ކޮވިޑް-19: އެންމެން ބިރުން ދުރަށް! ހިތްދަތިކަމެއް

ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާދޭ ގޮތުގެ ބައެއް ވާހަކަތައް، އައިޖީއެމްއެޗުގެ ނެޝަނަލް ރެސްޕިރޭޓަރީ ސެންޓަރުގެ ހެޑް، ޑރ. މޫސާ ހަސަން "މިހާރު"އާ ހިއްސާކޮށްދެއްވި އިރު، އެންމެ އުނދަގޫ ކަމަކީ ކޮބައިތޯ އެހުމުން ވިދާޅުވީ "ސޯޝަލް އައިސޮލޭޝަން" ކަމަށެެވެ؛ ބަލި ދެކެ ގަންނަ ބިރުން ފަރުވާދޭ މީހުން ވެސް ވަރަށް ބޮޑަށް އެކަހެރިކޮށްލުމެވެ. އެމީހުންނާ ގުޅުވައިގެން ވައިރަސްގެ ބިރު އޮތް ކަމުގެ އިހްސާސްކޮށްދިނުމެވެ.


އައިޖީއެމްއެޗުގެ ނަރުހުންތަކެއް ޕީޕީއީ އަޅަނީ. --ފޮޓޯ/މިހާރު

ނަފްސާނީ ގޮތުން އުނދަގޫތަކެއް ކުރިމަތިވާ، މި ހިތްދަތިކަމާ ކުރިމަތިލާން ޖެހެނީ ޑޮކްޓަރުން އެކަންޏެއް ނޫނެވެ. ބަލި ހުރިތޯ ބަލަން ސާމްޕަލް ނަގާ ނަރުހުންނާއި ލެބް ޓެކްނީޝަނުންނާއި އެ ނޫން ވެސް ސަޕޯޓިވް ސްޓާފުންނާއި ކޮވިޑް-19 ނެތް ކަން ކަށަވަރުކުރަން ކަރަންޓީނުކުރާ މީހުން ވެސް ހިމެނެ އެވެ.

ކޮވިޑަށް ފަރުވާ ދެއްވަން އުޅުއްވާއިރު، އަމިއްލަ އަށް އަދި އެހެން ބައެއް ޑޮކްޓަރުންނާއި ނަރުހުން ހިއްސާކޮށްދެއްވާފައިވާ ބައެއް ވާހަކަތައް މިދިޔަ ހަފުތާގައި ޑރ. މޫސަ ވިދާޅުވެދެއްވީ ފަރުވާގައި ރާއްޖެ އަށް މިހާތަނަށް ހޯދިފައިވާ ކާމިޔާބީތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

"މި ބަލީގެ ފަރުވާގައި އަމަލީ ގޮތުން އުޅޭ އެންމެން ވެސް ވަރަށް ބޮޑަށް ސޯޝަލް އައިސޮލޭޝަނަކަށް މިދަނީ. ބައެއް ކަހަލަ ވާހަކަ ބުނަން ވެސް ދެރަވޭ. އަޅުގަނޑުމެން ފަރުވާދޭ މީހުންނާ އެކު އެއް ލިފްޓަށް ނާރަން ވެސް ބައެއް މީހުން އެބަ ތިބޭ މަޑުކޮށްގެން. އެކުގައި އުޅޭ މީހުން މި ދުވަސްކޮޅު ދުރުވުމާއި ބައެއް މީހުން ބައްދަލުކުރަން ވެސް ބޭނުން ނުވެފައި އެބަހުރި،" ޑރ. މޫސަ ވިދާޅުވި އެވެ.

ބައެއް ހާދިސާތައް ވިދާޅުވެދެއްވުމަށް ފަހު، އާއްމުނުކުރަން ވެސް އެދިވަޑައިގަތެވެ.

"ބަލި ދެކެ ގަންނަ ބިރަކުން ބައްޔަށް ފަރުވާދޭ މީހުން ދެކެ ވެސް މި ބިރު ގަންނަނީ. މި ވައިރަހުގެ ފަރުވާގައި، ސައިކޮލޮޖިކަލީ އަޅުގަނޑުމެން ވަރަށް އުނދަގޫ ހާލަތެއްގައި ތިބެނީ. ދެން މާހައުލުގައި މީހުން އެގޮތަށް އެކަހެރިކުރަން ފެއްޓީމަ އުނދަގޫވޭ. ގަބޫލު ވެސް ކުރަން މީހުން ބިރުގަންނާނެ ކަން ވެސް،" -ޑރ. މޫސަ
ކޮވިޑް-19 އަށް ފަރުވާދޭ އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމު (ކ-ވ) ހިމެނިވަޑައިގަންނަވާ ޑރ. ރަޖީބާއި ޑރ. މުހައްމަދު އަލީ އާއި ޑރ. މުހައްމަދު އިސްމާއިލް އާއި ޑރ. މުހައްމަދު އަލީ ސުލައިމާނާއި ޑރ. އިސްނީން.

