ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ބައެެއް މެމްބަރުން.---ފޮޓޯ: މަޖިލިހުގެ އިދާރާ
12 އެޕްރީލް 2020 - 11:30
މިހާރު އޮތް ކައުންސިލްތަކުގެ މުއްދަތު، ޖޫން 3، 2020 ގައި ހަމަވާނެ އެވެ. އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމްވަނީ، މެއި 3، ގެ ކުރިން އިންތިޚާބު ބޭއްވުމަށެވެ. އެކަމަކު މުޅި ދުނިޔެއަށް ފެތުރިފައި އޮތް ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވާން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ އެކު ރާއްޖޭގައި އަޅަމުން އަންނަ ފިޔަވަޅުތަކާ ހެދި އެ މުއްދަތަށް އިންތިޚާބު ބޭއްވޭކަށް ވެސް ނެތެވެ. މި މަހުގެ 4، ގައި ބާއްވަން ތައްޔާރުވި އިންތިޚާބު ލަސްވެފައިވާ އިރު މިކަމުގައި މިހާރު މި އޮތީ ގާނޫނީ ހައްލެއް ބޭނުންވެފަ އެވެ.
ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ކައުންސިލްތަކުގައި ތިބެން ޖެހޭނީ އިންތިޚާބުކޮށްފައިވާ ކައުންސިލަރުން ކަމަށެވެ. ދައުރު ހަމަވެ، އާ ކައުންސިލަރުން އިންތިޚާބު ކުރަން މިހާރު ކަނޑައަޅާފައިވާ މުއްދަތުގައި، [ކައުންސިލްތަކުގެ އުމުރު ހަމަވުމުގެ 30 ދުވަސް ކުރިން] އިންތިޚާބު ނުބާއްވައިފި ނަމަ އީސީން ގާނޫނާ ޚިލާފުވީ އެވެ.
އިންތިޚާބާ ގުޅިގެން، ސިވިލް ސާވިސް އާއި ސަރުކާރު ކުންފުނިތަކުގެ 280 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ވަޒީފާ އިން ސަސްޕެންޑްކޮށްފަ އެވެ. އިންތިޚާބު ނުބޭއްވި ދިގުލައިގެން ގޮސްފައިވާ އިރު، އެ މީހުންގެ ސަސްޕެންޝަނާ މެދު ވެސް އޮތީ ގާނޫނީ ހައްލެއް ހޯދަން ޖެހިފަ އެވެ.
ގާނޫނީ މި ހުސްކަން ނިމުމަކަށް ގެންނެވުމަށް، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ހުށަހެޅުއްވީ ގާނޫނުއަސާސީ އިސްލާހުކުރުމާ އެކު ކައުންސިލް އިންތިޚާބުގެ ޚާއްސަ ގާނޫނެކެވެ. މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިންތިޚާބު ބޭއްވުމާ ހަމައަށް ދެމިގެންދާ ގޮތަށް އަދި ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސްގެ މުވައްޒަފުންގެ ސަސްޕެންޝަން އުވާލައި، އިންތިޚާބަށް އެކަށީގެންވާ މާހައުލެއް ލިބެންދެން ޖެނުއަރީ 6 ވަނަ ދުވަހާ ހަމައަށް އިންތިޚާބު ފަސްވާ ގޮތަށް އެ ހުށަހެޅުއްވުމުގައިވެ އެވެ.
އޭޖީގެ މި ހުށަހެޅުއްވުމުގެ ތެރެއިން މަޖިލީހަށް ބަލައިނުގަނެވުނީ، ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ހުށަހެޅި ބިލެވެ. ކައުންސިލްތަކުގެ ޚާއްސަ ގާނޫނަށް ބަހުސް ފަށާފައިވީ ނަމަވެސް ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހެޅި ބިލު ބާއްވައި، ސަރުކާރުގެ ނިސްބަތްވާ އެމްޑީޕީގެ ބައެއް މެމްބަރުން ވާހަކަ ދައްކަވަނީ، މިއީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ބަލައި، ގާނޫނުއަސާސީ އިސްލާހުކުރަން އަތްނުލައި ބާއްވާށެވެ.
މަޖިލީހުގެ ބަހުސްގައި، މެމްބަރުންގެ ހިޔާލު ތަފާތުވެފައިވާ މި މައްސަލައިގައި ސަރުކާރުން ހުށަހެޅި ހައްލުގެ ބަދަލުގައި، މުޅިން އެހެން ގޮތެއް ހޯދުމުގެ ވިސްނުމުގައި، ހަމަ އެމްޑީޕީގެ ތެރެއިން މިހާރު ވަނީ އެހެން ބިލެއް ވެސް ހުށަހަޅައިފަ އެވެ.
