ތައްޔާރުވާން މަޑުކުރި ނަމަ ރާއްޖެ ވެސް އަތުނުވީސް!

ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ފިޔަވަޅު ނާޅައި، މަޑުކޮށްގެން ތިބި ގައުމުތަކުގެ ހާލަތު އެ އޮތީ އަތުނުވާ ހިސާބުގަ އެވެ! ކޮންމެ ދުވަހަކު އެތައް ބަޔަކު ވައިރަހަށް ޕޮޒިޓިވްވެ، ކޮވިޑް-19 ގައި މަރުވާ ރޭޓް ވެސް ދަނީ މަތިވަމުންނެވެ. މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ މި ނުރައްކަލުން ރާއްޖެ އަށް މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ އަދި ހިތްހަމަޖެހުމަކީ ވެސް ދުރާލައި ތައްޔާރުވުމެވެ.


ޗައިނާގެ ވޫހާންގައި، ޑިސެމްބަރުން ފެށިގެން ވައިރަސް ފެތުރެން ފެށި ހިސާބުން ހެލްތު މިނިސްޓްރީ އިސްވެ އޮވެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ފިޔަވަޅުތައް އަޅަން ފެށި އެވެ. ޗައިނާ އަކީ އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ގައުމަށް ވުމުން ރާއްޖެ އޮތީ ހައި ރިސްކް ގައުމެއްގެ ގޮތުގަ އެވެ. ޗައިނާ އިން ބޭރުވެ ދުނިޔޭގެ އެތައް ގައުމެއްގައި ފެތުރިގަނެފައިވާ ވައިރަހަށް ރާއްޖެ އިން މިހާތަނަށް ޕޮޒިޓިވްވީ، 16 މީހެކެވެ. އޭގެ ތެރެއިން މިހާތަނަށް، ނުވަ މީހަކު ވަނީ ރަނގަޅުވެފަ އެވެ. ފަރުވާ ދެމުން އަންނަނީ ހަތް މީހަކަށެވެ.

ޑައިރެކްޓަރު، ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިދިޔަ ބުރާސްފަތިދުވަހު "މިހާރު" އަށް ވިދާޅުވީ ފުރަތަމަ ކޭސް ފެނުނު ހިސާބުން ފިޔަވަޅު އަޅަން މަޑުކޮށްގެން ތިބި ނަމަ، ރާއްޖޭގެ ހާލަތު ވެސް ގޯހުން ގޯހަށް ދާނެ ކަމަށެވެ. އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި އޮތީ، އެއްފަހަރާ ގިނަ ބަޔަކަށް ފަރުވާ ދެވޭނެ ފަދަ ވަސީލަތްތަކެއް ނެތުމެވެ. "އެކަން އެނގި ތިބެ ދުރާލައި ފިޔަވަޅު އަޅަން ފެށުނު ކަމީ އަޅުގަނޑުމެންގެ ނަސީބު،" މައިމޫނާ ވިދާޅުވި އެވެ.

އޭނާ މިސާލު ޖެއްސެވީ މާލޭގެ ތޮއްޖެހިފައިވާ އާބާދީންނެވެ. އެތައް ހާސް ބިދޭސީން ވެސް ދިރިއުޅޭ ރައްޔިތުންގެ ތެރެއަށް ވައިރަސް ފެތުރުނު ނަމަ އަދަދު އެތައް ތަނަކުން ގުނަވީސްކަން އޭނާ ފާހަގަކުރެއްވި އެވެ.

ފުރަތަމަ ވެސް ބެލީ ވައިރަސް އަންނާނެ ކަމަށް

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް ފުރިހަމަ އަށް ތަބާވާ ރާއްޖޭގެ ސަވެއިލެންސް ސިސްޓަމް ހަރުދަނާ އެވެ. ކޮރޯނާވައިރަސްއާ އެކު ރާއްޖެ އަށް އޮތް ނުރައްކާ ދެނެގަތުމަށް ރިސްކް އެސެސްމެންޓްތައް ހެދި އެވެ. މިއީ، އިންފުލުއެންޒާ ވިޔަސް ނުވަތަ އެހެން ބައްޔެއް ފެތުރޭ ދުވަސްވަރު ވެސް ރާއްޖެ އިން އަމަލުކުރަމުން އަންނަ އުސޫލެވެ.