މުޅި ދުނިޔޭގައި މިލިއަނަކަށް ވުރެ ވުރެ ގިނަ މީހުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެފައިވާ އިރު ކޮވިޑް-19 ގައި ލައްކައަކަށް ވުރެން ގިނަ މީހުން މަރުވެއްޖެ އެވެ. މިހާތަނަށް މި ބައްޔަށް ފަރުވާއެއް ހޯދިފައެއް ނުވެ އެވެ. ބަލިމީހާއަށް ފަރުވާދޭން ސިއްހީ ޚިދުމަތްތެރިން ކުރިމަތިލަނީ ރައްކާތެރިކަމުގެ ހެދުން، ޕީޕީއީ އަޅައިގެން ކަމަށް ވިޔަސް އެ ވައިރަހުން 100 ޕަސެންޓް ރައްކާތެރިވެވުނުތޯ އަމިއްލަ އަށް ވެސް ސުވާލު އުފެދޭ ކަމަށް ޑރ. މޫސަ ވިދާޅުވި އެވެ.

ބަތަލާ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީގެ ދެމަފިރިންނަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެނީ.

ފަރުވާދީފައި ނުކުންނަ އިރު އަމިއްލަ ނަފްސަށް ވާނީ ކިހިނެއްތޯ ނުވަތަ ފަރުވާދޭ އެހެން ޑޮކްޓަރުންނާއި ނަރުހުން ވައިރަހަށް ހުށަހެޅުނުތޯ ނުވަތަ ޕީޕީއީ އެޅީ އަޅަން އޮންނަ ގޮތަށް ރަނގަޅަށްތޯ އެއީ ހިތުގައި އޮންނަ ނުތަނަވަސްކަމެއް ކަމެކެވެ.

ޑރ. މޫސަ އާއި އެކުވެރި ޑޮކްޓަރުންނަށް ކުރެއްވޭ ތަޖުރިބާ އައިޖީއެމްއެޗުގެ ލެބޯޓްރީގައި މަސައްކަތް ކުރާ ބައެއް މީހުންނަށް ވެސް ކުރިމަތިލާން ޖެހިފައި އެބަ ހުއްޓެވެ.

ކޮވިޑް-19އާ ގުޅޭ ސާމްޕަލްތައް ޓެސްޓްކުރަން އައިޖީއެމްއެޗުގެ، ލެބޯޓްރީގައި މަސައްކަތްކުރާ ޓެކްނީޝަނަކު ބުނީ އެންމެ ގާތް މީހުން އެކުގައި ވަގުތު ހޭދަކުރަން މި ދުވަސްކޮޅު ދެކޮޅުހަދަނީ މަޖަލަކަށް ހަދާފައި ކަމަށެވެ. އެކަމަކު، 24 ގަޑިއިރުގެ ތިން ޝިފްޓެއްގައި ބުރަކޮށް މަސައްކަތްކުރާއިރު، ބައެއް ފަހަރަށް ނަފްސާނީ ގޮތުން އޭގެ އުނދަގޫ ކުރިމަތިވާ ކަމަށް އޭނާ ބުންޏެވެ.

"އެނގޭ ގިނަ ފަހަރަށް ސީރިއަސްކޮށް ނޫން ކަން ބުނަނީ. އެކަމަކު ވަރަށް އުނދަގޫވާ ބަސްތަކުން ދެރަވާ ފަހަރު އާދޭ،" އޭނާ ބުންޏެވެ.

"ކޮންމެ ދުވަހަކު ޝިފްޓް ނިންމާފައި، ދަރިންނާ ވެސް ބައްދަލުވާއިރު އެ ބަސްތައް ހަމަ ހިތަށްއަރާ."

