އަދީބަށް ދިން ލުޔާއި މުއައްސަސާތަކުގެ އިހުމާލު!

ދައުލަތް ފޫއަޅުވާލި ބޮޑެތި އެތައް ކުށެއްގެ ތުހުމަތު އެޅިފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، އަތްދަށުން ދޫނުވީ ހަމަ ކިރިޔާ އެވެ!


ފިއްލަވައިގެން ޓަގެއްގައި ދަތުރު ކުރައްވަނިކޮށް އިންޑިއާ ސިފައިންގެ އަތުޖެހުނު ކަން، ބައެއް ދިވެހިން ސިފަކުރަނީ ނަސީބެއްގެ ގޮތުގަ އެވެ. އެހެން ނޫން ނަމަ، އޭނާ މިހާރު ހުންނެވީހީ ދިވެހި ދައުލަތުގެ ގާނޫނީ ބާރު ހިނގާ ހިސާބެއްގައެއް ނޫނެވެ. ހިމޭންކޮށް ހުންނަވައި ރޭވުންތައް ރޭއްވެވީ އެ ދިމާލަށެވެ. އޭނާގެ ގައިކޮޅުގައި އަތްނުލެވޭ ހިސާބަށް ފުރަތަމަ ވަޑައިގަތުމެވެ. ދެން އެހެން ގައުމަކުން ސިޔާސީ ހިމާޔަތް ހޯއްދެވުމެވެ.

އަދީބުގެ މި ރޭވުން ކާމިޔާބު ވި ނަމަ، އޭނާ ފިއްލެވުމުގެ ޒިންމާ އުފުލާނީ ދައުލަތުގެ ކޮން މުއައްސަސާއަކުން ހެއްޔެވެ؟ އެންމެން ތިބީ ޒިންމާ އިން ރެކިގަނެގެން ނޫން ބާވަ އެވެ؟ އިލްޒާމުގެ އިނގިލި ދިއްކުރަމުން ދިޔައީ، ސިއްރިޔާތުގައި ނަމަވެސް، އެއް ބަޔަކު އަނެއް ބަޔަކަށެވެ.

އަދީބަކީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މޭސްތިރި އެވެ. އެތައް ޖަރީމާއެއް ރާވައި ހިންގެވި ކަމަށް ތުހުމަތު ކުރެ އެވެ. ރައީސުލް ޖުމްހޫރިއްޔާ އަވަހާރަކޮށްލަން އުޅުއްވި ކަަން ސާބިތުވެ ހުކުމެއް އަ އެވެ. ފުލުހުންނާއި ސިފައިންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ފައިސާ އޮއްސަވައި މުޅި ދައުލަތް ކޮންޓްރޯލް ކުރެއްވި އެވެ. މިގޮތަށް ސިޔާސީ ބާރުވެރިކަން ހޯއްދެވުމުގެ ތެރޭގައި ގާނޫނާ ޚިލާފު އެތައް ކަމަކަށް އަރައިގެންފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވެ އެވެ.

އަދީބު ފިލި ކަމަށް ބުނަނީ މި ޓަގް ބޯޓުގައި.

މިހާ ބޮޑެތި ކުށްތަކެއްގެ ތުހުމަތުތަކެއް އެޅިފައި އޮތަސް އަދީބު، މިދިޔަ ހޮނިހިރުދުވަހު ފިއްލެވުމާ ހަމައަށް ހުންނެވީ މިނިވަނެއްގެ ގޮތުގަ އެވެ. އޭނާ އަކީ ބަންދުގައި ބަހައްޓަން ޖެހޭ ފަދަ ކުށްވެރިއެއް ކަމަކަށް މުއައްސަސާތަކަށް ގަބޫލު ނުކުރެވުމުންނެވެ.

މުއައްސަސާތައް ޒިންމާއިން ރެކިގަތީ!