މަޖިލީހުގެ ރައީސް ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަވަނީ.
ގާނޫނުއަސާސީ އިސްލާހުކުރުމަކީ މި ދަނޑިވަޅަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް، މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި، ބައެއް މެމްބަރުން ދެކެވަޑައިގެން އެހެން ހައްލުތަކެއް ނެރުއްވަން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެކަމަކު މަޖިލީހުން މިހާރު އަމާޒު ހިފާފައިވާ ހައްލުތަކުގައި، ގާނޫނުއަސާސީއާ ޚިލާފު ނިންމުމެއް ފާސްކޮށްފާނެ ކަމުގެ ބިރު މަޖިލީހުގެ ބައެއް މެމްބަރުންނަށް ވެސް އެބަ އޮތެވެ! ބަހުސްގައި އެ މެމްބަރުން ގެންދަވަނީ އެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
"ކަނޑައެޅިގެން މުތުލަގަށް، ގާނޫނުއަސާސީ އެއްފަރާތްކޮށްފައި އޭގެ ބާރު ކަނޑުވާލާފައި ދެން އެހެނިހެން ގޮތްގޮތުން ސެކްރެޓަރީ ޖެނެރަލުން ބާއްވަންވީއޭ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކު ބަހައްޓަންވީއޭ މިގޮތަށް ވާހަކަ ދެއްކުން މިއީ އެއްގޮތަކަށް ވެސް [ގާނޫނުއަސާސީގެ ރޫހާ އެއްގޮތަށް ކަންކުރުމެއް ނޫން.]،" މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވި އެވެ.
އޭޖީ ހުށަހެޅުއްވީ ކޮވިޑް-19 އާ ހެދި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެން ނެތުމުން، އެ އިންތިހާބު ފަސްކުރުމަށާއި ފަސްކުރާ ހާލަތުގައި މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލަން ގާނޫނުއަސާސީއަށް ބަދަލު ގެންނާށެވެ.
ގާނޫނުއަސާސީ އިސްލާހުނުކުރެވޭނީ، ނަޝީދުގެ ފަރާތްޕުޅުން ފެއްޓެވި ބަހުސްގައި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު، އެއްގޮތަކަށް މާނަކުރައްވައިގެން، އެހެން ބައެއް މެމްބަރުން ވެސް ވާހަކަ ދެއްކެވި އެވެ.
އެކަމަކު ގާނޫނުއަސާސީ އިސްލާހުނުކުރެވޭނެ ކަމަށް ބުނެފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތުގަ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ، އާންމު ސިއްހަތު ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން، ހެލްތު މިނިސްޓަރެވެ. އެހެންކަމުން މިއީ، ނަޝީދު އާއި އަދި އެމްޑީޕީގެ ބައެއް މެމްބަރުން އެއްގޮތް ކުރެއްވިޔަސް މުޅިން ތަފާތު ދެ ހާލަތެކެވެ.
އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަރިހުގައި.
ބަންޑާރަ ނައިބު ރިފްއަތު ވިދާޅުވެފައި ވަނީ ގާނޫނުއަސާސީގައި ބަޔާންކުރާ ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވާފައި ނުވާ ކަމަށާއި އެހެންވެ، ގާނޫނު އަސާސީ އިސްލާހުކުރަން ހުރަހެއް ނެތް ކަމަށެވެ. އަދި މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އަންނަ ޖޫން މަހު ހަމަވާއިރު، އެ ކައުންސިލްތައް ދެމިއޮންނާނީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެތޯ އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތުމަތު ފިލްޒާ ވެސް ވަނީ ލަފާ ދެއްވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ، ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަމުރުތައް ނެރުއްވާ، ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތަކީ ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ހާލަތެއް ނޫން ކަމަށެވެ.
އޭޖީގެ ހުށަހެޅުން އޮއްވައި، ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު އަދި ގާނޫނީ ވަކީލް ހަސަން ލަތީފް ވަނީ، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްސަ ބިލެއް" ވައްދަވާފަ އެވެ. އޭނާ އެ ބިލް ހުށަހެޅުއްވީ، ކައުންސިލްތަކުގެ ދައުރު ހަމަވެ، އާ އިންތިޚާބެއް ނުބޭއްވި ދާއިރު، އަންނަ ގާނޫނީ ހުސްކަން ފިލުވައިދިނުމާ އެކު ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުން ކަށަވަރުކޮށްދިނުމަށެވެ.
