ، އެލްޖީއޭ އިން އަންގާފައިވާ ގޮތުގައި، އިހަވަންދޫގައި މަސްވެރިންގެ ދުވަސް ފާހަގަކުރަން ބޭއްވި ހަފްލާގައި އެ ބޭފުޅުން ބައިވެރިވަޑައިނުގަތުމުގެ އިތުރުން އެކަމަށް ހުރަސް ވެސް އެޅުއްވުމުންނެވެ.

ކައުންސިލްގެ ރައީސް ރަޝީދު ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަތީ ދައުލަތު ނުދިނުމުން ކަމަށެވެ. އެ ރަސްމިއްޔާތަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަޑައިގަތުމުން، އައިސް ނުލިބުމުގެ މައްސަލަ އާއި މަހަށް ހަމަ އަގު ހޯދައިދޭން ގޮވާލަން ބައެއް މަސްވެރިން އަޑުއުފުލި އިރު އެކަމުގައި ފަސް ކައުންސިލަރުން ބައިވެރިވެވަޑައިގަތުމަކީ ސަރުކާރަށް ހުރަސް އެޅުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ތިން މަސް ދުވަސް ހަމަވެ މޭމަހުގެ ފުރަތަމަ ދުވަހުގެ ރޭ 12:00 ޖެހިއިރު ކައުންސިލަރުން ތިއްބެވީ ކައުންސިލް އިދާރާ ކައިރި އެވެ. އޭރު އެ އެތަނުގެ ތެރޭގައި މަސައްކަތްތަކެއް ކުރަމުން ގެންދިޔަ ކަމަށް ރަޝީދު ވިދާޅުވި އެވެ.

ދަންވަރު އޮފީހުގައި ކުރަނީ ކޮން މަސައްކަތެއްތޯ ޒިންމާދާރު ވެރިޔާއާ ސުވާލުކުރުމުން އެއީ ރަށުން ގޯތި ދޫކުރުމުގެ އިދާރީ މަސައްކަތް ކަމަށް ޖަވާބު ދެއްވި ކަމަށް ރަޝީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތުގައި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރަކު އުޅުއްވާ ކަމަށް ޒިންމާދާރު ވެރިޔާ ބުނުމުން އޭނާއާ ބައްދަލުކުރައްވަން ބޭނުންވާ ވާހަކަ އެންގި އެވެ.

އިހަވަންދޫ ފަސް ކައުންސިލަރުން ހުވާ ކުރެއްވުން--

"އެގޮތަށް ދެންނެވީ މިހާތަނަށް އެކި ފަހަރު މަތިން އަޅުގަނޑުމެން ހައުސިންއާ ވާހަކަ ދައްކަން ކުރި މަސައްކަތް ކާމިޔާބު ވެފައިނުވާތީ. ދެން ޒިންމާދާރު ވެރިޔާ ވިދާޅުވީ ކޯޑިނޭޓަރު ވިދާޅުވި ކަމަށް ބައްދަލު ކުރައްވާނަމޭ،" ރަޝީދު ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އިހަވަންދޫގައި ޕީޕީއެމްގެ އިސް ބައެއް މީހުންނާ އެކު ކޯޑިނޭޓަރު ނުކުމެގެން ދިޔައީ ބައްދަލުނުކޮށެވެ.

"އެހިސާބުން އަޅުގަނޑު ދެންނެވިން އެހެންވީމަ އޮފީސް ބަންދުކޮށްފައި ދާން،" ރަޝީދު ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ހަމަ އެރޭ ދަންވަރު ހައުސިން މިނިސްޓްރީން އެލްޖީއޭއަށް ކައުންސިލް މެމްބަރުންގެ ޝަކުވާ ހުށަހެޅި ކަމަށެވެ. އެގޮތުން ހައުސިން މިނިސްޓްރީގެ މުވައްޒަފުންނަށް ހުރަސްއެޅި ކަމަށް އެންގި ކަމަށާއި ނަމަވެސް އެއްވެސް މުވައްޒަފަކާ ވާހަކަ ދެއްކުން ފަދަ ކަމެއް ނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

މޭމަހު އެލްޖީއޭއިން މިރަށު ކައުންސިލަށް ސިޓީއެއް ފޮނުވި އެވެ. އެ ސިޓީގައި ބުނެފައިވަނީ ކައުންސިލަރުން އިސްވެ ތިއްބަވައިގެން ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމާ ގުޅޭ ގޮތުން ތަންތަނުގައި ވާހަކަ ދައްކާފައިވޭތޯ ސާފުކުރަން ބޭނުންވާ ކަމަށެވެ. އަދި ރަށު ޒުވާނުންތަކެއް ނެރެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރިތޯ ވެސް ސުވާލުކޮށްފައިވެ އެވެ.

އެލްޖީއޭ އިން އަނެއްކާވެސް ތިން މަހަށް ފަސް ކައުންސިލަރުން ސަސްޕެންޑްކުރި އެވެ. ޖޫން 3 ގައި ކުރި އެ ސަސްޕެންޝަން ނިމި، އަލުން މަސައްކަތަށް ނުކުންނަވަން ފެއްޓެވީ މިދިއަ ހޯމަދުވަހު އެވެ. އެކަމަކު އޮފީހަށް ނުކުންނެވުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން އެ ބޭފުޅުންގެ ފޯނު ފުލުހުން ވަނީ އަތުލައިފަ އެވެ. ތުހުމަތުކުރަނީ އިދާރީ ލިޔެކިޔުންތައް ލީކްކުރައްވާ ކަމަށެވެ.

