ހަނީމޫން އަދި ނުނިމޭ، ކޯލިޝަން ތެރޭގައި އަރައިރުން؟

މެއި 1، 2015 ގައި މާލޭގައި ބޭއްވި ބިޔަ މުޒާހަރާއަކީ، މިހާރު އުފެދިފައި މިވާ ސަރުކާރުގެ ބިންގާ އެޅުނު ދުވަހެވެ. އެ ބިޔަ މުޒާހަރާ އަށް އޭރުގެ އިދިކޮޅު ހުރިހާ ޕާޓީތައް ނުކުމެ މާލޭގެ ބޮޑެތި މަގުތައް ފުރައިލީ، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ކޮންމެ ފަދަ ކަމެއް ވެސް ކުރިމަތިވެދާނެ ކަން އެނގި ތިބެ އެވެ.


ކުރިން ސިޔާސީ ވާދަވެރިންގެ ގޮތުގައި ތިބި ބޭފުޅުން، ސިޔާސީ އެކުވެރިންގެ ގޮތުގައި އެ ދުވަހު ނުކުތީ، ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަންވެއްޖެ ކަން ގަބޫލުކޮށްގެންނެވެ. އެ ދުވަހަށް ފަހުގައި ސިޔާސީ ބައިވެރިން ޖަލުގެ ގޮޅިތަކަށް ވަންނަ ޖެހުމުން ވެސް އަދި ބައެއް ބޭފުޅުން ރާއްޖޭން ބޭރަށް ވަގުތީ ގޮތުން ހިޖްރަ ކުރައްވަން ޖެހުމުން ވެސް، އެ ބޭފުޅުންގެ އަމާޒު ބަދަލެއް ނުކުރައްވަ އެވެ.

އެންމެ ފަހުން ސެޕްޓެމްބަރު 23ގެ ރިއާސީ އިންތިޚާބާ ކުރިމަތިލީ ވެސް އެތައް ދޫދިނުންތަކަކާ އެކު ފިސާރި ވަރުގަދަ އެކުވެރިކަމަކާ އެކުގަ އެވެ. އެންމެ ބޮޑު ޕާޓީ އެމްޑީޕީން ރަނިންމޭޓްގެ ހައްގު، ވާދަވެރި ޖުމްހޫރީ ޕާޓީއަށް ދޫކޮށްލި އިރު، ރިއާސީ ކެންޑިޑޭޓްގެ ހައްގު ޖުމްހޫރީ ޕާޓީން އެމްޑީޕީ އަށް ދޫކޮށްލުމަކީ، މި ދެންނެވި އެކުވެރިކަމުގެ ހެއްކެވެ.

އޭރުގެ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް، ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެވުނީ ސިޔާސީ ޕާޓީތަކުންނާއި އެ ޕާޓީތަކުގެ ލީޑަރުން ވެވަޑައިގެންނެވި މިފަދަ އެތައް ގުރުބާނީތަކެއް ސަބަބުންނެވެ. ވޯޓު ލީ މީހުންގެ ގާތްގަނޑަކަށް ތިން ބައިކުޅަ ދެ ބައި މީހުން މިހާރުގެ ރައީސަށް ވޯޓު ދިނީ، ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނެސް، ރައްޔިތުންގެ މެދުގައި އަދުލު އިންސާފާއި ހަމަހަމަކަން ގާއިމުކޮށްދޭ ސަރުކާރެއް އުފެއްދުމަށްޓަކައި ސިޔާސީ ލީޑަރުން ދެއްކެވި އެކުވެރިކަމާއި ގާތް ގުޅުމުގެ ސަބަބުންނެވެ.

ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަގާމާ ހަވާލުވެވަޑައިގަތްތާ ހަފުތާއެއް ނުވަނީސް، ކޯލިޝަން ޕާޓީތަކުގެ ބައެއް އިސް ބޭފުޅުންގެ ފަރާތުން އިވެމުންދާ އަޑުތަކަކީ، މި ވެރިކަން ގެނައުމަށް ވޯޓު ދިން މީހުން އަހަން އެދޭނެ އަޑުތަކެއް ނޫނެވެ.

އޭރުގެ އިދިކޮޅު ޕާޓީތައް ގުޅުނީކީ ހަމައެކަނި ރައީސް ޔާމީން ވެރިކަމުން ދުރުކުރާކަށް ނޫނެވެ. ސިޔާސީ ލީޑަރުން އޭރު އާންމު ރައްޔިތުންނަށް ދެއްކީ އެއަށް ވުރެ މާ ފުޅާ ތަސައްވުރެކެވެ.

