ކޯޗުންނަށް ޗެލެންޖް ބޮޑު ސީޒަނެއް

ފުޓްބޯޅަ ފޯމެޓަށް މިދިޔަ އަހަރު ގެނައި ބަދަލާ އެކު އެސްޓީއޯ މާލޭ ލީގު ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބެނީ ގަދަ ހަތަރަކަށް ވުމުންނެވެ. މި ފަހަރު ޕްރިމިއާ ލީގުގެ ޖާގަ މާލޭ ލީގުގެ ގަދަ ހަޔަކަށް ލިބޭ ގޮތަށް ބަދަލުކޮށްފައިވީ ނަމަވެސް ވަކި ފޯރި ކުޑަވާނެ ކަމަށް ނުބެލެވެ އެވެ. އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވާނީ ކޯޗުންނަށެވެ. ގިނަ ކޯޗުން ތިބީ މުޅިން އާ ޓީމުތަކުގަ އެވެ. އެ ކޯޗުން އައިސް ސްކޮޑަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެހެންވެ މި އަހަރު ވެގެންދާނީ ކޯޗުންނަށް ޗެލެންޖް ބޮޑު އަހަރަކަށެވެ.


މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ޓީމު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މި ފަހަރުގެ ސީޒަނަށް ނުކުންނާނީ ވެސް މިދިޔަ އަހަރު އެ ޓީމަށް އިރުޝާދުދިން ސްޕެއިނުގެ އޮސްކާ ބްރުޒޮންއާ އެކު އެވެ. ނިއުއާ ހަވާލުވި ދުވަހު އޮސްކާ ވަނީ އެކަށީގެންވާ ވަގުތުގެ ތެރޭގައި އޭނާ ބޭނުންވާ ތަފާތު ޓީމަށް ގެންނާނެ ކަމަށް ބުނެފަ އެވެ. އެކަން އޭނާ ހާސިލްކުރި އެވެ. އޭގެ ނަތީޖާ އަކީ ސީޒަންގެ ފަހު ތިން މުބާރާތް ނިއު އިން ކާމިޔާބު ކުރުމެވެ.

ކާމިޔާބު ހޯދޭނެކަން އޮސްކާ އޮތީ ސާބިތު ކޮށްދީފަ އެެވެ. ދެން އޮތީ އާ މަރުހަލާ އެކެވެ. މިއީ އެންމެ އުނދަގޫ މަަސައްކަތެވެ. އެއީ ކާމިޔާބު ދެމެހެއްޓުމެވެ. ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކޯޗުން ވެސް ބުނާ އެއް ވާހަކަ އަކީ ކާމިޔާބު ހޯދުމަށް ވުރެން ގިނަ ފަހަރަށް އުނދަގޫ މަސައްކަތަކީ ކާމިޔާބު ދެމެހެއްޓުމެވެ.

އޮސްކާގެ ޕްލޭނަށް ބޭނުންވާ ކުޅުންތެރިން ހޯދަން ނިއު އިން މިދިޔަ ސީޒަނުގެ ފަހު ދުވަހުން ފެށިގެން މަސައްކަތް ފެށި އެވެ. ދެ ތިން ކުޅުންތެރިއަކު ފިޔަވައި އެ ލިސްޓުގައި ހިމެނޭ ގިނަ ކުޅުންތެރިން ނިއު އިން ހޯދި އެވެ. މި އަހަރު އޮސްކާގެ ކުރިމަތީގައި އޮތް ޗެލެންޖަކީ އޭއެފްސީ ކަޕް އަދި ދިވެހި ފުޓްބޯޅައިގައި ކުރިއަށް އެޅި ފިޔަވަޅުގައި އޭނާގެ ފެންވަރު ސާބިތު ކޮށްދިނުމެވެ.

