ދަރަނި ދެއްކުން: އާ ސަރުކާރަށް ބޮޑު ގޮންޖެހުމަކަށް ވާނެ!

ސްރީލަންކާއަށް މަޖުބޫރުވީ ހަމްބަންޓޯޓާ ބަނދަރު އެތަނުގެ ބޮޑު ހިއްސާއާ އެކު ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދޭށެވެ. ޒެމްބިއާގެ ބައިނަލްއަގުވާމީ އެއާޕޯޓް، ކެނެތު އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ޖެހުނީ ހަމަ އެ ހާލެވެ. ޗައިނާގެ އަތުން ނަގާފައިވާ މާސިންގާ ދަރަނި ދެއްކުމަށް އެނޫން ގޮތެއް އެ ގައުމުތަކަށް ނެތީ އެވެ. ޗައިނާއިން ބުނިހާ ގޮތެއް ހަދަން މަޖުބޫރިވީ އެވެ.


ޗައިނާގެ ލޯނުތަކުން ގައުމު ތަރައްގީ ކުރި ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ވެރިކަން 2015 ވަނަ އަހަރު ނިމުމުމުގެ ކުރިން ވެސް، ރާއްޖެ އަށް އޮތީ މިސްރާބު ޖަހައިފަ އެވެ. ހާއްސަކޮށް ރާޖަޕަކްސާގެ ވެރިކަން ނިމި، ލަންކާގައި ޗައިނާގެ ކޮންޓްރޯލް ގެއްލުމާ އެކު ޗައިނާގެ މުހިންމު ގައުމަކަށް ރާއްޖެ ވެގެން ދިޔަ އެވެ. ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ގާތްގުޅުމެއް ބޭއްވި ގައުމަކީ ޗައިނާ އެވެ. ރާއްޖެ ދުވަހަކު ނުދެކޭ ފަދަ ތަރައްގީތަކެއް ރާއްޖެ އައުމަށް މެދުވެރިވީ ޗައިނާ އެވެ. އެކަމަކު އެއީ ބޮޑެތި އަދަދުތަކެއްގެ ލޯނާ އެކު އެވެ.

ރާއްޖެ ދަރާއޮތް މިންވަރު ދައުލަތުގެ އެއްވެސް އިދާރާއަކުން ހާމައެއްނުކުރެ އެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ލަފާކުރާ ގޮތުގައި ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތް އިރު 26 ބިލިއަން ރުފިޔާގައި އޮތް ދަރަނި މިހާރު 40 ބިލިއަނަށް ރުފިޔާ އަރަ އެވެ. އޭގެ ތެރެއިން 80 ޕަސެންޓް ދަރާފައިވަނީ ޗައިނާ އަށް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. އެއީ ހަގީގީ އަދަދެއް ނަމަ އެއީ ގައުމުގެ އުފެއްދުންތެރި ކަމުގެ ނިސްބަތުން ބަލާއިރު ބޮޑު އަދަދެކެވެ. ރާއްޖޭގެ ބަޖެޓަށް ބަލާނަމަ އެއީ ދެ އަހަރެއްހާ ދުވަހުގެ މުޅި ގައުމުގެ އާމްދަނީ އެވެ. މީގެ އިތުރުން ސަރުކާރުން ދީފައިވާ ސޮވެރެން ގެރެންޓީތަކުގެ އަދަދެއް ނުވެސް އެނގެ އެވެ.

ޗައިނާގެ ރައީސް ޝީ އާއި ރާއްޖޭގެ ރައީސް ޔާމީން-- ފޮޓޯ: ރައީސް އޮފީސް

މިހެން މިވީ ކީއްވެ؟

ރާއްޖެ ފަދަ އިގްތިސާދީ މަދު ވަސީލަތްތަކެއް ހުރި ގައުމުތަކުން މީގެ ކުރިން ގައުމު ތަރައްގީ ކުރަނީ ދުރުރާސްތާ ޕްލޭނެއްގެ ދަށުންނެވެ. އެއީ ކުއްލިއަކަށް ތަރައްގީ ގެންނަން ކުރަންޖެހޭ ހަރަދު ގައުމުގެ ނިސްބަތުން އެކަށޭނަ ކަމަކަށް ނުވާތީ އެވެ. ހައްލަކީ ހިލޭ އެހީތަކާއި އިންޓްރެސްޓް ކުޑަ ލޯނުތަކުންނެވެ. ނަމަވެސް ރައީސް ޔާމީންގެ ގެންގުޅުއްވި ސިޔާސަތު ތަފާތެވެ. އަވަސް ތަރައްގީ އެވެ. ނަތީޖާއަކަށްވީ ބޮޑެތި ޕްރޮޖެކްޓްތައް އަވަހަށް ހިންގަން މާސިންގާ ލޯނުތައް ނަގަން ފެށުމެވެ. އަދި އެކަން ކުރީ ނުއަގުގައި ކަމަށް ތުހުމަތުކުރެވެ އެވެ.

މިސާލެއްގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ބަލަމާތޯ އެވެ. އެ އެއާޕޯޓުގައި 3،400 މީޓަރު ދިގު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ އާ ރަންވޭއެއް ހަދައި ޕަސެންޖާ ޓާމިނަލެއް ހެދީ އެއް ބިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.

އިދިކޮޅު ކޯލިޝަންގެ އިގްތިސާދީ ތަޖުރިބާކާރުން ހާމަ ކުރައްވާފައިވާ ގޮތުގައި އެހާ ބޮޑު ދަރަންޏެއްގައި އެއާޕޯޓް ތަރައްގީ ކުރީ އެމަޝްރޫއު 650 މިލިއަން ޑޮލަރަށް ހިންގެން އޮއްވަ އެވެ. ބްރިޖްގެ މަސައްކަތަށް ގާތްގަނޑަކަށް 210 މިލިއަން ޑޮލަރު ޚަރަދު ކޮށްފައިވާއިރު އެކަން ކުރީ ދެ ގުނަ އަގުބޮޑުކޮށް ކަމަށް ތުހުމަތުކުރެވެ އެވެ. އެ ޕްރޮޖެކްޓަށް ޗައިނާއިން 116 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދިން އިރު އެއީ ޕްރޮޖެކްޓްގެ އަގު ދެ ގުނަކޮށް، ނަމެއްގައި ދިން އެހީއެއް ކަމަށް ތުހުމަތުކުރެވެ އެވެ. އެކަމަކު ސަރުކާރުން ބުނަމުން އައީ ނަގާފައިވާ ދަރަންޏަކީ ސަރުކާރަށް އޭގެ ބުރަ އުފުލަން ފަސޭހަ ގޮތަކަށް ނަގާފައިވާ ދަރަންޏެއް ކަމަށެވެ.

ޗައިނާއިން ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް މަޝްރޫ ކަމަށްވާ ބްރިޖު--

އާ ސަރުކާރަށް ގޮންޖެހުން ބޮޑު؟

ކޯލިޝަނަކާ އެކު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރެއް މިއަންނަނީ ގިނަ ވައުދުތަކަކާ އެކު އެވެ. ހާއްސަކޮށް ހަތަރު ލައްކައެއްހާ މީހުންގެ އާބާދީ އަށް އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމުގެ ބޮޑު ވައުދާއެކު އެވެ. ފެނާއި ނަރުދަމާ އަދި ތައުލީމާއި ސިއްހަތު އެކަށޭނަ ގޮތެއްގައި ފޯރުކޮށްދިނުމެވެ. އެކަމަކު ރާއްޖޭގެ އިގްތިސާދު މިހާރު އޮތް ހާލަތުން އަރައިގަނެގެން ނޫނީ އެކަންކަން ފުއްދޭކަށް ނެތެވެ.

މުހިންމީ ޗައިނާއަށް ލޯން ދައްކަން ވާދަވެރިއެއްގެ އުނގަށް ވެއްޓި ނުގަތުމެވެ. ގައުމަށް އިގްތިސާދީ މިނިވަންކަން އަންނާނީ އޭރުންނެވެ.