ގާނޫނުއަސާސީ އިސްލާހުކޮށްގެން ހައްލު ހޯދަން ސަރުކާރުގެ ހުށަހެޅުން އެއްފަރާތްކޮށް، ހަސަން ލަތީފްގެ މި ބިލު ފާސްކުރުން ގާނޫނާއަސާސީއާ ޚިލާފު ކަމަށް ގާނޫނީ އެތައް ބަޔަކު ގެންދަނީ ބުނަމުންނެވެ.
އެކަމަކު ހަސަންގެ ހުށަހެޅުއްވުން ދިފާއުކުރައްވައި އޭނާ "މިހާރު" އަށް ވިދާޅުވީ ގާނޫނުއަސާސީގެ ރޫހަކީ ވެސް، އިދާރީ ދާއިރާތައް ހިންގަންވާނީ ރައްޔިތުން ވޯޓު ދީގެން ހޮވާ ކައުންސިލަރުންތަކަކާ އެކު ލާމަރުކަޒީ އުސޫލުން ކަމަށެވެ. އޭގެ މާނައަކީ، މި ހާލަތުގައި ވިޔަސް ސަރުކާރުން ނުވަތަ ސަރުކާރުގެ އިދާރާތަކުން އިދާރީ ދާއިރާތައް ނުހިންގުން ކަމަށް ވިދާޅުވި އެވެ. ދެ ވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، އިންތިޚާބުކޮށްފައިވާ ބަޔަކު އިދާރީ ދާއިރާތައް ހިންގަން ތިބުމެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ އާއި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިހުގެ އިދާރާ
"އަޅުގަނޑު ބިލް ފަރުމާކުރުމުގައި ބެލީ ގާނޫނުއަސާސީގެ މަފްހޫމާ ވީހާވެސް ކައިރިކޮށް އެކަން ކުރެވޭތޯ. އެހެންވީމަ އިންތިހާބީ މަގާމްތަކުގައި ތިބެންވާނީ އިންތިހާބުކޮށްފައި ތިބި ބައެކޭ. މި ދެންނެވި ދެ އަސާސް ހިފަހައްޓައިގެން ބިލް ފަރުމާކޮށްފައި އޮތީ،" ހަސަން ވިދާޅުވި އެވެ.
މި ވަގުތަށް ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަކަށް ވަކި މާއްދާއެއް ދައްކަން އުނދަގޫ ނަމަވެސް އޭނާ ހުށަހެޅުއްވި ބިލް ގާނޫނުއަސާސީއާ ޚިލާފޭ ވިދާޅުވާ ބޭފުޅުންގެ ވާހަކައާ ހަސަން އެއްބަސްވެވަޑައެއް ނުގަންނަވަ އެވެ.
"އެގޮތަށް އެއްބަސްވާން އަޅުގަނޑަށް ދަތި. އަޅުގަނޑު މި ދަންނަވަނީ ގާނޫނުއަސާސީ އިސްލާހުނުކުރެވޭނެ ވާހަކައެއް ނޫން. އަޅުގަނޑު މި ދަންނަވަނީ ގާނޫނުއަސާސީގެ މާއްދާތަކަށް އަކުރުތަކަށް، ނަމްބަރުތަކަށް ބަލައިފިއްޔާ، އެއީ ނުކުރެވޭނެ ކަމެއް ނޫން. ގާނޫނުއަސާސީގެ އެއްވެސް މާއްދާއެއް ނެތް ހުރަސްއަޅާ. ނަމަވެސް މުޅި ގާނޫނުއަސާސީގެ ރޫހަށް ބެލިއަސް މުޅި ގާނޫނުއަސާސީ އެކުލަވާލި އިރު ދެކެވުނު ވާހަކަތަކާއި ހުރިހާ ކަމަކަށް ބެއްޔަސް މި ހާލަތުގައި ގާނޫނުއަސާސީ ބަދަލުކުރުން، އެންމެ ރަނގަޅު ކަމެއްތޯ ނޫންތޯ ބަލާފައި އަޅުގަނޑު މި ދަންނަވަނީ އެއީ ރަނގަޅު ކަމެއް ނޫނޭ،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށް މިހާރު އަމަލުކުރަމުން އަންނަނީ ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު ނޫން ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު ވެސް އޭނާ ގަބޫލުކުރައްވާ ގޮތުގައި، ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީމާ ދިމާވާ ހުރިހާ ކަމެއް މިހާރު އޮތް ހާލަތުން ވެސް އެބަ ކުރިމަތިވެ އެވެ.
