މާލެ އަށް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެ އެވެ. ކެފޭ/ ރެސްޓޯރެންޓް ވިޔަފާރިން މުޅިން އާ ކުރިއެއް ފަޅައިފި އެވެ. "ޑެލީ"، "ބިސްޓްރޯ" އަދި "ޕްރެސެރީ" ކަހަލަ ނަންތައް އުފަންވެއްޖެ އެވެ. މިއީ ވަރަށް ހިތްގައިމު ވާހަކައެކެވެ.

މިފަހުން ހުޅުވި ކެފޭތައް ގައިމުގެ ވެސް އަޅުގަނޑު ހެއްވާލައިފި އެވެ. އެ ތަންތަނުގެ ކޮންސެޕްޓާއި ރަހަތައް މުޅިން ތަފާތެވެ. މިއިން ތަނަކަށް ވަދެލީމާ ކުރެވޭނީ ދައުވަތަކަށް ގެއަކަށް ގޮސްގެން އުޅޭ ކަމުގެ އިހުސާސެވެ. ލިބެން ހުންނާނީ މާލެ އިން މިހާތަނަށް ލިބިފައި ނެތް ކަހަލަ ބާވަތްތަކެކެވެ. މިކަހަލަ ހައެއްކަ ކެފޭ އެއްފަހަރާ އައިސް މި ތައާރަފްވީ ޓްރެންޑެކެވެ. މީގެ ފަހަތުގައި ތިބީ ކަމުގެ ލޯބީގައި މި ވިޔަފާރި އަށް ނުކުތް ޒުވާނުންތަކެކެވެ. މި ކެފޭތަކުގެ ކައްކާއިންނަކީ އެ ތަންތަނުގެ ވެރިންނެވެ. އެމީހުންގެ އުފެއްދުންތައް ފޯރުކޮށްދޭ ވެއިޓަރުންނަކީ ވެސް ދިވެހި ޒުވާނުންނެވެ. ޒަމާން ބަދަލުވެއްޖެ އެވެ!

މާލޭގައި މިހާތަނަށް އޮތީ ދެ ގޮތެކެވެ؛ ފެންވަރު މަތި ރެސްޓޯރެންޓަކަށް ދިޔުން ނުވަތަ އާދައިގެ ތަނަކުން ނާސިގޮރެންއެއް ކަހަލަ އާއްމު އެއްޗެއް ކާލުމެވެ. އެއީ މާޒީ ކަމަށް ބަލަމާ ހިނގާށެވެ. ތަފާތު އެއްޗެއް ކާ ހިތްވެއްޖެއްޔާ ނުވަތަ ތަފާތު ކޮފީއެއް ބޯލަން ބޭނުންވެއްޖެއްޔާ ދާނެ ތަންތަން މިހާރު އެބަހުއްޓެވެ. މެރާކީ ކޮފީ ރޯސްޓާސް އެވެ. ތައިމް ބިސްޓްރޯ އެންޑް ޕްރެސެރީ އެވެ. ޒީބާސް ޑެލީ އެންޑް ކެފޭ އެވެ. ދަ ގޯޓްފިޝް ކެފޭ އެންޑް ބިސްޓްރޯ އެވެ. ދަ ސިވިލް ކޮފީ ސޮސައިޓީ އެވެ. މި ނޫން ތަންތަން ވެސް ހުރެދާނެ އެވެ.

ނަންތައް ވަރަށް ތަފާތެވެ. މި ތަންތަން ޑިޒައިންކޮށް ހަދާފައި ހުރީ ވެސް ވަރަށް ތަފާތުކޮށެވެ. އެކަމަކު އެއަށް ވުރެ އަޅުގަނޑަށް މުހިއްމީ ވިއްކާ އެއްޗެއްސާއި ދޭ ހިދުމަތާއި އެކަން ކުރާ މީހުންނެވެ. މުޅިން ތަފާތެވެ. މެނޫ ކުޑަ އެވެ. ޒީބާގެ ސިނަމަން ރޯލް އާއި ގިތެޔޮ މިރުސް ސޯސް އިން ފެށިގެން ތައިމްގެ ވަޅޯމަސް ސްޕެގެޓީ އާއި ގޯޓްފިޝްގެ މީޓްލޯފް އާއި މެރާކީގެ ޚާއްސަ ކޮފީ އާއި ރެޑް ވެލްވެޓް ލާޓޭއާ ހަމައަށް، ލިބެން ހުރީ އެ ތަނެއްގެ ހާއްސަ ބާވަތްތަކެވެ. ވަރަށް ލޯތްބާ އެކު އެ އެއްޗެހި އުފެއްދީ ތަނުގެ ވެރިންނެވެ. ވިއްސާއި ތިރީހުގެ އަހަރުތަކުގައި އުޅޭ ދިވެހިންނެވެ. އަލަށް ވިޔަފާރިއަށް ނުކުތް ޒުވާނުންނެވެ. އެހާމެ ލޯބިން އެ އެއްޗެހި މޭޒުމައްޗަށް ގެނެސްދެނީ ވެސް (ގިނަ ތަންތަނުގައި) ދިވެހިންނެވެ. ސްކޫލް ނިންމާލި ގޮތަށް މަސައްކަތަށް ނުކުތް "ކުދިން"ނެވެ.

