އިޓަލީ ޓޫރިސްޓުގެ ލޮލުން ކަރުނަ: އަމިއްލަ ގައުމުގައި ސަލާމަތް ވުން ދުރު

ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެންމެ ހާލު ބޮޑުވި، އިޓަލީގެ 80 އަހަރުގެ ޓޫރިސްޓު ހޮސްޕިޓަލުން ދޫކޮށްލަން، ދިވެހި ޑޮކްޓަރުންގެ ޓީމު އޭނާއާ ބައްދަލުކުރުމުން އުފަލުން ރޮއިގަތީ އެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި އިނދެ ޑޮކްޓަރުންގެ ގާތުގައި، އޭނާ ބުނީ، އަމިއްލަ ގައުމުގައި ހުރި ނަމަ، އޭނާ އާއި އަންހެނުންގެ ފުރާނަ ވެސް ސަލާމަތްވާނެ ކަމުގެ އުއްމީދު ނެތް ކަމަށެވެ. އެއީ، އެ ގައުމުގައި މީހުން މަރުވަމުން ދިޔަ ރޭޓާއި ފަރުވާ ދެމުން އައި ގޮތަށް ބަލަ އެވެ.


ރާއްޖެއިން މިހާތަނަށް ފެނުނު ކޮވިޑް-19 ގެ ބަލިމީހުންގެ ތެރެއިން އެންމެ ހާލު ބޮޑުވީ އެ ދެމަފިރިންގެ އެވެ. އެކަމަކު މިހާރު ދެމަފިރިން ވަނީ ރަނގަޅުވެގެން، އެނބުރި އިޓަލީއަށް ގޮސްފަ އެވެ.

އިޓަލީގެ ޓޫރިސްޓުގެ ހުއްދާ އެކު އޭނާގެ ފަރުވާ "މިހާރު"އާ ހިއްސާކުރައްވަމުން އައިޖީއެމްއެޗުގެ ފުއްމާޕޭގެ ބަލިތަކާ ބެހޭ ޚާއްސަ ޑރ. މޫސާ ހުސެއިން ވިދާޅުވީ އޭނާގެ ބަލި ހާލަތު ސީރިއަސްކަމުން ފުރާނަ ސަލާމަތް ކުރެއްވިދާނެ ކަމާ މެދު ސުވާލު އުފެދުނު އެތައް ފަހަރެއް ދިޔަ ކަމަށެވެ. ފަރުވާގައި، ދެން ހަދާނެ ގޮތަކާ މެދު މުޅި ޓީމަށް ހުއްޓުން އެރި ކިތަންމެ ވަގުތެއް ވެސް އައި ކަމަށް ވިދާޅުވި އެވެ.

"ފަރުވާ ނުދެވި ހާލު ބޮޑުވެ، ބަލި މީހާ ލޯ ކުރިމަތީގައި މަރުވާތަން ފެނުމަކީ ޑޮކްޓަރުން ދެކެން ބޭނުންވާނެ މަންޒަރެއް ނޫން، ފަހު ވަގުތާ ހަމައަށް ވެސް އަޅުގަނޑުމެން މަސައްކަތް ކުރީ ފުރާނަ ސަލާމަތްކުރެވޭތޯ،" ޑރ. މޫސަ ވިދާޅުވި އެވެ.

އޭނާގެ އިތުރުން ފަރުވާގެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ އާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑރ. މުހައްމަދު އިސްމާއީލާއި މިސްރުގެ ރައްޔިތެއް ކަމަށް ވާ ޑރ. ސުލައިމާން އާއި މެޑިކަލް އޮފިސަރުންނާއި ނަރުހުންގެ ޓީމެކެވެ.

