ކޮރޯނާވައިރަސްއާ ހެދި މާލެ ލޮކްޑައުންކޮށް، ގޭގައި ބަންދުވެފައި ތިބޭތާ މަހަކަށް ވުރެ ގިނަ ދުވަސްވީ އެވެ. ތޮއްޖެހިފައިވާ ވެރިރަށުގައި، ކުދިކުދި ތަންކޮޅުގައި އުޅޭ މީހުންގެ މި ދިރިއުޅުން، ފަހަރެއްގައި އަހަރެން ކަހަލަ ރަށެއްގައި ދިރިއުޅޭ މީހަކަށް ވަޒަން ނުކުރެވިދާނެ އެވެ. އެކަމަކު، އެ ފަދަ ބައެއް އާއިލާތަކާ ވާހަކަ ދައްކައިލުމުން، އެ ދިރިއުޅުމުގެ ހިތްދަތިކަން ސިފަކޮށްލެވުނެވެ. އެ މީހުންގެ ބަހުން ނަމަ އެއީ ހިތްދަތި، އެހާމެ މާޔޫސީ ދިރިއުޅުމެކެވެ.
10 މީހުން ދެ ކޮޓަރީގެ އެޕާޓްމެންޓެއްގައި!
އާބިދާ މޫސާގެ ދިރިއުޅުން ކުރިން ވެސް ދައްޗެވެ. ގޯތި ބަހައިގެން ފިރިމީހާއަށް ލިބުނު ކުޑަތަންކޮޅުގައި ހެދޭވަރުވީ ދެ ކޮޓަރި އާއި ބަދިގެ އެކެވެ. ފަސް ކުދިން އުޅޭއިރު، ހަގަށް ތިިބި ތިން ބެއިންނާއެކު އާބިދާގެ ދެމަފިރިން ނިދަނީ އެއްކޮޓަރީގަ އެވެ. އަނެއް ކޮޓަރި، ދެން ތިބި ދޮށީ ދެބެއިންނަށެވެ.
ދަރިން ބޮޑެތިވެ، ދޮއްޓަށް ހުރި ތިން ކުދިން ވަޒީފާއަށް ދާން ފެށުމާއެކު ދިރިއުޅުން ހަމައަކަށް އެޅުނެވެ. ދެ ފިރިހެން ދަރިން ވަޒީފާ އަދާކުރަނީ ރިސޯޓުގައި ކަމަށް ވުމުން، ގޭގެ ތާށިކަމަށް ވެސް ލުޔެއް ލިބުނެވެ. އެކަމަކު އެއީ މިދިޔަ މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ.
ބަދިގެ ކުޑަވީމައި ކާން ވެސް މިޖެހެނީ ކޮޓަރީގައި. ކައި ނިންމައިގެން އަނެއްކާ ވެސް އެކި މީހުން ކޮޓަރީގެ އެކި ތަނުގައި ބިއްޖެހިފައި ތިބެނީ
ކޮވިޑް-19 ޖެހިފައިވާ ފުރަތަމަ މީހާ، މީގެ މަހެއްހާ ދުވަސްކުރިން މާލޭން ފެނުނު އިރު، އާބިދާގެ ގޭގައި އިތުރު ދެ މީހަކު ވެސް އުޅެ އެވެ. އެއީ ވިހަން ވެގެން މާލެ އައިސް ހުރި އޭނާގެ އެއްބަނޑު މީހަކާއި އޭނާގެ ފިރިމީހާ އެވެ. ތުއްތު ދަރިފުޅަށް ކުރިމަތިވި ސިއްހީ މައްސަލައަކާ ގުޅިގެން ދުވަސްކޮޅަކު މާލޭގައި މަޑުކޮށްލަން މަޖުބޫރުވެގެން ތިބީ އެވެ.
ބަލިމަޑުކަމާ ހެދި، ހުރިހާ ރިސޯޓުތަކެއް ބަންދުކުރުމުން އާބިދާގެ ދޮށީ ދެ ދަރިންނަށް ވެސް ވަޒީފާ ގެއްލި ދާން ޖެހުނީ ޖެހުނީ ގެއަށެވެ. މިހާރު އެ ގޭގައި، މަހެއް ނުވާ ތުއްތު ކުއްޖަކާއެކު ނުވަ މީހުން އުޅެ އެވެ. ދެ ކޮޓަރިއަށް މީހުން ބަހާލައިގެން، އެ ތަނުގައި ނިދައި، ކައިބޮއި ހަދާތާ މަސް ދުވަސްވީ އެވެ.
