"ނިއު ނޯމަލް" އަކީ ކޮބާ؟

ކޮރޯނާވައިރަސްއާ އެކު މިހާރު މުޅި ދުނިޔެ ވެސް ގާތްގަނޑަކަށް މި އޮތީ ބަދަލުވެފަ އެވެ. ރާއްޖެ ވެސް އެ ހާލަތަށް ވެއްޓިއްޖެ އެވެ. މި ރޯގާގެ ނިމުމުގެ ކޮޅުމަތި އަދިވެސް ފެންނަން ނެތުމާ އެކު، ކުރީގެ އާދަތަކަށް އަނބުރާ ދެވޭކަށް ނެތެވެ. ދެން އޮތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވި ގޮތަށް، "ނިއު ނޯމަލް" އަކަށް ދިއުމެވެ. ލޮކްޑައުންގެ ހާލަތު ނިމި، އަނބުރާ މަގުމައްޗަށް ނުކުމެވުނު ނަމަވެސް، އުޅެން ޖެހޭނީ އެ "ނިއު ނޯމަލް"ގަ އެވެ.


"ނިއު ނޯމަލް" އަކީ ކޮބައި ހެއްޔެވެ؟

ދުނިޔޭގެ ބޮޑެތި ގައުމުތައް ވެސް ބިރު ގަންނަވާލައި، މުޅި ދުނިޔެ ވެސް ހުއްޓުވާލި ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް ގިނަ ގައުމުތަކުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. ގެއިން ބޭރަށް ނުކުމެ އުޅުން މުޅިން ހުއްޓުވައި، އޮފީސްތަކާއި ސްކޫލުތަކާއި މިސްކިތްތައް ވަނީ ބަންދުކޮށްފަ އެވެ. ފަސޭހައިން ގައިންގަޔަށް އަރާ މިބަލި ފެތުރުނަ ނުދިނުމަށް އޮތް ހަމައެކަނި ގޮތަކީ ވެސް ގެއިން ނުނިކުމެ ތިބުމެވެ.

އެކަމަކު އަބަދު ގޭބަންދުވެފައި ނުތިބެވޭނެތީ، ދެން މަގުމައްޗަށް ނުކުންނައިރު އާ އާދަތަކެއް އެބަ އަށަގަންނުވަން ޖެހެ އެވެ. ބަލިމަޑުކަމުގައި އަހަރުމެން މިހާރު އަމަލުކުރާ ގޮތްތައް، އެއީ އާއްމުކޮށް ވެސް އަމަލު ކުރަން ޖެހޭ ގޮތްކަމަށް ބަދަލު މި އޮތީ ޖެހިފަ އެވެ. ސޯޝަލް ޑިސްޓެންސިން ނުވަތަ އިޖްތިމާއީ ގައިދުރުކަން އަބަދުވެސް ބޭއްވުމެވެ. އެއްވެ އުޅުންތައް މި ވަގުތަށް ހުއްޓާލުމެވެ.

ކޮރޯނާވައިރަހާ ގުޅިގެން ލޮކްޑައުންކޮށްފައިވާ ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒުގެ ފިހާރައެއްގެ ބޭރުގައި، ދުރުމިން ބަހައްޓައިގެން ކިޔޫ ހަދާފައި. މިއީ ދެން ކަންވާނެ ގޮތް --ފޮޓޯ:އޭއެފްޕީ

ކޮރޯނާވައިރަސްގައި އެންމެ ބޮޑަށް އަސަރުކޮށް، ގިނަ ބަޔަކު މަރުވި ޔޫރަޕްގެ ގިނަ ގައުމުތައް ވެސް މިހާރު ތައްޔާރުވަމުން އަންނަނީ ލޮކްޑައުންގެ ހާލަތު ލުއިކުރާށެވެ. އިޓަލީ އާއި ސްޕެއިނާއި އިނގިރޭސި ވިލާތް ފަދަ ގައުމުތަކުން ވެސް މި ކަމަށް ތައްޔާރުވަމުން އަންނަ އިރު އެންމެ އިސްކަމެއް ދެނީ "ނިއު ނޯމަލް" ވީހާ ވެސް ބޮޑަކަށް އާއްމު ކުރުމެވެ. ވިޔަފާރިތަކާއި ރެސްޓޯރަންޓުތައް ހުޅުވާލި ނަމަވެސް، ގާތްގާތުގައި މީހުންނަކަށް ނުތިބެވޭ ގޮތަށެވެ. ސްކޫލުތަކާއި ހިދުމަތް ދޭ އޮފީސްތަކުގައި ވެސް އަމަލު ކުރާނީ އެހެންނެވެ.