އައިޖީއެމްއެޗުގެ، ފުއްޕާމޭގެ ޑިޕާޓްމަންޓުގެ ހެޑް އަދި ރާއްޖެ އިން ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާދޭ ޓީމުގެ ޑރ. މޫސާ ހުސައިން "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ޑރ. މޫސަ ސިފަކުރެއްވި ގޮތުގައި އެއީ ސިއްހީ ހިދުމަތް ދިނުމުގައި މީގެ ކުރިން ދުވަހަކު ވެސް ކުރެއްވިފައި ނުވާ އުނދަގޫ، ތަޖުރިބާއެކެވެ. ރާއްޖެ އިން ވައިރަހަށް ޕޮޒިޓިވްވި އެކަކު ވެސް މިހާތަނަށް މަރުނުވެ ސަލާމަތްވުމުގެ ފަހަތުގައި ކޮވިޑް-19 ޓާސްކްފޯސް ހިމެނޭ ގޮތުން އެތައް ބައެއްގެ ބުރަ މަސައްކަތް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޓަލީގެ ޓޫރިސްޓުގެ ފަރުވާ: ފުރާނަ ސަލާމަތް ކުރެވިދާނެތޯ ސުވާލު އުފެދުނު!

ޗުއްޓީ ހޭދަކުރަން އިޓަލީގެ ދެމަފިރިން ރާއްޖެ އައިސް ތިބީ ބަތަލާ އައިލެންޑް ރިސޯޓުގަ އެވެ. މި ދެ މީހުން ފަރުކޮޅުފުއްޓަށް ގެންގޮސް ކަރަންޓީނުކުރީ، އިޓަލީއަކީ އެންމެ ބޮޑަށް ބަލި ފެތުރޭ ގައުމަށް ވެފައި، އެ ދެ މީހުންގެ ކިބައިން ވެސް އަލާމާތްތަކެއް ފެނުމުންނެވެ.

އެތަނުގައި ފަރުވާގެ ކަންކަން ކުރިއަށް ގެންދާ ގޮތަށް އޭރު އޮތީ، އެތެރެހަށީގެ ބަލިތަކުގެ ޑޮކްޓަރުންނާއި ފުއްމާޕޭގެ ބަލިތަކުގެ ޑޮކްޓަރުންގެ ޓީމެއް އިސްވެ، އެހެން ޑޮކްޓަރުންނާއި ނަރުހުންނާ އެކުގަ އެވެ.

ކޮވިޑް-19 އަށް ފަރުވާދޭ އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމު (ކ-ވ) ހިމެނިވަޑައިގަންނަވާ ޑރ. ރަޖީބާއި ޑރ. މުހައްމަދު އަލީ އާއި ޑރ. މުހައްމަދު އިސްމާއިލް އާއި ޑރ. މުހައްމަދު އަލީ ސުލައިމާނާއި ޑރ. އިސްނީން. \

މި ޓީމު ބަލިމީހުންނަށް ޒިޔާރަތްކުރަމުން ދަނިކޮށް، އިޓަލީ މީހާގެ ހާލު ގޯސްކަން ޑޮކްޓަރުންނަށް ފާހަގަވީ، މޫސަ ވިދާޅުވި ގޮތުގައި، މާޗް 9 ގަ އެވެ. އޭރު ވަރަށް ހުން ގަދަ އެވެ. އަވަސް އަވަހަށް ނޭވާލުން ފަދަ ކަންކަން ފާހަގަވެގެން ހެދި އެކްސްރޭ އިން ޑޮކްޓަރުންނަށް ފާހަގަވީ ނިއުމޯނިއާ ޖެހިފައި ހުރި ކަމެވެ. ފުއްޕާމޭގެ ދެ ފަރާތުގައި ވެސް ނިއުމޯނިއާ ހިފާފައި ހުރީ ވަރަށް ބޮޑަށެވެ. އެ ދުވަހު އެތަނުގައި އޭނާ އަށް ފަރުވާދީފައި، ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރީ މާޗް 10، ގަ އެވެ.