"ރިސްކެއް އޮއްވައި އާއްމުންނާ ބައްދަލެއް ނުކުރާނެ"

ރާއްޖެ އިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންނަށް ފަރުވާދިނުމުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މޫސަ ދެއްވި ޔަގީންކަމަކީ މިއެވެ؛

"އަޅުގަނޑުމެން އާއްމުންގެ ތެރެއަށް ނުނުކުންނާނަން، އެއްވެސް ވަރެއްގެ ރިސްކެއް އޮވެއްޖިއްޔާ. އެހެން ބަލިތަކަށް ވުރެ މާ ބޮޑަށް މީގައި އަޅުގަނޑުމެން ވަރަށް ރަނގަޅު ޕްރޮޓެކްޝަންތަކެއް މި ނަގަނީ. އެކަމަކު ކިރިޔާ ވެސް ޕްރޮޓެކްޝަނެއް ބްރީޗް ވެއްޖިއްޔާމު މުޖުތަމައަށް ނުނުކުންނާނީ އެކަންޏެއް ނޫން. އަޅުގަނޑު ނުދާނަން ފެމިލީ ކައިރިއަކަށް ވެސް."

މިކަމުގައި އުޅޭ އެންމެން ކޮންމެ ދުވަހަކު ކޮވިޑަށް ޓެސްޓެއް ނުކުރެ އެވެ. އެކަމަކު ޑރ. މޫސަ ވިދާޅުވީ ބަލީގެ އެއްވެސް އަލާމާތެއް ހަށިގަނޑުގައި ހުރިތޯ އަމިއްލަ އަށް ވެސް ޑޮކްޓަރުންނާއި ނަރުހުން އަދި އެހެން ސްޓާފުން ވެސް ބަލާނެ ކަމަށެވެ. އެއްވެސް ނިޝާނެއް ފެނިއްޖެ ނަމަ، ދެން އަމަލުކުރަން އޮންނަ އުސޫލުން ކަރަންޓީނަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗުގެ މުވައްޒަފުންތަކަކަށް ކްރިޓިކަލް ކެއާގެ ތަމްރީނުތަކުގައި -- ފޮޓޯ: ނިޝާން އަލީ/މިހާރު

ގޮތް ނޭނގޭ ވައިރަހުން، މުޅި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ތިބި ސިއްހީ ޚިދުމަތްތެރިން ކޮންމެ ދުވަހަކު ވެސް މުޅިން އާ ތަޖުރިބާތަކެއް ކުރަން ޖެހިފައިވާ، މި ބަލީގައި ފަރުވާގައި އިސްކޮށް ރާއްޖޭގައި ވެސް ހަރަކާތްތެރިވަނީ ހިތްވަރުގަދަ ޓީމެކެވެ.

"ނަރުހުން ވަރަށް ހިތްވަރުގަދަ. އަޅުގަނޑު ވަރަށް ތައުރީފްކުރަން ބޭނުން އެ މީހުންގެ މަސައްކަތަށް، އެއާއެކު އަޅުގަނޑުމެންގެ ސަޕޯޓިވް ސްޓާފުންނަށް ވެސް. އެއީ، ބަލިމީހާ ކައިރީގައި އަބަދު މަޑުކުރާ މީހުން. ވަރަށް އެހެން ކަހަލަ ހިތްވަރެއް އެ މީހުންގެ ގައިގައި އެ ހުންނަނީ،" ޑރ. މޫސަ

"މި ބަލީގެ ނުރައްކާ ބޮޑީ ފެތުރޭލެއް ގިނަވެފައި ދިފާއީ ނިޒާމް ދަށް މީހުންނަށް، ގިނައިން [2-5 ޕަސެންޓާ ދެމެދު] މަރުވަނީ. ސިއްހަތު ރަނގަޅިއްޔާ ގިނަ މީހުން ސަލާމަތްވޭ. އެކަމަކު ޑޮކްޓަރުންނާއި ނަރުހުން މި ހުށަހެޅެނީ ވަރަށް ހައި ލެވެލް، ވައިރަސް އަށް އަޅުގަނޑުމެންގެ ދިފާއި ނިޒާމަށް ނުތަކާ މިންވަރަށް، އެހެންވެ ހެލްތު ވޯކާސް ގިނައިން [ދުނިޔޭގެ އެކި ގައުމުތަކުގައި] މި މަރުވަނީ،" ޑރ. މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގޭ މި ކަހަލަ ބަލިތަކުގައި ކުރިމަތިލާން ޖެހޭނެކަން. އެކަކު ދެ މީހަކު ކައިރިއަށް ގޮސްގެން އެހާ ހައި ރިސްކެއް ނުވާނެ. އެކަމަކު ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްގެން ފަރުވާދޭން ޖެހޭއިރު އަޅުގަނޑުމެންގެ ހަށިގަނޑުގައި އެ ކެޕޭސިޓީ ނެތިއްޖިއްޔާމު ހަމަ ފުރާނަ އަށް ގެއްލުންވެދާނެކަން ވެސް އެނގޭ."