މި ތަންތަން ހުޅުވި ޒުވާނުންނަށް ސާބަހެވެ! އެ މީހުންގެ ސިކުނޑީގައި އޮތީ ހަމައެކަނި ވިޔަފާރިކުރުމުގެ ވިސްނުމެއް ނޫނެވެ. ކުރާ ހިތްވާ ކަމެއް ނިކަން ގަޔާވެގެން ކުރަމުން ނަފާ ހޯދުމުގެ ޝައުގުވެރިކަމެވެ. އެ އެންމެންގެ ވެސް އެއްގޮތް އެއް ކަމެއް އެބަ އޮތެވެ. ކެއްކުމުގެ ލޯތްބެވެ.

އައްފާން ތައިމްގައި ޖޫސް ތައްޔާރުކުރާ އިރު އެ ތަނުގެ މުވައްޒަފަކު ބަލަހައްޓައިގެން: ޕޮލިޓިކަލް ސައިންސްގެ ޑިގްރީއެއް އޮތަސް މިހާރު އުޅެނީ ކެއްކުމުގެ ކޯހެއްގައި.--ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އައްފާން ތައިމްގައި ޖޫސް ތައްޔާރުކުރާ އިރު އެ ތަނުގެ މުވައްޒަފަކު ބަލަހައްޓައިގެން: ޕޮލިޓިކަލް ސައިންސްގެ ޑިގްރީއެއް އޮތަސް މިހާރު އުޅެނީ ކެއްކުމުގެ ކޯހެއްގައި.--ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މިސާލަކަށް ތައިމްގެ އައްފާން އަބްދުﷲ ދީދީ ނަގަމާ ހިނގާށެވެ! މަންމަ ގެއިން ބޭރަށް ނުކުންނަ އިރަށް ސިއްރުސިއްރުން ބަދިގެއަށް ވަދެ ބިސްގަނޑު އަޅަން އުޅުނު ޅަ ދުވަހުން ފެށިގެން ކައްކަން ޝައުގުވެރިވެ އެވެ. ކިޔަވަން އިންޑިއާ އަށް ދިޔަ ހިސާބުން މިނިވަންކަން ލިބުމާ އެކު ކައްކާފައި މީހުންނަށް ރަހަ ދައްކަން ފެށި އެވެ. އާއިލާ އާއި ރައްޓެހިންނަށް ކެއުންތައް ތައްޔާރުކޮށްދޭތާ ފަސް އަހަރު ފަހުން، ޕޮލިޓިކަލް ސައިންސް އަދި އިކޮނޮމިކްސް އިން ހޯދި ޑިގްރީ ބާއްވާފައި، އައްފާން ބޭނުންވީ ކައްކާ މީހަކަށް ވާށެވެ. ރާއްޖެ އައިސް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައި ކަލިނަރީ އާޓްސް ކިޔަވަން ފެށި އެވެ. ރައްޓެއްސަކާ އެކު ތައިމް ހުޅުވައި، ވޭތުވެދިޔަ ފަސް އަހަރު އޭނާ ފައްކާކުރި ރެސިޕީތައް ތައާރަފްކޮށް އެ އެއްޗެހި ތައްޔާރުކުރަން މުވައްޒަފުންނަށް ދަސްކޮށްދޭން ދެ މަސް ދުވަސް ބަދިގޭގައި ހޭދަކުރި އެވެ. އޭނާ މިހާރު ވެސް އަންނަނީ އާ ޑިޝްތައް މެނޫ އަށް އިތުރުކުރަމުންނެވެ.