އޭގެތެރޭގައި ކާފިއު އިއުލާންކުރުމާއި ވަކި ތަންތަނެއްގައި ނުތިބުން ފަދަ ކަންކަން ހިމެނޭ ކަމަށާއި ހަމައެކަނި ތަފާތަކީ އެ ހާލަތު ނިންމަވާ ބޭފުޅާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ރައްޔިތުންނާއި ގާނޫނު ހަދާ މަޖިލީސްގެ މެމްބަރުންނަށް މުއާމަލާތު ކުރުން ދަތިވެފައި އޮންނަ ވަގުތެއްގައި ގާނޫނުއަސާސީ ބަދަލުކުރުމަކީ، އެންމެ ފަހުން އޮންނަން ވާނެ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ. އެ މަޝްވަރާތައް ނުކޮށް، މިކަން ވެގެންވާނެ ކަމަކަށް ގަބޫލެއް ނުކުރަން. ދެން އެހެންވެ، [ބިލުން] އަޅުގަނޑު މި ހޯދައިދެނީ ގޮތެއް،" ހަސަން ވިދާޅުވި އެވެ.
"ގާނޫނުއަސާސީ އިސްލާހުކުރަން ހުރަހެއް ނެތޭ، ވަކި މާއްދާއެއް އެއްވެސް ބޭފުޅަކަށް، އަޅުގަނޑަކަށް ވެސް ނުދެއްކޭނެއޭ ގާނޫނުއަސާސީ އިސްލާހުނުކުރެވޭނެ ކަމަކަށް. އެކަމަކާ އަޅުގަނޑު ދެބަހެއް ނުވަމޭ. އަޅުގަނޑާ ދެބަސްވާ ގާނޫނީ ވަކީލުން ވެސް އަދި އެހެން ބޭފުޅުން ވެސް އެ ވިދާޅުވާ އެއްޗަކާ އަޅުގަނޑު އެއްބަހޭ. އަޅުގަނޑު މި ދައްކާ ވާހަކައަކީ، ގާނޫނުގައި ނެތް ހާލަތެއް ދިމާވެފައި އޮތުމުން ގާނޫނެއް ހަދައިގެން ފޫބެއްދުން."
ގާނޫނީ ގިނަ ބޭފުޅުންގެ ވިސްނުން މިކަމުގައި، ސާފުވެފައި ގާނޫނުއަސާސީ އިސްލާހުކުރުމުގެ ކޮޅަށް ބުރަވެ އެވެ. އިންތިޚާބުކުރާ ކައުންސިލަރުންގެ މުއްދަތަކީ ތިން އަހަރު ކަމަށް ގާނޫނުއަސާސީގައި ލިއެފައި އޮއްވައި، ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން އެ މުއްދަތު ވެސް ވަނީ ފަސް އަހަރަށް ބަދަލުކޮށްފަ އެވެ.
އެ ބަދަލު ގެނައީ، އެމްޑީޕީއަށް އޮތް މަޖިލީހުގެ ބޮޑު މެޖޯރިޓީއާ އެކު ނުހަނު ފަސޭހަ ކަމެއްގެ ގޮތުގަ އެވެ.
ގާނޫނުއަސާސީގައި ވަކި ގޮތެއް ލިއެފައި އޮއްވައި، އާއްމު ގާނޫނަކުން އެ މުއްދަތު ކަނޑައެޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް، ހަސަން ހުށަހެޅުއްވި ބިލާ ދެކޮޅަށް ގާނޫނީ ހުއްޖަތު ދައްކަވާ ބޭފުޅުން ވިދާޅުވެ އެވެ. ގާނޫނުއަސާސީގައި ބުނާ މުއްދަތެއް ބަދަލުކުރަން ޖެހޭނީ އެޓާނީ ޖެނެރަލް ހުށަހެޅުއްވި ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެސްގެން ކަމަށް އެ ބޭފުޅުން ބުރަވެ އެވެ.
ކައުންސިލަރުންގެ ދައުރު ދެންމުމުގެ މައްސަލަ އަށް، ގާނޫނުއަސާސީ އިސްލާހްނުކޮށް، އާއްމު ގާނޫނަކުން ފަރުވާ ހޯދިދާނެ ކަމަކަށް، ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަދި ބާ ކައުންސިލްގެ ނައިބު ރައީސް އަހްމަދު މުއިއްޒު ވެސް ގަބޫލެއް ނުކުރައްވަ އެވެ.