އެހެންވިޔަސް އޭނާ ވިދާޅުވީ އެ ހާލަތުގައި ވެސް "އަޅުގަނޑުމެން ކުރިމަތިލާން ޖެހޭ" ކަމަށެވެ. އެގޮތަށް ފަސްޖެހިއްޖެ ނަމަ ދެން ކުރިމަތިލާނެ އެހެން ބަޔަކު ނުތިބޭނެ ނޫންތޯ ވިދާޅުވެ، ފަރުވާ ޓީމުގައި އުޅުއްވާ އެންމެންގެ ވިސްނުން ވިދާޅުވެދެއްވި އެވެ.

ކަރަންޓީނަށް ފަހު ނުކުންނަ މީހުން ވެސް އެކަހެރި!

ފަރުވާދޭން އުޅޭ ސިއްހީ ބޭފުޅުންގެ އިތުރުން ބަލިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން 14 ދުވަހުގެ ކަރަންޓީނަށް ފަހު ނުކުންނަ މީހުން ވެސް އާންމުންގެ ތެރޭގައި އެކަހެރި ކުރުމުގެ ނުރަނގަޅު އާދައެއް ފެންމަތިވެފައިވާ ކަމުގެ ކަންބޮޑުވުން އެބަ އޮތެވެ. ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވަނީ މި ކަންބޮޑުވުން ތިލަކޮށްދެއްވައި އޭގެ ނުރައްކާ މިންވަރު ރޭ އާއްމުންނަށް ކިޔައިދެއްވައިފަ އެވެ.

"ކަރަންޓީނު ފެސިލިޓީއަކުން މީހަކު އައުމަކީ ނުވަތަ ރިސޯޓަކުން ދޫކޮށްލެވޭ މީހަކު ރަށަށް ދިއުމަކީ އެހެން އެއްވެސް މީހެއްގެ ގައިން ނެތް ނުރައްކަލެއް އޭނާގެ ކިބައިގައި ހުންނަ ކަމެއް ނޫން،" މަބްރޫކް ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ ރަށްރަށަށް އެ މީހުން ނާރުވާ، އެއީ ބަލި ބައެއް ކަމުގައި ބަލައިގަނެ، ދިމާވާން ބޭނުން ނުވާ ފެންނަން ބޭނުން ނުވާ ދަށު ދަރަޖައިގެ ބައެއްގެ ގޮތުގައި އެ މީހުންނާ ދޭތެރޭގައި ކަންތައް ކުރާކަން. --މަބްރޫކް

ބަލިން ސަމާލުވެ ރައްކާތެރިވުމަކީ މުޅިން އެހެން ކަމެއް ކަމަށް ވިދާޅުވެ، މަބްރޫކްގެ އިލްތިމާސަކީ އެންމެންނާ ދޭތެރޭގައި ވެސް ކުލުނާއި އަޅާލުން ބަހައްޓައި އޯގާތެރިވުމަށެވެ. އަނެކާ އަކީ ދަށު ދަރަޖައިގެ މީހެއްގެ ގޮތުގައި ނުދެކުމަކީ ވިސްނަން ޖެހޭ ކަމެއް ކަން ވެސް ހަނދާންކޮށްދެއްވި އެވެ.

އައިޖީއެމްއެޗުގެ މުވައްޒަފުންތަކަކަށް ކްރިޓިކަލް ކެއާގެ ތަމްރީނުތައް ދެނީ: ވަރަށް ގިނަ އަަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ވަނީ އައިޖީއެމްއެޗުގައި ތަމްރީން ކުރަން ފަށާފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު

ކަރަންޓީންގައި 14 ދުވަހު ތިބުމަކީ އެތައް ބައެއްގެ ހައްގުގައި ކުރާ ރަނގަޅު ކަމެއްގެ ގޮތުގައި ބަލައިގަންނަން ޖެހެ އެވެ. އެއާ އެކު ޑޮކްޓަރުންނާއި ނަރުހުން، އަދި އިސް ސަފުގައި އުޅޭ އެހެން މީހުންނަށް ހިތްދަތިކަން އިހްސާސްވާ އަމަލުތަކުގެ ބަދަލުގައި ހިތްވަރުދޭން ވެސް ޖެހެ އެވެ.

އަމިއްލަ ފުރާނަ ނުރައްކަލަކަށް ހުށަހަޅައިގެން ސިއްހީ ޚިދުމަތްތެރިން ވަމުން އަންނަނީ ވަރަށް ބޮޑު ގުރުބާނީއެކެވެ. އެކަހެރިނުކޮށް މިވަގުތަަށް މުހިއްމީ އޯގާތެރިކަމާއި އެކުވެރިކަމާއި އެއްބައިވަންތަކަމެވެ.