އިންތިގާލީ އަދާލަތުގެ ކޮމިޝަނުން ފެބްރުއަރީ 7 ގެ ހާދިސާ ބަލާފާނެތަ؟

ބޮޑު ކޯލިޝަނުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ އެމްޑީޕީން މިހާރު ނުކުމެ ތިބީ ބަޣާވާތަކުން ވެރިކަން ވައްޓާލީމާ އަލުން ތެދުވެ ކަމަށެވެ. އަދި ދެން ބަޣާވާތް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވެ އެވެ. ރިޔާސީ އިންތިޚާބުގެ އިތުރުން މަޖިލީހުގެ 65 ގޮނޑިއާ އެކު އެމްޑީޕީ ސިޔާސީ ދާއިރާގައި ބާރު ގަދަކޮށްފައި ވަނިކޮށް މިހާރު މި ފެންނަނީ އެހެން މަންޒަރެކެވެ: "އިންތިގާލީ އަދާލަތު"ގެ ކޮމިޝަނެއް އުފައްދަން އުޅޭ ތަނެވެ.


އެމްޑީޕީން އެ ކޮމިޝަނާ ބެހޭ ބިލެއް މަޖިލިހަށް ހުށައަޅާފައިވާ އިރު ބައެއް މީހުންގެ ސުވާލަކީ ބަލަން އެ އުޅެނީ ކޮން މައްސަލައެއް ހެއްޔެވެ؟

އެމްޑީޕީގެ އިސް މެމްބަރެއް ކަމަށް ވާ މާފަންނު އުތުރު ދާއިރާގެ އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވި ބިލްގައިވާ ގޮތުން ކޮމިޝަނުން ތަހުގީގުކުރަން ޖެހޭނީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ދެމެދު ހިނގި މައްސަލަތަކެވެ. އެހެންކަމުން އެމްޑީޕީގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ވެއްޓުމާއި އޭގެ ފަހުން ދެން ހިނގި ކަންކަން ތަހުގީގު ކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިދެ އެވެ.

މި ބިލްގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މުއައްސަސާއަކުން ނުވަތަ އިދާރާއެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން އެއްވެސް މީހެއްގެ އިންސާނީ ހައްގުތަކަށް ނުވަތަ އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ މައްސަލަތައް ބެލުމުގެ އިހްތިސާސް ކޮމިޝަނަށް އޮވެ އެވެ. އިންސާނީ ހައްގުތަކާ ހިލާފަށް ހަދާފައިވާ ގާނޫނުތަކާއި ގަވައިދުތަކާއި އިޖުރާއުތައް އުވާލުމުގެ ބާރު ވެސް ލިބެ އެވެ.

ފެބްރުއަރީ 7، 2012 ގައި ފުލުހުންނާއި ސިފައިންގެ މެދުގައި ހަމަނުޖެހުން ހިނގަނީ: މި ބޮޑު ހަމަނުޖެހުން ގެންގޮސްދިނީ ރައީސް ނަޝީދުގެ އިސްތިއުފާއާ ހަމައަށް

އެ ބިލް ފާސްވެ ގާނޫނަކަށް ވުމާ އެކު އިންތިގާލީ އަދާލަތުގެ ކޮމިޝަން އުފައްދަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ. ކޮމިޝަން އެކުލެވިގެން ވަނީ ރައީސް އައްޔަންކުރައްވާ ފަސް މެމްބަރުންގެ މައްޗަށެވެ. ކޮމިޝަންގެ ޗެއާޕާސަން އައްޔަން ކުރައްވާނީ ވެސް ރައީސެވެ. އެހެންކަމުން އެއީ ރައީސްގެ ފުލް ކޮންޓްރޯލް އޮންނާނެ ކޮމިޝަނެކެވެ.