އައިޝަތު ޒީބާ ސައީދުގެ ވާހަކަ ވެސް އޮތީ ދާދި އެއްގޮތަކަށެވެ. ޓޫރިޒަމް ދާއިރާގެ ވަޒީފާއެއްގައި 13 އަހަރު އުޅެމުން އެއްކުރި ފައިސާ އިން މި މަންމަ އަމިއްލަ ގޭގައި ކުޑަކުޑަ ކެފޭއެއް ހުޅުވީ އާއިލާ މީހުންނާއި ރައްޓެހިން ތައުރީފް އޮއްސަމުންދިޔަ އޭނާގެ ކެއުންތައް އެންމެންނާ ހިއްސާކުރާށެވެ. ޒީބާސްގައި ލިބެން ހުރީ އެ ރެސިޕީތަކެވެ. ބޭނުންވާ އެއްޗެހި ގަންނަން ބާޒާރަށް ދާނީ ސީދާ ޒީބާ ނުވަތަ އޭނާގެ ފިރިމީހާ އެވެ. އެ ތަނުގެ ވައިޓް ފިޝް ޑިޝްތަކަށް ބޭނުންވާ ކުރު މަސް ތާޒާކަންމަތީގައި ގެންނަނީ ޒީބާގެ ބައްޕަގެ ރަށް ތ. ބުރުނީންނެވެ. ޚިދުމަތް އެ ދެނީ އެހާ ވެސް ޕާސަނަލް ލެވެލްއެއްގަ އެވެ.

ޒީބާ ކަސްޓަމަރުންތަކަކަށް ހިދުމަތްކުރަނީ: ކުރީގެ ވަޒީފާ ދޫކޮށްލާފައި މިހާރު ހުރީ މި ކަމަށް ހުސްވެގެން.--ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ޒީބާ ކަސްޓަމަރުންތަކަކަށް ހިދުމަތްކުރަނީ: ކުރީގެ ވަޒީފާ ދޫކޮށްލާފައި މިހާރު ހުރީ މި ކަމަށް ހުސްވެގެން.--ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ގޯޓްފިޝް އަށް ބެލިޔަސް، ހަމައެކަނި ނަމުގެ އާދަޔާޚިލާފުކަން ފާހަގަކޮށްލާފައި ނިންމާލެވޭކަށް ނެތެވެ. އެ ތަނުގެ އިންޓީރިއާ ޑިޒައިން ތަފާތުކަމުގެ ވާހަކަ ވެސް އިހަށް ބާއްވާފައި ހެޑް ޝެފް އަފްޝަން އަޝްފާގާއި އޭނާގެ ޕާޓްނަރު އަކްމަލް ޝަހީދުގެ އުމުރު އަޑުއަހާލާށެވެ. ސައްބީސް އަހަރާއި 24 އަހަރެވެ. ގައުމީ ޔުނިވާސިޓީގެ ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ފެކަލްޓީގައި ކިޔަވަން އުޅުނު އިރު ބައްދަލުވި ދެ ރަހުމަތްތެރިންނެވެ. އޭރުއްސުރެ އެ މީހުން ދެކެމުން އައި ހުވަފެން ފަސް އަހަރު ފަހުން މި އޮތީ ހަގީގަތަކަށް ހަދާފަ އެވެ. އިތުރަށް ކިޔަވަން އެކަކު ސްރީ ލަންކާގައި، އަނެކަކު ނިއު ޒީލެންޑުގައި ހުރެގެން ހުރިހާ ކަމެއް ރާވައި ކެފޭ ހުޅުވަން ރަނގަޅަށް ތައްޔާރުވެގެން ރާއްޖެ އައިސް ގޯޓްފިޝް ހުޅުވީ ލޯނެއް ނަގައިގެންނެވެ. މިހާރު ދެ ޒުވާނުންގެ ހުރިހާ ވަގުތެއް އެ ހޭދަކުރަނީ ގޯޓްފިޝް ހިންގާށެވެ.

މެރާކީއަކީ ރަހަ މީރު، ތަފާތު ކޮފީއެއް ހޯދަން މަބްރޫކް އަޒީޒް ފެށި ދިގު ދަތުރެއްގެ އެންމެ ފަހު މަންޒިލެވެ. ތައިލެންޑުގައި ކިޔަވަން އުޅުނު އިރު ގޭގައި އަމިއްލަ އަށް ކޮފީ ރޯސްޓްކޮށް އެކްސްޕެރިމެންޓްކުރަމުން ގޮސް އެކަން ކުރާނެ ގޮތް ދަސްކޮށް އެންމެ ފަހުން ކޯސް ވެސް ހަދައިގެން އައިސް މާލޭގައި ކެފޭއެއް ހުޅުވީ ބައިނަލްއަގުވާމީ ފެންވަރުގަ އެވެ.