"ޗައިނާގައި ފެތުރުމަކީ ރާއްޖެ އަށް ރިސްކު ބޮޑު ކަމަކަށް ވާތީ އެކަމަށް ފޯކަސްކޮށްގެން މަސައްކަތް ފެށީ. ޖެނުއަރީ 6 އިން ފެށިގެން ދުނިޔޭގެ ހާލަތު އަޅުގަނޑުމެން މޮނިޓަކުރަން ފަށައިފިން. އެޗްޕީއޭގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ ސީނިއަ ލެވެލް އިން މަސައްކަތް ފެށީ،" މައިމޫނާ ވިދާޅުވި އެވެ.

ރިސްކު ލެވެލްތައް ބަލައި މިކަމުގެ ނުރައްކާ އޮތް މިންވަރު، އެޗްޕީއޭ އިން ދިޔައީ އާއްމުންނަށް ކިޔައިދެމުންނެވެ. ހޭލުންތެރިކުރުވަން ނޫސްބަޔާނެއް އެޗްޕީއޭ އިން ނެރުނުއިރު، ކޮރޯނާވައިރަސް އަށް ޗައިނާ އިން ޕޮޒިޓިވްވީ 144 މީހުންނެވެ. އޭރު މި ބަލީގައި މަރުވި ކަމަށް ޗައިނާ އިން ބުނެފައި އޮތީ ދެ މީހެކެވެ.

މި ވައިރަހާ ދެކޮޅަށް ތައްޔާރުވުމުގައި ފުރަތަމަ ގޮންޖެހުމަކަށް ވީ ރާއްޖެ އިން ނައްތާލާފައިވާ މީސްލްސް ވެސް އެދުވަސްވަރު ފެނުމެވެ. އެކަމަށް ވެސް އެޗްޕީއޭ އިން ތައްޔާރުވާން ޖެހުނެވެ.

ހެލްތު މިނިސްޓަރު އަމީން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މި މަހުގެ 12 ގައި އިއުލާން ކުރައްވާއިރު މައިމޫނާ، މިނިސްޓަރުގެ އަރިހުގައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އެޗްޕީއޭގެ ވިސްނުން މީސްލްސް އާއި ކޮވިޑުން ރައްކާތެރިވާން އަމާޒުކޮށް، ހެލްތު ދާއިރާ ތެރޭގައި ހެލްތު އިމަޖެންސީ އޮޕަރޭޝަންގެ މަސައްކަތްތައް ލަސްނުކޮށް ފުޅާކުރި ކަމަށް މައިމޫނާ ވިދާޅުވި އެވެ.

"ކޮރޯނާވައިރަހާ ދެކޮޅު މަސައްކަތް ހެލްތު އިމަޖެންސީއަކަށް ވެދާނެތީ، ހެލްތު އިމަޖެންސީ އޮޕަރޭޝަން ޕްލޭނަށް އަމަލުކުރަން ފެށީ. ކުރިން ވެސް ހެދިފައި އޮތް އެ ޕްލޭން އޮޕަރޭޝަނަލައިޒްވާން ލިބުނު ފުރުސަތެއް ކަންނޭނގެ މިއީ. އިންފުލުއެންޒާ އެޕެޑެމިކް އަދި އެހެން ބައެއް ކަންތައްތަކުގައި ވެސް އެ ޕްލޭން ބޭނުންކުރެވިފައި ހުންނާނެ،" މައިމޫނާ ވިދާޅުވި އެވެ.

"އެ ޕްލޭންގައި ހިމެނޭ ކަންކަމުގެ ތެރެއިން އަޅުގަނޑުމެން ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ފެށީ."