"އަޅުގަނޑުމެންގެ ގައިގައި ނޯމަލްކޮށް އޮކްސިޖަން ހުންނާނީ 97 ޕަސެންޓުގައި. އެކަމަކު ދަށްވަމުން ދަށްވަމުން ގޮސް އޭނާގެ [އިޓަލީ ޓޫރިސްޓް] 92 ޕަސެންޓަށް ވެއްޓިފައި ހުރީ. އެއީ ހާލު ގޯސްވަމުން ދިއުމުގެ އަލާމާތެއް،" ޑރ. މޫސަ ވިދާޅުވި އެވެ.

ޑރ. މޫސާ ހުސައިން ރޭ "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އޭނާގެ އޮކްސިޖަން 10 ވަނަ ދުވަހާއި 11 ވަނަ ދުވަހު ވެސް ދަށްވުމުން، ދެން ޖެހުނީ އޮކްސިޖަން ގުޅާށެވެ.

"ފުރަތަމަ އެއް ލީޓަރު، ދެން ދެ ލީޓަރަށް ބަދަލުކޮށް ފަހުން އިތުރުކުރީ ތިން ލީޓަރަށް. އޭރު ވެސް ފެނުނީ ވަރަށް ބޭޑް ސައިންތަކެއް [ބަލީގައި ބޮޑުވަރު ވަމުންދާ ކަމުގެ އަލާމާތްތައް]. ހިތުގެ ހިނގުން އަވަސްވެފައި، ނުކެވުމާއި ހުން އައުމާއި ބޭރަށް ހިންގުމަކީ ވެސް ބޭޑް ސައިންއެއް ކަމަށް ބެލީ. ހިއުމަގްލޯބިން ދަށްވި، ޕޮޓޭޝިއަމް ވެސް ވަރަށް ބޮޑަށް ދަށްވެ، ހިތުގެ މައްސަލަތަކެއް ކުރިމަތިވި. ކެލްސިއަމް ދަށްވެ، އެއާ އެކު ހުރިހާ އިލެކްޓްރޯލައިޓްސްތައް ވެސް ދުވަހުން ދުވަހަށް ދަށްވަމުން އައީ،" ޑރ. މޫސަ ތަފުސީލު ދެއްވި އެވެ.

އޮކްސިޖަން އެންމެ ބޮޑަށް ދަށްވިއިރު، ޑޮކްޓަރުން ތިބީ އޭނާގެ ފުރާނަ ސަލާމަތްކުރެއްވިދާނެތޯ ސުވާލު އުފެދިފަ އެވެ. އެހާވެސް ހާލަތު ގޯހެވެ. އެކަމަކު އޭރު ވެސް ވެންޓިލޭޓަރަކަށް ނުލަ އެވެ.

"ހިތަށް އެރި ސަވައިވެއް ނުވާނެއޭ. އަދި ވިޔަސް ވަރަށް ކުޑަ ޗާންސެކޭ އިންނާނީ އެހާ ގޯސް އަލާމާތްތަކާ އެކު،" މޫސަ ވިދާޅުވި އެވެ.

އޭނާގެ ފަރުވާގައި ޑޮކްޓަރުން އެންމެ ހާސްކަން ބޮޑުވީ، 10-13 ވަނަ ދުވަހާ ދެމެދެވެ. ހާލަތު ބޮޑުވުމުން، ޚާއްސަ ޑޮކްޓަރުން އޭނާގެ ގާތަށް ވަންނަނީ، ދުވާލަކު ދެ ފަހަރު ނުވަތަ ތިން ފަހަރެވެ.

އެކަމަކު 24 ގަޑިއިރު އޭނާ އަށް ޚާއްސަކުރި މެޑިކަލް އޮފިސަރުން ވެސް ހިމެނޭ ޓީމުން ގަޑިއަކު އެއްފަހަރު ނުވަތަ ކޮންމެ ދެ ގަޑިއިރަކުން ކަހަލަ ގޮތަކަށް ހާލު ބަލަމުން ދިޔައިރު ވެސް ފެނުނީ ނާއުއްމީދީ މަންޒަރެއް ކަމަށް ޑރ. މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެވަރުން ވެސް އެއީ، އޭނާގެ ފުރާނަ ސަލާމަތްނުކުރެވޭނެ ހާލަތެއްގެ ގޮތުގައި ކަނޑައަޅައި ދޫކޮށްލަން ބޭނުން ނުވި ކަމަށެވެ.