"އަޅުގަނޑުމެން އެކަތިގަނޑެއްގެ ގޮތުގައި ނުކުތީކީ 2018ގެ އިންތިޚާބު ނިންމާފައި އެކަކު އަނެކަކަށް ކަނޑި ހިފައިގެން ނުކުންނާކަށް ނޫން. އަޅުގަނޑުމެން އެންމެން އެކުގައި ދަތުރު ފެށީ ރިއާސީ އިންތިހާބު ކާމިޔާބުކޮށް، 2019 ގެ އާންމު އިންތިޚާބު ކާމިޔާބުކޮށް އަދި ދެން އޮންނަ ލޯކަލް އިންތިކާބު ވެސް ކާމިޔާބުކުރަން. އެއީ ގައުމު އޮތް ހާލަތު ވަޒަން ކުރެވޭތީ. ގައުމުގައި ނެތޭ އިސްލާހު ކުރަން ނުޖެހޭ އެންމެ ދާއިރާއެއް، އެންމެ މުއައްސަސާއެއް. އެކަން ކުރަން ނޫންތޯ އަޅުގަނޑުމެން އޭރު އެއްބަސްވެގެން އެކުގައި ނުކުތީ! މިއަދު އެ ދައްކަވަނީ ކޮން ވާހަކަތަކެއްތޯ؟" ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދުވަހު ތިބި ހާލަތު، ސިޔާސީ ބައެއް ލީޑަރުން މިހާރު ހަނދުމަ ނެތް ފަދަ އެވެ. އެހެން ނޫން ނަމަ، ކޯލިޝަން އުފެދެން ޖެހުނު ސަބަބާއި ކޯލިޝަނަށް ކާމިޔާބު ހޯދުމަށްޓަކައި ރައްޔިތުންގެ ކުރިމަތީގައި ދެއްކި ވާހަކަތައް އެއްފަރާތް ކޮށްފައި، ހަމައެކަނި ތިމާގެ ސިޔާސީ މުލައްދަނޑީގައި ވަރު ޖައްސަން ބައެއް ބޭފުޅުން މަސައްކަތެއް ނުކުރައްވާނެ އެވެ.

އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުމެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (ވ) އާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވާހަކަ ދައްކަވަނީ. -- --ފޮޓޯ/ނިޝާން އަލީ/މިހާރު

"އަނިޔާވެރިކަމުން މިންޖުވީމާ، ލިބުނު ކުޑަކުޑަ ފުރުސަތުގެ ބޭނުން ހިފައިގެން ހަށިފޮޅާލާފައި ކޮންމެ މީހަކު ވެސް މި ނުކުންނަނީ ތިމާގެ އަމިއްލަ ޕާޓީ ވަރުގަދަ ކުރަން. ރަށްރަށަށް ގޮސް އަޅުގަނޑުމެން ބުނީ މިއީ އަދުލު އިންސާފު ގާއިމު ކުރުމުގެ ދަތުރެކޭ، މިއީ އަނިޔާ އާއި ބޭއިންސާފުން މި ރާއްޖެ މިންޖު ކުރުމުގެ ދަތުރެކޭ. އެކަމު މިހާރު އެއް ބަޔަކު މި އުޅެނީ ސަރުކާރުގެ ތެރެއިން ވީހާ ބޮޑު ބާރެއް ހޯދަން. އަނެއް ބަޔަކު މި ދުއްވަނީ މަޖިލީހުގެ ހުރިހާ ބާރެއް ދަމައިގަންނަން. އަނެއް ބަޔަކު ހޭރިޔާ ކުރަމުން އެދަނީ ޖުޑިޝަރީ ތިމާގެ މުށުތެރެ އަށް ގެންނަން. މި ގޮތަކށް މި ކަމެއް ނުވާނެ،" ލަތީފް ވިދާޅުވި އެވެ.

ސިޔާސީ މަސްރަހުން މިހާރު އިވޭ އަޑުތަކަށް ބަލާއިރު، ވެރިކަން ކުރާ ކޯލިޝަންގައި ރެނދު ލުމަކީ މާ ދުރުގައި އޮތް ކަމެކޭ ނުބުނެވޭނެ އެވެ. ވެރިކަމުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ވެސް، ކެބިނެޓް އެކުލަވައިލި ގޮތާ ބެހޭ ގޮތުން ވެސް ބިނާކުރަނިވި ފާޑުކިޔުމުގެ ބަދަލުގައި، ސޯޝަލް މީޑިއާ އިން ވެސް ފެންނަނީ ޒާތީ އަދި ފަނާކުރަނިވި ގޮތެއްގައި ދިމާކުރާ މަންޒަރެވެ.

ކެބިނެޓްގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށް ކުރިމަތިވާ ފާޑުކިޔުންތަކުގެ ދިފާއުގައި އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިިބު ޝަހީމް ކުރެއްވި ޓުވީޓެއް

"ކެބިނެޓާ ބެހޭ ގޮތުން ރައީސަށް ފާޑުކިޔުމުގެ އެއްވެސް ބޭނުމެއް ނެތް. ވެރިކަން މި އުފެދުނީ ވަކި ގޮތަކަށް ސަރުކާރު ހިއްސާކުރާ ގޮތަށް. އެހެންވީމާ ކެބިނެޓުން ޖޭޕީ އަށް މި ދިނީ އެއްބަސްވި އަދަދަށް ޖާގަތައް. އަދާލަތާއި ރައީސް މައުމޫނަށް ވެސް ހަމަ އެ ގޮތަށް. އެ ޖާގަތައް ފުރާނެ މީހުން ކަނޑައެޅީ އިބޫއެއް ނޫން،" ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް އިދިކޮޅު ޕާޓީ، ޕީޕީއެމްގެ މެމްބަރަކު ވިދާޅުވި އެވެ.

"އެކަން ކުރީ އެ ޕާޓީތަކުން. އެހެންވީމާ، އެކަމާ އެމްޑީޕީން ވެސް އަދި އެ ޕާޓީގެ ސަޕޯޓަރުން ވެސް ފާޑުކިޔާނެ ކަމެއް ނެތް. އަދި އެމްޑީޕީގެ ޖާގަތަކަށް ހަމަޖެއްސި މީހުންނާ މެދު އެހެން ޕާޓީތަކުން ވެސް ފާޑު ކިޔުމުގެ ބޭނުމެއް ނެތް."

އޭނާ ވިދާޅުވި ގޮތުގައި ކެބިނެޓްގެ ބައެއް ބޭފުޅުންނަކީ ސިޔާސީ އެފަދަ މަގާމުތަކަށް އައު ބޭފުޅުން ކަމަށް ވިޔަސް، އެއީ ނާގާބިލު ބައެކޭ ބުނުމުގެ ޖާގައެއް ނެތެވެ. ގާބިލުތޯ ނުވަތަ ނާގާބިލުތޯ ކަނޑައެޅުމުގެ ކުރިން އެ ބޭފުޅުންނަށް ފުރުސަތު ދޭން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވާ އެއް ބަޔަކީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އިސް މަގާމުތައް ފުރުއްވުމަށް ފަހު މިހާރުގެ ކެބިނެޓުން ފުރުސަތު ލިބުނު ބޭފުޅުންނެވެ.

"މިހާރު އެ ބޭފުޅުންގެ ބޭނުމެއް ނެތެއް ނޫންތޯ. އޭރު ރަށްރަށަށް ގޮސް ކެމްޕޭން ކުރަންވީމާ، އެ ބޭފުޅުންގެ ބޭނުން ހިފަން އޯކޭ. އޭރު އެއީކީ ޔާމީންގެ ކެބިނެޓްގައި އުޅުއްވި ބައެއް ކަމެއް ވެސް ހަނދާނެއް ނެތް. ނޫނީ އެއީ ޖުމްހޫރީ ޕާޓީގެ މެމްބަރުން ކަމެއް ވެސް ހަނދާނެއް ނެތް،" ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުގައި ކެމްޕޭންގެ އަމަލީ މަސައްކަތުގައި އުޅުއްވި ބޭފުޅަކު ވިދާޅުވި އެވެ.

"ކިތައް ރަށުގެ ކިތައް ގެއަށް ވަޑައިގެން ކިތައް މީހުންނާ ބައްދަލުކޮށް ވޯޓު ހޯދަން މަސައްކަތް ކުރެއްވިކަން މިހާ އަވަހަށް ހަނދާން ނެތުނީތޯ؟ ކެމްޕޭން ކުރަންވީމާ އޯކޭ. ސަރުކާރުން މަގާމެއް ދޭންވީމާ، މިވަނީ ކޮރަޕްޓް މީހުންނަށް. ޔާމީންގެ އަރިހުގައި މަސައްކަތް ކުރެއްވީމާ ދެން ސިޔާސީ ދާއިރާ އެމީހަކަށް ހަރާމް ވަނީތޯ؟ ކޮން ކަހަލަ ވިސްނުމެއްތޯ އަޅުގަނޑުމެންނަށް ލިބިގެން މި އުޅެނީ؟"

ކެބިނެޓްގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށް މަޖިލީހުން ރުހުން ނުދިނުމަށް ގޮވާލާއި ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި، އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވީ "ވަޒީރުކަމަށް އައްޔަން ކުރާނީ ޒިންމާ އަދާކުރެވޭނެ ކަމަށް ރައީސް ގަބޫލުފުޅު ކުރައްވާ ބޭފުޅުން" ކަމަށެވެ. އެހެންކަމުން އެ ބޭފުޅުންގެ ކިބައިގައި ވަޒީރުންގެ ޝަރުތު ހަމަވާ ނަމަ، ރުހުން ނުދޭންވީ ސަބަބެއް ނެތް ކަމަށެވެ.

އެ މައްސަލާގައި އެންމެ ހޫނުކޮށް ރައްދު ދެއްވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޖޭޕީން ކެބިނެޓުގައި ތިއްބަވާ މިނިސްޓަރުންނަށް އަމާޒުކޮށް ހަމައެކަނި ފާޑުކިޔަނީ ކޯލިޝަން ބައިބައިކޮށްލާށެވެ.

ޑރ. ޖަމީލްގެ ޓުވީޓް

"ވަކި ބަޔަކު ހުދު ކާފޫރު ކޮޅެއް ފަދަ ސާފު ބަޔަކަށް ހެދެން އުޅޭނެ ކަމެއް ނެތް. އަޅުގަނޑުމެންގެ ދުލުގައި ހިފައި ދަމަން މަސައްކަތް ނުކުރާތި. ދެއްކޭނެ ވާހަކަ ބައިވަރު އެބަހުރި،" އެހެން ޕާޓީތަކުން ކެބިނެޓަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ވެސް ފާޑުކީދާނެ ބޭފުޅުން ތިއްބެވިކަމަށް އިޝާރަތްކުރައްވާ، ޖަމީލް އިއްޔެ "މިހާރު" އަށް ވިދާޅުވި އެވެ.

ރިއާސީ އިންތިޚާބަށް ފަހު، ޕާޓީ ބަދަލުކުރުމުގެ އޮއިވަރެއް ފެށިފައިވާ އިރު، އެކަމާ މެދު ކުރެވޭ ބަހުސްތައް ވެސް މަދެއް ނޫނެވެ. އެއް ބަޔަކު ބުނާ ގޮތުގައި ދަނޑިވަޅު ބަލާފައި ޕާޓީީ ބަދަލު ކުރަނީ "ހިހޫ ތަނުން ކާންވެގެން" ނެވެ. މިހާތަނަށް ޕާޓީ ބަދަލުކުރި މެމްބަރުންގެ ތެރެއިން ގިނަ މެންބަރުން ގުޅުނީ ޖުމްހޫރީ ޕާޓީއާ ކަމަށް ވާތީ، ސޯޝަލް މީޑިއާގައި ބައެއް މީހުން އެ ޕާޓީ ސިފަކުރަމުންދަނީ "ސިޔާސީ ކުނިގޮނޑެއް"ގެ ގޮތުގަ އެވެ.

އެފަދަ ހަޖޫޖެހުންތައް އާންމުވެފައި ވަނިކޮށް އިހައްދުވަހު އަޑު އިވުނީ، ޖޭޕީގެ ޓިކެޓްގައި މަޖިލީހަށް ހޮވުމަށް ފަހު ޕީޕީއެމަށް ބަދަލުވެގެން އުޅެނިކޮށް އެ ޕާޓީން ވަކިކުރި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އެމްޑީޕީ އަށް ސޮއިކުރެއްވި ވާހަކަ އެވެ.

ޖޭޕީއަށް ކުރިމަތިކުރާ ފާޑުކިޔުންތަކާއި މުހައްމާ އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅުވައި، ރިޔާޒް ޓުވީޓާގައި ވިދާޅުވީ "ޖޭޕީގެ ޓިކެޓްގައި މަޖިލީހަށް ހޮވުނު މެމްބަރަކު އެމްޑީޕީ އަށް ދިއުން އޯކޭ، އެކަމަކު އެހެން ޕާޓީއަކުން ހޮވޭ އެމްޕީއަކު ޖޭޕީ އަށް ބަދަލުވުން އޯކޭއެއް ނޫން،" ކަމަށެވެ.

