ސިނަމާލެ ބްރިޖާ އެކު ލޭގެ ކޯރުތައް!

ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓުގެ ސިގުނަލް ފެހިވުމާ އެކު އަހުމަދު ފަޒާލް އޭނާގެ ސައިކަލު ދުއްވާލި އެވެ. އޭނާގެ ކަނާއަތުން ވެސް މީހަކު ސައިކަލެއްގައި ދާ ތަން ފަޒާލަށް ފެނެ އެވެ. އެކަމަކު ޓްރެފިކް ސިގުނަލް ރަތްވުމުގެ ކުރިން ހުރަސް ކުރަން އުޅޭ މީހަކު އޭނާގެ ފަހަތުން ގަޑިއަކު 100 މޭލު ބާރު މިނުގައި އަންނަކަމެއް ނޭނގުނެވެ.


އެ ވަގުތު ފަޒާލުގެ ކަނާތް ފަޅީފައި އިން މީހާ ޔޫޓާނެއް ނަގައި ކުއްލިއަކަށް ސައިކަލު އަނބުރާލި އެވެ. ފަހަތުން އައި މީހާއަށް އޭނާގެ ސައިކަލު ކޮންޓްރޯލެއް ނުކުރެވުނެވެ. ޔޫޓާން ނަގައި އަނބުރާލި ސައިކަލުގައި ނުޖެހެން އޭނާ މަސައްކަތް ކުރި އެވެ. އެކަމަކު ފަޒާލުގެ ސައިކަލުން އޭނާއަކަށް ނުރެކެވުނެވެ.

"އަހަރެން ސައިކަލާ އެއްކޮށް ވިއްސައިގެން ގޮސް ފުރަތަމަ ޖެހުނީ ބްރިޖުގެ ފެންސުގައި. އެވަރުން ވެސް މަތަނުވެގެން ދިޔައީ ލައިޓު ޕޯސްޓާ ދިމާލަށް. އެ ހޮޅިބުރީގައި ބޯ ޖެހެން އުޅެނިކޮށް އަހަރެން އަތުން ހިފެހެއްޓީ. ދެން ހޮޅިދަނޑީގައި އަތް ޖެހިފައި ތާރުގަނޑު މައްޗަށް ބޯކޮޅު ވަތަށް ޖެހުނީ،" ފަޒާލް، 42، އޭޑީކޭ ހޮސްޕިޓަލުގައި އިނދެ ކިޔައިދިނެވެ.

ތާރުގަނޑުގައި ޖެހުނުލެއް ބާރުކަމުން ފަޒާލްގެ ބޮލުގެ ވައަތު ފަޅީގެ ނާށިގަނޑު ފެޅި ސިކުނޑި އޮތީ ހާމައަށް ފެންނާށެވެ. ވައަތު އަތް ބިނދިފަ އެވެ.

ސިނަމާލެ ބްރިޖު ދިޔައީ ލެއިން ފޯވަމުންނެވެ. އޭނާ އޮތީ މަރުގެ ތުންފަތް މަތީގަ އެވެ. އެކަމަކު އޭނާ ވެއްޓުނީ އިންޑިއާގެ ދެ ޑޮކްޓަރުން ތިބި އެމްއެންޑީއެފްގެ ވެހިކަލެއްގެ ކުރިމައްޗަށެވެ. އެ ޑޮކްޓަރުން ވަގުތުން އޭނާއަށް ފަރުވާދޭން ފެށި އެވެ.

ބްރިޖުގައި އެކްސިޑެންޓުވި ފަޒާލްގެ ބޮލުގެ އެކްސްރޭއެއް: ބްރިޖުގައި ހިނގާ އެކްސިޑެންޓުތައް ގިނަ ކަމުން ކުއްލި ފިޔަވަޅުތަކެއް އެޅުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުން -- މިހާރު ފޮޓޯ

ބްރިޖުގައި ހިނގި ބައެއް އެކްސިޑެންޓުތައް

ސެޕްޓެމްބަރު 7: ބްރިޖް ހުޅުވި އަދި އެރޭ އެކަނި ވެސް ތިން އެކްސިޑެންޓެއް ހިނގި.

އޮކްޓޯބަރު 3: ބްރިޖުގައި ކާރަކާއި ލޮރީއެއް ޖެހި އެކަކަށް އަނިޔާވި

އޮކްޓޯބަރު 29: ދެ ސައިކަލެއް ޖެހި ފަސް މީހަކަށް އަނިޔާވި

އޮކްޓޯބަރު، 30: ބްރިޖާ ގުޅޭ ހައިވޭގައި ވޭނެއް އެކްސިޑެންޓުވެ މީހަކު ޒަހަމްވި

ނޮވެމްބަރު 9: ހައިވޭގައި ނުބައި ލޭނަކުން ދިޔަ މީހަކަށް އަނިޔާވި.