އެ ހިސާބުން ހެލްތު އިމަޖެންސީ ކޯޑިނޭޝަން ކޮމިޓީއެއް އެކުލަވާލައި ކަމާ ބެހޭ ހުރިހާ އިދާރާތައް ބައިވެރިކުރި އެވެ. ކޮވިޑް-19 އާ ދެކޮޅަށް، ޑަބްލިއުއެޗްއޯގެ ގައިޑްލައިންސްތައް، ބަލި ޖެހިއްޖެ ނަމަ އަމަލުކުރާނެ ގޮތާއި ދެނެގަންނަ ގޮތް ފަދަ ހުރިހާ ކަމެއް ރާއްޖެ އިން ބެލި އެވެ. ޖަނަވާރުން މީހުންނަށް ކުރިން ފެތުރުނު، އަދި ފަހުން މީހުންގެ މެދުގައި ފެތުރުނު ވައިރަސްތަކާ ދެކޮޅަށް ވެސް ރާއްޖެ އިން އަމިއްލަ ގައިޑްލައިންތައް ހެދި ކަމަށް މައިމޫނާ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅޭ މަޝްވަރާ ބައްދަލުވުމެއްގައި މައިމޫނާ ވާހަކަ ދައްކަވާއިރު، ހެލްތު މިނިސްޓަރު އަމީން އަޑުއައްސަވަނީ.

އޭނާ ވިދާޅުވި ގޮތުގައި މި ވައިރަހަކީ ބޭރުން އެތެރެވާނެ އެއްޗަކަށް ވާތީ، ބަލި ރިޕޯޓްކުރުމާއި ކުރިން މައުލޫމާތު އެނގުން މުހިއްމު ކަމަށް ދެކި ގިނަ މަސައްކަތްތަކެއް ކުރި އެވެ. ހޮޓްލައިނެއް ހެދުމާ އެކު ޓޫރިޒަމް ދާއިރާގެ މީހުން ވެސް ހޭލުންތެރިކުރުވި އެވެ. ޓެލެކޮންފަރެންސްތަކާއި ޑްރިލްތައް ބޭއްވި އެވެ.

ފުރަތަމަ ކޭސް ދެނެގަނެވުނީ ތައްޔާރުވެފައި ތިބުމުން

މައިމޫނާ ވިދާޅުވީ ޗައިނާގައި ވައިރަސް ފެތުރުނުތާ މަހެއްހާ ދުވަސް ފަހުން ރާއްޖޭގެ ކުރެއްދޫ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހަކު ދެނެގަނެވުނީ ތައްޔާރުވެފައި ތިބި މިންވަރުން ކަމަށެވެ.

"އެ ހިސާބަށް ދިޔައިރު، ހުރިހާ އެންމެންނަށް، ހެލްތު ސެކްޓާގެ އިތުރުން އެހެން އެޖެންސީސްތަކަށް ވެސް މައުލޫމާތު ދެވިފައި ވަނީ. ރިސޯޓްތަކުގައި އެކަމަށް ޚާއްސަ ބޭފުޅުންނަށް މައުލޫމާތު ދިނުމުގެ ކަންކަން ގެންދިޔަ،" އޭނާ ވިދާޅުވި އެވެ.

ބޭރު ތެރެއިން އިވޭ އަޑުތަކާއި ޓުވިޓާ އާއި ފޭސްބުކްގައި ކޮވިޑް-19އާ ގުޅިގެން ލިޔާ އެންމެ ޖުމްލައެއް ވެސް ދުލެއް ނުކޮށްލަ އެވެ. އެ ވާހަކައެއް ފެށުނު ހިސާބާއި ނިމުނު ހިސާބާ ހަމައަށް ކަންކަން ހޯދައި ބެލި އެވެ. ރާއްޖެ އައި ޗިލީ މީހަކު، އެނބުރި ގައުމަށް ދިޔަ ފަހުން ކޮވިޑް-19 ޖެހުނު ކަމަށް އަޑުފެތުރުމާ ގުޅިގެން ވެސް އެއްވެސް ނިޝާނެއް ހުރި މީހެއް ފެނޭތޯ ބަލައި ހޯދި އެވެ.

