މިހިރީ ޓަވަރެއްގެ މަތީގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން!

ރީތި ކުލަތަކުން ބޭރު ފުރިހަމަ 25 ބުރީގެ އުސް ޓަވަރުތަކެވެ. އެއް ސަރަހައްދަކުން އެހާ ގިނަ އިމާރާތްތައް އެއްފަހަރާ ބަލައިލަން ކިތަންމެހާ ވެސް ހިތްގައިމެވެ. ކައިރި ކައިރީގައި 16 ޓަވަރެވެ. ރާއްޖޭގެ ތާރީޚުގައި ވެސް އެހާ އުސް އިމާރާތްތަކެއް އެއް ތަނެއްގައި އަދި ނެތެވެ.


ފޮޓޯތަކުން ކުރިން ފެންނަ މި މަންޒަރު، ހަމަ ލޮލުން ބަލައިލަން އެޗްޑީސީން ނޫސްވެރިންނަށް މިއަދު ދިން ދައުވަތުގައި ފޮޓޯ ނަގައި ވީޑިއޯ ކުރަމުން ގޮސް އަހަރެމެން މަޑުކުރީ މެދު ތެރޭގައި ހުރި ޓަވަރެއްގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި މަޝްރޫއު ޑިޒައިންކޮށްފައިވާ ގޮތުން ކުރިން ގްރައުންޑް ފްލޯގައި ވެސް ފްލެޓްތައް ހަދަން ނިންމާފައިވިޔަސް މިހާރު އެތަން ހުރީ ހުސްކޮށެވެ. އެއީ މި ސަރުކާރުން ގެނައި ބަދަލެކެވެ. ފިހާރަތައް ފަދަ ޚިދުމަތްތަކަށް ގްރައުންޑް ފްލޯ ޚާއްސަ ކުރުމެވެ. އެތެރެއަށް ވަދެގެން ގޮސް އަހަރެމެން އެރީ ކުޑަ ލިފްޓަކަށެވެ. ކޮންމެ ޓަވަރެއްގައި ހުރީ އެ ސައިޒުގެ ތިން ލިފްޓެވެ. އެންމެ ގިނަވެގެން ލިފްޓަކަށް އެރޭނީ ގާތްގަނޑަކަށް 10 މީހުންނަށެވެ.

ފޭސްދޭއްގައި އިމާރާތްކޮށްފައިވާ ޓަވަރެއް: ކޮންމެ ފްލޯއެއްގައި 20 ފްލެޓް ހުރޭ. --ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް/މިހާރު

ކޮވިޑް-19 ޖައްސާ ވައިރަހަށް "އަތު ނުވެވޭ ވަރަށް" ލިފްޓް ތެރޭގައި ޖާގަ ހަދައި އަހަރެމެން ދިޔައީ 24 ވަނަ ފްލޯ އަށެވެ. އެއްވެސް ފްލޯއެއްގައި ނުހުއްޓި ގާތްގަނޑަކަށް މިނެޓެއްހާ އިރު ތެރޭގައި އަހަރެމެން ތިބީ އެންމެ މަތީގަ އެވެ. ލިފްޓުން ނުކުމެވުނު ހަނި ގޯޅިން ގޮސް ވަނީ ބަރިއަކަށް އަތުރާފައި ހުރި ދެ ކޮޓަރީގެ ފްލެޓްގެ ތެރެއިން ތަނަކަށެވެ. އެއީ ފްލެޓްތައް ހަވާލުކުރާ އިރު ނިންމާފައި ހުންނާނެ ވަރުގެ ފްލެޓެވެ.

ހިޔާ މަޝްރޫއުގެ ފްލެޓެއްގެ ކުރެހުން.

ދެ ކޮޓަރީގެ ފްލެޓް ޖާގަ: 572 އަކަ ފޫޓް

- ކޮޓަރިއެއްގައި 99 އަކަ ފޫޓް (9.5x10.5 )

- ސިޓިން ރޫމްގައި 217 އަކަ ފޫޓް

ފްލެޓްގެ މައި ދޮރުން ވަންއިރު ފެނުނީ ހަނި، ދިގު ސިޓިން ރޫމެކެވެ. ވަދެގެންދާ އިރު މޫނު ޖެހޭ ހިސާބުގައި، ވަރަށް އާދައިގެ ގޮތަށް ހަދާފައިވާ ބެންޗެއް ހުއްޓެވެ. ކިޗަން ކެބިނެޓެއް ނެތެވެ. އެތަނުގައި ހުރީ އަޑިކޮށް އެކަމަކު ފޫޓެއް ހުންނަ ވަރުގެ ސިންކެކެވެ. މާލޭގެ އެންމެ ކުދި ތަންތަންކޮޅުގައި ވެސް އެހާ ކުޑަ ސިންކެއް މިހާރު ފެންނާނީ މަދު ގެއަކުންނެވެ.