އޭގެ ތެރެއިން ރަޝީދާއި އިތުރު އެހެން ކައުންސިލަރަކު ފިޔަވައި އަނެއް ތިން ކައުންސިލަރުންގެ ފޯނު ވަނީ ހަވާލުކޮށްފަ އެވެ.

އަސްލު މައްސަލަ އަކީ ކޮބާ؟

ސުވާލަކީ މި ކައުންސިލަރުން އެހާ ގިނައިން ސަސްޕެންޑް ކުރަނީ ކީއްވެތޯ އެވެ.

ފަސް ކައުންސިލަރުންގެ ފަރާތުން ވާހަކަ ދެއްކެވި ރަޝީދު ވިދާޅުވާ ގޮތުގައި ހުރިހާ ވެސް މައްސަލައަކީ ރަށުގައި އޮތް ސިޔާސީ ހަސަދަ އާއި ވާދަވެރިކަމެވެ. އެމްޑީޕީގެ ފަސް ކައުންސިލަރުންނަށް ވާތީ ޕީޕީއެމްގެ މެމްބަރުން ބޭނުންވަނީ ކައުންސިލަށް އެއްވެސް ކަމެއް ވިޔަނުދޭން ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރުގެ ފަސް ކައުންސިލަރުން، ކައުންސިލް އިންތިހާބުގައި ވައުދުވި އެއް ކަމަކީ ރަށުން ގޯތި ދޫނުކުރާތާ ގިނަ އަހަރުތަކެއް ވެފައި ވުމުން އެކަން ކޮށްދޭށެވެ. އިހަވަންދޫގައި ގޯތި ދޫނުކުރާތާ 12 އަހަރު ވެފައިވާ އިރު، ފަސް ކައުންސިލަރުންގެ އަމާޒަކަށް ހެދީ ދައުރު ނިމުމުގެ ކުރިން ގޯތި ދޫކުރާށެވެ. ކައުންސިލަރުން ހުވާކުރެއްވި ހިސާބުން ފެށިގެން އެންމެ އިސްކަމެއް ދެއްވީ އެ މަސައްކަތަށް ކަމަށް ރަޝީދު ވިދާޅުވި އެވެ.

"މިރަށު ޕީޕީއެމް ބޭފުޅުން ބޭނުމެއް ނުވޭ މި ކައުންސިލުން ގޯތި ދޫކުރާކަށް. އެއީ އެ ކްރެޑިޓް އަޅުގަނޑުމެނަށް ލިބިދާނެތީ. އެހެންވެ ސަސްޕެންޝަންތަކުގެ ހަގީގީ ސަބަބަކީ އެއީ. ދެ ފަހަރަށް ވެސް ސަސްޕެންޑް ކުރީ އެމަސައްކަތުގައި އުޅެނިކޮށް،" ރަޝީދު ވިދާޅުވި އެވެ.

"އިތުރު ސަބަބުތަކެއް ދައްކައި ހަގީގަތުގައި ސަސްޕެންޑް މިކުރަނީ އަޅުގަނޑުމެން ގޯތި ދޫކުރުމުގެ މަސައްކަތް ކުރިޔަ ނުދޭން."

ކައުންސިލަރުން ސަސްޕެންޝަންގައި ތިއްބާ މިދިޔަ މަހުގެ ފަހުކޮޅު މި ރަށުން 100 ގޯތި ދޫކުރި އެވެ. އަދި އިތުރު 100 ގޯތި ދޫކުރަން ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް ކައުންސިލަރުންނަށް ހައުސިން މިނިސްޓްރީން މިހާރު އަންގާފައި ވަނީ އޭގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށެވެ. އެކަން ހައުސިން އިން ހަވާލުކޮށްފައި އޮތީ ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި ޕީޕީއެމްގެ މެޖޯރިޓީ އޮންނަ އާންމު ރައްޔިތުންގެ ކޮމެޓީއަކުން ކަމަށް ރަޝީދު ވިދާޅުވި އެވެ.

"އެބޭފުޅުން [ޕީޕީއެމް] އަށް ގަބޫލުކުރެވެނީ ގޯތި ދޫކޮށްގެން ވަރަށް ވޯޓޭ އެއީ. އެހެންވީމަ އެކަންކަމާ ހުރެ އަޅުގަނޑުމެންނަށް މިކަން މިދިމާވަނީ،" އޭނާ ވިދާޅުވި އެވެ.

ކައުންސިލަރުންގެ ވާހަކަތަކާއި އެލްޖީއޭއިން ބުނާ ވާހަކަތައް ދިމައެއްނުވެ އެވެ. އެލްޖީއޭގެ އޮފިޝަލަކު ވިދާޅުވީ އިހަވަންދޫ ފަސް ކައުންސިލަރުން ސަސްޕެންޑުކުރީ އެ ބޭފުޅުންނާ ގުޅުން ހުރި ގިނަ މައްސަލަތަކެއް ބެލުމަށް ފަހު ކަމަށެވެ. އެގޮތުން ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ގިނަ ކަންކަމުގައި އިހުމާލުވުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އަލުން އޮފީހަށް ނުކުންނެވުމަށް ފަހު ވެސް ފަސް ކައުންސިލަރުން ވިދާޅުވަނީ ފަހަތަށް ނުޖެހޭނެ ކަމަށެވެ.