މައިމޫނާ ވިދާޅުވީ ތައްޔާރުވުމުގައި، ފަރުވާ އަށް ވެސް އިސްކަން ދިން ކަމަށެވެ.

"ފަރުކޮޅުގައި ވަކިން ތަނެއް ހެދީ، ކްލިނިކަލް ކެއާ ދެވޭނެ ގޮތަށް، އައިޖީއެމްއެޗުގެ ޓެކްނިކަލް ޓީމުގެ ލަފަޔަށް. ހަމައެއާ އެކު ފަރުކޮޅުފުށީގެ އެހެން ބައެއްގައި، ކަރަންޓީނު ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރެވޭނެ ގޮތަށް ކުރިއަށް ދިޔައީ،" މައިމޫނާ ވިދާޅުވި އެވެ.

އިއްޔެ އޮތް ބައްދަލުވުމެއްގައި، މައިމޫނާ އާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު އަރްވިންދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ކުރެއްދޫގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓު އެނބުރި ގައުމަށް ގޮސް ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުމުން ރިސޯޓުން އެޗުޕީއޭއަށް، އެންމެ ފަހުން، އެކަން އެންގި އެވެ. އޭރު އޭނާއަށް ރިސޯޓްގައި ފަރުވާދިން ޑޮކްޓަރާއި އެހީތެރިއެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަން ފަށައިފި އެވެ. ރާއްޖެ އެލާޓަށް އައީ އެ ހިސާބުންނެވެ. ވަގުތުން ރިސޯޓު މޮނިޓަރިންއަށް ލައި, އޭނާއާ ދިމާވި އެންމެން ޓެސްޓްކޮށް ހެދި އެވެ.

"އޭނާ ބެލި ހުރިހާ އެންމެންގެ ކޮންޓެކްޓް ޓްރޭސިން ހެދިން،" މައިމޫނާ ވިދާޅުވި އެވެ.

ކޮވިޑް-19އާ ދެކޮޅަށް ތައްޔާރުވި އިރު، މައިމޫނާ ވިދާޅުވި ގޮތުގައި، އެންމެ ބޮޑު ގޮންޖެހުމަކަށް ވީ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓްސް ނެތުމެވެ. މި ތަކެތި ލިބެން ދުވަސްތަކެއް ނެގި ނަމަވެސް ނަސީބު ރަނގަޅުކަމުން ފުރަތަމަ ކޭސް ފެނުނުއިރު ރާއްޖެ އަށް ހުރީ އެ ތަކެތި ވެސް ހަމަވެފަ އެވެ. އެ ވައިރަސް ހުރި މީހަކު ފެނިއްޖެ ނަމަ އެކަހެރިކުރުމާއި ޓެސްޓުކުރުމާއި ފަރުވާދިނުމާ ގުޅޭ ތަމްރީންތައް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެކި ދާއިރާތަކުގެ ބައިވެރިވުން ވެސް ހޯދި އެވެ.

"ފުރަތަމަ ކޭސް ފެނުނު އިރު ސަވެއިލެންސްގެ ގޮތުން އަޅުގަނޑުމެން ތިބީ ތައްޔާރުވެފައި. އަޅުގަނޑުމެންގެ ޓީމު އޭރު ވެސް ހުރި މަދު ވަސީލަތްތަކާ އެކު ރެ އާއި ދުވާލު މަސައްކަތްކޮށް އިމަޖެންސީ އޮޕަރޭޝަން ސެންޓާއެއް ހިންގަމުން ދިޔައީ: މައިމޫނާ