ޑރ. މޫސަ ވިދާޅުވި ގޮތުގައި އޭރު ދިވެހިޑޮކްޓަރުންގެ ޓީމު އައީ، ކޮވިޑް-19 ގައި ބޮޑުވަރުވާ ބަލިމީހުންނަށް ގައުމުތަކުން އެންމެ ގިނައިން ދެމުން އަންނަ އަދި އެންމެ އިތުބާރު ބޮޑީ ކޮން ބޭހެއްތޯ ބަލަމުންނެވެ. އޭގެ ތެެރެއިން ގިނަ ޑޮކްޓަރުންނަށް އެއްބަސްވެވުނު ބޭސް ހޯދައިދޭން ކަމާ ބެހޭ ފަރާތްތަކުގައި 11 ވަނަ ދުވަހު އެދުމުން، ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެ ބޭސް ޖެހިގެން އައި ދުވަހު ރާއްޖެ ގެނެސްދިނެވެ.

މިދިޔަ މަހު ބޭއްވި ނިއުސް ބްރީފިންގައި (ކ-ވ) ޑރ. މޫސާ، އައިޖީއެމްއެޗުގެ ސީއީއޯ ސަލީމް، ހެލްތު މިނިސްޓަރު އަމީން އަދި ޑރ. އަލީ ލަތީފް.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"ބައްދަލުވުމެއްގައި އިންދައި ބޭސްކޮތަޅަކު އަޅުގަނޑު އަތަށް ދިނީ، އެހާވެސް އަވަހަށް ބޭސް ހޯދައިދިން. ހަމަ އެވަގުތު އޭނާއަށް އަޅުގަނޑުމެން ބޭސް ފެއްޓީ، އެންޓިބައޮޓިކާ ވެސް އެކުގައި. ގާތްގަނޑަކަށް 48 ގަޑިއިރުގެ ތެރޭގައި ހުން ފިލައިގެން ހިނގައްޖެ،" ޑރ. މޫސަ ވިދާޅުވި އެވެ.

ޑޮކްޓަރުންނަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނީ އެ ހިސާބުންނެވެ. ހުން ފިލައިގެން ދިއުމަކީ ޑޮކްޓަރުން ބެލި ގޮތުގައި، ފަރުވާގައި "ވަރަށް ބޮޑު ކާމިޔާބީ" އެކެވެ. އޭގެ ފަހުން މަޑުމަޑުން ހާލަތު ރަނގަޅުވަމުން ގޮސް ފަސް ދުވަސް ވި އިރު ޑޮކްޓަރުން ތިބީ އުއްމީދެއްގަ އެވެ.

"[ބޭސް ފެށިތާ] އަށް ދުވަސް ފަހުން އަޅުގަނޑުމެންނަށް އޭނާ އަށް ގުޅާފައި ހުރި އޮކްސިޖަން ނިއްވާލެވުނު. އޭގެ ފަހުން ހެދި ޓެސްޓްތައް ނެެގެޓިވް،" ޑރ. މޫސަ ވިދާޅުވި އެވެ.

އެންމެ ބޮޑު ކާމިޔާބީ: ކޮވިޑަށް ފަރުވާ ދެވޭނެ ކަމުގެ ޔަގީންކަން

އިޓަލީ މީހާގެ ފަރުވާ ކާމިޔާބުވުމުން ޑރ. މޫސަ އާއި ޑޮކްޓަރުންގެ މުޅި ޓީމަށް ލިބިވަޑައިގަތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖޭގައި ކޮވިޑް-19 ގައި އެންމެ ހާލަތު ގޯސްވާ މީހުންނަށް ވެސް ފަރުވާ ކުރިއަށް ގެންގޮސް، ރަނގަޅު ކުރެވޭނެ ކަމުގެ އުއްމީދެވެ.

