ނަޝީދު ނޫން ހައްލެއް ނުފެނުނު؟

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެމްޑީޕީން ނަމެއް ހޮވުމުގެ ވޯޓާ ހަމައަށް ރޭ ދިޔައިރު، އެ ޕާޓީގެ މަސްލަހަތު އޮތީ ގެއްލިފަ އެވެ. ވޯޓު ނިމޭ ގޮތަކުން ހިޔާލުތަފާތުވުން މާ ބޮޑުވެ، ރަސްމީ ދެ ފެކްޝަނެއް އުފެދޭނެ ކަމަށް އެއް ބަޔަކު ތިބީ ހިސާބު ޖަހައިގެންނެވެ. ދަރުބާރުގޭގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުން ފެށިއިރު ވެސް ފެންނަން އޮތީ އެ މަންޒަރެވެ. ޕާލަމެންޓްރީ ގްރޫޕް އޮތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ނަޝީދަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި ދެބައިވެފަ އެވެ.


އެ ވޯޓަކީ އެ ދެ ބޭފުޅުންގެ ރޭހެކެވެ. މެމްބަރުންގެ މެދުގައި މަގްބޫލް ބޭފުޅަކު ކަނޑައެޅުމުގެ ވޯޓެކެވެ. އެމްޑީޕީ ދެ ބައިވެ ހަމަނުޖެހުން ބޮޑުވީ ވެސް އެހެންވެ އެވެ.

ރައީސްގެ ހޮއްވެވުމަކީ ވިލުފުށީ ދާއިރާ އިން އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފެވެ. ނަޝީދު ތާއީދު ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށެވެ.

އަލަށް އިންތިޚާބުވެވަޑައިގަތް މެމްބަރުންނާ އެކު ދަރުބާރުގޭގައި ރޭ ބޭއްވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރަސްމީ ފުރަތަމަ ބައްދަލުވުމުގައި ހަމަޖައްސާފަައި އޮތީ، އެ ދެ ނަމަށް ވޯޓަށް އެހުމަށެވެ. އެކަމަކު ކަން ހިނގީ ހީކުރި ގޮތާ މުޅިން ޚިލާފަށެވެ.

އަފީފާއި އަސްލަމް، ނަން އަނބުރާ ގެންދެވީ އެވެ. އެއާ އެކު، މަޖިލީހުގެ ރައީސަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅަށް ވޯޓަށް އަހައި އެމްޑީޕީގެ 64 މެމްބަރުން އިއްތިފާގުން ފާސްވީ އެވެ. ނައިބު ރައީސަކަށް ހުށަހަޅަން ފާސްކުރީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ނަމެވެ.

އެމްޑީޕީގެ ބައްދަލުވުން ފެށުމުގެ ކުރިން ރިޔާސަތު މޭޒުގައި ނަޝީދު އިންނަވަނިކޮށް އަސްލަމާއި އަފީފް، އެމަނިކުފާނު އަރިހަށް ވަޑައިގަތެވެ. އެއާ އެކު، ގޮނޑިން ތެދުވެވަޑައިގެން ދެ ބޭފުޅުންނާ އެކު އެއްފަރާތަށް ޖެހިވަޑައިގެން ކޮންމެވެސް މަޝްވަރާތަކެއް ހިނގި އެވެ.

އަފީފާއި އަސްލަމް އިސްކުރެއްވީ މަސްލަހަތު!

ރެއާ ހަމައަށް ދިޔައިރު، އަފީފާއި އަސްލަމް ވެސް ތިއްބެވީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ދޫދެއްވާ ވިސްނުމެއްގައެއް ނޫނެވެ. ވިދާޅުވަމުން ގެންދެވީ ރައީސްކަން ކާމިޔާބު ކުރެއްވޭ އަދަދަށް ވޯޓު ކަށަވަރުވެފައިވާ ކަމަށެވެ. އެކަމަކު ކުއްލި ގޮތަކަށް ފަހަތަށް ޖެހިވަޑައިގަތީ، ދެ ބޭފުޅުން ވެސް ރޭ ވިދާޅުވި ގޮތުގައި، ސަރުކާރާއި ރައްޔިތުން އަދި އެމްޑީޕީގެ މަސްލަހަތު ނަގައި ނުލުމަށެވެ.