ރާއްޖޭގެ ހާލަތު މި ވަގުތު ގޯހެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު 500އަށް ވުރެ އިތުރުވެފައިވާއިރު، ކުރިއަށް އޮތް ތަނުގައި މި އަދަދު ގިނަވުން ވަރަށް އެކަށީގެންވެ އެވެ. ބަލިން ރައްކާތެރިވުމަށް މިދިޔަ މަހު 15ގައި މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި ވާއިރު މިހާރު ރާއްޖޭގެ ހުރިހާ ރަށްތަކަށް ވެސް އަރައިފޭބެނީ ހުއްދަ ހޯދައިގެންނެވެ. އެކަމަކު މިހެން އަބަދަކު ބަންދުކޮށްގެން ނުތިބެވޭނެ އެވެ. ހަލުއިކަމާ އެކު ބަލި މިހާރު ފެތުރުނަސް، ބަލި ޖެހޭ މީހުންގެ އަދަދު ކިރިޔާ ވެސް މަދުވެލާއިރަށް ލޮކްޑައުން އުވާލައި، ހިދުމަތްތައް އަލުން ފަށަން ޖެހޭނެ އެވެ. އެކަމަކު ކުރިން ބުނި "ނިއު ނޯމަލް" ނުވަތަ އާ އާދަތަކާ އެކު އެވެ.

އަށަގަންނުވަން ޖެހޭ އާ އާދަތައް

ލޮކްޑައުން އުވާލާތަނުން، ކުރަން ހުރި ކަންތައްތަކުގެ ލިސްޓު ވަރަށް ދިގުވެދާނެ އެވެ. އެކަމަކު ކޮންމެ ތަނަކަށް ދިޔަޔަސް، ކޮންމެ މީހަކާ ބައްދަލު ކުރިޔަސް، މި ވަގުތު ސޯޝަލް ޑިސްޓެންސިން ހިޔާރުކުރާށެވެ. ސްކޫލުތަކާއި މިސްކިތްތަކުގައި ވެސް ރައްކާތެރި ދުރުމިނެއް ބަހައްޓައިގެން ތިބެވޭނެ އެވެ. ހިދުމަތް ހޯދުމަށް ދިގު ކިޔުއެއް އޮތް ނަމަވެސް ދެން ޖެހޭނީ ކެއްތެރިކަމާ އެކު އިންތިޒާރު ކުރާށެވެ.

ހިދުމަތް ދޭ ތަންތަނާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ކަންކަން އިންތިޒާމު ކުރަން ވެސް ޖެހޭނީ މި އާ އާދަތަކަށް އިސްކަން ދީގެންނެވެ. ހިދުމަތް ދޭ ވަގުތުތައް ބަހާލައި، އެކި މީހުން އެކި ގަޑިތަކުގައި ހިދުމަތް ދެވިދާނެ އެވެ. މާލެ ވަށައި ދުވެލައި ނުވަތަ ކަސްރަތު ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދޭ އިރު ވެސް ހަމަ މިހެން، އެކި ވަގުތުތަކުގައި އެކި އުމުރުގެ މީހުން އެކަން ކުރުމަށް އުސޫލުތައް ހެދިދާނެ އެވެ. ފިހާރަތަކާއި ރެސްޓޯރަންޓުތަކާއި ސިނަމާ ފަދަ ތަންތަން، ތޮއްޖެހުނަ ދީގެން ނުވާނެ އެވެ.