ނޮވެމްބަރު 20: ތިން ސައިކަލެއް ޖެހި ތިން މީހަކަށް އަނިޔާވި

ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއް: ކޮންމެ ދުވަހަކު 7،000 މީހުން ބްރިޖު ބޭނުން ކުރޭ -- މިހާރު ފައިލް ފޮޓޯ

މި ނޫނަސް އެތައް އެކްސިޑެންޓެއް ބްރިޖުގަ އާއި ހައިވޭގައި ވަނީ ހިނގައިފަ އެވެ. ވަރަށް ބޮޑެތި އަނިޔާތައް ލިބުނު ބައެއް އެކްސިޑެންޓުތަކުގެ ވާހަކަ މީޑިއާއާ ހަމައަށް ވެސް އައިސްފައެއް ނުވެ އެވެ. އެހެންކަމުން ބްރިޖާއި ބްރިޖާ ގުޅޭ މަގުތަކުގައި ހިނގާފައިވާ އެކްސިޑެންޓުތަކުގެ ސީދާ އަދަދެއް ނޭނގެ އެވެ. ނަމަވެސް ބްރިޖު ހުޅުވި ފަހުން ހިނގި އެކްސިޑެންޓުތަކުގައި ހުޅުމާލޭ ހޮސްޕިޓަލުން އެކަނި ވެސް މިހާތަނަށް 269 މީހަކަށް ވަނީ ފަރުވާ ދީފަ އެވެ.

އެއްގަމު އުޅަނދުފަހަރު

92،983: ރާއްޖޭގައި 2016 އާ ހަމައަށް ރަޖިސްޓްރީކުރި ވެހިކަލްގެ އަދަދު.

75،053: އެ މުއްދަތުގައި ރަޖިސްޓްރީކުރި ސައިކަލް

14،314: ރަޖިސްޓްރީކުރި ކާރު

3،438: ރަޖިސްޓްރީކުރި ބަރު އުޅަނދުފަހަރު

178: ރަޖިސްޓްރީކުރި ބަހުގެ އަދަދު

މިދިއަ ފަސް އަހަރުގެ އެކްސިޑެންޓްތައް

12،085: ރާއްޖޭގައި 2013 އިން މިހާތަނަށް ހިނގި އެކްސިޑެންޓްގެ އަދަދު

2013: 1814 އެކްސިޑެންޓް

2014: 1955 އެކްސިޑެންޓް

2015: 2051 އެކްސިޑެންޓް

2016: 2241 އެކްސިޑެންޓް

2017: 2100 އެކްސިޑެންޓް

1924: މި އަހަރުގެ މިހާތަނަށް

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލެއް ހަލާކުވެފައި: އެކްސިޑެންޓުތަކުގައި ކަމާ ނުބެހޭ މީހުންނަށް ވެސް ވަރަށް ގިނައިން އަނިޔާވޭ -- މިހާރު ފައިލް ފޮޓޯ

އެކްސިޑެންޓުތަކުގައި މަރުވި މީހުންގެ އަދަދު އެނގޭނެ ހިސާބުތަކެއް ސަރުކާރުގެ އެއްވެސް ފަރާތަކުން އަދި ހާމައެއްނުކުރެ އެވެ.

ސިނަމާލެ ބްރިޖް ހުޅުވުމާ އެކު ވެސް އެތައް ބައެއްގެ ކަންބޮޑުވުމަކަށް ވީ ގޮތެއް ފޮތެއް ނުބަލާ ވެހިކަލްތައް ދުއްވާ މީހުންނެވެ. އެކަން ކޮންމެ ވަގުތެއްގައި ވެސް، ބްރިޖާއި ބްރިޖާ ގުޅިފައިވާ ހައިވޭ އިން ފެންނާނެ އެވެ. ނުރައްކާތެރި ސްޕީޑްގައި ދުއްވުމުގެ އިތުރުން އޯވަޓޭކްކުރާ ގޮތާއި ކަނޑައަޅާފައިވާ ލޭން ނޫން އެހެން ލޭންތަކުން ދުއްވުން ފަދަ އެތައް ކަމެކެވެ.