"ބަދިގެ ކުޑަވީމައި ކާން ވެސް މި ޖެހެނީ ކޮޓަރީގައި. ކައި ނިންމައިގެން އަނެއްކާ ވެސް އެކި މީހުން ކޮޓަރީގެ އެކި ތަނުގައި ބިއްޖެހިފައި ތިބެނީ. މިހާ އުނދަގުލުގައި އަދި ދުވަހަކު ވެސް ނޫޅެން،" ސްކޫލެއްގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާ ކުރާ އާބިދާ ބުންޏެވެ.
"ވަރަށް އުނދަގޫ، ވަރަށް ހިތްދަތި."
އާބިދާގެ ގޭގައި ޓީވީއެއް ހުރި ނަމަވެސް، އިންޓަނެޓް ބޭނުން ކުރަނީ އެ މީހެއްގެ އަމިއްލަ ފޯނުންނެވެ. ވަޒީފާ ގެއްލި، އަތްމަތި ދަތިވުމާއެކު ގިނަ ފަހަރަށް ފޯނަށް ޑާޓާއަޅާކަށް ފައިސާއެއް ނުހުރެ އެވެ. ކިޔަވާ އުމުރުގެ ތިން ބެއިން ތިބި ނަމަވެސް، ސްކޫލުތައް ބަންދުކޮށްފައި ހުރުމުން، އެ ކުދިން ވެސް ކަމެއް ނެތިފައި ގޭގައި ތިބީ އެވެ. އެހެންވެ، ކުރާނެ ކަމެއް ނެތި ފޫހިވެގެން ގޮސް ކުދިންތައް ތިބީ ހަލާކުވެފަ އެވެ.
"ދެން ގޭތެރެއިން އިވޭނީ ކުދިންތައް ޝަކުވާ ކުރާ އަޑާއި ތަޅާފޮޅާ އަޑު. ކުރާނެ ކަމެއް، ދާނެ ތަނެއް އޮތީކީ ނޫން،" އާބިދާ ބުންޏެވެ.
ލޮކްޑައުންގެ މި ދުވަސްތައް އާބިދާ ސިފަ ކުރަނީ ޖަލެއްގައި ތިބެން ޖެހުން ފަދަ ކަމެއްގެ ގޮތުގަ އެވެ. މުސާރަ ނުލިބުމާއި ދަރިންގެ ވަޒީފާ ގެއްލުމުން، އަތުގައި މާގިނަ ފައިސާއެއް ނެތެވެ. ކައްކަނީ ވެސް ކިރިޔާ ބަނޑުފުރޭ ވަރަށެވެ. ދިރިއުޅުމުގެ އެހެން ހަރަދުތައް ވެސް ކިރިޔާ ދެކޮޅު ޖެއްސޭ ކަމެވެ. މި ހުރިހާ ކަމަކާ ވިސްނަން ޖެހި، އާބިދާގެ ސިއްހަތު ވެސް ވަނީ ދަށަށް ގޮސްފަ އެވެ.
ކުލި ދެއްކޭނެ ގޮތެއް ނެތް، މާދަމާ ވެސް ގެއިން ނެރެލަފާނެ ކަމުގެ ބިރުގައި!
އުފަން ރަށްދޫކޮށް، މީގެ ހަތް އަހަރު ކުރިން މާލެއަށް ހިޖުރަކުރި ހަސަން ވަހީދު، 54 މިއަދާ ހަމައަށް ދިރިއުޅުމުގެ ކަންކަން ހަމަޖައްސަމުން އައީ ޓެކްސީކޮށްގެންނެވެ. އެކަމަކު ކޮރޯނާވައިރަހާ ހެދި އެންމެން ގޭގައި ބަންދުވާން ޖެހުމުން އޭނާއަށް އާމްދަނީ ލިބޭނެ ގޮތެއް މިހާރަކު ނެތެވެ. ގޭގެ ކުލި ދައްކަން ޖެހެ އެވެ. ކައިބޮއި ހަދައި، އެހެން ކަންކަމަށް ހަރަދު ކުރަން ޖެހެ އެވެ. އެއް ކޮޓަރީގެ އެޕާޓްމެންޓެއްގައި، ތިން ދަރިންނާއި މަންމަ އަދި އަނބިމީހާއާއެކު، ކުރާނެ މަސައްކަތެއް ނެތި އަތްއުރާލައިގެން ހުންނަން ޖެހުން އެއަށް ވުރެ ބޮޑަށް އޭނާއަށް އުނދަގޫ ބޮޑެވެ.
