ލޮކްޑައުންއަށް ދިއުމާއި ނުދިއުން އާންމުންގެ އަތުގައި

ފެންނަ ހުރިހާ އެންމެންހެން ތިބެނީ މާސްކް އަޅައިގެންނެވެ. ބައެއް މީހުން ތިބެނީ އަންގި ވެސް ލައްވައިގެންނެވެ. ފިހާރައަށް ވަންނަނީ ވަރަށް ވިސްނައިގެން ފަހަރަކު ބައެކެވެ. ބާޒާރުކޮށް ނިމުމާ އެކު އަވަސް އަވަަހަށް ދަނީ ގެއަށެވެ. މިއީ މީގެ ހަފްތާއެއް ކުރިން މާލެ ތެރެއަށް ނުކުމެލުމުން މަންޒަރު ފެނުނު ގޮތެވެ. އޭރުވެސް އެކަން އެގޮތަށް ކުރީ ފަސޭހަ ވެގެންނެއް ނޫނެވެ. ރައްކާތެރިކަން މުހިއްމުވީމަ އެވެ.


ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި އެޅި ވަރުގަދަ ފިޔަވަޅުތައް ލުއިކޮށްލައި، ހެލިފެލިވެ އުޅެލުމުގެ ފުރުސަތު ލިބުމާ އެކު މިހާރު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ޓޭކްއަވޭ ހިދުމަތް ދޭ ތަންތަނުގެ ބޭރުގައި މީހުން ތޮއްޖެހިފަ އެވެ. ފިހާރަތަކަށް ވަންނަ އިރު ވެސް ކުރިން ސަމާލުވި ކަންތަކަށް ބައެއް މީހުން ސަމާލުވާތަނެއް ނުފެނެ އެވެ. ކަސްރަތަށް ނުކުންނަ ބައެއް މީހުން ވެސް ގައިދުރުކުރަން ސަމާލުކަމެއް ނުދެ އެވެ.

މި ހުރިހާ ކަމަކަށް ވުރެ ބޮޑަށް ކަންބޮޑުވާން ޖެހެނީ މާސްކް ނާޅާ ތިބޭ މީހުން ވެސް ނިސްބަތުން ގިނަހެން ހީވާތީ އެވެ.

ގެއިން ބޭރުގައި މީހުން ގިނަވި ސަބަބު އެންމެ ރަނގަޅަށް ސިފަކޮށްދެެއްވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް އެވެ. އޭނާ ވިދާޅުވީ ގޭގައި ތިބެތިބެ އާންމުން ކެތްތެރިކަން ކޮޅުންލައިފި ކަަމަށެވެ. ގައުމުތަކުގެ ސަރުކާރުތައް ވެސް އޮތީ، އޭނާ ވިދާޅުވި ގޮތުގައި، އިގުތިސާދުތައް ހުޅުވާލަން ކެތްމަދުވެފަ އެވެ.

މާލޭގެ މަގުތަކުން މިފެންނަނީ ގޭގައި ތިބެތިބެ މީހުންގެ ކެތްތެރިކަން ކޮޅުންލުމުން ފެންނަ މަންޒަރު ކަމަށް ވެދާނެ އެވެ. އެކަމަކު އެއީ، މި ނުރައްކާތެރި ހާލަތުގައި، އުޒުރެއް ނޫނެވެ.

"ވައިރަސް ފެތުރެމުން ދަނީ ވަރަށް ބާރަށް. އަދި އޭގެ ނުރައްކާތެރިކަން އަދިވެސް އެހާ ބޮޑު،" ހުކުރު ދުވަހު ބޭއްވި ވާޗުއަލް ޕްރެސް ބްރީފިންގައި ޓެޑްރޯސް ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތު ވެސް ރަނގަޅެއް ނޫން

މިދިޔަ ދެ ހަފްތާއެއްހާ ދުވަހު ދުވާލަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި ހުރީ ދާދި އެއްވަރެއްގަ އެވެ. އެގޮތުން ގިނަ ދުވަސް ދުވަހު ފެނުނީ 30 އަށް ވުރެ މަދު ކޭސްތަކެކެވެ. އެކަމަކު އިއްޔެ ވަނީ ކުއްލި އިތުރުވުމެއް އައިސްފަ އެވެ. އޭގެ ކުރީ ދުވަހު ހަވީރު 6:00 ފެށިގެން އިއްޔެ ހަވީރު 6:00 އާ ހަމައަށް ހޭދަވީ 24 ގަޑި އިރުގެ ތެރޭގައި 37 މީހަކު ޕޮޒިޓިވް ވި އެވެ. އޭގެ ތެރޭގައި ޖުމްލަ 19 ކޭސްއާ އެކު ގިނައީ ދިވެހިންނެވެ.