އަސްލަމާއި އަފީފް: ދެ ބޭފުޅުން ވެސް ނަން އަނބުރާ ގެންދެވީ މަސްލަހަތަށް ކަމަށް ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އަސްލަމް ރޭ ވިދާޅުވީ ހާލަތު އޮތް ގޮތަށް ބަލާއިރު، ވޯޓު ނިމޭ ގޮތަކުން އެ ހަމަނުޖެހުން މާ ބޮޑުވެދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ހިޔާލުތަފާތުވުންތައް އޮތީ އެ ހިސާބުގައި ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި އޭނާ އޮތީ 40 ވޯޓު ކަށަވަރުވެފަ އެވެ. އެއާ އެކު ވެސް މަޖިލީހުގެ ރިޔާސަތު ދޫކޮށްލެއްވީ، ރައީސް ކަމުގައި އެމްޑީޕީގެ ބޭފުޅަކު ހުންނެވުމާއި މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީ އަށް ރައްޔިތުން ދީފައި އޮތުމާ އެކު ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ބާއްވަން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ވާދަވެރި ކަމަކީ ހަސަން އަފީފާއި މުހައްމަދު އަސްލަމާ ދެމެދު އޮތް ވާދަވެރި ކަމަކަށް ވުރެން މާ ބޮޑަށް ފުޅާވެގެން ގޮސްފައި ވަނީ. އެހެންކަމުން ޖުމްލަ މި މަސައްކަތަށް އަދި ޕާޓީ އެކުގައި ތިބޭވޭނެ ގޮތެއް ކަމުގައި އަޅުގަނޑު ދެކެނީ،" އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ ރިޔާސަތަށް ނަޝީދުގެ ނަންފުޅު ހުށަހެޅުއްވީ، އަސްލަމް ވިދާޅުވި ގޮތުގައި، އަފީފް ވެސް ބޭނުންވެގެންނެވެ.

އަފީފް ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީގެ 40 އަށް ވުރެ ގިނަ މެމްބަރުން އޭނާ އަށް ވޯޓު ދެއްވާނެ ކަމުގެ ޔަގީންކަން އޮތީ ދެއްވައިފަ އެވެ. އެއާއެކު ވެސް އަސްލަމާއި ދެ ބޭފުޅުން މަޝްވަރާ ކުރައްވައި އެއްބަސްވެވަޑައިގެންނެވުނު އެންމެ ރަނގަޅު ގޮތަކީ މަޖިލީހުގެ ރައީސް ކަމުގެ ހުށަހެޅުން ނަޝީދު ގަބޫލުފުޅު ކުރެއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އަސްލަމް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރަން. އަޅުގަނޑު އަދިވެސް ރައީސަށް ދަންނަވަން ތަނާޒިލްވެވަޑައިނުގެން އަޅުގަނޑުމެންގެ މި ހުށަހެޅުން ގަބޫލުކުރައްވާށޭ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އަޅުގަނޑުމެންގެ ކުރިއެރުމަކަށް ނޫން. އަޅުގަނޑުމެން މިއަދު ވިސްނަންވީ ޕާޓީގެ އިތުރުން ގައުމާއި ރައްޔިތުންނަށް،" އަފީފް ވިދާޅުވި އެވެ.

"އެޖެންޑާ 19 ނެރުނީ ރައްޔިތުންނަށް ކަންތައްތަކެއް ހުށަހަޅައިގެން. މިއަދު އަޅުގަނޑުމެންގެ ތެރޭގައި ހިތްހަމަނުޖެހުމާއި ހަމަނުޖެހުން އޮވެގެން ދާން ބޭނުންވާ މަންޒިލަށް ދެވޭކަށް ނެތް."