ސަބަބުތައް ވެސް ޑރ. މޫސަ ވިދާޅުވެދެއްވި އެވެ.

"ޕޭޝަންޓަކީ ވަރަށް ސިވިއަ ނިއުމޯނިއާ ކޭސްއެއް، ޑަބްލިއުއެޗްއޯގެ ކްލެސިފިކޭޝަންގައި ސިވިއަ ނިއުމޯނިއާ އަކީ އޮކްސިޖަން 92 ޕަސެންޓަށް ވުރެ ދަށަށް ވެއްޓުމާއި ވައިޓަލް ނިއުމޯނިއާ ހުރުން. މީނަގެ އަދި މާ ބޮޑަށް އޮކްސިޖަން ދަށްވެގެން ދިޔަ. އެ އުމުރުގެ މީހަކަށް ވުމާއި އިޓަލީން އައުމާއި އިޓަލީގެ އެތައް ބަޔަކު މި ބަލީގައި މަރުވެގެން ދިއުމާއި ހުރިހާ ކަމެއް ކުރިމަތިވި އިރު އެ ކަހަލަ ހާލަތަކަށް އޭނާ އެދިޔައީ ދެއްތޯ؟ އެކަމަކު ކުރިއާލައި ދެނެގަނެވި، ސަޕޯޓިވް ހުރިހާ މެޝާސްތަކެއް ނެގުނީމަ ކަންނޭނގެ އޭނާގެ ހާލު ރަނގަޅުވަމުން އައީ."

ފުރަތަމަ ކޭސް، އަދި އެހާ ހާލުބޮޑު މީހަކު ރަނގަޅުވުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ޔަގީންކަމެއް.

ނުރައްކަލުގައި، ވަމުންދަނީ ބޮޑު ގުރުބާނީއެއް!

ކޮވިޑް-19 އަކީ ގޮތް ނޭނގޭ އަދި ފަރުވާއެއް ހޯދިފައި ނުވާ، މުޅި ދުނިޔެ އަށް ވެސް އާ ބައްޔެކެވެ. ޑރ. މޫސަ އާއި އައިޖީއެމްއެޗުގެ ޓީމު އަދި އެހެން ގައުމުތަކުގެ ޑޮކްޓަރުން ކިޔަވައި ތަމްރީނު ހޯދިއިރު ވެސް "މަރުގެ ވައިރަހު"ގެ ގޮތުގައި ޑޮކްޓަރުން ސިފަކުރާ މިފަދަ ބައްޔަކަށް ތައްޔާރެއް ނުވެ އެވެ.

"ފުރަތަމަ ޕޭޝަންޓަށް ޓްރީޓްކުރީމަ މި ލިބުނީ އެކްސްޕީރިއެންސް، އެއާ އެކު ކޮންފިޑެންސް،" ޑރ. މޫސަ ވިދާޅުވި އެވެ.

ވައިރަހަށް ޕޮޒިޓިވް ކޮންމެ މީހަކަށް ފަރުވާދޭ ވަގުތަކީ ވެސް ބަލިމީހާއަށްޓަކައި ޑޮކްޓަރުންނާއި ނަރުހުންނާއި އެހެން ސަޕޯޓިވް ސްޓާފުން ވެސް ވާ ވަރަށް ބޮޑު ގުރުބާނީއެކެވެ. ފަރުވާދީފައި ނުކުންނަ އިރު އަމިއްލަ ނަފްސަށް ވާނީ ކިހިނެއްތޯ ނުވަތަ ފަރުވާދޭ އެހެން ޑޮކްޓަރުންނާއި ނަރުހުން ވައިރަހަށް ހުށަހެޅުނުތޯ އެއީ ހިތުގައި އޮންނާނެ ނުތަނަވަސްކަމެއް ކަމަށް ޑރ. މޫސަ ވިދާޅުވި އެވެ.