ނިއުގެ ކޯޗު އޮސްކާ އެ ޓީމުގެ ކޯޗިން ސްޓާފެއް ކަމަށްވާ އާދަމް ފަޒީހު އާ ބައްދާލައިގެން --. ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ ސީޒަން އެންމެ ރަނގަޅަށް ފެށި އެއް ޓީމަކީ އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އެވެ. މެސެޑޯނިއާގެ ކޯޗު މަރްޔާން ސެކުލޮސްކީގެ އިރުޝާދުގެ ދަށުން އެ ޓީމުން ރަނގަޅު ނަތީޖާތަކެއް ނެރެމުންދަނިކޮށް ދިމާވި މައްސަލަ އަކީ ޓީމުގެ މުހިއްމު ކުޅުންތެރިންނަށް އަނިޔާވުމެވެ. އެކަމުން އަރައިނުގަނެވިގެން އުޅެނިކޮށް އޭނާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ދުވަސް ގާތްވެ، އޭނާ ކްލަބް ދޫކޮށްލަން ނިންމި އެވެ. އެ ހިސާބުން މާޒިޔާއިން ގެނައީ އެ ޓީމަށް ކުރިން ކޯޗު ކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ) އެވެ. ހަގީގަތަކީ އިންމަ މާޒިޔާއާ ހަވާލުވިއިރު، އޭނާ ބޭނުންވާ ސިސްޓަމަށް ހާނުވަން ވަގުތު ނެތުމުގެ އިތުރަށް މުހިއްމު ކުޅުންތެރިންގެ އަނިޔާގެ މައްސަލަ އެެވެ.

މިދިޔަ ސީޒަނުގެ އެފްއޭ ކަޕް މެޗަކަށް ފަހު އިންމަ ބުނީ މާޒިޔާ އަލުން އަންނާނީ ވަރުގަދަ ކޮށް ކަމަށެވެ. ޓްރާންސްފާ މާކެޓްގައި މާޒިޔާ އިން ވަނީ މިދިޔަ އަހަރު ޓީސީ އަށް މޮޅު ކުޅުމެއް ދެއްކި ނާއިޒު ހަސަން (ދާދު) އާއި ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ގެނެސްފަ އެވެ. އެ ނޫނަސް ގިނަ ކުޅުންތެރިންތަކެއް އެ ޓީމަށް ގެނަ އެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދި މާޒިޔާ އަލުން ކުރިން އޮތް ހިސާބަށް ގެންދިއުމަކީ އިންމަ އަށް އޮތް ޗެލެންޖެވެ.

ދެ ވަނަ ޑިވިޝަނުން ޕްރޮމޯޓްވި ގްރީން ސްޓްރީޓްސް ގޮވައިގެން ނުކުމެ ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ނެރުނު ނަތީޖާތަކަށް ތައުރީފް ހައްގެވެ. އޭނާ ވަނީ ބޮޑެތި ނަންތައް ފަހަތަށް ޖައްސާލާފައި ގްރީން ސްޓްރީޓްސްގެ އަށް އެންމެ މަތީ ފަންތީގެ ފުޓްބޯޅައިގައި ރަނގަޅު ފެށުމެއް ދައްކުވައިދީފަ އެވެ.

މި އަހަރު ސޮބާ ފެންނާނީ ވެލެންސިއާ އިންނެވެ. ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކްލަބް ވެލެންސިއާ މިހާރު އޮތީ އަޑިގަނޑެއްގެ ތެރޭގަ އެވެ. ސޮބާގެ ކެރިއަރުގައި "އާ ޗެޕްޓަރެއް" ގެ ގޮތުގައި އޭނާ މި ފަހަރު ހަވާލުވީ ވެލެންސިއާއާ އެވެ. ކޯޗިންގައި ސޮބާގެ ތަޖުރިބާ މަދަސް ދިވެހި ފުޓްބޯޅައިގައި އޭނާގެ ތަޖުރިބާ ވަރަށް މުއްސަންޖެވެ. އޭގެ ބޭނުން އަބަދުވެސް އޭނާ އަށް ހިފޭނެ އެވެ. ވެލެންސިއާ ކޮޅަށް ޖެހުމަކީ މި ސީޒަނުގައި ސޮބާ އަށް އޮތް ޗެލެންޖެވެ.