ނަޝީދު ބޭނުންފުޅުވި ގޮތެއް ނޫން؟ މަޖުބޫރުވީ!

އެންމެ ފަހުން ދެން ފެނުނީ، ބައެއް މީހުން ސިފަކުރި ގޮތުގައި، ޕާލަމެންޓްރީ ގްރޫޕުގެ ޗަރުކޭހެވެ. މާ ކުރިން ސްކްރިޕްޓް ލިޔެ ކުޅުނު ޑްރާމާއެކެވެ. އަސްލަމް ހޮވަން ބޭނުންވާ އަދަދަށް ވޯޓު ހަމަނުވުމުން ނަޝީދަށް މަޖުބޫރުވި ނިންމުމެކެވެ.

ޕާޓީގެ ބޭރުންނާއި އެތެރެ އިން ވެސް އެގޮތަށް ގަބޫލުކުރެ އެވެ.

މެމްބަރަކު ވިދާޅުވި ގޮތުގައި ވޯޓާ ހަމައަށް ދިޔައިރު، އަފީފް ހޮވަން ބޭނުންވާ އަދަދަށް ވުރެ އިތުރަށް ވޯޓު އޮތީ ހަމަވެފަ އެވެ. އެހެންވެ، ދެން އޮންނާނެ ގޮތަކީ އަސްލަމްގެ ބަދަލުގައި ނަޝީދުގެ ނަންފުޅު ހުށަހެޅުމެވެ. މި ލަފާކުރުންތަކާ، އެ ގޮތަށް އަމަލުކޮށްފާނެ ކަމުގެ އަލާމާތްތަކެއްގެ ޝައްކު އުފެދުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ދޫދެއްވީ ކަމަށް އަފީފަށް ތާއީދު ކުރެއްވި މެމްބަރަކު ވިދާޅުވި އެވެ.

އެކަމަކު ނަޝީދާ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި، މަޖިލީސް ރައީސަކު ކަނޑައެޅުމުގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދަން ކުރެވުނު އެއްވެސް މަޝްވަރާއެއްގައި، ދެކެވުނު ވާހަކައެއްގެ ތެރެއިން ވެސް ރިޔާސަތުގައި އިންނެވުމަކީ އެމަނިކުފާނުގެ ވިސްނުންފުޅެއް ނޫނެވެ. އަޣުލަބިއްޔަތަށް ވުރެ ގިނަ މެމްބަރުންގެ ތާއީދާ އެކު އަސްލަމް އޮތީ ހޮވިފަ އެވެ. އަދި ނަޝީދު ކުއްލިއަކަށް އެ ނިންމެވުން ނިންމެވީ މަސްލަހަތަށްޓައި ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ކަމުގެ ހުށަހެޅުއްވުމަށް އެއްބަސްވެވަޑައިގަތުމުގެ ކުރިން ނަޝީދު ރޭ ފޯން ކޯލެއްގައި: އެ ކޯލު ކުރެއްވީ ކާކާ ކަމެއް ވިދާޅެއްނުވޭ --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަސްލަމާއި އަފީފްގެ ހުށަހެޅުއްވުމަށް އެއްބަސްވެވަޑައިގަތުމުގެ ކުރިން، "ވަރަށް ގާތް އެކުވެރިއަކަށް" ނަޝީދު ފޯނު ކުރެއްވި އެވެ. އެއީ ކޮން ބޭފުޅެއް ކަމެއް، ބައްދަލުވުމަށް ފަހު ނޫސްވެރިން ސުވާލުކުރުމުން ވެސް ވިދާޅެއް ނުވި އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބައްދަލުވުމުގެ މެދުތެރެއިން، ނަޝީދު ހިނިތުންވެ ހުންނަވައި ފޯނުން ވާހަކަފުޅު ދެއްކެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެވެ.