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ކަމުގެ ތުހުމަތާ އެކު ހައްޔަރުކޮށް، އޭނާގެ މައްޗަށް ޚިޔާނާތުގެ އެތައް ދައުވާއެއް ވެސް އުފުލި އެވެ. މި މައްސަލަތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް ކުރިން އޮތީ އިއްވައިފަ އެވެ. އެކަމަކު މި ހުކުމްތަކުން އަދީބު މިނިވަންކުރީ، އެ ދައުވާތައް ގޯސްކޮށް އުފުލާފައިވާ ކަމަށް ބުނެ އެވެ. އެއް މައްސަލައަކީ ރިސޯޓެއް ހަދަން ދޫކުރި މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެވަޑައިގަތުމުން އަދީބުގެ މައްޗަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމެވެ. ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އައި 15 އަހަރުގެ ހުކުމް ވެސް ބާތިލްކުރީ އެވެ. މީގެ އިތުރުން ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނެ އޭނާ 10 އަހަރަށް ޖަލަށް ލާން ކުރި ހުކުމުން ވެސް ސަލާމަތްވެވަޑައިގަތެވެ.

އަދީބު ފުލުހުންގެ ބެލުމުގެ ދަށުގައި: އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހާފައި.

އަދީބާ ދެކޮޅަށް ޕްރޮސިކިއުޓަ ޖެނެރަލް ދައުވާ އުފުލި 12 މައްސަލައެއް ކްރިމިނަލް ކޯޓުން މި ފަހުން އަނބުރާ ފޮނުވާލީ އެވެ. މި ދައުވާތަކަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ބުނެ އެވެ.

އަދީބު މިނިވަންވުމުން އާންމުންގެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. އޭނާ ފިއްލަވާފާނެ ކަމުގެ ބިރު ވެސް އޮތުމުންނެވެ. ޚާއްސަކޮށް ބޭސްފަރުވާއަށް އިންޑިއާ އަށް ފޮނުވަން ނިންމުމުން ސަރުކާރަށް އިންތިހާ އަށް ފާޑުކިއުމާއި ޕްރެޝަރު ވެސް ކުރިމަތިވި އެވެ.

މި ފާޑުކިއުމުން ރެކިގަންނަމުން ސަރުކާރުން ބުނެފައި ވަނީ، ކޯޓުތަކުން އަދީބު މިނިވަން ވުމުގައި ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އިހުމާލު ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ، އަދީބު ކުއްލިއަކަށް މިނިވަންވުމުގެ ޒިންމާ ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި ކަރެކްޝަނަލް ސާވިސް އަށް ވެސް ނެގެން ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ އެއްވެސް ފަރާތެއްގެ އިހުމާލެއް، ފަރުވާ ކުޑަކުރުމެއް ނެތް،" އިމްރާން ވިދާޅުވެފައިވެ އެވެ.

އަދީބު ފުލުހުންގެ ބެލުމުގެ ދަށުގައި.

އެކަމަކު ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ނުހޯދޭހާ ކުރިއެރުން އަދީބާ ގުޅޭ މައްސަލަތަކުގައި މި ފަހުން ފުލުހުން ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ. އަދީބާ ދެކޮޅަށް އެހާ ބޮޑެތި ހެއްކާއި ގަރީނާ ލިބިފައި ވަނިކޮށް އަދި ހެއްކަށް ނުފޫޒު ފޯރުވާފާނެ ކަން އެނގި ތިބެ ވެސް އަލުން ބަންދުކުރަން ފުލުހުން ބޭނުން ނުވި ސަބަބެއް އޮތުން އެކަށީގެންވެ އެވެ.

ޕްރޮސިކިއުޓަ ޖެނެރަލް ޒިންމާ އަދާކުރެއްވިތޯ އުފެދުނު ސުވާލަށް ދެއްވި ޖަވާބުގައި އިނގިލި ދިއްކުރީ ސުޕްރީމް ކޯޓަށެވެ.