މޫނާއި މުޅި ހަށިގަނޑު ހާއްސަ ހެދުމަކުން ރައްކާތެރިކޮށްގެން ތިއްބަސް އެ ވައިރަހުން ސަލާމަތްވެވުނީ ކަމުގެ 100 ޕަސެންޓް ޔަގީންކަމެއް ނޯންނާނެ އެވެ. އެ ނުރައްކާ ކޮވިޑް-19 އަށް ފަރުވާދޭ، އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ނަރުހުންނާއި ލެބް ޓެކްނީޝަނުންނާއި އެ ނޫން ވެސް ސަޕޯޓިވް ސްޓާފުންނަށް އެބަ އޮތެވެ.

ޑރ. މޫސަ ވިދާޅުވީ ކޮވިޑް-19ގެ އެންމެ ހާލު ބޮޑުވެ، އެންމެ ގިނަ ވަގުތު ބަލިމީހާއާ އެކު ހޭދަކުރަން ޖެހުނު ކޭސްގައި ވެސް އެހާ ބޮޑަށް ޑޮކްޓަރުންގެ ޓީމުން ޖެހިލުންނުވީ، އާއްމުކޮށް ނޭވާލާ ނިޒާމްގެ ބަލިތަކަށް ކޮންމެ ދުވަހަކު ފަރުވާދެމުން އަންނާތީ ކަމަށެވެ. އިންފްލުއެންޒާގައި ވެސް 2017 ގައި އެތައް ބަޔަކަށް ނިއުމޯނިއާ ޖެހި ފަރުވާ ދެމުން އައީ އެ ޓީމުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މީތި ވެސް ފެތުރޭލެއް ގިނަވެފައި ދިފާއީ ނިޒާމް ދަށްވީމަ މީހުން މި ގިނައިން [2-5 ޕަސެންޓާ ދެމެދު] މަރުވަނީ. ސިއްހަތު ރަނގަޅިއްޔާ ގިނަ މީހުން ސަލާމަތްވޭ. އެކަމަކު ޑޮކްޓަރުންނާއި ނަރުހުން މި ހުށަހެޅެނީ ވަރަށް ހައި ލެވެލް، ވައިރަސް އަށް އަޅުގަނޑުމެންގެ ދިފާއި ނިޒާމަށް ނުކުތާ މިންވަރަށް، އެހެންވެ ހެލްތު ވޯކާސް ގިނައިން [ދުނިޔޭގެ އެކި ގައުމުތަކުގައި] މި މަރުވަނީ،" ޑރ. މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގޭ މި ކަހަލަ ބަލިތަކުގައި ކުރިމަތިލާން ޖެހޭނެކަން. އެކަކު ދެ މީހަކު ކައިރިއަށް ގޮސްގެން އެހާ ހައި ރިސްކެއް ނުވާނެ. އެކަމަކު ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްގެން ފަރުވާދޭން ޖެހޭއިރު އަޅުގަނޑުމެންގެ ހަށިގަނޑުގައި އެ ކެޕޭސިޓީ ނެތިއްޖިއްޔާމު ހަމަ ފުރާނަ އަށް ގެއްލުންވެދާނެކަން ވެސް އެނގޭ."

އެހެންވިޔަސް ޑރ. މޫސަ ވިދާޅުވީ އެ ހާލަތުގައި ވެސް "އަޅުގަނޑުމެން ކުރިމަތިލާން ޖެހޭ" ކަމަށެވެ. އެގޮތަށް ފަސްޖެހިއްޖެ ނަމަ ދެން ކުރިމަތިލާނެ އެހެން ބަޔަކު ނުތިބޭނެ ނޫންތޯ ވިދާޅުވެ، ޑޮކްޓަރުންގެ ވިސްނުން ވިދާޅުވެދެއްވި އެވެ.