ގަވާއިދުތަކަށް ބޯނުލެނބުން

ސިނަމާލެ ބްރިޖު ހެދި ޗައިނާގެ ސީސީސީސީ ކުންފުނިން ލަފާކުރާ ގޮތުގައި ދުވާލަކު 7،000 އުޅަނދު އެ ބްރިޖު ހުރަސްކޮށް ދަތުރުކުރެ އެވެ. ފުލުހުން ބުނާ ގޮނާ ގޮތުގައި ބްރިޖު ބޭނުންކުރާ މީހުންގެ ތެރެއިން ނިސްބަތުން ގިނަ ބަޔަކު ގާނޫނާއި ގަވާއިދުތަކަށް ބޮލެއް ނުލަނބަ އެވެ.

"ބްރިޖުގައި ދަތުރު ކުރާ ވަރަށް ގިނަ ފަރާތްތަކުން ދުއްވަނީ ވަރަށް ބާރަށް. ގަޑިއަކު 50 މޭލު ބާރު މިނުގައި ދުއްވަން މި އޮންނަނީ. އެކަމަކު ވަރަށް ގިނަ މީހުން ދުއްވަނީ އެއަށް ވުރެ މާ ބާރަށް،" ބްރިޖާއި ހައިވޭ ޔުނިޓާ ހަވާލުވެ ހުރި ފުލުހުންގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރު މުހައްމަދު ހަސަން ވިދާޅުވި އެވެ.

އޭނާ ވަނީ ބްރިޖުގައި އެކްސިޑެންޓުތައް ހިނގަން ދިމާވާ މައިގަނޑު ބައެއް ކަންކަން ފާހަގަކުރައްވައިފަ އެވެ. އެއީ އާދަޔާ ހިލާފަށް ބާރަށް ދުއްވުމާއި ނުބައި ލޭންތަކުގައި ދުއްވުމާއި ބައެއް ފަހަރު މާ މަޑުން ދުއްވުމެވެ.

"އެންމެ ގިނައިން އެކްސިޑެންޓު ވަނީ ބާރަށް ދުއްވައިގެން. އެކަމަކު ކާރު ދުއްވަންނީ ލޭނުގައި ސައިކަލު އަދި ސައިކަލު ދުއްވަންވީ ލޭނުގައި ކާރު ދުއްވައިގެން ވެސް އެކްސިޑެންޓުވެފައި އެބަހުރި. އޯވާޓޭކް ކުރާއިރު ވެސް ވަރަށް ގިނަ ބަޔަކު ނުބައި ލޭނަށް އަރައިގެން އެބަ ދޭ،" ހަސަން ވިދާޅުވި އެވެ.

ހުޅުމާލޭގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓް ފުލުހުން ތަހުގީގު ކުރަނީ.--- މިހާރު ފައިލް ފޮޓޯ

ބްރިޖުގައި ހިނގާ އެކްސިޑެންޓުތައް އާދަޔާ ހިލާފަށް ގިނަކަމުން އެކަމަށް ހައްލެއް ހޯދަން ފުލުހުން ވަނީ ކަމާ ބެހޭ އިދާރާތަކާ އެކު ދެ ފަހަރެއްގެ މަތިން މަޝްވަރާކޮށްފަ އެވެ. އަދި ވަގުތުން ވަގުތަށް އެޅޭނެ ފިޔަވަޅުތަކާއި ކުރިމަގުގައި އެޅިދާނެ ފިޔަވަޅުތަކެއް މިހާރު ވަނީ އެކަށައަޅައިފަ އެވެ. އެގޮތުން ހައިވޭގައި ބްރޭކަރުތަކެއް އެޅުމަކީ އެއް ވިސްނުމެވެ. މިހާރު ބްރިޖާ ގުޅޭ ހައިވޭގައި އެއްވެސް ސްޕީޑް ބްރޭކަރެއް ނުހުރެ އެވެ.

"ކޮންމެ ގޮތެއްވިޔަސް އެބަ ޖެހޭ ވެހިކަލް ދުއްވާ ސްޕީޑު މަޑުކުރަން. އެހެންވީމަ އަޅުގަނޑުމެން މި ވިސްނަނީ ހައިވޭގައި ބްރޭކަރުތަކެއް އަޅަން. އަދި ބްރޭކަރުތައް އެޅުމުގެ ކުރިން ބެރިކޭޑް ބޭނުންކޮށްގެން ވެސް ދުވެލި މަޑުކުރާނަން،" ހަސަން ވިދާޅުވި އެވެ.