ބިލުން ކޮމިޝަނަށް ލިބޭ ބައެއް ބާރުތަކުގެ ތެރޭގައި ހެކި ބަސް ނެގުމާއި މީހުން ހާޒިރުކޮށް ސުވާލު ކުރުން ހިމެނެ އެވެ. އެމީހަކު ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރުމަށް ބޭނުންވާ ކޯޓު އަމުރަށް އެދުމާއި ފަންނީ އެހީތެރިކަން ބޭނުން ނަމަ، ބޭރުގެ ކަމާ ބެހޭ ފަރާތްތަކުގެ އިންވެސްޓިގޭޓަރުން ގެނައުމުގެ ބާރު ވެސް ކޮމިޝަނަށް އޮވެ އެވެ. ތަހުގީގުތަކަށް ތަކެތި ހޯދަން އާންމު ތަންތަން ބަލައި ފާސްކޮށް އެފަދަ ތަކެއްޗާއި ތަންތަން ކޮމިޝަންގެ ބެލުމުގެ ދަށަށް ގެންނަން ބޭނުންވާ ކޯޓު އަމުރު ހޯދުމުގެ ބާރު ވެސް ބިލުން އެ އޮތީ ދީފަ އެވެ.

އެ ކޮމިޝަނުން ތަހުގީގު ކުރާ މައްސަލައް ފޮނުވަން ޖެހެނީ "އިންތިގާލީ އަދާލަތުގެ އޮމްބަޑްސްމަން" އޮފީހަށެވެ. ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ނުވަތަ ބަންޑާރަ ނައިބަށް ފޮނުވުމުގެ ބާރު އެ އޮފީހަށް ލިބިދެ އެވެ. އޮމްބަޑްސްމަންގެ އެކުލެވިގެން ވަނީ ތިން މެމްބަރުންގެ މައްޗަށެވެ. އޮމްބަޑްސްމަން ކިބައިގައި ސުޕީރިއަ ކޯޓެއްގެ ފަނޑިޔާރެއްގެ ޝަރުތުތައް ހުންނަން ޖެހެ އެވެ. މި މަގާމަށް ބޭރު މީހަކު އައްޔަން ކުރާކަށް ވެސް ހުރަސް ނެތެވެ.

ބަލަން އުޅެނީ އެމްޑީޕީގެ ވެރިކަން ވެއްޓުން

ކުރީގެ ރައީސް ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން ތުހުމަތުކުރާތީ އޭރުގެ ރައީސް މުހައްމަދު ވަހީދުގެ ގަރާރަކުން ހަމަ އެ އަހަރު ކޮމިޝަނެއް އުފައްދައި ތަހުގީގުކުރި އެވެ. އެ ކޮމިޝަންގައި ނަޝީދުގެ ފަރާތްޕުޅުން ވެސް ބޭފުޅަކު ހިމެނުނެވެ.

ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީން މައިގަނޑު ހަތަރު ކަމެއް ބަލާފައިވެ އެވެ. އެއީ ޖެނުއަރީ 14، 2012 އިން ފެށިގެން ފެބްރުއަރީ 8 އާ ދެމެދު ރާއްޖޭގައި ސިޔާށީ ކަންކަމާއި ވެރިކަން ބަދަލުވި ގޮތުގެ އިތުރުން ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރުކުރުމުގެ ތެރެއިންތޯ އާއި ވެރިކަން ބަދަލުވީ ގާނޫނާ އެއްގޮތައްތޯ ވެސް އެކޮމިޝަނުން ބެލި އެވެ.

އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމަނިކުފާނުގެ ނައިބު އަދި ފަހުން ރައީސްކަމާ ހަވާލުވެވަޑައިގެންނެވި މުހައްމަދު ވަހީދު -- ނިޝާން އަލީ /މިހާރު

ހަ މަސްދުވަހުގެ މަސައްކަތަށް ފަހު އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާ ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް ނެތް ކަމަށެވެ. އަދި ރައީސްކަމާ މުހައްމަދު ވަހީދު ހަވާލުވެވަޑައިގަތީ ގާނޫނާ އެއްގޮތަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. އެހެންކަމުން އެމްޑީޕީގެ ތުހުމަތުތަކަށް ބާރު ލިބޭ ނުވަތަ ވާގިވެރިވާ އެއްވެސް ހެއްކެއް އެ ކޮމިޝަނުގެ ތަހުގީގަށް ފެނިފައެއް ނުވެ އެވެ.