ކޯޗު ސޮބާހު: މި ސީޒަނުގައި ފެންނާނީ ކްލަބް ވެލެންސިއާ އިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޯޗު އަލީ ސުޒޭން ފާއިތުވެދިޔަ އަހަރުތަކުގައި މާޒިޔާ އަށް ކާމިޔާބު ހޯދުމަށް ފަހު، މިދިޔަ ސީޒަނު ފުރަތަމަ ފެނުނީ ކުރީގެ ޓީމު ވިކްޓަރީންނެވެ. މެނޭޖުމަންޓު ތެރޭގައި ޖެހުނު ތަފާތު މައްސަލަތަކުގެ ސަބަބުން ޓީމު ހިންގަން ދަތިވެ، އެންމެ އެކަށޭނެ ނަތީޖާތަކެއް ވިކްޓަރީގައި ސުޒޭނަށް ނުރެނެވުނެވެ. އެހެން ނަމަވެސް ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި ގދ. ތިނަދޫ ފުޓްބޯޅަ ޓީމާ ހަވާލުވެ، ސުޒޭން ވަނީ އެ ޓީމާ އެކު ކަނޑައެޅި ޓާގެޓް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރުމުގެ ފުރުސަތު އެ ޓީމަށް ހޯދައިދީފަ އެވެ.

މި ފަހަރު ގްރީން ސްޓްރީޓްސްއާ ހަވާލުވުމަށް ފަހު ސުޒޭން ބުނީ އާ ޓީމަކަށް ވިޔަސް އަދި އާ ޗެލެންޖަކަށް ވިޔަސް އޭނާގެ އޮތީ އެންމެ ޓާގެޓެއް ކަމަށެވެ. އަދި ގްރީން ސްޓްރީޓްސްއާ އެކު ކާމިޔާބު ސީޒަނަކަށް އުއްމީދުކުރާ ކަމަށް އޭނާ ބުންޏެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި ފަހުން ޓީސީ ސްޕޯޓްސް ކްލަބް އަންނަނީ އެއް ފެންވަރެއްގައި ރަނގަޅު ކުޅުމެއް ދަމަހައްޓަމުންނެވެ. އެ ޓީމުން ވަނީ ގިނަ ފައިނަލްތަކެއް ކުޅެފަ އެވެ. އެހެން ނަމަވެސް ތަށްޓެއްގެ ނަސީބު އަދި އެ ޓީމަށް ނުލިބެ އެވެ. އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) މިދިޔަ އަހަރު ބުނީ ދުރު ނޫން މުސްތަގުބަލެއްގައި ޓީސީން ތަށި ހޯދާނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

ޓީސީ ވަނީ މި ފަހަރު އޭއެފްސީ ކަޕް ކޮލިފައިންގައި ކުޅެފަ އެވެ. އެ ޓީމަށް ގްރޫޕް ސްޓޭޖުގެ ޖާގައެއް ނުލިބި ވަކިވާން ޖެހުމުން ނިޒާމްބެ އަމާޒު ހިފާފައިވަނީ އަންނަ އަަހަރު ގްރޫޕް ސްޓޭޖާ ހަމައަށް ދިއުމަށެވެ.

ޓީސީގެ ކޯޗު ނިޒާމްބެ (ވ) އާއި މާޒިޔާގެ ކޯޗު އިންމަ މެޗަކަށް ފަހު ސަލާމްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިވެހި ލީގު ކާމިޔާބުކުރި މަދު ދިވެހި ކޯޗުންގެ ތެރޭގައި ހިމެނޭ މުހައްމަދު ޝިޔާޒް (މޯހަން) މި ފަހަރު އީގަލްސްއާ ހަވާލުވުމަށް ފަހު ވަނީ އެ ޓީމުގެ ކުރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) އަށް ތައުރީފް ކޮށްފަ އެވެ. މިިދިޔަ ސީޒަނުގައި ދ. ކުޑަހުވަދޫ އަށް އިރުޝާދުދިން މޯހަން ބުނީ އޭނާ މި ސީޒަނުގައި ނުކުންނާނީ ސާންތީ ފެށި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

މިދިޔަ ސީޒަނުގައި މާލޭ ލީގުގައި އީގަލްސް އިން ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އެންމެ މޮޅު ޓީމުތަކުގެ މައްޗަށް ހައިރާންކުރަނިވި ކާމިޔާބެއް ވެސް ހޯދި އެވެ. އެހެން ނަމަވެސް ފަހު މެޗުން ގްރީން ސްޓްރީޓްސް އަތުން 1-0 އިން ބަލިވުމުން އީގަލްސް އަށް ޕްރިމިއާ ލީގުން ފުރުސަތު ގެއްލުނެވެ.