ސޯޝަލް މީޑިއާގައި އޮތް އަނެއް އޮއިވަރަކީ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް އިދިކޮޅު އެމްޑީޕީ އަށް ހޯދުމަށް އެކްޓިވިސްޓުން ފަށާފައިވާ ކެމްޕޭންގެ އޮއިވަރެވެ. މި އޮއިވަރުގައި ސިޔާސީ ލީޑަރުން އަދި މާ ގިނަ ވާހަކަތަކެއް ނުދެއްކެވި ކަމަށް ވިޔަސް، ބައެއް އެކްޓިވިސްޓުން އާންމު ކުރާ ވާހަކަތަކަކީ ސީދާ އެމީހުންގެ ލީޑަރުގެ ބަސް ކަމަށް ވުމީ ވެސް އެކަށީގެންވާ ކަމެކެވެ.

އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ފާޅުގައި ބުނަމުން ދަނީ، ކޯލިޝަން އޮތަސް، މަޖިލީހުގެ ހުރިހާ ގޮނޑިތަކަށް އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކޮށް، މަޖިލީހުގެ ހުރިހާ ގޮނޑިތައް އެމްޑީޕީ އަށް ހޯދަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އެމީހުން ދެކޭ ގޮތުގައި ވެއަތުގެ ދިޔަ ހަތް އަހަރު - ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ފެށިގެން ރައީސް ޔާމީންގެ ވެރިކަން ނިމުމާ ހަމައަށް – ޑިމޮކްރެސީ އާއި އަދުލު އިންސާފު ހޯދަން ކުރި މަސައްކަތުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ބަޔަކީ އެމްޑީޕީގެ މެމްބަރުންނެވެ.

"އެއީކީ ވެސް މުޅިއަކުން ދޮގެއް ނޫން. ޖޭޕީ އާއި އަދާލަތާއި ޕީޕީއެމަކީ، ރައީސް ވަހީދުގެ ވެރިކަމުން ފެށިގެން ވެސް ސަރުކާރުގެ ބައިވެރިން. އެމީހުން ސަރުކާރާ ދެކޮޅުވެ، ރައީސް ޔާމީނާ ދެކޮޅަށް އަޑު އުފުލަން ފެށީ ޔާމީންގެ ވެރިކަމުގެ ވަކި ހިސާބަކުން. އެހެން ވިޔަސް، މިހާރު މި އޮތީ ވަކި ގޮތަކަށް އެއްބަސްވެފައި އޮތް ކޯލިޝަނެއް،" މަޖިލީހުގެ ގޮނޑި ގެއްލުނު ކަމާ މެދު އަރައިރުން އުފެދުނު 12 މެމްބަރުންގެ ތެރެއިން މެމްބަރަކު ވިދާޅުވި އެވެ.

"އެކޯލިޝަންގައި ދެން ތިބީ ބައެއް ނޫން ކަމަށް ދޭހަވާ ގޮތަށް އެއް ޕާޓީއެއްގެ އެކްޓިވިސްޓުން އެ ގޮތަށް އަޑު އުފުލުމަކީ ރަނގަޅު ގޮތެއް ނޫން. ވެރިކަމަށް އާދެވުނު ގޮތް ހަނދާން ނައްތާލައިގެން ނުވާނެ."

ތަފާތު ފިކުރުގެ ސިޔާސީ ލީޑަރުން އެކުވެރިވެ، އެ ގޮތުގައި ސާބިތުވެ ތިއްބެވުމަށް ވެވަޑައިގެންނެވި ވައުދަށް ބިނާކޮށް، ގިނަ ބަޔަކު ދިން ވޯޓުން އުފެދުނު ސަރުކާރަށް އަދި މި އުޅެނީީ ރަނގަޅަށް ނޭވާ ނުލެވި އެވެ. ޕާޓީތަކުގެ އެންމެ އިސް ވެރިންގެ މެދުގައި ދެބަސްވުންތައް ނެތް ކަމަށް ވިޔަސް، ޕާޓީތަކުގެ ބައެއް ވެރިންގެ މެދުގައި މިހާރު ބަދަލުކުރާ ބަހުގެ ހަމަލާތަކަކީ، ކޯލިޝަން ރޫޅިދާނެ ކަމުގެ އަލާމާތްތަކެކެވެ. މިއީ ހަތަރު ލީޑަރުންގެ މެދުގައި ވާހަކަ ދެކެވި މިހާރުން މިހާރަށް ހައްލު ކުރަން ޖެހޭ ކަމެކެވެ.