އެންމެންގެ ސަލާމަތަށްޓަކައި

ފަޒާލް އެކްސިޑެންޓުވެ ވެއްޓުނީ އެމްއެންޑީއެފްގެ ވެހިކަލެއްގެ ކުރިމައްޗަށެވެ. ނަސީބު ދިމާކުރި ގޮތުން އިންޑިއާ ސިފައިންގެ ދެ ޑޮކްޓަރަކު އެވަގުތު އެ ވެހިކަލުގައި ތިއްބެވެ. އޭނާއަށް އެމެޖެންސީގައި ފަރުވާ ދިނީ އެ ދެ ޑޮކްޓަރުންނެވެ.

"އެ ދެ މީހުން މަގުމަތިން އަޅުގަނޑަށް ފަރުވާ ދިން. އަދި ހުޅުމާލެ ހޮސްޕިޓަލަށް ވެހިކަލުގައި ގެންގޮސް އެ ހޮސްޕިޓަލުގައި ވެސް ފަރުވާދިން،" ފަޒާލް ބުންޏެވެ.

"ވަރަށް ނަސީބު ގަދަ އަޅުގަނޑު. ޑޮކްޓަރުން ވެސް ބުނީ އެހެން. އެވަގުތު އެމީހުން އަޅުގަނޑަށް ފަރުވާ ނުދިން ނަމަ މިވަގުތު ދުނިޔޭގައި ހުންނާނެ ކަމެއް ނޭނގޭ."

ސިނަމާލެ ބްރިޖުގައި އެކްސިޑެންޓުވި އަހުމަދު ފަޒާލް ބޮލުގެ އޮޕަރޭޝަނަށް ފަހު: އެކްސިޑެންޓުވީ ފަހަތުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެން -- މިހާރު ފޮޓޯ

އޭޑީކޭގައި ކުރި ބޮލުގެ އޮޕަރޭޝަނަށް ފަހު އޭނާ މިހާރު އަންނަނީ ރިކަވާ ވަމުންނެވެ. އަދި އޭނާއަށް ދިމާވި އެ ނުރައްކަލާ މެދު ވަރަށް ބޮޑަށް ވިސްނަ އެވެ. އޭނާ އެދެނީ އެފަދަ ކަމެއް އެހެން މީހަކަށް ދިމާނުވުމެވެ.

"ގާނޫނާއި ގަވާއިދު ހުންނަނީ ތިމާ އަދި އެހެން މީހުންގެ ވެސް ސަލާމަތަށްޓަކައި. އަޅުގަނޑުގެ އެދުމަކީ އެންމެން ވެސް ގާނޫނަށް ބޯ ލެނބުން،" ދެ ކުދިންގެ ބައްޕަ ބުންޏެވެ.

"އަދި ކަމާ ބެހޭ އިދާރާތަކުން އެކްސިޑެންޓުތައް ހުއްޓުވުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުން."

އެކަމަކު މައްސަލައަކީ އެ އެވެ. އެންމެ ބޮޑަށް އެކްސިޑެންޓްތައް ހިނގާނެ ސަރަހައްދުތަކުގައި ފުލުހުންގެ ދައުރު ވަރަށް ކުޑަ އެވެ. އެހެންކަމުން ނުރައްކަލަށް ވަދެގަންނަ މީހުން ވެހިކަލް ދުއްވާ ސްޕީޑް މަޑުކޮށް، އެ މީހުން ހޯދައި، ހުއްޓުވައި، ހިފަހައްޓައި، ފިޔަވަޅު އެޅުން ފަދަ ކަންކަން ފެންނަނީ ވަރަށް މަދުންނެވެ.

އެންމެންގެ ރައްކަލަކަށް އެކަށީގެން ފިޔަވަޅުތައް އެޅެންދެން ސިނަމާލެ ބްރިޖާއި ހައިވޭ އެ އޮތީ ހުޅުވިފަ އެވެ. އަމިއްލަ ފުރާނައަށް ވެސް ސަމާލުކަމެއް ނެތި ދުއްވާ މީހުން، ފަޒާލް ގޮތަށް، އެހެން މީހުންނާ މެދަކު ނުވިސްނާ އެވެ. އެހެންކަމުން ސިނަމާލެ ބްރިޖާއި އޭގެ ހައިވޭ އަދި ފެންނަނީ ނުރައްކަލުން ފުރިފައިވާ ތަނެއްގެ ގޮތުގަ އެވެ. އެތަނަށް އޮހޮރިގެންދާ ލޭގެ މިންވަރު ދުވަހުން ދުވަހަށް އެ ދަނީ މަތިވަމުންނެވެ.