ޕީޖީ، އައިޝަތު ބިޝާމް މިދިޔަ އާދީއްތަދުވަހު ވިދާޅުވި ގޮތުގައި ޚިޔާނާތުގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރިއިރު ދެ އަމުރެއް ނެރެދޭން މިދިޔަ ޖޫން 2 ގައި އެދިވަޑައިގަތެވެ. އެއީ، އަދީބު ފިއްލެއްވުމުގެ ފުރުސަތު އޮތުމުން ބަންދުގެ އަމުރަކާއި ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ކަމަށް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ނެރެދިނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެވެ. އަދީބު ފިއްލެވީ އެ އަމުރާ މެދު ކޯޓުން ގޮތެއް ނުނިންމައި އޮއްވައި ކަމަށް ވުމުން އޭގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

މި ވާހަކަ ބިޝާމް މިގޮތަށް ވިދާޅުވުމުން ސުޕްރީމް ކޯޓުން ހިތްހަމައެއްނުޖެހުނެވެ. ޕީޖީ އަށް ރައްދު ދީ އެ ކޯޓުން އިއްޔެ ބުނީ އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދީފައި ނުވަނީ ކުރިން އޭނާ ހުކުމެއްގައި ހުންނެވުމުން ކަމަށެވެ. އެ އިޝާރާތް ކުރީ 15 ދުވަހުގެ ގޭބަންދު ހުކުމަށެވެ. އެ ހުކުމުން އޭނާ މިނިވަންވި ފަހުން ބަންދުގެ އަމުރަކަށް ދައުލަތުން އެދިފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން ބުނެ އެވެ.

އަދީބުގެ ރޭވުން ފުލުހުންނަކަށް ނޭނގުނު!

އަދީބު ފިއްލެވުމާ އެކު ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވީ ފުލުހުންނަށެވެ. ޕާސްޕޯޓް ހިފަހައްޓާފައި އޮތް އަދީބު ފިއްލެވި އިރު ފުލުހުންނަށް ނޭނގުނީ ކީއްވެ ހެއްޔެވެ؟ އޭނާ ހުންނެވީ ފުލުހުންގެ ސަވެއިލެންސްގައި ނޫން ހެއްޔެވެ؟

ޔަގީންވާ ކަމަކީ އޭނާ މާލޭގައި ނޫޅުއްވާ ކަން ފުލުހުންނަށް ރޭކާލީ ޓަގުގައި ދަތުރު ކުރައްވަނިކޮށް ކަމެވެ. އިންޑިއާ އިން ރާއްޖެ އަށް ބޮޑު ހިލަ ގެންނަ ބަނޑުތައް ކަފުޖަހައިގެން ދުއްވާ "ވާގޯ 9" ޓަގުގައި އަދީބު އިންޑިއާ އަށް އެތެރެވަނިކޮށް ހިފެހެއްޓީ މިދިޔަ ބުރާސްފަތި ދުވަހެވެ.

އަދީބު ފިއްލެވި ކަން ފުލުހުންނަށް ޔަގީންވީ މިދިޔަ ބުދަދުވަހު ތަހުގީގަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ގަޑިއަށް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވެވަޑައިނުގަތުމުންނެވެ.

މި ރޭވުމުގައި ހިމެނެނީ އަދީބު އެކަންޏެއް ނޫނެވެ؛

އޭނާގެ ޕްލޭން ފުލުހުންނަށް އެނގިދާނެތީ އޮޅުވާލަން ގިނަ ކަންކަން ކުރެއްވި އެވެ. ހަފުތާ ބަންދަށް އާއިލާ އެކު ރިސޯޓަކަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ އެކަން ފުލުހުންނަށް އެންގެވި އެވެ. އެކަމަކު ރިސޯޓަށް ވަޑައިގަތް ކަމެއް ޔަގީނެއް ނޫނެވެ.

ޓަގުގައި ދަތުރު ކުރެއްވި އިރު އަދީބުގެ ފޯނުން ބައެއް މީހުންނާ މުއާމަލާތް ކޮށްފައިވެ އެވެ. ތަހުގީގަށް ވަޑައިގަންނަވާނެ ކަމަށް މެސެޖަކުން ވިދާޅުވި އެވެ. ތަހުގީގަށް ވަޑައިނުގަތުމުން ފުލުހުން ޝައްކުވެގެން ބެލި އިރު އަދީބު ފޯނު އޮތީ މާލެ ސަރަހައްދުގައި ކަމަށް ވެ އެވެ.