ބަތަލާ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީގެ ދެމަފިރިންނަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެނީ.

ދެން ވިދާޅުވީ މި ޕްރޮފެޝަންގައި ކިޔަވައި ތަމްރީނު ހެދީ އެކަން އެނގިވަޑައިގެން ތިއްބަވައި ކަމަށެވެ.

"މީގައި، އެބަ އުޅޭ ވަރަށް ހިތްވަރުގަދަ، މީހުން. ނަރުހުން ވަރަށް ހިތްވަރުގަދަ. އަޅުގަނޑު ވަރަށް ތައުރީފްކުރަން ބޭނުން އެ މީހުންގެ މަސައްކަތަށް. އަޅުގަނޑުމެންގެ ސަޕޯޓިވް ސްޓާފުންނަށް ވެސް. ބަލިމީހާ ކައިރީގައި އަބަދު މަޑުކުރާ މީހުން. ވަރަށް އެހެން ކަހަލަ ހިތްވަރެއް އެ މީހުންގެ ގައިގައި އެ ހުންނަނީ،" ޑރ. މޫސަ ވިދާޅުވި އެވެ.

ބިރުވެރިކަން އަދި ނުފެށޭ!

މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ވެސް މޮޅު، ގާބިލް ޑޮކްޓަރުން ރާއްޖޭގައި ތިއްބަސް އެއީ އާބާދީގެ ނިސްބަތުން ބަލާއިރު، ވަަރަށް ކުޑަ ޕަސެންޓެކެވެ. ޑޮކްޓަރުންގެ މަދުކަމާ އެކު ކްރިޓިކަލް ކެއާއަށް ޚާއްސަ ބޭފުޅުން ނެތުމަކީ ކުރިމަތީގައި އޮތް ގޮންޖެހުމެކެވެ.

ކޮވިޑް-19 އިން އާއްމުން ރައްކާތެރިކުރުމުގެ އެންމެ ބޮޑު ޒިންމާއެއް ހަވާލުވެފައިވާ ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ފަސް ބޭފުޅުންނާ އެކު "މިހާރު"ގެ ޓީމު އިއްޔެ ހޭދަކުރި ދޮޅު ގަޑިއިރުގެ ތެރޭގައި ތަކުރާރުކޮށް ވިދާޅުވި އެއް ވާހަކައެއް އޮތެވެ: މި ވައިރަހުގެ ބިރުވެރިކަން ރާއްޖެއިން އަދި ނުފެނެ އެވެ. އެ ޓީމުން ގަބޫލުކުރާ ގޮތުގައި ބިރުވެރި ހާލަތެއް ފެށޭނީ، އާއްމުންގެ ތެރެއަށް ފެތުރޭ ހިސާބުންނެވެ.

ޑރ. މޫސަގެ އިންޓަވިއުގައި ވެސް އެންމެ ބޮޑަށް ސިފަކޮށްދެއްވީ އެ ވާހަކަ އެވެ. ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ފަރުވާކުޑަކޮށްފި ނަމަ، އެންމެންނަށް ކުރިމަތިވާން އޮތް ނުރައްކަލުގެ ހާލަތެވެ.

އަޅުގަނޑުމެންގެ އެންމެ ބޮޑު ބިރަކީ އާއްމުންގެ ތެރޭގައި ބަލި ފެތުރިގެން ހިނގައިދާނެތީ. ހެލްތު ސިސްޓަމަށް ނުކުތާ މިންވަރަށް އެއްފަހަރާ މީހުންނަށް ފަރުވާދޭން ޖެހިދާނެތީ. ކިހިނެއްބާއޭ އޭރުން ހަދާނީ އަޅުގަނޑުމެންގެ ހިތަށް އަރާ.