ކައްކަން ހާއްސަކޮށްފައިވާ ތަންކޮޅު: މިތަނުގެ ޖާގަ ދަތި. -- އަހުމަދު އަވްޝަން އިލްޔާސް /މިހާރު

ކައްކާ ތަންކޮޅާ ޖެހިގެން ހުރީ ފުޅާ މިނުގައި ދެ ފޫޓުގެ ހުންނަ ވަރުގެ ބެލްކަނިކޮޅެކެވެ. އެތަން ޑިޒައިންކޮށްފައިވާ ގޮތުން ނަމަ ދޮންނަ މެޝިން ހުންނާނީ ބެލްކަނީގަ އެވެ. އެކަމަކު، މި ޒަމާނުގެ އޮޓޯ މެޝިނެއް އެ ބެލްކަނީގައި އެހާ ތާށިބޮޑުކޮށް ބެހެއްޓިދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ.

ކޮޓަރިތަކާއި ފާޚާނާގައި ދޮރެއް ނެތެވެ. އެކަމަކު ކޮޓަރިތަކާއި ސިޓިން ރޫމުގެ ވެސް ބޭރަށް ވާ ގޮތަށް ހުންނަ ބިއްލޫރި ކުޑަ ދޮރުތައް ހުރީ ބަހައްޓައިފަ އެވެ. ފާޚާނާގެ ތަޅުމާއި ފާރުތަކުގެ މެދަކާ ހަމައަށް ވަނީ މުށި ޖަހައިފަ އެވެ.

ހިޔާ ފްލެޓުގެ ފާޚާނާއެއް: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

ދެ ސައިޒްގެ ދެ ކޮޓަރި އެވެ. އެކަމަކު ބޮޑު ކޮޓަރީގައި ޑަބަލް ބެޑެއް ބެހެއްޓުނަސް ކުޑަ ކޮޓަރީގައި ސިންގަލް އެނދަކާއި އަލަމާރިއެއް ބަހައްޓާފައި ދެން މާ ބޮޑު ޖާގައެއް އޮންނާނެ ކަމަކަށް ނުފެނެ އެވެ. ކުޑަ ކޮޓަރީގެ ކުޑަ ދޮރު ހުޅުވަން ޖެހެނީ ހަނި ކޮރިޑޯ ތެރެއަށެވެ.

ސިޓިން ރޫމާއި ކޮޓަރިތަކާއި ފާޚާނާގައި ވެސް ބޮތްކެއް އަދި ފަންކާއެއް ނެތެވެ. މުށި ނުޖަހައި ހަމައެކަނި ތަޅުން އަޅާފައި ހުރި އިރު ފާރުތަކުގައި ހުރީ ޕްރައިމާ އެކަނި ލައިފަ އެވެ. ކުލައެއް ނުލަ އެވެ.

"މިތަން ނިންމާފައި މިހިރީ ފްލެޓްތައް ދޫކޮށްލާއިރު ފިނިޝިން ހުންނާނެ ވަރަށް. ކުރިން ވެސް ނިންމާފައި އޮތީ ބާކީ ހުރި މަސައްކަތްތައް ކުރަން ޖެހޭނީ ފްލެޓް ލިބޭ މީހުން ކަމަށް،" އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް ވިދާޅުވި އެވެ.

ފްލެޓެއްގެ ސިޓިންރޫމް: މިތަން ތަން ދޫކުރަން ނިންމާފައި ވަނީ ތަށިމުށި ނުޖަހައި، ކުލަ ވެސް ނުލައި..-- ފޮޓޯތައް: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

އޭނާ ވިދާޅުވި ގޮތުން ނަމަ، މުށި ޖެހުމާއި ކުލަ ލުމާއި ދޮރުތަކާއި ލައިޓްތައް ހަރުކުރުމާއި ކޭބަލް ޓީވީ އާއި އިންޓަނެޓާއި އޭސީ ހަރުކުރުން ފަދަ ކަންކަން އަދި ކުރަން އޮތީ އެވެ. އެކަމަކު އެ ބުރަ އުފުލަން ޖެހިފައި އޮތީ ފްލެޓް ލިބޭ މީހުންނަށެވެ.