އަތޮޅު ތެރޭގެ ދެ ޓީމު ކަމަށްވާ މަހިބަދޫ ސްޕޯޓްސް ކްލަބާއި ކުޑަހުވަދޫ އަށް ކޯޗުކޮށްދިނުމަށް ފަހު މޯހަން މި ފަހަރު މި ނުކުންނަނީ އީގަލްސްއާ އެކު ކާމިޔާބީތަކަކަށް އަމާޒުކޮށްގެންނެވެ. އޭނާ ފުރަތަމަ ވިސްނަނީ ޕްރިމިއާ ލީގުގެ ޖާގަ އަކަށެވެ. އެ އަށް ފަހު ތަށްޓަކާ ދިމާ އަށް މިސްރާބު ޖެހުމަށެވެ.

ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު މިދިޔަ އަހަރު ގިނަ މެޗުތަކަށް ފަހު ފާހަގަކުރި އެއް ކަމަކީ ބޭނުންވަނީ ނަމެއް ނޫން ކަމަށާއި ރަނގަޅަށް މަސައްކަތް ކުރާ ގިނަ ކުޅުންތެރިންތަކެއްް ކަމަށެވެ. އަދި އޭނާގެ ވިސްނުމަކީ އަބަދުވެސް މަސައްކަތްކުރާ ކުޅުންތެރިންތަކެއް ގޮވައިގެން ކުރިއަށް ދިއުން ކަމަށާއި އެއީ ވެސް ކާމިޔާބީގެ ފެށުމެއް ކަމަށެވެ.

ކޯޗު މުހައްމަދު ޝިޔާޒް (މޯހަން): އީގަލްސްއާ އެކު ކާމިޔާބު އަހަރަކަށް އުއްމީދުކުރާ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ސީޒަނަށް ޔުނައިޓެޑް ވިކްޓަރީން ރަނގަޅަށް ތައްޔާރުވާނެ ކަމަށް ނަޒީހު ވަނީ މިދިޔަ އަހަރު މާލޭ ލީގުގެ ނޫސްވެރިންގެ ބައްދަލުވުމަކަށް ފަހު ބުނެފަ އެވެ. މިދިޔަ އަހަރަށް ވުރެން ރަނގަޅަށް ގައިމު ވެސް އެ ޓީމުން މި ސީޒަނަށް ތައްޔާރުވެެއްޖެ އެވެ.

ވިކްޓަރީ އަކީ މިދިޔަ ސީޒަނަށް އެންމެ ވަރުގަދަ އަށް ތައްޔާރުވި އެއް ޓީމެވެ. އެހެން ނަމަވެސް އެކި މައްސަލަތަކުގެ ސަބަބުން އެ ޓީމަށް ވަނީ މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުން ޖާގަ ގެއްލިފަ އެވެ. މި ސީޒަނަށް އެންމެ ފަހުން ތައްޔާރުވި ޓީމަކީ ވިކްޓަރީ އެވެ. އެކަމަކު ނިސްބަތުން ރަނގަޅު ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް ގެނެސްފި އެވެ. އެ ޓީމު ހަވާލުކުރީ ދިވެހި ފުޓްބޯޅައިގެ ތަޖުރިބާ ހުރި ކޯޗެއް ކަމަށްވާ ހަންގޭރީގެ ލާޒްލޯ ކިސްއާ އެވެ.

ރަނގަޅު ކުޅުންތެރިންނާ އެކު ކިސް މި ފަހަރުގެ ސީޒަނަށް ނުކުންނައިރު އޭނާ އަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ވިކްޓަރީ އަލުން ކާމިޔާބުގެ ރޭހަށް ގެންދިއުމެވެ.