ރޯދަ އަށް ހަނދު ބެލުމުގެ ކުރިން ސައުތު އެފްރިކާގެ ކޭޕް ޓައުންގައި ބަޔަކު ހާމަތަނެއްގައި ބުރާސްފަތި ދުވަހުގެ ރޭ، ދުރުމިން ބަހައްޓައިގެން ނަމާދު ކުރަނީ --ފޮޓޯ:އޭއެފްޕީ

މީގެ އިތުރުން، ފޭސް މާސްކު ބޭނުން ކުރުމާއި ގަވައިދުން އަތް ދޮވުން ފަދަ ކަންކަން ހުއްޓާނުލުމަކީ މުހިއްމު ކަމެކެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ކޮރޯނާވައިރަސްގެ ނުރައްކާ ގައުމެއްގައި ފެތުރުމަށް ފަހު ކޮންޓްރޯލްކުރެވެނީ ވަރަށް ބުރަ މަސައްކަތުންނެވެ. ބަލި ޖެހޭ މީހުންގެ އަދަދު ކިރިޔާ މަދުވެލާއިރަށް، ބަލި ކޮންޓްރޯލްވީ ކަމަށް ހީކުރެވުނު ނަމަވެސް އެކަން ނިމުނީކީ ނޫނެވެ. ލޮކްޑައުން އުވާލި ނަމަވެސް ދެ މަހެއްހާ ދުވަހު ނުވަތަ އެއަށް ވުރެ ގިނަ ދުވަހު މި އާ އާދަތަކާ އެކު އުޅެން އެބަ ޖެހެ އެވެ. މި ބައްޔަށް ވެކްސިނެއް ނުވަތަ ބޭހެއް އުފެއްދެންދެން އަހަރުމެންގެ އާދަތަކަށް ޖެހޭނީ ބަދަލުތަކެއް ގެންނާށެވެ. އެކަމަކު އާއްމުންގެ އާދަތަކަށް ބަދަލު ގެނައުމަކީ ސިއްހީ ދާއިރާއަށް އުނދަގޫ ކަމެއްކަން ޑޮކްޓަރު ފާހަގަކުރެއްވި އެވެ.

އާ އާދަތަކަށް އަހަރުމެން ތައްޔާރުތަ؟

ކޮރޯނާވައިރަސް ރާއްޖެއަށް އައުމުގެ ކުރިން، އެ ބަލިން ފިލާވަޅު ލިބިގަންނަން ދިވެހިންނަށް ފުރުސަތު ލިބުނެވެ. އެހެން ގައުމުތަކަށް ދިމާވި ގޮތް ފެނި، އެކަމުން ރައްކާތެރިވުމަށް ސަރުކާރުން ނަސޭހަތްދީ ފިޔަވަޅުތައް ވެސް އެޅިމެ އެވެ. ޑޮކްޓަރުންނާއި ސިއްހީ މާހިރުން، ބަލިން ރައްކާތެރިވާނެ ގޮތްތައް ކިޔައިދީ، ކެނޑިނޭޅި އިރުޝާދުތައް ދެމުން ދިޔަ އެވެ. ކާފިއު ހިންގައި، ހިދުމަތްތައް ލިމިޓް ކުރި އެވެ. އެކަމަކު އެ އަމުރުތަކަށް ގިނަ މީހުން ބޮލެއް ނުލަނބަ އެވެ. ބަލިމަޑުކަން ރާއްޖެއަށް ލައިގަންނަން ދެން މީހުން މަގުމައްޗަށާއި ތަންތަނަށް ނުކުތެވެ.

ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުގައި ހަލުއިކަމާ އެކު ރާއްޖޭގައި މިހާރު މި ބަލި ފެތުރެމުން ދަނީ ވެސް އެ އިރުޝާދުތަކަށް ބީރު ކަންފަތެއް ދިނުމުންނެވެ. މިހާރު އަނެއްކާވެސް މިއޮތީ އާ އާދަތަކަށް ބޯލަނބަން ޖެހޭ ވަގުތު އައިސްފަ އެވެ. މަގުމައްޗަށް ނުކުތުމުގެ ހުއްދަ ލިބޭ ތަނުން، އެންމެން އެއް ފަހަރާ ނުކުމެ، ފިހާރަތަކާއި ރެސްޓޯރަންޓުތަކާއި ޕާކުތައް ތޮއްޖައްސައިގެން ކަމަކު ނުދާނެ އެވެ. އެހެން ނޫނީ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ، ނުވަތަ ބަލީގެ އާ ރާޅެއް ނަގައި އަނެއްކާވެސް ލޮކްޑައުންކުރަން ޖެހިދާނެ އެވެ. ގައިމު ވެސް މި ގޭބަންދު ދެ ވަނަ ފަހަރަށް ތަޖުރިބާ ކުރާކަށް ދެން އެކަކު ވެސް ބޭނުމެއް ނުވާނެ އެވެ.