"ކޮތަރު ކޮއްޓެއް" ވަރަށް ފްލެޓްތައް ކުޑަ ހެއްޔެވެ؟ މި ސުވާލު އަމާޒުވަނީ "ކޮތަރު ކޮއްޓެއް" ވަރަށް ތަން ކުޑަ ވާހަކައެއް ނޫނެވެ. އެކަމަކު މުޅި ޓަވަރަށް ބަލައިލުމުން ޖާގަ ތާށިކަމުން، ބައެއް މީހުންނަށް ސިފަވަނީ އެގޮތަށެވެ.

ފްލެތެއްގެ ޖާގަ އަކީ ގާތްގަނޑަކަށް 570 އަކަ ފޫޓު ކަމަށް ސުހެއިލް ވިދާޅުވުމާ އެކު މާލޭގައި އާއްމުކޮށް ދެ ކޮޓަރީގެ ސައިޒަކީ ކޮބައިތޯ، އިމާރާތްކުރުމުގެ ދާއިރާގެ ބައެއް މީހުންގެ ގާތުން ފަހުން އެހީމެވެ. ބައެއް މީހުން ބުނި ގޮތުގައި، 570 އަކަ ފޫޓަކީ މާލޭގައި ވެސް ދެ ކޮޓަރީގެ އެޕާޓްމެންޓެއްގެ އެވްރެޖް ސައިޒެވެ. ބައެއް ގޭގޭގައި، 450 އަކަ ފޫޓުގައި ވެސް ދެ ކޮޓަރި އާއި ސިޓިން ރޫމް ހަދާފައި އެބަ ހުއްޓެވެ. ބިން ބޮޑު ހުޅުމާލޭގައި ވެސް އެ ސައިޒުގެ ފްލެޓްތައް އެބަ ހުއްޓެވެ.

ހިޔާ ފްލެޓްތަކެއް: މިތަންތަނުގެ މަސައްކަތް މި އަހަރު ފަހުކޮޅަށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުނޭ. --ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

އެކަމަކު ހިޔާ މަޝްރޫއުގެ ދެ ކޮޓަރީގެ ފްލެޓްތަކުގެ ސައިޒަށް ވުރެން ބޮޑު މައްސަލައަކީ އެތަން ހަދާފައިވާ ގޮތެވެ. ސޯޝަލް ހައުސިންއޭ ކިޔާފައި ޑިޒައިންކޮށްފައި ވަނީ ވީހާވެސް ގިނަ ބަޔަކު އެއް ތަނަކަށް ތޮއްޖައްސައި ދިރިއުޅެން މަޖުބޫރުކޮށްފައިވާ ފަދަ ގޮތަށެވެ. ވިސްނުމަކީ ތަނުގެ ޖާގަ ދަތިވެފައި ފެންވަރު ކޮންމެ ގޮތަކަށް ހުއްޓަސް އެންމެ ކުޑަމިނުން އުޅެލެވޭނެ ހިޔާވައްސެއް ހޯދައިދިނުން ކަން އެތަނުގެ އެތެރެއަށް ވަނުމުން ސިފަވެ އެވެ.

ކޮންމެ އިމާރާތެއްގައި ބޮޑު ރަށެއްގެ އާބާދީ!

އެޕާޓްމެންޓް ތެރެއިން ނުކުމެ 24 ވަނަ ފްލޯއިން ތިރިއަށް ބަލައިލުމުން ސިފަވީ ހާސްކަމެވެ. އެއް އިމާރާތެއްގައި އާދަޔާ ޚިލާފަށް ގިނަ ފްލެޓްތަކެވެ.

ޓަވަރެއްގެ މަތީގައި ހުރެފައި ތިރިއަށް ބަލާލުމުން ސިފަވަނީ ހާސްކަން. --ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް /މިހާރު

ކޮންމެ ފްލޯއެއްގައި، 20 ފްލެޓް ހުރެ އެވެ. ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ. އެ އަދަދުން ބަލާއިރު އެއީ ފްލޯއެއްގައި 100 މީހުންނެވެ. އެހެންކަމުން ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ. މުޅި 16 ޓަވަރަށް ބަލާ ނަމަ އެ އަދަދު 40،000 އާ ކައިރިކުރާނެ އެވެ.