މި މައްސަލައިގައި ފުލުހުން މާ ގިނަ ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އަދީބު ހުންނެވީ ފުލުހުންގެ ސަވައިލެންސްގައި ނޫން ކަން އެ މުއައްސަސާގެ އިސް ބައެއް ބޭފުޅުން ކަށަވަރުކޮށްދެ އެވެ. ކޯޓު އަމުރެއް ނެތި އަދީބު ފަހަތުން ފާރަލައި ބައްދަލުކުރާ މީހުންނާއި ތަންތަނަށް ދިއުމަކީ ފުލުހުންނަށް ގާނޫނީ ގޮތުން ހުއްދަ ކަމެއް ނޫނެވެ.

އެކަމަކު ފުލުހުންނަށް ދެން ވެސް ކުރެވޭނެ ކަންކަން ހުންނާނެ އެވެ. އެހެންކަމުން އަދީބުގެ ރޭވުން ސިއްރު ފުލުހުންނަށް ނޭނގުނީ ކީއްވެ ހެއްޔެވެ؟

މާ ބޮޑަށް ދޫ ދިނުން، ހެދި ގޯހެއް!

ދައުލަތުގެ ހުރިހާ ދިމާލަކުން ލުއި ހޯއްދަވައި އަދީބަށް ފިއްލެވި މަންޒަރު ސާފުވި އިރު އޭނާއާ އެކު ދައުލަތުން އޮތީ އެއްބަސްވުމެއް ވެސް ހަދައިފަ އެވެ. އަދީބު އެއްބަސްވެވަޑައިގަތީ ހިޔާނާތުގައި ކުށްތަކަށް އިއުތިރާފްވެވަޑައިގެން ތަހުގީގަށް އެއްބާރުލުން ދެއްވުމަށެވެ. ބަދަލުގައި އަދީބަށް ވެސް ލުއިތަކެއް ލިބެ އެވެ. އޭގެ ތެރޭގައި، ވަކި މުއްދަތަކަށް ވުރެ ކުރު ހުކުމް އަންނަ ކުށްތަކުގައި ދައުވާ ނުކުރުން ހިމެނޭ ކަން އެނގިފައިވެ އެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން، ކުށުގެ ތުހުމަތުގައިވާ މީހަކު ތަހުގީގުގައި ކުށަށް އިއުތިރާފުވާން ބޭނުން ކަމަށް ބުނެފި ނަމަ ދައުވާ ނުކޮށް ދޫކޮށްލުމާއި އަދަބު ލުއިކޮށްދޭން އެއްބަސްވުމެއް ހެދިދާނެ އެވެ.

މި އެއްބަސްވުމާ އެއްގޮތަށް އަދީބު ގެންދެވީ އެއްބާރުލުން ދެއްވައި ހިޔާނާތުގައި ކަން ހިނގި ގޮތް ކިޔައި ދެއްވަމުންނެވެ. އެހެންވެ، ފުލުހުން ތިބީ ވަރަށް ބޮޑަށް އަދީބަށް ދޫދީގެންނެވެ. އޭގެ ނާޖާއިޒު ފައިދާ ނަންގަވައި ފިއްލަވަން އުޅުއްވީ، ތަހުގީގަށް ދެއްވަން އެއްބަސްވެވަޑައިގަތް، ހިޔާނާތުގެ މައުލޫމާތު އެކުލެވޭ ބައެއް ތަކެތި ނުދެއްވަ އެވެ.