އެއަށް ވުރެ ވެސް ބޮޑު ކަންބޮޑުވުމަކީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް އިތުރުވާން ފެށުމެވެ. ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ޖުމްލަ 11 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. އެއީ ޓްރީޓޮޕް ހޮސްޕިޓަލްގައި ތިން މީހުންނާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އަށް މީހުންނެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހާލު ބޮޑުވެ، މިހާރު ވަނީ ވެންޓިލޭޓަރަށް ވެސް ލައިފަ އެވެ.

ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި ވެންޓިލޭޓަރަށް ލާފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި އޮތް އުމުރުން 77 އަހަރުގެ ދިވެހި އަންހެނަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް 43 އަހަރުގެ ނޭޕާލް ފިރިހެނެކެވެ.

މި އަދަދުތަކާ އެކު އެނގެނީ ރާއްޖޭގެ ހާލަތު ވެސް އަދި އެހާ ރަނގަޅު ނޫން ކަމެވެ. ހަމަޖެހިލައިގެން އުޅެން އަދިވެސް އަވަސްކަމެވެ.

ޓެގްގެ ކަންބޮޑުވުން

ކޮވިޑް-19 އާ ގުޅޭ ގޮތުން އެޗްޕީއޭއަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން އަންނަނީ ރައްކާތެރިކަމުގެ އުސޫލުތައް އާއްމުން ދޫކޮށްލާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޓެގްގެ ލީޑަރު ޑރ. އަލީ ލަތީފް އިއްޔެ ވިދާޅުވީ މާލެ އިން މިހާރު ފެންނަނީ މަގުތަކަށް ވަރަށް ގިނަ މީހުން އެއްވާ ތަން ކަމަށެވެ.

"މީގެ ސަބަބުން ކޮވިޑް-19 ފެތުރުމަކީ ވަރަށް ގާތް ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެގޮތަށް ބަލި ފެތުރުން އިތުރުވާ ނަމަ އަލުން ލޮކްޑައުން ކުރަން ޖެހިދާނެކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.

އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ދިން ލުއިތަކާ އެކު ހާލަތު ވަރަށް ގާތުން ވަޒަަން ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ފްލޫ ކްލިނިކްތަކަށް ދަައްކާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދާއި ބަލީގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދާއި މިހާރު ނަގާ ސާމްޕަލްތަކުގެ އިތުރުން މީހުން މަރުވާ އަދަދު ހިމެނެ އެވެ.

ލުއި ދިނުމާއި އަދި ކުރިއަށް އޮތް ތަނުގައި އަޅަން ޖެހޭ ފިޔަވަޅުތައް ބިނާވަނީ އެ ދިރާސާތަކުގެ މައްޗަށެވެ. ބަލި ޖެހޭ މީހުން އިތުރުވުމާއި ގުޅުމެއް ނެތް ކޭސްތައް އިތުރުވުމަކީ، އޮތް އެންމެ ބޮޑު އެއް ނުރައްކަލެވެ. ހަމަ އެއާ އެކު އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު މައްޗަށް ދިއުމަކީ ވެސް ހާލަތު ގޯސްވެދާނެ ކަމުގެ ހެއްކެކެވެ.

މިހާރު ލިބިފައިވާ ލުއިތައް ހެޔޮ ގޮތުގައި ބޭނުންކޮށްގެން ނޫނީ، އަދިވެސް ހައްލެއް ނެތެވެ. ފަރުވާ ކުޑަކޮށްލައިފި ނަމަ ދެން އަނެއްކާވެސް އެނބުރި ދާން ޖެހޭނީ ކުރީގެ ލޮކްޑައުންއަށެވެ. އެއީ އަނެއްކާވެސް މާޔޫސްކަން ބޮޑުވެ، ކެތްތެރިކަން ކޮޅުންލާނެ ސަބަބެކެވެ. އެކަމަކު އެ ހާލަތަށް ކޮވިޑް-19 ވެއްޓޭނީ، އާންމުން ފަރުވާކުޑަކޮށްފި ނަމަ އެވެ.