ކޮންމެ ޓަވަރެއްގައި ރާއްޖޭގެ އެވްރެޖް ރަށެއްގެ އާބާދީއަށް ވުރެ ގިނަ ބަޔަކު އުޅޭނެ އެވެ. ރަސްމީ ހިސާބުތަކުގައިވާ ގޮތުން ނަމަ، ވ. އަތޮޅުގެ ފަސް ރަށުގެ ޖުމްލަ އާބާދީއަކީ 2،598 މީހުންނެވެ. އާބާދީ ބޮޑު ރ. އަތޮޅަށް ބަލާ ނަމަ ވެސް އެ އަތޮޅުގައި، 2،000 މީހުން ހަމަނުވާ 11 ރަށް އެބައޮތެވެ. އެހެންކަމުން، ކޮންމެ ޓަވަރެއްގައި މިއުޅެނީ އެވްރެޖްކޮށް ބައެއް އަތޮޅުތަކުގެ 5-6 ރަށުގެ މީހުންނެވެ.

މިހާ ގިނަ ބަޔަކު އެއްފަހަރާ ޓަވަރުތަކުގައި ދިރިއުޅެން ޖެހުމުން ކުރިމަތިވާނެ ހާސްކަން އެނގޭނީ މީހުން އެތަންތަނަށް ވަނުމުންނެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް: މިތަންތަނުގެ ހައްގުވެރިން ފްލެޓް ކޮމިޓީން އަންނަނީ ކަނޑައަޅަމުން. --ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

ހަމަޖެހިލައިގެން ހައެއްކަ މީހުންނަށް އެއްފަހަރާ އެރޭނެ ތިން ލިފްޓް ހުރިއިރު، ރަސްމީ ދުވަސްތަކުގައި، އޮފީސްތަކާއި ސްކޫލްތަކުގެ ގަޑީގައި، ލިފްޓަށް ބާރު ބޮޑުވާނެ ކަމާ މެދު ޝައްކެއް ނެތެވެ. މިސާލަކަށް ތިން ވަނަ ބުރިން މައްޗަށް ކޮންމެ ފްލޯއަކަށް ލިފްޓް ހުއްޓިފައި ދާ ނަމަ އެންމެ ތިރިއަށް ފައިބަން އެއީ ވަރަށް ވަގުތެވެ. ލިފްޓް ކައިރީގައި ޖާގަ ހަދާފައި ހުރީ ވެސް އެއްފަހަރާ އެހާ ގިނަ ބަޔަކަށް މަޑުކޮށްގެން ތިބެވޭ ވަރަށް ވުރެން ވެސް ހަނިކޮށް، ތާށިބޮޑުކޮށެވެ.

ކޮންމެ ޓަވަރެއްގައި ދިރިއުޅޭނެ ކަމަށް އެޗްޑީސީން ލަފާކުރާ އަދަދުން ބަލާ ނަމަ 16 ޓަވަރުގެ އާބާދީއަކީ 38،400 އެވެ.

ކޮންމެ ފްލޯއަކާއި ކޮންމެ ޓަވަރެއްގައި އެހާ ގިނަ ބަޔަކު ތޮއްޖެހިގެން ދިރިއުޅެން ޖެހުމުން އިޖުތިމާއީ އެތައް މައްސަލައެއް ނުކުންނާނެ އެވެ.

މާލެ: ޖޫން 24، 2020: ހިޔާ ފްލެޓުތައް މީޑިއާ އަށް ދައްކާލުން: ފްލެޓުތަކުގެ މަސައްކަތް 90 ޕަސެންޓް ވަނީ ނިމިފައި،. ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

އިމާރާތްކުރުމުގެ ދާއިރާ އިން ތަޖުރިބާ ހުރި ސުހެއިލް ދެކެވަޑައިގަންނަވާ ގޮތުގައި، ހިޔާ ފްލެޓްތަކުގެ ޖާގަ ކުޑަ އެވެ. އެތައް ހާސް ބަޔަކު އެއް ތަނަކަށް ތޮއްޖެއްސުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޓަވަރެއްގައި މި އަދަދަށް އެޕާޓްމެންޓް ހަދަން ސައިޒު ކުޑަ، އެއް ސަރަހައްދަކަށް މާ ގިނަ،" ސުހެއިލް ވިދާޅުވި އެވެ.