ނަމަވެސް އެމްޑީޕީން އޭރު ވެސް އަދި މިހާރު ވެސް އެކަން ގަބޫލެއް ނުކުރެ އެވެ. އެ ޕާޓީން އަބަދުވެސް ބުނަމުން އަންނަނީ ނަޝީދުގެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށެވެ.

އެމްޑީޕީގެ ވެރިކަން ވައްޓާލުމުގައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އެ ޕާޓީން ގަބޫލުކުރާ މީހުންގެ ލިސްޓެއް އޭރު ނެރުނެވެ. އޭގެ ތެރޭގައި އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ދަނގެތި ދާއިރާ ކާމިޔާބުކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދެވަނަ ދައުރަކަށް މަޖިލީހަށް އިންތިޚާބުވި އަދި އެމްޑީޕީގެ ވެރިކަމަށް ފަހު ފުރަތަމަ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ހިމެނެ އެވެ. އޭގެ އިތުރުން މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވެސް އޭރު އެ ލިސްޓަށް އެމްޑީޕީން ލާފައިވެ އެވެ.

އެމްޑީޕީގެ ވެރިކަން ބަދަލުކުރި ކަމަށް އެ ޕާޓީން ތުހުމަތުކުރާ މީހުންގެ ތެރޭގައި ހިމެނޭ ބޭފުޅަކު، ނަން ނުޖެހުމަށް ޝަރުތުކުރައްވައި، ވިދާޅުވީ އިންތިގާލީ އަދާލަތުގެ ކޮމިޝަންގެ އަމާޒަކީ އެމްޑީޕީގެ ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށް ކަނޑައެޅުން ކަމަށެވެ.

"މިހާރު ގާނޫނީ ގޮތުން ނުބުނެވޭނެތާ ބަޣާވާތަކުން ކަމަށް އެ ވެރިކަން ބަދަލުކުރީއެއް. އެހެންވީމަ އެގޮތަށް ނިންމަން އެ އުޅެނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭގެ ފަހުން ދެން އަމާޒަކަށް ހަދާނީ އެވެރިކަން ބަދަލުކުރުމުގައި އިސްކޮށް އުޅުނު މީހުންނާ މެދު ފިޔަވަޅު އެޅުމެވެ.

"މިއީ ހަމަ އެމްޑީޕީން ޕްލޭން ކޮށްފައި އޮތް ގޮތް. އެކަމުގައި އިސްކޮށް އުޅުނު މީހުންނަށް ފިޔަވަޅު އަޅާނެ،" އޭނާ ވިދާޅުވި އެވެ.

ވެރިކަން ބަދަލުވި ގޮތް ކޮމިޝަނަށް ކަނޑައެޅޭނެތަ؟

ކޯނީގެ ރިޕޯޓް އެމްޑީޕީ އާއި އެމްޑީޕީގެ ސަޕޯޓަރުން ގަބޫލެއްނުކުރެ އެވެ. އަދި އެ ރިޕޯޓްގައި މައްސަލަތަކެއް ހުރި ކަމަށް، އެމްޑީޕީއާ ގުޅުމެއް ނެތް އެތައް ބަޔަކު ވެސް ދެކެ އެވެ. ސުވާލަކީ އެގޮތަށް އޮތް މައްސަލައެއް، އަލަށް ހަދާ އިންތިގާލީ އަދާލަތު ކޮމިޝަނަށް ބެލޭނެ ހެއްޔެވެ؟

އެމްޑީޕީގެ ވެރިކަން ވެއްޓުނު އިރު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަހުމަދު ފާއިޒް ހުސައިން ވިދާޅުވީ ކޯނީ ރިޕޯޓަކީ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް އެއްޗެއް ކަމަށެވެ. އެހެންކަމުން އެ ވެރިކަން ބަދަލުވި ގޮތް އަލުން ބެލުމަކީ ކުރެވޭނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އޭގެ އިތުރުން ވިދާޅުވީ ވެރިކަން ބަދަލުވި ގޮތާ މެދު އުފެދުނު ހުރިހާ ތުހުމަތުތަކަށް ކޯނީ ރިޕޯޓުން ޖަވާބު ނުލިބޭ ކަމަށެވެ.