"މުއްދަތު ހަމަވާ ކައުންސިލްގެ އިންތިޚާބު ފަސްކުރުމަށް ގާނޫނުއަސާސީ އިސްލާހުކުރަން ޖެހޭނެ، އެ ނޫން ގޮތަކަށް އެކަން ކުރާކަށް ހައްލެއް އޮތް ކަމަކަށެއް ނުދެކެން،" މުއިއްޒު ވިދާޅުވި އެވެ.
ކުރިން އެޓާނީ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރެއްވި ގާނޫނީ ވަކީލް މޫސާ އާލިމް ވެސް ވިދާޅުވީ އާއްމު ގާނޫނަކުން އެކަން ކުރުމަށް ވުރެ ރަނގަޅު ގޮތަކީ ގާނޫނުއަސާސީ އަށް އިސްލާހު ގެނައުން ކަމަށާއި މިވަގުތު އެކަން ނުކުރެވޭނެ ކަމަށް ބުނާ ވާހަަކައިގައި ވެސް ބުރަދަނެއް ނެތް ކަމަށެވެ. އެކަން ކުރެވެން އޮއްވައި އާއްމު ގާނޫނަކުން އެކަން ކުރުމަކީ ހައްލު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާނޫނުއަސާސީ އަށް އިސްލާހު ނުގެނެވޭނެ ކުއްލި ހާލަތެއް ގާނޫނުއަސާސީގައި ބުނެފައިވޭ. އެއީ، ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީއާ އެއްގޮތަށް ނެރޭ ކުއްލި ނުރައްކަލުގެ ހާލަތުގައި. އެ ހާލަތު ޖެހޭ މަޖިލީހުން ފާސްކުރަން. އެފަދަ ކުއްލި ނުރައްކަލަކީ ގާނޫނުތައް ހިފަހައްޓައި އަސާސީ ހައްގުތައް ނުގެއްލޭ ގޮތަށް ކަންކަން ކުރަން އޮންނަ އެއްޗެއް. މިހާރު އިއުލާންކޮށްގެން އުޅޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކީ މުޅިން ތަފާތު، އާއްމު ސިއްހަތާ ބެހޭ ގާނޫނުގެ ދަށުން ނެރެފައިވާ ހާލަތެއް،" އާލިމް ވިދާޅުވި އެވެ.
މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު، އާ ކައުންސިލް އިންތިހާބު ބާއްވަންދެން ދަންމާލަން ބަންޑާރަނައިބު އިސްލާހު ހުށައެޅުއްވީ، މިދިއަ އަހަރުގެ ޑިސެމްބަރު މަހު ފާސްކުރި، ގާނޫނުއަސާސީއަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށެވެ. އެ ގާނޫނުގެ ހަތަރު ވަނަ މާއްދާއަށް ހުށައެޅި އިސްލާހުގައި ބުނަނީ:
ހ. މި ގާނޫނަށް އަމަލްކުރަން ފެށުމަށް ފަހު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލްގެ އިންތިހާބު ބާއްވަން ވާނީ ލޯކަލް ކައުންސިލްތައް އެކުލެވޭ ގޮތް ކަމަށް، އަދި އެ ކައުްނސިލްތައް އިންތިހާބުކުރަން ޖެހޭ ގޮތް ކަމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިންނެވެ.
ށ. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބާއްވަން ޖެހޭ ފުރަތަމަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި، އެ ކައުންސިލްތަކަށް އަލަށް އިންތިހާބުކުރެވޭ މެމްބަރުން އެ މީހުންގެ މަގާމާ ހަވާލުވަންދެން، މި ގާނޫނަށް އަމަލްކުރަން ފެށުމުގެ ކުރިން އިންތިހާބުކޮށްފައިވާ އަދި މި ގާނޫނަށް އަމަލްކުރަން ފަށާއިރު މި މަގާމުގައި ދެމިތިބި، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެމްބަރުން އެ މީހުންގެ މަގާމުގައި ދެމިތިބޭނެ އެވެ.