މަހު ކުލި 11،000 ގައި، ހައްގު މިންވަރު؟

މާލޭގައި އެއް ކޮޓަރީގެ ކުޑަ ތަންކޮޅެއްގެ މަހު ކުއްޔަކީ ބައެއް މީހުން ބުނާ ގޮތުގައި ގާތްގަނޑަކަށް 10،000ރ. އެވެ. ސަރުކާރުން ބޮޑު ލޯނެއް ނަގައިގެން އިމާރާތްކޮށްފައިވާ އާ ފްލެޓްތަކުގެ މަހު ކުލި، އެޗްޑީސީން ލަފާކުރާ ގޮތުގައި، 11،000ރ. އަށް ވުރެ ބޮޑެއް ނުވާނެ އެވެ. މި ސަރުކާރުން އޮތީ މި އަގު ކުޑަކޮށް، 7،500ރ. އަށް ޖައްސައިދޭނެ ކަމަށް ވެސް ބުނެފަ އެވެ.

ބުރަ މަސައްކަތުން ލިބޭ ހުރިހާ ފައިސާއެއް މަހު ކުލީގެ ގޮތުގައި، އެހެން މީހަކަށް އަބަދު ދިނުމަށް ވުރެން އަމިއްލަ ވާނެ ކަމުގެ ޔަގީން އޮތް ތަނެއް ލިބުމަކީ ބޮޑު ހިތްހަމަޖެހުމެކެވެ. ހިޔާ ފްލެޓްތަކުގެ އަގު ހަމަވުމުން އެ މީހަކަށް މިލްކުވާނެ އެވެ.

ހިޔާ ފްލެޓެއް: މި ފްލެޓްތަކަށް ހުޅުވާލުމުން 22،000 އަށް ވުރެން ގިނަ މީހުން ފޯމުލި. --ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

އެކަމަކު ބޯހިޔާވަހިކަމުގެ ދަތި ހާލުގައި މުޅި އުމުރު ހޭދަކުރާ ފަހުން، އެއީ ހައްގު މިންވަރުތޯ އެތައް ބަޔަކު ސުވާލުކުރުން އެކަށީގެންވެ އެވެ. ސޯޝަލް ހައުސިންގެ ނަމުގައި، އެހާ ބޮޑު ހާސްކަމެއްގައި ދިރިއުޅެން ޖެހުމުން ފަހުން އަންނާނެ ރުޅި އާއި ކުރާނެ ޝަކުވާ މާ ބޮޑު ނުވާނެބާއޭ ވެސް ބައެއް ނޫސްވެރިން، އެކަކު އަނެކަކަށް ހިޔާޅުފާޅުކުރި އެވެ. ފްލެޓްތައް ލިބުން ލަސްވެގެން މިހާރު ކުރާ ޝަކުވާ އަށް ވުރެން ފަހުން ކުރިމަތިވާނެ ކަންބޮޑުވުން ވެސް ކުޑަނުވާނެކަން، ފެނުނު މަންޒަރުތަކުން ލަފާކުރެވެ އެވެ.

އެހެންވިޔަސް ހިޔާ ފްލެޓްތަކަށް އިންތިޒާރުކުރާ މީހުންގެ އުއްމީދަކީ ކުޑަ އަގެއް ދައްކައިގެން ދިރިއުޅުމެވެ. ބޮޑު ކުލީގައި ދުވަސްތައް ހޭދަކުރުމަށް ވުރެ "ކޮތަރު ކޮއްޓެއް" ވެސް މާ ރަނގަޅު ކަމަށް ދެކި އެ މީހުން ތިބީ އިންތިޒާރެއްގަ އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކެއް: --ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް /މިހާރު

ހުޅުމާލެ ދެ ވަނަ ފިޔަވަހިން އެ އޮތީ، 240 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކައިފަ އެވެ. ބިން ބޮޑު އެ ތަނުން، ރައްޔިތުންތަކަކަށް މުޅި އުމުރު ދިރިއުޅެން މިހާ ކުދިކުދި ތަންތަންކޮޅު ދިނުމުން، ބޯހިޔާވަހިކަމުގެ ހައްގު މިންވަރަކީ އެއީތޯ ސުވާލު އުފައްދާނެ އެވެ.