"ބައެއް ގައުމުތަކުގައި އެބަ ބުނޭ 50 އަހަރުން މަތީގެ އެންމެން ދޫކޮށްލާނީއޭ އެއްވެސް ފަރުވާއެއް ނުދީ. ރާއްޖޭގައި އެއްފަހަރާ ގިނަ ބަޔަކަށް ޖެހިއްޖެ ނަމަ، ހޮސްޕިޓަލްތަކުގެ އެނދެއް، އޮކްސިޖަނެއް، ވެންޓިލޭޓަރުތައް އޮންނާނީ މަދުވެފައި،" ޒުވާން އުމުރުގެ މީހުން ސަލާމަތްކުރަން އިސްކަންދީ، އެއަށް ވުރެ ދޮށީ މީހުންނަށް ހޮސްޕިޓަލްތަކުން ޖާގަ ނުދިނުމުގެ ހާލަތު ވެސް ކުރިމަތިވާކަން ކިޔައިދެއްވަމުން ޑރ. މޫސަ ވިދާޅުވި އެވެ.

"ކްރިޓިކަލް ކެއާ ސްޕެޝަލިސްޓުން ވަރަށް މަދު އަޅުގަނޑުމެންގެ. އެކި ގައުމުތަކުގައި މި ބަލި ފެތުރޭއިރު ދިވެހިރާއްޖެ އަށް ވެސް ވަރަށް އުނދަގޫވާނެ އެހެން ގައުމުތަކުން ސްޕެޝަލިސްޓުން ހޯދަން ވެސް. އެހެންވެ މީހުން އެކަމަށް ތަމްރީން ވެސް ކުރަމުން އަންނަނީ."

ޑރ. މޫސަ: ރާއްޖޭގައި ކްރިޓިކަލް ކެއާގެ ތަމްރީން ވަރަށް މުހިންމު ކަމަށް ވިދާޅުވި.

އެންމެ ގޯސް ހާލަތަކަށް ޑޮކްޓަރުން ވެސް ތައްޔާރުވުމުގެ ގޮތުން ބަލިމީހާގެ ކަރަށް ހޮޅި ލެއްވުމާއި ވެންޓިލޭޓަ މެނޭޖްކުރުމާއި އަމިއްލަ އަށް ރައްކާތެރިވެވޭނެ ގޮތްތައް ދަސްކޮށްދެމުން އަންނަނީ ބިރުވެރި ހާލަތެއްގެ ސިގްނަލް ލިބޭތީ އެވެ.

އެއްފަހަރާ، އެތައް ބަޔަކަށް ފަރުވާ ދޭން ޖެހިއްޖެ ހާލަތެއްގައި ވެސް އެންމެ މީހަކަށް ވެސް އަޅާނުލެވި، ދޫކޮށްލަން ޖެހުމަކީ، ޑރ. މޫސަ ވިދާޅުވި ގޮތުގައި، "ޑޮކްޓަރުންގެ ހިތަށް ފަސޭހަ ކަމަކަށް ނުވާނެ" އެވެ.

"ވަރަށް އުނދަގޫވާނެ އެފަދަ ހާލަތެއް ރާއްޖޭގައި އަޅުގަނޑުމެންނަށް ކުރިމަތިވެއްޖެ ނަމަ. މިސާލަކަށް ގިނަ ބަޔަކަށް ފަރުވާދޭން ޖެހި އެއް ބަޔަކު ދޫކޮށްލާފައި އަނެއް ބައެއްގެ ފުރާނަ ސަލާމަތް ކުރަން ޖެހުން، އަޅުގަނޑުމެންގެ ކުރިމަތީގައި އެ ބިރު އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

ކަމާ ބެހޭ ފަރާތްކުގެ އިރުޝާދަށް ބޯނުލަނބައިފި ނަމަ، ގާތުގައި އޮތް އެ ހާލަތު ސިފަވާތީ ޑޮކްޓަރުންނަށް އޮތް ހާސްކަން ބޮޑެވެ.