"ޝަރުއީ ދާއިރާއަށް އެތައް ތުހުމަތުތަކެއް ކޮށްފައިވާއިރު ކޯނީ ރިޕޯޓް ހެއްދެވި ބޭފުޅުން ޖުޑީޝަރީއާ ސުވާލެއް ނުކުރޭ. ރިކޮމެންޑޭޝަންތަކެއް ދޭއިރު ސުވާލުކޮށް ބަލަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވުމުން ނައިބު ރައީސް ވަހީދަށް ރައީސްކަމުގެ ހުވާލައިދެއްވި ފާއިޒް ވިދާޅުވި އެވެ.

އެމްޑީޕީ ވެރިކަން ބަދަލުވުމާ ގުޅިގެން ބޭއްވި މުޒާހަރާއެއް ރޫޅާލަން ފުލުހުން މަސައްކަތް ކުރަނީ

ނަމަވެސް އެ ބިލްގެ ދަށުން ކުރެވޭނެ ކަންކަމާ މެދު ގާނޫނީ ތަޖުރިބާކާރުންގެ ހިޔާލު ތަފާތެވެ. ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި އެ ކޮމިޝަނަށް ބެލޭނީ އިންސާނީ ހައްގުތަކާ ހިލާފަށް ކޮށްފައިވާ ކަންކަމެވެ. އޭނާ ވިދާޅުވީ ބިލް މިހާރު އޮތް ގޮތުން ނަމަ ވެރިކަން ބަދަލުވި ގޮތް ބެލުމުގެ ފުރުސަތު ކޮމިޝަނަށް ލިބިގެން ނުވާ ކަމަށެވެ.

"ބިލުގައި އޮތީ ރޭވިގެން ހިނގާފައި ހުރި ނުވަތަ ހިނގާ އިންސާނީ ހައްގުތަކާ ހިލާފު މައްސަލަ ބެލުމުގެ ބާރޭ. އެހެންވީމަ އެފަދަ މައްސަލަތައް އެކަނި ބެލޭނީ. ވެރިކަން ބަދަލުވީ ގޮތެއް ނުބެލޭނެ،" ޝަމީމް ވިދާޅުވި އެވެ.

"ފުލުހުންގެ ތެރޭގައި، ސިފައިންގޭގައި ތިބި މީހުން ހިންގި އެކިއެކި ގާނޫނާ ހިލާފު ކަންކަން ބަލައި އެ މީހުންނާ މެދު ފިޔަވަޅު އެޅޭނެ. އެއީ އެ ކޮމިޝަނަށް ކުރެވޭނެ ކަމަކީ."

ކޯނީގެ ރިޕޯޓުގައި ވެސް ބުނެފައި ވަނީ ފެބްރުއަރީ 6، 7 އަދި 8 ވަނަ ދުވަހު ފުލުހުން އަނިޔާވެރިވެފައިވާ ކަމަށާއި ބަލައި ތަހުގީގުކޮށް ކުށްކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ. އެއީ ބައެއް ސިފައިންނާއި ބައެއް ފުލުހުންގެ ފަރާތުން އެ ދެ ތަނުގެ މަރުކަޒުތަކަށް ވެސް ގެއްލުން ލިބުނު ދުވަހެކެވެ. ނަމަވެސް މިހާތަނަށް އެކަންކަން ރަނގަޅު ތަހުގީގުކޮށް ފިޔަވަޅުތައް އަޅާފައެއް ނުވެ އެވެ.

ބިލާ މެދު އެކި މީހުން ދައްކާ ވާހަކައާ ބެހޭ ގޮތުން އިންތިގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. އެކަމަކު އެނގޭ ކަމަކީ، އެމްޑީޕީ އާއި އެ ޕާޓީގެ ސަޕޯޓަރުން ބިލާ ދޭތެރޭ އުފަލުން އުޅުނަސް، ދެން ވާނެ ގޮތަކާ މެދު ކަންބޮޑުވާނެ އެތައް ބަޔަކު ވެސް އުޅޭނެ ކަމެވެ.