90 ޕަސެންޓް ނިމިފައި، މި އަހަރު ފަހުކޮޅު ދިރިއުޅެވޭވަރުވާނެ

ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީއާ އެކު ކުރީގެ ސަރުކާރުން އެއްބަސްވީ، ސުހެއިލް ވިދާޅުވި ގޮތުގައި، ފްލެޓަކަށް 62،000 ޑޮލަރުގެ މަގުން 7،000 ފްލެޓަށެވެ. އެހެންކަމުން މި އެއްބަސްވުމުގެ އަގަކީ 434 މިލިއަން ޑޮލަރެވެ.

އޭނާ ވިދާޅުވި ގޮތުގައި ފްލެޓްތަކުގެ 90 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އެޗްޑީސީން އުއްމީދުކުރަނީ ފްލެޓްތައް ނިންމަން ކޮންޓްރެކްޓަރާ އެކު މިހާރު އެއްބަސްވެފައިވާ މިންވަރަށް މަސައްކަތްތައް މި އަހަރު ނިންމާލެވޭނެ ކަމަށެވެ.

ފްލެޓްގެ ހައްގުވެރިންނަށް، އޭގެ ފަހުން، ދޮރުތައް ބަހައްޓައި، މުށި ޖަހައި ކުލަ ލާން ވަގުތުކޮޅެއް ދޭނެ ކަމަށް ސުހެއިލް ވިދާޅުވި އެވެ. ފްލެޓް ހަވާލުކޮށް ހިނގާ އެ މުއްދަތުގައި، ކުލި ނުނަގަން މިހާރު ވަނީ ނިންމައިފަ އެވެ.

ހިޔާ ފްލެޓުތައް މީޑިއާ އަށް ދައްކާލުން: ފްލެޓުތަކުގެ މަސައްކަތް 90 ޕަސެންޓް ވަނީ ނިމިފައި، މި އަހަރު ފަހުކޮޅު ފްލެޓުގެ ހައްގުވެރިންނަށް ފްލެޓުތައް ހަވާލުކުރެވޭނެ ކަމަށް އެޗްޑިސީން ބުނޭ. ކޮމާޝަލް ކަންތައްތަކަށް ގްރައުންޑް ފްލޯ ހާއްސަކުރުމުން 7،000 ފްލެޓްގެ އަދަދު މިހާރު ވަނީ 6،720 އަށް މަދުވެފައި.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

ސުހައިލް ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން ނިންމާފައި އޮތީ ގްރައުންޑް ފްލޯގައި ވެސް ފްލެޓްތައް ހަދާށެވެ. އެކަމަކު ފަހުން ޑިޒައިނަށް ގެނައި ބަދަލާ އެކު ގްރައުންޑްފްލޯ ހާއްސަކުރީ ފިހާރަތަކާއި އެ ނޫން ވެސް ޚިދުމަތްތަކަށް ކަމަށް ވިދާޅުވި އެވެ.

"މިހާރު 25 ބުރީގެ 16 ޓަވަރުގައި އެޕާޓްމަންޓްތައް މިހާރު ހުންނާނީ 24 ބުރީގައި. ގްރައުންޑް ފްލޯ ހާއްސަކުރީ ކޮމާޝަލް ކަންތައްތަކަށް،" ސުހެއިލް ވިދާޅުވި އެވެ.

އެ ބަދަލާ އެކު 7،000 ފްލެޓްގެ އަދަދު މިހާރު ވަނީ 6،720 އަށް މަދުވެފަ އެވެ.

އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯ އާއި ވާހަކަ ދައްކައިގެން އެތަނަށް ފެނާއި ކަރަންޓް ދެވޭނެ ގޮތްތައް އެޗްޑީސީން މިހާރު އަންނަނީ ހަމަޖައްސަމުންނެވެ. މިސްކިތަކާއި ސްކޫލްތައް ވެސް އެ ސަރަހައްދުގައި އަޅާނެ އެވެ.

މި ޓަވަރުތައް ބޭރުން ބަލައިލަން ހަގީގަތުގައި ވެސް ރީއްޗެވެ. އެކަމަކު އެތެރެ އިން ފެނުން ގާތީ ތޮއްޖެހިގެން އެތައް ހާސް ބަޔަކު ހާސްކަމުގައި ދިރިއުޅޭނެ މަންޒަރެވެ.