ގާނޫނުއަސާސީއަށް ބަދަލު ނުގެނެސް، ކައުންސިލްތައް ހިންގަން ބަޔަކު އައްޔަންކުރުމަކީ ވެސް މައްސަލައެކެވެ. ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ވަކީލަކު ވިދާޅުވީ ކަންބޮޑުވާން ޖެހޭ އެއް ކަމަކީ، ތިން ބާރު ވަކިކޮށްފައި އޮތް ނިޒާމުގައި، އިންތިޚާބީ މަގާމްތަކަށް މީހުން އައްޔަންކުރުމުގެ ބާރު ރައީސަށް ލިބިގެން ނުވާއިރު ވެސް މަޖިލީހުގެ ވިސްނުން ހުރި ގޮތަކުން އެފަދަ ނިންމުމެއް އަތުވެދާނެ ކަމުގެ ބިރެވެ. މަޖިލީހުގެ ބަހުސްގައި ބައެއް މެމްބަރުން ހުށަހެޅުއްވަނީ އެލްޖީއޭ މެދުވެރިކޮށް ކައުންސިލްތައް ހިންގުމެވެ.
"އިންތިޚާބު ކުރަން ޖެހޭ ބަޔަކު ތިބެން ޖެހޭ ތަނަކަށް ރައީސުލްޖުމްހޫރިއްޔާ، ތިން މީހަކު، ނުވަތަ ހަތަރު މީހަކު އައްޔަންކުރުން އެއީ ގާނޫނުއަސާސީއާ ޚިލާފު ކަމަކަށް ވާނެ. އެލްޖީއޭގެ ގޮތުގައި ބޯޑެއް ހަދައި އެތަނަށް މީހުން އައްޔަންކުރުމަކީ ރަނގަޅު ގޮތެއް ނޫން،" އޭނާ ވިދާޅުވި އެވެ
ލާމަރުކަޒީ ގާނޫނުގައި އެލްޖީއޭގެ ދައުރަކީ ކައުންސިލްތައް ވިލަރެސްކުރުން ކަަމަށްވާ އިރު، ގާނޫނުގައި ނެތް ބޮޑެތި ބާރުތަކެއް އެތަނަކަށް ނުދެވޭނެ އެވެ. ސެކްރެޓަރީ ޖެނެރަލަކު އައްޔަންކޮށްގެން ހިންގުމަކީ ލާމަރުކަޒީ ގާނޫނުގެ ރޫހެއް ނޫނެވެ.
ދެން އޮތީ ގާނޫނުއަސާސީގެ 80 ވަނަ މާއްދާ އެވެ:
އެ މާއްދާގައިވާ ގޮތުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ހާލަތެއްގައި، އިންތިޚާބު ބާއްވަން ދަތިވެ، އެއްވެސް ސަބަބަކާ ހުރެ އިންތިޚާބު ނުބޭއްވިދާ ހިނދެއްގައި، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައި ތިބި މެމްބަރުންގެ ދައުރު ގިނަވެގެން އެއް އަހަރުގެ މުއްދަތަށް އިތުރުކުރުމުގެ ގަރާރެއް ފާސްކުރެވިދާނެ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން، މަޖިލީހުން ފާސްކުރާ ގަރާރަކުން އެކަން އުވާލުމުގެ އިޚްތިޔާރު އެ މާއްދާގައި ދީފައިވެ އެވެ. މި މާއްދާ އަށް ބަލާއިރު، ވެސް ސަރުކާރުން ހުށަހެޅީ ވެސް ގާނޫނުއަސާސީއާ ބީރައްޓެހި ގޮތެއް ނޫނެވެ.
"އިންތިޚާބީ މަގާމްތަކެއްގައި ތިބި ބަޔަކު އެ މަގާމްތަކުގައި ތިބެވޭނެ ގޮތަށް ކަނޑައެޅުން މިއީ ގާނޫނުއަސާސީއާ ބީރައްޓެހި ވާހަކައެއް ނޫން،" ކުރިން ވާހަކަ ދެއްކެވި ވަކީލް ވިދާޅުވި އެވެ.
"އިންތިޚާބެއް ނުބޭއްވި ދާ ހާލަތުގައި، މި ނޫން ހައްލެއް ނުގެނެވޭނެ."
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ދެކެވަޑައިގަންނަވާ ގޮތުގައި، މި ހާލަތުގައި ގާނޫނުއަސާސީ އިސްލާހުކުރުމަށް ވުރެ ޑިމޮކްރެޓިކް އެއްވެސް ހަމައެއް މި ވަގުތަކަށް ނުހޯދޭނެ އެވެ. ސިއްހީ ބަލިމަޑުކަމެއް އައުން ފަދަ ކުއްލި ހާލަތްތަކުގައި، އިންތިޚާބީ މަގާމްތަކުގެ ދައުރު ދެންމުމަކީ ޑިމޮކްރެޓިކް ގައުމުތަކުގައި އަމަލުކުރަމުން އަންނަ އުސޫލެއް ކަން ވެސް ބައެއް މެމްބަރުން ފާހަގަކުރައްވަ އެވެ.