އިބޫގެ ސަރުކާރުގެ އިގްތިސާދީ ކަންކަން ރޭވުމަށް އިސްކޮށް ހަރަކާތްތެރިވާ، އަދި އެ ދާއިރާއިން މަތީތައުލީމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅަކު ނަން ނުޖަހާގޮތަށް ވިދާޅުވިގޮތުގައި އާ ސަރުކާރުން ރާއްޖޭގެ ވެރިކަމާ ހަވާލުވުމަށް ފަހު ދަރަނިން ސަލާމަތް ވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އެއީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި ނަމަވެސް ދަރަނިން އަރައިގަންނަން ރަނގަޅު ގޮތްތަކެއް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން "ދަރަނި އަދާކުރާނެ އުސޫލެއް" ގާއިމްކޮށް އެކަން ތަންފީޒު ކުރައްން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އެއީ ދަރަނި ދައްކަން ލޯނު ނުނަގައި އިގްތިސާދުގެ ބޭރުން ފައިސާ ހޯދައިގެން ދަރަނި ދައްކާނެ ގޮތްތަކެއް ކަމަށް ވިދާޅުވި އެވެ.

އިންތިހާބީ ރައީސް އިބޫ އާއި ކޯލިޝަންގެ އިސް ބޭފުޅުން-- ފޮޓޯ: ނިޝާން އަލީ/މިހާރު

"ރައްޔިތުން ވެސް ގަބޫލު ކުރައްވަން ޖެހޭ ވަގުތު ނަގާނެ ހަމަޔަކަށް އެޅެން. ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެކަންކަން ރަނގަޅު އުސޫލެއްގެ ތެރެއަށް ލެވޭނެ. މިބުނީ 100 ދުވަސް ތެރޭ ލޯނު ދެއްކޭނެ ވާހަކައެއް ނޫން. އެ ޕްލޭންތައް ވަނީ ހެދިފައި،" 30 އަހަރަށް ވުރެ ގިނަ އަހަރު އިގްތިސާދުގެ މުހިންމު މަގާމެއްގައި ހުންނެވި ބޭފުޅާ ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގެ ޓެކްސްތަކާއި ޖީއެސްޓީ ފަދަ އާމްދަނީ އަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގްތިސާދު މިހާރުން މިހާރަށް ހަމަޔަކަށް އަޅުވަން މިވަނީ ޖެހިފަ އެވެ. ތަޖުރިބާކާރުން ވިދާޅުވާގޮތުގައި އެކަމަށް އޮތް އެންމެ ރަނގަޅު މަގަކީ އިގްތިސާދުގެ ބޭރުން ފައިސާ ހޯދުމެވެ. އެއީ ހިލޭ އެހީތަކެވެ.

ރާއްޖޭގެ ތަރައްގީ އަށް ބަލާއިރު އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ހިލޭ އެހީތަކުންނެވެ. މާލެ އާއި ރަށްރަށުގައި ހަދާފައިވާ ސްކޫލުތަކާއި ހޮސްޕިޓަލްތަކުގެ އިތުރުން ފެނާއި ނަރުދަމާ ފަދަ އަސާސީ ގިނަ ހިދުމަތްތަކެއް ގާއިމް ކޮށްފައި ވަނީ ހިލޭ އެހީތައް ހޯދައިގެންނެވެ.

ތަޖުރިބާކާރަކު ވިދާޅުވިގޮތުގައި ރާއްޖެ ފަދަ ގައުމަކަށް އަސާސީ ހިދުމަތްތައް ގާއިމް ކުރުމަށް ހިލޭ އެހީ ހޯދުމަކީ ފަސޭހަ ކަމެކެވެ. ބައިނަލްއަގުވާމީ ފަރާތްތަކުން ގަބޫލުކުރާ އުސޫލަށް ވެރިކަން ކުރާނަމަ އެފަދަ އެހީތައް ފަސޭހަ ކަމާއެކު ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"ކޮންސެޝަން ފައިނޭންސް ލިބޭނެ ރަނގަޅު ގަވަނިންއެއް އޮތިއްޔާ. އިންސާނީ ހައްގުތައް ކަށަވަރު ވާގޮތަށް ސަރުކާރު ހިންގާނަމަ އެ އެހީތައް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ހިލޭ އެހީތައް ލިބުން ފަހިވާނެ ގޮތަކީ އިންސާނީ ހައްގުތަކާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ސިޔާސީ އަދި ހިޔާލު ފާޅުކުރުން ފަދަ ކަންކަމަށް ފުރިހަމަ މިނިވަންކަން ދިނުމެވެ.