މެރާކީ ކޮފީ ރޯސްޓާސްގައި ޒުވާން މުވައްޒަފަކު ކޮފީ ރޯސްޓްކުރަނީ.--ފޮޓޯ: މެރާކީ
މެރާކީ ކޮފީ ރޯސްޓާސްގައި ޒުވާން މުވައްޒަފަކު ކޮފީ ރޯސްޓްކުރަނީ.--ފޮޓޯ: މެރާކީ

ކޮފީގެ ވާހަކަ މަބްރޫކް ކިޔައިދެނީ އާދަޔާޚިލާފު ޝައުގުވެރިކަމަކާ އެކީގަ އެވެ. ކޮފީ ބަންދުކޮށްފައި ހުންނަނީ ހަނާކޮށްފައިކަމާއި އޭގެ އަސްލު ގޮތުގައި ކޮފީ ހުންނަނީ ފެހި ކުލައިގައިކަން މަބްރޫކް އަޅުގަނޑަށް ބުނެދިނެވެ. އޭނާގެ ކެފޭގައި ކޮފީ ތައްޔާރުކުރަނީ ތާޒާކަންމަތީގައި ރާއްޖެ އިން ބޭރުން ގެނެސް، ހަމަ އެ ތަނުގައި ހަނާކޮށްފަ އެވެ. މެރާކީ ހުންނަ މަގުން ދާ އިރު އެ ދުވާ މީރު ވަހަކީ އެއީ އެވެ. އެ ތަނަށް ވަންނަ އިރު ބޮޑު މެޝިނަކުން ކޮފީ ރޯސްޓްކުރާ މަންޒަރު ފެންނާނެ އެވެ. އެއީ ރާއްޖޭގައި ހުޅުވި މިފަދަ ފުރަތަމަ ކެފޭ އެވެ.

މެރާކީގެ ދެވަނަ ތަފާތަކީ، އެ ތަނުން ލިބޭ ކޮފީ އައީ ކޮން ތާކުން ކިހިނެއްކަން އެ ބޯ މީހާ އަށް އެނގުމެވެ. ކޮފީ ހައްދާ ދަނޑުވެރިޔާގެ އަގު ވަޒަންކުރުމަކީ 28 އަހަރުގެ މަބްރޫކަށް ވަރަށް މުހިއްމު ކަމެކެވެ. ދެން އޭނާ އަށް އެންމެ މުހިއްމީ މުޅިން ވެސް ދިވެހި މުވައްޒަފުން ގެންގުޅުމެވެ. މެރާކީގެ ޅަ ޒުވާނުންކޮޅު ޝައުގުވެރިކަމާއި އިތުބާރާ އެކު މަސައްކަތުގައި އަވަދިނެތި އެ އުޅޭ ގޮތް ފެނިފައި އަޅުގަނޑުގެ ހިތް ފުރިގެން ބަންޑުންވެ އެވެ.

މި އެންމެންނަށް ސާބަހާއި ޝުކުރެވެ. ނިކަން ވިސްނާލާށެވެ! މާލޭގެ ކެފޭއަކުން ޒުވާން އަންހެން ވެއިޓަރަކު މަރުހަބާ ކީމާ ހައިރާނެއް ނުވާނެ ހެއްޔެވެ؟ މިހާރު ގޯޓްފިޝް އާއި މެރާކީ އާއި ޒީބާސް އިން އެ ފެންނަނީ އެ މަންޒަރެވެ.

ބައެއް ދިވެހިންނަށް "ހަޑި" މަސައްކަތެއްގައި މި މީހުން މި ދައްކަނީ ވަރަށް މުހިއްމު ނަމޫނާއެކެވެ. ބަންގްލަދޭޝް މީހުން ކައްކާފައި ކާން ދޭ އިންޑަސްޓްރީއަކަށް ކެރިގެން ނުކުމެ، މި ޒުވާނުން މި ވަނީ ދިވެހިންގެ އެ ވިސްނުމަށް ގޮންޖަހާފަ އެވެ.