ގާނޫނުއަސާސީގައި ކައުންސިލަރުންގެ މުއްދަތު ސާފުކޮށް ބަޔާންކޮށްފައި އޮއްވައި، އާއްމު ގާނޫނެއް ހުށަހަޅައިގެން ސިމްޕަލް މެޖޯރިޓީން ފާސްކޮށްގެން ގާނޫނުއަސާސީގައި ބުނާ މުއްދަތު ބަދަލުކުރެވިދާނެ ހެއްޔެވެ؟ ގާނޫނުއަސާސީ އަށް އިސްލާހެއް ގެންނަ ނަމަ، މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި އަޣުލަބިއްޔަތު ބޭނުންވެ އެވެ.
ދެން އޮތީ، މަޖިލީހުގައި އޮތް އެމްޑީޕީގެ ސާފު އަޣުލަބިއްޔަތެވެ. ގާނޫނުއަސާސީ އިސްލާހުކުރެވޭ އަދަދަށް އަޣުލަބިއްޔަތު އޮވެމެ، ގާނޫނުއަސާސީއާ ޚިލާފު ނިންމުމެއް ނިންމާފާނެ ހެއްޔެވެ؟
އާއްމު ގާނޫނަކުން، ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތް މުއްދަތެއް ބަދަލުކޮށް، އެންމެ ފަހުގެ ހައްލު ހޯދަން ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ. އެއީ، އެންމެ ފަހު ބަސް ބުނާނީ، ކޯޓުން ކަމަށް ވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޯރި
12 April 2020
2013 ގެ ރިޔާސީ އިންތިހާބު އަދި މިހާރުގެ ކައުންސިލް އިންތިހާބު ކޯޓުން ފަސްކުރުމަކީ ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައި އޮތްކަމެކެވެ. އަމުދުން ރިޔާސީ ދައުރު ދިގުކުރުމަކީ ރައްޔިތުންގެ ބަހެއްނެތި ކުރެވޭނެ ކަމެއްނޫނެވެ. ހޯދަންވީ ހައްލަކީ ޖުމްލަ ހައްލެކެވެ. މިފަދަ ހާލަތްތަކުގައި އަމަލު ކުރާނެ ގޮތެއް ގާނޫނު އަސާސީގައި ލިޔުމެވެ. އާންމު ބާރު ނުފޯރުވޭފަދަ ގުދުރަތީ ކަންކަމުގައި ބަލި މަޑުކަމާއި ކާރިސާތަކުގައި ކަންކުރާނެ ގޮތެކެވެ.
ބުއްރާސް11
12 April 2020
ޓްރަމްޕް އެކޭ ތަފާތެއް ނެތް. ޢަމިއްލަ އެދުން ކުޑަ ވަގުތު ކޮޅަކަށް ދޫކޮށްލަބަލަ. މިހާރު ހެޑްލައިން ކްރިއޭޓް ނުކުރިއަސް ރަނގަޅު ވާނެ. ޥެރިކަން ކުރާ ޕާޓީގެ އަޢުލަބިއްޔަތު މަޖިލީހުގައި އޮވެ، މި ދަނޑިވަޅުގައި ސަރުކާރަށް ޖެއަުސުންކުރާ ދެވަނަ ޤައުމެއް ނޯންނާނެ.
ކިޑު
12 April 2020
ރައީސް ޔާމީންގެ ދައުރުގައި ލޯކަލް ކައުންސިލް އިންތިހާބުވަނީ ކޯޓު އަމުރުގެ ދަށުން ލަސްކޮށްފައި. އެއޮތީ ޕުރެސިޑެންސް ގާއިމުވެފައި. އެގޮތަށް އަމަލު ކުރީމައި ނިމުނީ
ފާމުލަދޭރި ކިލެގެފާނު
12 April 2020
2013 ގެ ރިޔާސީ އިންތިޚާބުގަ ދިމާވި މައްސަލައަށް ސްޕްރީމް ކޯޓުން ހައްލު ހޯދައިދިން. މިފަހަރު ވެސް އެމަގުން ހިނގުނީސް. މައްސަލައަކަށް މިވަނީ ގައުމުގެ ރައީސްކަން ނުލިބި މަޖިލިސް ރައީސްކަން ލިބުނީމަ މަޖިލިސް ތެރެއިން ގައުމުގެ ރައީސްގެ ދައުރު އަދާކުރަން ބޭނުންވުން.