"ހަގީގަތުގައި މިގޭ ވެރިން ވަރަށް ހެޔޮ. ކުލި ކުޑަކޮށްދިން. އެކަމަކު އެވަރު ވެސް އަޅުގަނޑުމެންނަކަށް މިހާރަކު ދެއްކޭކަށް ނެތް،" ވަހީދު ބުންޏެވެ.
"މާދަމާ ވެސް ގެއިން ނެރެލެެފާނެ ކަމުގެ ބިރު އެބައޮތް."
ރަށުގައި ހުރި ގޯތި ފަޅަށް ދޫކޮށްލާފައި ވަހީދު މާލެ ބަދަލުވީ ދަރިންނަށް ކިޔަވައިދޭށެވެ. އޭނާ އެންމެ ފުރަތަމަ ނިންމައިގެން ހުރީ ދޮށީ ދެ ދަރިން ސެކަންޑަރީއަށް ކިޔަވައި ނިންމުމުން އެނބުރި ރަށަށް ދާށެވެ. އެކަމަކު މާލޭގެެ ކޮލެޖަކުން ދެ ކުދިން މަތީ ތައުލީމް ހާސިލް ކުރަން ފެށިއިރު، އެ ކުދިންނަށް ހަރަދު ކުރެވޭ ވަރަށް އޭނާއަށް ފައިސާ އެއްކުރެވެން އޮތީ މާލޭގައި ހުރެގެންނެވެ. އެހެންވެ، އަވަހަށް ރަށަށް ދިއުމުގެ ހިޔާލު އޭނާ ދޫކޮށްލީ އެވެ.
ވަހީދު ބުނިގޮތުގައި ބޮޑު އާއިލާއަކާ އެކު، ކުޑަތަންކޮޅެއްގައި ބަންދުވެފައި ތިބެން ޖެހުމަކީ ހިތަށް ވެސް ވަޒަން ނުކުރެވޭ ފަދަ ތަކުލީފަކަށް ވެދާނެ އެވެ. އެއީ އާއިލާ ދެކެ ލޯބި ނުވުން ނޫން ކަމަށާއި އެކަމަކު، ކުރިން ވަކި ތަރުތީބަކަށް ކުރަމުން އައި ކަންކަން އޮޅުންބޮޮޅުންވެ، ކުރާނެ ކަމެއް ނެތި ބަންދުވެފައި ތިބެން ޖެހުމަކީ ފަސޭހަކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.
ލޮކްޑައުންއާއެކު ގޭގައި ބަންދުވެފައި ތިބެން ޖެހުމުން ބައެއް މީހުންގެ ޒާތީ ދިރިއުޅުމަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ. އާއިލާގެ ތެރޭގައި މައްސަލަ ޖެހުން ގިނަވެ، ނަފްސާނީ ބަލިމަޑުކަމަށް ވަނީ ހުށަހެޅިފަ އެވެ. އެކަމަކު، ބޭރުގައި ބޮޑު ބަލިމަޑުކަމެއް ފެތުރެމުންދާއިރު ރައްކާތެރިކަން އޮތީ ގޭގައި މަޑުކޮށްގެން ކަމުން އެ ނޫން ގޮތެއް މިވަގުތަކަށް ނެތެވެ.
މިއީ ފިލާވަޅެއް، ދެން ހޯދަންވީ ދާއިމީ ހައްލެއް
މާލޭގެ އަގުބޮޑު ދިރިއުޅުމާއި ތޮއްޖެހުން ބޮޑުވުމުގެ ވާހަކަ ދައްކާތާ ލައްކަ ޒަމާންތަކެއް ވެއްޖެ އެވެ. އެކަމަކު، ކުލި ކޮންޓްރޯލް ކުރުމުގެ ވާހަކައާ ހަމައިން އެކަން ހިނދެނީ އެވެ. ހަމަ އެގޮތަށް، ރާއްޖެއަށް ގެންނަ ބިދޭސީންގެ އަދަދު އިތުރުވެ، އޭގެ ސަބަބުން ނުކުމެދާނެ ނުރަނގަޅު ނަތީޖާގެ ވާހަކަ އަބަދުވެސް އިވެ އެވެ.