"ކޭސްއެއް ފެނިއްޖިއްޔާ އަމަލުކުރާނެ ގޮތުގެ ލެވެލްތަކެއް ވެސް ކަނޑައެޅި. ވައިޓް, ޔެލޯ, އޮރެންޖް, ރެޑް, މި ހާލަތްތަކުގައި ވެސް އަމަލުކުރާނެ ގޮތުގެ ކަންތައްތައް ވެސް ކަނޑައަޅާފައި ހުރީ. އަޅުގަނޑުމެންގެ ތެރެއިން މިސާލަކަށް ރަށަކުން ކޭސްއެއް ފެނިއްޖިއްޔާ އަންނަ ހާލަތާއި ރިސޯޓުން ފެނުމުން ވެސް ތަފާތު ގޮތަކަށް މި އަމަލުުކުރަނީ."

"ފުރަތަމަ ކޭސް ފެނުނު އިރު ސަވެއިލެންސްގެ ގޮތުން އަޅުގަނޑުމެން ތިބީ ތައްޔާރުވެފައި. އަޅުގަނޑުމެންގެ ޓީމު އޭރު ވެސް ހުރި މަދު ވަސީލަތްތަކާ އެކު ރެ އާއި ދުވާލު މަސައްކަތްކޮށް އިމަޖެންސީ އޮޕަރޭޝަން ސެންޓާއެއް ހިންގަމުން ދިޔައީ. ހަަމަކޮންމެ ދުވަހަކު މަލްޓި އޭޖެންސީ މީޓިންތައް ވެސް ބާއްވަމުން އައީ. ދުރާލައި ހުރިހާ އެންމެ އެއްބައިވެގެން އެންމެން މަސައްކަތް ކުރިއަށް ދިޔަ. ހެލްތުން އެންގެވީމަ އެހެން އޭޖެންސީތަކުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ވެސް ލިބުނު."

ސިއްހީ ދާއިރާގެ އަޑު އަހައި މުހިއްމު ފިޔަވަޅުތަކެއް

މައިމޫނާ ވިދާޅުވި ގޮތުގައި މި މަސައްކަތުގައި ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސިއްހީ ހިދުމަތްތެރިންގެ އަޑު ސަރުކާރުން އެހުމެވެ. ސަރުކާރު ބަންދުކުރުމާއި ރިސޯޓްތައް ލޮކްޑައުންކުރުމާއި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުނުކުރުމާއި ދަތުރުފަތުރު މަނާކުރުމަކީ ކުޑަ ފިޔަވަޅުތަކެއް ނޫނެވެ.

ނަމަވެސް މި ހުރިހާ ކަންކަމުގެ މައްޗަށް އިސްކުރީ، މައިމޫނާ ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމެވެ. ސިއްހީ ދާއިރާ އިން އަޅަން ބޭނުންވާ ފިޔަވަޅުތައް އެޅުމުގެ މިނިވަންކަން ދޫކޮށްލައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިން ކަަމަށް ވިދާޅުވި އެވެ. ފުރަތަމަ ދުވަހުން ފެށިގެން މި ވައިރަހާ ދެކޮޅަށް މަސައްކަތް ކުރަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ބާރު އެޅުއްވުމަކީ، އެޗްޕީއޭ އިން ދޫނުދީ، މަސައްކަތް ކުރިއަށް ގެންދަން ވަރަށް ބޮޑު ބާރަކަށް ވި ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މައިމޫނާ، މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.

ފަރުވާގައި ކާމިޔާބީއަކީ، އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި މޮޅު، ގާބިލް ޑޮކްޓަރުން ތިއްބެވުމެވެ.