ކޮކްޓޭލް އަލި
12 April 2020
ކާކުތޯ ދެންނެވީ ގާނޫނުއަސާސީގަ އައްލާށޭވެސް ނުލާށޭވެސް ކިތަންމެ ގާނޫނެއް އޮތަސް ބަރާބަރއް ތަންފީޡް ކުރެވެނީ އަދިކުރަނީވެސް މަދުގާނޫނެއް އެއީ މީރާ ގާނޫނާއްި ސައިކަލް ކާރް ޕިކަޕް ލޮރީގަ އިސްޓިކާ ޖަހާގާނޫނާއި މުޒާހަރާކުރާގާނޫނު ކޮބާތޯ އިމިގްރޭޝަން ގާނޫނު ވުޖޫދުގަވެސް ނެތީތޯ
ޖުލަހޮ
12 April 2020
މިހާރުވެސް ކުރާހެން އޭޖީ، އަދި މުޅި ޖުޑީޝަރީ އަދި އެމްޑީޕީގެ އެމްޕީސް ރައީސް ނަޝީދު ވަށައިގެން އޭނާ ކިޔާއެއްޗެއް ޕެރޮޓެއްހެން ލަވަކީމަ ތިޔަ ކަންވާނެ! އޭޖީ އަދި ހަސަން ލަތީފު ހެން ނަޝީދުގެ ޕަޕެޓުންނަށް ވީމަ ރަނގަޅު ވާނެ! ސިނކުޑި ނިއްވާލައިގެން ނަޝީދުގެ ލަވަ ކިޔާލާ، އޭރުން މާލޭގެ ބޮޑު ކުލިދައްކައިގެން ކެބްނެޓްގައި ތިބި މީހުންނަށް ތާއުމުރު އުޅެވޭނެ! ބޯހަލާކު
އަލީ ދިއްދޫ
12 April 2020
ޓާރމު ހަމަވުމުން އިންތިހާބީ މެންބަރުނަށްވާނެ ހަމައަކީ ކޮބައި، މީގެ 3 ދައުރުގެ ކައުންސިލަރުން އިންތިހާބުވެފަތިބީ އެތަނުން މީހުން މީހުން ލެއްވުމަކީވެސް ހަމަ އައްޔަނުކުރުން.
ވައިސޫރި
12 April 2020
މެންބަރުންގެ ބޯގަޅި ކަމުންނުވެގެން އުޅޭހެންހީވަނީ ރައީސްގެ ގަރާރަކުން ނުވަތަ ސުޕްރީމް ކޯރޓްގެ އަމުރަކުންވެސް ތިކަންވެދާނެ އެދިލެއްވީމާ އެނިމުނީނޫންތޯ
ޤާނޫނު މޭން
12 April 2020
ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ވަކި މުއްދަކަށް އިންތިޚާބުކޮށްފައިވާ ބައެއްގެ އިންތިޚާބީ މުއްދަތު އިތުރުކުރުމަކީ ބިރުވެރި ކަމެއް. ރައީސުލްޖުމްހޫރިއްޔާކަމަށް 5 އަހަރަށް ހޮވޭ މީހަކުވެސް މަޖިލީހަށް އަތް ބާނައިގެން ނިންމަފާނެ ނޫނޭ މިހާރު ތިމަންނާގެ ދައުރު ނިމޭނީ 15 އަހަރު ފަހުންނޭ.
ކޮމަންމޭން
12 April 2020
އެއުޅެނީކީ އެކަން ކުރަންވާގޮތް ނޭނގިގެނެއްނޫން. ބޭނުމަކީ މިދުވަސްވަރު ވަކި މީހެއްގެ އަޑު ކޮވިޑް-19ގެ ސަބަބުން މަޑުވެފަ، ނޫސްތަކުންނާ ޓީވީ ތަކުން އެބޭފުޅާގެ ވާހަކަ ނުދައްކާތީ އެކަން ކޮށްލަނީ. ބަލަން ތިބޭ. އޭނާ ހިތްހަމަޖެހޭ ވަރަށް ނޫސްތަކުގަ ތިވާހަކަ ޖެހުނީމަ ހަމަ އެމަޖިލީހުން ޤއ އިސްލާޙުކޮށް އެކަން ނިންމާނެ. އޭނާ މިހާރު އެންމެ ބޮޑަށް ބޭނުންވާނީ މަބްރޫކުގެ ގޮނޑީގަ އިނދެގެން ދެއިރު ޕްރެސް ބްރީފިން ބާއްވަން. ދިވެހިންނަށް މިހާރު އޭނާ ދަސްވެއްޖެ.