އަދީބު ފިއްލެވީ، އޭނާ ވިދާޅުވާ ގޮތުގައި، ތަހުގީގާ ގުޅިގެން އިންޒާރުތައް އައިސް ފުރާނަ އަށް ނުރައްކާވުމުންނެވެ. އިންޒާރުތައް އައީ ހިޔާނާތާ ގުޅުން ހުރި އިސް ފަރާތްތަކެއްގެ މައުލޫމާތު ދެއްވުމުން ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ ތެރޭގައި، އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރާއި ޝަރުއީ ދާއިރާގެ އިސް ބައެއް ފަރާތްތަކާއި މަޖިލީހުގެ މެމްބަރުން ހިމެނެ އެވެ.

ދެން ވެސް އަދީބުގެ މި ވާހަކަތައް ގަބޫލުކުރާނީ ހެއްޔެވެ؟

ކުރީގެ ނައިބު ރައީސް އަދި އަދީބުގެ ބާރުން އެ މަގާމުން ދުރުކުރި ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ އަދީބުގެ މައްސަލައިގައި ދައުލަތުގެ މުއައްސަސާތަކުގެ އަމަލުތައް ހުރި ގޮތުން ގިނަ ސުވާލުތަކެއް އުފެދޭ ކަމަށެވެ. މި ސަރުކާރުން ވައުދުވީ އިންސާފު ގާއިމްކޮށްދޭން ކަން ފާހަގަކުރައްވައި، އަދީބަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި މި ސަރުކާރުން ފޮރުވަން ބޭނުންވާ ކަންތައްތަކެއް ހުރި ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

އަދީބު ކޯޓުން ނުކުމެވަޑައިގެން ފުލުހުންގެ ވެހިކަލަށް އަރާވަޑައިގަންނަވަނީ.

ޖަމީލް ވިދާޅުވީ ބޮޑެތި ކުށްތަކުގައި އަދީބަށް ތުހުމަތުގެ އިނގިލި އެންމެ ގިނައިން ދިއްކުރީ މިހާރުގެ ސަރުކާރުން ކަމަށެވެ. އެއާ އެކު ކުއްލި ގޮތަކަށް ހުރިހާ ހުކުމްތަކަކާއި ތުހުމަތުތަކަކުން އަދީބު ބަރީއަވި ގޮތާ މެދު ޖަމީލް ސުވާލު އުފެއްދެވި އެވެ.

"އަދީބު ނުފޫޒު ފޯރުވި މިންވަރަކީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި. މިސާލަކަށް އަޅުގަނޑުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގީ، އޮޑިޓަ ޖެނެރަލް މަގާމުން ވަކިކުރީ. އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރަކު ވަކިކުރުމުގައި މަޖިލިސް ތެރޭގައި ފައިސާ އެނބުރުމުގައި އިސް ދައުރެއް އަދާކުރެއްވި އެކަކު އެއީ،" ޖަމީލް ވިދާޅުވި އެވެ.

"މިފަދަ މީހަކު ހެއްކަކަށް ނުފޫޒު ފޯރުވުމާއި ފިލުން ފަދަ ކަންކަމަކީ ވަރަށް ކައިރީގައި އޮންނަ ކަމެއް ކަން އެންމެންނަށް ވެސް އެނގޭ. މީގައި މި އޮތީ އިހުމާލަށް ވުރެން ބޮޑަށް ފޮރުވިފައިވާ ކަންތައްތަކެއް،" ޖަމީލް ވިދާޅުވި އެވެ.

އަދީބަށް ބޮޑެތި ލުއިތަކެއް ދެނީ އޭނާ ޚިޔާނާތްވި ފައިސާ އިން ދައުލަތަށް މަންފާއެއް ލިބޭތީތޯ ވެސް ޖަމީލް ސުވާލު އުފެއްދެވި އެވެ.

ޔަގީންވާ ކަމަކީ އަދީބަށް ފިއްލެވުމުގެ ފުރުސަތު ބޮޑުވީ ދައުލަތުގެ މުއައްސަސާތަކުން އޭނާ އަށް އެކަށީގެންނުވާ މިންވަރަށް ލުއި ދިނުމުންނެވެ. ސުވާލަކީ ދެން ވެސް އޭނާ އަށް ހުޅުވައިދޭނީ އެފަދަ ފުރުސަތެއް ހެއްޔެވެ؟