އެކަމަކު މިއަދާ ހަމައަށް އައިއިރު ވެސް އެ މައްސަލަތައް އޮތީ ހަމައެކަނި ދައްކާލާ ވާހަކަތަކެއްގެ ގޮތުގަ އެވެ. އެއީ ކިހާ ގެއްލުން ބޮޑު، ހިތްދަތި ކަމެއްކަން ވަޒަންކޮށްލާކަށް ކުރިއަކުން ނޭނގެ އެވެ. ނަމަވެސް ނުރައްކާތެރި މި ބަލިމަޑުކަމުން އެކަން އަހަރުމެންނަށް ފިލާވަޅެއް ނަގައިދީފި އެވެ.
ވޭތުވެ ދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖޭން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ހާހަކަށްވުރެ އިތުރުވި އިރު، އޭގެ ތެރެއިން ދެބައި ކުޅަ އެއްބައި މީހުންނަކީ ބިދޭސީންނެވެ. ބަލިމަޑުކަމެއް ފެތުރިއްޖެ ނަމަ އެންމެ ފުރަތަމަ އޭގެ އަސަރު ކުރާނީ، ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންނަށް ކަމާއި އޭގެ ހިތިކަން ދިވެހިން ތަހައްމަލު ކުރަން ޖެހޭނެކަން މިހާރު ތަޖުރިބާ ކުރެވިއްޖެ އެވެ.
ކޮންމެ ހާލެެއްގައި ވެސް ދިރިއުޅުން ބިނާކުރަން ޖެހޭނީ މާލޭގައި ކަމާއި ހުރިހާ ވަސީލަތްތަކާއި ހިދުމަތްތައް ހުރީ ވެރިރަށުގައި ކަމަށް ދެކިގެން، ރަށް ދޫކޮށް މާލެއަށް ހިޖުރަ ކުރުމާމެދު ވިސްނާލަން އަނެއްކާ ވެސް މި ވަނީ ޖެހިފަ އެވެ. މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުން އެނބުރި ވަޒަނަށް ދާން ފުރުސަތު ހުޅުވާލުމުން 5،000 އަށް ވުރެ ގިނަ މީހުން ވަނީ އެކަމަށް އެދިފަ އެވެ. އެހެންވެ، ގިނަ ބައެއްގެ ވަޒީފާ ގެއްލި މަގުމަތިވެފައިވާ މި ދަނޑިވަޅު އޮތް އެންމެ ރަނގަޅު ގޮތަކީ އުފަން ރަށަށް ބަދަލުވެ، ދިރިއުޅުން އަލުން އާރާސްތުކުރުން ކަމަށް ވެސް ވެދާނެ އެވެ.
ނޫނީ މިއީ މިހާރު ހަމައެކަނި ހުސް ވާހަކަތަކެއްގެ ގޮތުގައި އޮތް މި ދެ މައްސަލައަށް، ކަމާ ބެހޭ އިދާރާތަކުން އަމަލު ކުރަންވީ ވަގުތު ކަމަށް ވެދާނެ އެވެ. ރާއްޖެ އެތެރެކުރާ ބިދޭސީންގެ އަދަދު މަދުކޮށް، މާލޭގެެ ތޮއްޖެހުން ކުޑަކޮށް، ކުލި ކޮންޓްރޯލްކޮށް ދާއިމީ ހައްލެއް ގެންނަންވީ ވަގުތެވެ.
އުފަން ރަށުން އާބިދާއަށް ލިބިފައިވާ ގޯއްޗެއް އެބައޮތެވެ. އެތަނުގައި ގެއެއް އަޅައި، ކޮންމެވެސް ދުވަހަކުން އެނބުރި ރަށަށް ދިއުމަކީ އޭނާގެ ހުވަފެނެކެވެ. މި ބަލިމަޑުުކަން ދިޔަހާ އަވަހަކަށް ވަހީދުގެ ވިސްނުމަކީ ވެސް އެނބުރި ރަށަށް ގޮސް، ދިރިއުޅުން ރަށުގައި އަލުން ފަށައިގަތުމެވެ.
"މިއީ ފިލާވަޅެއް ކަމަށް ވެސް ވެދާނެ. އަހަރެންގެ ވިސްނުން ދެން ހުރީ ދިރިއުޅުން އެއްކޮށް ރަށަށް ބަދަލު ކުރުން،" ވަހީދު ބުންޏެވެ.