މަޖިލީހުގެ ރައީސް ކަމަށް އެއްބަސްވެވަޑައިގަތުމަށް ފަހު ނަޝީދު ވިދާޅުވަނީ މިހެންނެވެ؛

"މިއީކީ، އެންމެ ފަހު މިނިޓާ ޖެހެންދެން ވެސް މިކަންވާން އަޅުގަނޑު އެދުނު ގޮތެއް ނޫން."

ސަބަބުތައް ތިލަކޮށްދެއްވީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ތިއްބެވި އެމަނިކުފާނާ އަރިސް ބައެއް ބޭފުޅުންނެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަށް ވުރެ ބޮޑަށް ނަޝީދު ބޭނުންފުޅު ވަނީ ހަރަކާތްތެރި މެމްބަރެއްގެ ގޮތުގައި ދެމިހުންނަވާށެވެ. އެކަމަކު ގައުމީ މަޖިލީހުގެ ހުށަހެޅުން އައި ގޮތުން އިންކާރު ނުކުރެއްވުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގެ ރިޔާސަތުގައި އިންނަވާ އިރު އުނދަގޫތަކެއް ދިމާވާނެ، ވަރަށް ގިނަ ކަންކަން ކޮމްޕްރޮމައިޒް ކުރައްވަން ޖެހިވަޑައިގަންނަވާނެ، އެހެންވިޔަސް އެމަނިކުފާނު ވެސް އިސްކުރެއްވީ ސަރުކާރާއި ރައްޔިތުން އަދި ޕާޓީގެ މަސްލަހަތު،" އިލްޔާސް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް އެމްޑީޕީން ހުށަހަޅާ ކެންޑިޑޭޓަކު ހޮވުމަށް ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދުގެ ނަން ފާސްކުރުމަށް މެމްބަރުން ވޯޓު ދެއްވަނީ--.ފޮޓޯ:ނިޝާން އަލީ/މިހާރު

އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ އަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން ލަތީފް ވިދާޅުވި ގޮތުގައި، މުޅި ޕާލަމެންޓްރީ ގްރޫޕް ބޭނުންވީ އެ މަގާމުގައި ނަޝީދު ހުންނެވުމަށެވެ. އެ ހާލަތުގައި، އެމަނިކުފާނަށް "ޗޮއިސެއް ނޯންނާނެ" ކަމަށް ހަސަން ވިދާޅުވި އެވެ. ދެ ބޭފުޅަކު މަޖިލީހުގެ ރިޔާސަތަށް ކެމްޕޭން ކުރެއްވި އިރު ޕާޓީ ތެރޭގައި އުފަންވި މައްސަލަތަކާއި ހިޔާލުތައް ކޮޅުކޮޅަށް ބެހިގެން ދިޔަ ގޮތް ވެސް އެމަނިކުފާނަށް ސާފު ކަމަށް ވިދާޅުވި އެވެ.

"ފަސްދޮޅަސް ހަތަރު މެމްބަރުންގެ ހުށަހެޅުއްވުމަށް ދެކޮޅެއް ނުހެއްދެވޭނެ، ހައްދަވައިގެން ނުވެސް ވާނެ. އެއީ، ރައީސް ނަޝީދު ބޭނުންފުޅުވެގެން ހުންނެވި ގޮތް ނޫން ކަން އަޅުގަނޑުމެންނަށް އެނގޭ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ އާއްމު މެމްބަރުންނާ ހަމައަށް، އެ ސުވާލު ދިޔަ ނަމަވެސް ނަތީޖާ ނުކުންނާނީ އެ ގޮތަށެވެ. މަޖިލީސް ތެރެއިން އެމްޑީޕީ ކުރަން ހުރި މަސައްކަތްތަކާއި ރައްޔިތުންނަށް ވީ ވައުދުތަކަށް ބަލާއިރު ނަޝީދުގެ ނިންމެވީ މުހިއްމު ނިންމެވުމެއް ކަމަށް ހަސަން ދެކެވަޑައިގަންނަވަ އެވެ.