އިބޫ ނޫސްވެރިންނާ ބައްދަލު ކުރައްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވިގޮތުގައި އިންކަމް ޓެކްސް ނަގަން ނިންމާފައިވީ ނަމަވެސް އިބޫގެ ވިސްނުން ބޮޑަށް ހުރީ ދިވެހިންގެ އަތުން ނަގާ ޓެކްސް އަށް ބަރޯސާވުމުގެ ބަދަލުގައި އިގްތިސާދީ މަސައްކަތްތައް ފުޅާ ކުރުމެވެ. އެގޮތުން އިތުރު ގެސްޓް ހައުސްތަކާއި ރިސޯޓްތައް ހުޅުވޭނެ މަގު ފަހިކޮށްދީ އެ ތަންތަނުގެ ކުއްޔާއި ޓެކްސްއަކީ ސަރުކާގެ އާމްދަނީ ކަމަށް ވިދާޅުވި އެވެ.

"ޓޫރިޒަމް އިތުރަށް ޕްރޮމޯޓް ކުރަން ޖެހޭ. އެކަން ކުރުން އެއީ ވައުދެއް. އަދި ޕްލޭނެއް. ހަމަ އެގޮތަށް ޔޮޓްފަހަރާއި ގެސްޓް ހައުސް އިތުރު ކުރުމަކީ ވެސް ރަނގަޅު އާމްދަނީ ހޯދަން ކުރާނެ ކަންކަން،" އޭނާ ވިދާޅުވި އެވެ.

ހަމަ އެގޮތަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން އިންވެސްޓް ކޮށްދިނުމަށް އެސްއެމްއީ ބޭންކެއް ގާއިމް ކުރުން ހިމެނެ އެވެ.

ރަނގަޅު ފިޔަވަޅުތަކެއް އެޅިއްޖެ ނަމަ ބުރައަކަށް ނުވާނެ!

ރާއްޖޭގެ އިގްތިސާދީ ކަންކަން ބަލާ އިދާރާއެއްގެ އިސް މަގާމެއްގައި މިހާރު ހުންނެވި މުވައްޒަފަކު ނަން ނުޖަހަން އެދި ވިދާޅުވީ ރާއްޖޭގެ ދަރަނީގެ ހާލަތު އޮތީ އަތް ނުފޯރާ ފަށުގައި ނޫން ކަމަށެވެ. ރަނގަޅު ފިޔަވަޅުތަކެއް އެޅިއްޖެ ނަމަ އެކަން އަދިވެސް ހައްލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ގައުމަށް އެކަށޭނަ ހަރަދުތައް ކުރުމެވެ. ސަރުކާރުގެ މަގާމުތަކާއި އެހެނިހެން ހަރަދުތައް ކުޑަ ކުރުމެވެ. އަދި ތަރައްގީގެ މަޝްރޫތައް ވެސް އެންމެ މުހިންމު ކަންތަކަށް އިސްކަންދޭ ސިޔާސަތުގެ ދަށުން ތަރުތީބުން ކުރުމެވެ. ހާއްސަކޮށް މި ސަރުކާރުގެ މަޝްރޫތައް އަގުބޮޑުވި މައިގަނޑު އެއް ސަބަބު ކަމަށްވާ ކޮރަޕްޝަނާ ނުލައި ހިންގުމެވެ. ކޮންމެ މަޝްރޫއަކުން އަމިއްލަ ޖީބަށް ލަމުންދިޔަ ކަޓްތައް ކުޑަކުރުމެވެ.

ކޮންމެ އަކަސް މިހާލަތު މިގޮތަށް އޮތުމަކީ އާ ސަރުކާރަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ލޯނު ނަގައިގެން ތަރައްގީ ކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެކަން ކުރަންވާނީ ގައުމަށް ކެރިކުޅަދާނަ ވާގޮތަކަށެވެ. ކޮންމެ ޕްރޮޖެކްޓެއް އިކޮނޮމިކަލީ ފީޒިބަލްވާކަށް ނުޖެހެ އެވެ. ނަމަވެސް އެ މަޝްރޫއުތަކުގެ ހަރަދު ފޫބެއްދޭނެ ގޮތްތަކެއް ހަމަޖައްސަން ޖެހެ އެވެ.

އާ ސަރުކާރަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ވާނީ ގައުމުގެ ދަރަނި ކުޑަކުރުމެވެ. މިއީ ހަމަ މި ސަރުކާރަށް ވެސް ކުރިމަތިވި ގޮންޖެހުމެކެވެ.