"ރާއްޖޭގައި އެބަ ތިއްބެވި ވަރަށް މޮޅު ގާބިލް، ރެސްޕިރޭޓަރީ މެޑިސިންގައި ވަރަށް ރަނގަޅު ބޭފުޅުން. އަޅުގަނޑުމެންނާ އެކު ޓެކްނިކަލް އެޑްވައިޒަރީ ޓީމުގެ ގޮތުގައި މި މަސައްކަތް ކުރައްވަނީ އައިޖީއެމްއެޗުގެ ޓީމެއް. ނަމަވެސް ޗެެލެންޖަކަށް ދެކެނީ އެހާ ގިނަ ބަޔަކަށް އެއްފަހަރާ ފަރުވާ ދޭން ޖެހުން. މޮޅު މީހުން ތިއްބަސް އެއީކީ ވާނެ ކަމެއް ނޫން،" މައިމޫނާ ވިދާޅުވި އެވެ.

"ކޮންމެ ކޭސްއެއް ވެސް ވަކިވަކިން، ފަރުވާދެމުން ދިޔައިރު ވެސް ވަރަށް ގާތުން ޑޮކްޓަރުން ބަލަމުންދޭ."

ޑޮކްޓަރުން ހިމެނިވަޑައިގަންނަވާ ޓެކްނިކަލް އެޑްވައިޒަރީ ޓީމުގެ މަސައްކަތް މައިމޫނާ ފާހަގަކުރައްވަ އެވެ. ކިރިޔާ ވެސް އަލާމާތެއް ހުރެއްޖެ ނަމަ ދޫކޮށްނުލައި، ހަރުކަށި ފިޔަވަޅުތަކެއް އަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނުރައްކާ އަދިވެސް ކުޑައެއް ނޫން

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ވައިރަހުގެ ނުރައްކާ ރާއްޖެ އަށް އަދިވެސް ކުޑައެއް ނޫނެވެ. ބޭރުގެ އެއްވެސް ގައުމަކުން އަންނަ މީހަކު އާއްމުންގެ ތެރެއަށް ދޫވުމަކީ، މައީމޫނާ ވިދާޅުވި ގޮތުގައި، އަދިވެސް ވަރަށް ބޮޑު ރިސްކެކެވެ.

"ރާއްޖެ އަށް އަންނަ އެންމެން 14 ދުވަހަށް ކަރަންޓީން ކުރަން އެ އެޅި ފިޔަވަޅަކީ ވެސް ކިތަންމެ ބޮޑު ޚަރަދެއް ހިނގިއަސް ރައްކަލަށްޓަކައި ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ،" މައިމޫނާ ވިދާޅުވި އެވެ.

މައިމޫނާ، މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް އިންޓވިއު ދެެއްވަނީ.

"ކިރިޔާ އަލާމާތެއް ހުރި މީހަކު ޓެސްޓުނުކޮށް ދޫކޮށްލުމާއި 14 ދުވަސް ކަރަންޓީނުގައި ހަމަނުކުރުން ފަދަ އެއްވެސް ކަމެއް ދޫނުކޮށްލާނަން އަޅުގަނޑުމެން. އެގޮތަށް ވެއްޖެ ނަމަ، ރައްޔިތުންގެ ރައްކާތެރިކަމަށް އެޅޭ ހުރަހެއް."

ކޮރޯނާވައިރަސް އިން ރައްކާތެރިވާން ރާއްޖެ އިން އަޅާފައިވާ ފިޔަވަޅުތަކަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ފަދަ ތަންތަނުން އަންނަނީ ތައުރީފްކުރަމުންނެވެ. އެއާއެކު، ރާއްޖޭގައި މި ވައިރަހަށް ފަރުވާދެމުން އަންނަ ގޮތުގެ ތަޖުރިބާ އެހެން ގައުމުތަކުން އަންނަނީ ހޯދަމުން ވެސް މެ އެވެ.\

އެކަމަކު އެ ވައިރަހަކީ އަދިވެސް ބޮޑު ނުރައްކަލެކެވެ. އާންމުން އަދިވެސް ވިސްނަން ޖެހެނީ ބޭކާރު ގޮތުގައި ބޭރަށް ނުކުމެ ނޫޅުމަށެވެ. ސާފުތާހިރު ކަމަށެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން އިރުޝާދުތަކަށެވެ.