ދެ ރައީސުންގެ މައްސަލައެއް ނެތް؟

އެމްޑީޕީގެ ވޯޓު، ހީކުރި ގޮތާ ޚިލާފަށް ނިމިގެން ދިއުމަކީ، އެ ޕާޓީގެ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ ސިޔާސީ ކަންކަން އެނގިވަޑައިގަންނަވާ މިންވަރެވެ. އަދި ހިޔާލުތަފާތުވުންތަކާ އެކު މަސައްކަތްޕުޅު ކުރައްވަން ދެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާތީ ނިންމެވި ނިންމެވުމެކެވެ. ނަޝީދުގެ ނަންފުޅާ އެކު ޕާޓީތެރޭގައި އުފެދުނު ނުތަނަވަސްކަން ފިލައިގެން ހިނގައްޖެ އެވެ.

ގިނަ މެމްބަރުން ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު އެއްވެސް މައްސަލައެއް ނެތެވެ. އެމްޑީޕީ އަކީ އެތެރޭގެ ވޯޓުތަކުގައި އުފެދޭ ހިޔާލުތަފާތުވުންތަކަށް ހައްލު ހޯދާ ޕާޓީއެއް ކަމަށާއި އެއަށް ބާރު ދެއްވީ ނަޝީދު ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު: ދެ ބޭފުޅުންގެ މެދުގައި މައްސަލައެއް ނެތް ކަމަށް ނަޝީދު ވިދާޅުވި.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

ނަޝީދު ވިދާޅުވި ގޮތުގައި، ހުރިހާ ނިންމެވުންތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޝްވަރާ ކުރައްވައި ބަހުސްކުރައްވައި ލަފާ ހޯއްދަވަ އެވެ. އެއީ، އެ ގުޅުމުގެ އާދަ ކޮންމެ ދުވަހަކު މެ އޮންނަ ގޮތް ކަން ފާހަގަކުރެއްވި އެވެ.

"ކުޑަކޮށް ވެސް އަޅުގަނޑުމެންގެ އެކުވެރިކަމަކަށް، ރަހުމަތްތެރި ކަމަކަށް ބުރުލެއް ނާރާނެ. ކުރިއަށް އޮތް ތަނުގައި ވެސް ނާރާނެ. އަޅުގަނޑުމެން ދެ މީހުންނަކީ ވަރަށް ގިނަ ދުވަހު އެކުގައި މަސައްކަތްކޮށްފައިވާ ދެ މީހުން. އަޅުގަނޑުމެން ދެ މީހުންނަށް އެއްވެސް ހާލެއްގައި ހުއްޓުމެއް ނާންނާނެ، އަދި ދަތިކަމެއް ވެސް ނާންނާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ނަންފުޅު މަޖިލީހުގެ ރައީސް ކަމަށް ހުށަހަޅަން އެމްޑީޕީން ފާސްކުރުމުން، ރައީސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އެކަމަކު، އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެމަނިކުފާނަކީ މިހާރު އެމްޑީޕީގެ އެންމެ އިސް ފަރާތް ކަން ވެސް ނަޝީދަށް ހަނދުމަފުޅު ކޮށްދެއްވަމުންނެވެ.

ނުފެންނަ ހިސާބުގައި ބޮޑެތި ކަންތަައްތަކެއް ހިނގާ ކަމާ މެދު ޝައްކެއް ނެތެވެ. އެކަމަކު މިވަގުތަށް ރައްޔިތުންގެ މަޖިލިހުގައި ނަޝީދު ކޮންޓްރޯލް ނަންގަވައިފި ކަމަށް ބެލިދާނެ އެވެ.