ފަރުވާ އަށް ނޭރުވުން: އިންސާނިއްޔަތު ކަމެއް ނެތް އަމަލެއް!

ކޮވިޑް-19 ދެކެ ބިރުން، އެކަކު އަނެކަކަށް އަޅާނުލައި ހިތްދަތި އެތައް ކަމެއް ހިންގާފައި އެބަހުއްޓެވެ. ބަލި ޖެހޭ މީހުންނާއި ފަރުވާގައި އުޅޭ ސިއްހީ ޚިދުމަތްތެރިންނާ މެދު ތަފާތުކުރުން ވެސް ގެންގުޅެ އެވެ. މި ވިސްނުމުގެ ތެރެއިން، ބަލީގައި ބޮޑުވަރުވެދާނެ މީހަކު ފަރުވާ އިން މަހްރޫމްކޮށް ގއ. ވިލިނގިލީގައި ބަޔަކު އިއްޔެ ހިންގީ ލަދުވެތި، އިންސާނިއްޔަތާ ޚިލާފު އަމަލެކެވެ! ސިއްހީ ފަރުވާގެ ހައްގު ނިގުޅައިގަނެ، އިތުރު ނުރައްކަލެއްގެ ތެރެއަށް އޭނާ ވައްޓާލީ އެވެ.


ގދ. ތިނަދޫން ޕޮޒިޓިވްވި 68 އަހަރުގެ ފިރިހެން މީހާ ފަރުވާ އަށް ފޮނުވީ ވިލިނގިލީގައި ކޮވިޑް ފަރުވާ އަށް ޚާއްސަ ކުރި ފެސިލިޓީއަށެވެ. ދައުލަތުން ބޮޑު ހޭދައެއްކޮށް އެތަން ހެދީ ގއ. އާއި ގދ. އަތޮޅުން ބައްޔަށް ޕޮޒިޓިވްވާ ހުރިހާ ރައްޔިތުންނަށް ފަރުވާދިނުމަށެވެ. ކޮވިޑުގައި އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން އުމުރުން ދުވަސްވީ ފިރިހެން މީހާ އެ ފެސިލިޓީއަށް ގެންދިއުމުން ވިލިނގިއްޔަށް އަރުވަން ދެކޮޅު ހެދީ އެވެ.

އޭނާ ގާތްގަނޑަކަށް ހަތަރު ގަޑިއިރު ބޭންދީ، ވިލިނގިލީ ފަޅު ތެރޭގައި އޮތް ލޯންޗުގަ އެވެ. އޭރު އޭނާ ރަށަށް އަރުވައިގެން ނުވާނެ ކަމަށް ބުނެ ބަޔަކު ބަނދަރުމަތީގައި މުޒާހަރާ ކުރަނީ އެވެ. ބައްޔަށް ހުށަހެޅި އެ މީހާ އަށް އުފުލަން ޖެހިފައިވާ ސިއްހީ އަދި ނަފްސާނީ އަނިޔާ ދެ ގުނަކުރީ އެވެ. އޭނާ ގޮވައިގެން ވިލިނގިއްޔަށް ދިޔަ ސިއްހީ ހިދުމަތްތެރިންނާއި ފުލުހުންނާއި ވިލިނގިލީގެ ކޮވިޑް ފެސިލިޓީއާ ހަވާލުވެ ތިބި މީހުންނާއި ޓާސްކް ފޯހާއި ކައުންސިލަށް ވެސް ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ.

މުޒާހަރާކުރި މަދު ބަޔަކު ދޫނުދީ، ހިފެހެއްޓުމުން ސަރުކާރަށް މަޖުބޫރުވީ ބޮޑު ހޭދައެއްކޮށްގެން ނަމަވެސް އޭނާގެ ފުރާނަ ސަލާމަތްކުރާށެވެ. ތިނަދު އަށް އެއާޓެކްސީ ފޮނުވައި އެ މީހާ މާލެ ގެނެސް މިހާރު އޭނާ އަށް ފަރުވާދެމުން އަންނަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ.

މާލެ އާއި ހުވަދު އަތޮޅާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއަަކަށް އުޅެނިކޮށް ޕޮޒިޓިވްވި އެ މިހާ ވިލިނގިއްޔަށް އަރުވަން ދެކޮޅު ހެދި މައިގަނޑު ސަބަބަކީ ބައެއް މީހުން ބުނާ ގޮތުގައި، އެ ރަށުގައި ކޮވިޑް ފެތުރިދާނެ ކަމުގެ ބިރެވެ. އަނެއް ބަޔަކު ތުހުމަތުކުރާ ގޮތުގައި ފަހަތުގައި އޮތީ ސިޔާސީ ކަމެކެެވެ. ވިލިނގިލީ ހޮސްޕިޓަލުގެ އިސް ބޭފުޅަކު ވެސް ތުހުމަތުކުރެއްވި ގޮތުގައި އެއީ، ސަރުކާރާ ދެކޮޅަށް ބަޔަކު ނުކުމެ ހިންގި ކަމެކެވެ. އެކަމަކު، މިއިން އެއްވެސް ކަމަކީ ބަލި މީހަކު ފަރުވާއިން މަހްރޫމްކުރުމާ ގުޅުވޭނެ ކަމެއް ނޫނެވެ.

ނަޒްލާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ކޮވިޑް ޖެހޭ މީހުންނާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ވިދާޅުވި.

ސިއްހީ ޚިދުމަތްތެރިން މި ހާދިސާ ސިފަކުރަނީ "ކޮވިޑަށް ވުރެން ވެސް ސީރިއަސް ބައްޔެއް"ގެ ގޮތުގަ އެވެ.

ވިލިނގިލީ ހާދިސާ އަށް އިޝާރާތްކުރައްވައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ރޭ ވިދާޅުވީ މި ބަލީގައި ތަފާތު ނުކުރުމަށާއި ފަރުވާ އިން މަހްރޫމްނުކުރަން ރާއްޖޭގައި ބަލި ފެތުރުނީއްސުރެން ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރަމުން އަންނަ ކަމަށެވެ. އެފަދަ ހާދިސާތައް ހިނގާފައިވާތީ، އަބަދުވެސް އެކަކު އަނެކަކަށް އަޅާލުމާއި އޯގާތެރިވާން ހަނދާންކޮށްދެމުން އަންނަ ކަން ވެސް ފާހަގަކުރެއްވި އެވެ.

"ވިލިނގިލީގައި ހިނގައިދިޔަ ކަމަކީ ބަލިމީހާ އަށާއި އޭނާގެ އާއިލާ އަށް ނިކަމެތިކަން ގެނުވާނެ ކަމެއް. މިފަދަ ބަލިމަޑުކަމަކާ ކުރިމަތިލާއިރު ފިޒިކަލީއެއް ނޫން ނަފްސާނީ ގޮތުން ވެސް އަސަރުކުރޭ. އަދި ލިބެން ޖެހޭ ފަރުވާ ނުލިބި ލަސްވުމަކީ ސިއްހީ ގޮތުންނާއި އެހެން ގޮތް ގޮތުން ވެސް ގޮންޖެހުންތަކެއް އެ މީހަކަށް ކުރިމަތިލާން ޖެހޭ ކަމެއް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

"ބައްޔެއް ޖެހިފައި ހުރީއޭ ކިޔައި ވަކި ރަށަކަށް ވަކި ނަސްލަކަށް ނިސްބަތްވާތީ ތަފާތުކުރުމާއި ތަފާތު ގޮތަކަށް އެ މީހަކާ ދޭތެރޭގައި ދެކުމަކީ ކޮވިޑް-19 އަށް ވުރެން ވެސް ސީރިއަސް ބައްޔެއް ކަމަށް އަޅުގަނޑުމެން ދެކެނީ."

ފަރުވާ އިން މަހްރޫމްކުރުން: ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމެއް

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް ފެސިލިޓީތަކެއް ސަރުކާރުން ގާއިމްކުރީ ބައްޔަށް ޕޮޒިޓިވްވާ އެންމެން މާލެ ގެނައުމަކީ ކުރެވޭނެ ކަމަކަށް ނުވާތީ އެ ތަންތަނުގައި ޚިދުމަތް ދޭށެވެ. އަތޮޅުތަކުގައި ފަރުވާ ތަރުތީބުކޮށްފައި ވަނީ މާލޭގައި ކޮވިޑަށް ފަރުވާ ދޭ އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ޓީމުގެ އިރުޝާދުގެ ދަށުންނެވެ. ބަލީގައި ސީރިއަސްވާ މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާދެވޭނެ ގޮތް ވެސް ކޮވިޑް ސެންޓަރުތަކުގައި ވަނީ ހަމަޖައްސައިފަ އެވެ.

ތިނަދޫން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިން ހެދިއިރު، އޭނާއާ ގާތުން ބައްދަލުވި މީހުންގެ އަދަދު މިހާރު ވެސް ވަނީ 40 އަށް ވުރެން މަތިވެފަ އެވެ. ގޭގޭގައި ކަރަންޓީންކޮށް، އެ މީހުން ބައްޔަށް ޓެސްޓްކުރަމުން އަންނައިރު މީގެތެރެއިން ބަޔަކު ޕޮޒިޓިވްވުމުގެ ފުރުސަތު އެބަ އޮތެވެ. އެންމެންގެ ރައްކަލަކަށް މިއީ އެކަހެރިކޮށްގެން ފަރުވާ ދޭން ޖެހޭ ބައްޔަކަށް ވާތީ އެ މީހުން ވެސް ގެންދަން ހުރި ތަނަކީ ވިލިނގިލި ފެސިލިޓީ އެވެ.

ވިލިނގިލީގައި ހަދާފައިވާ ކޮވިޑް ފެސިލިޓީ: މިތަނުގައި ބަލި މީހަކަށް ފަރުވާ ދޭން ބަޔަކު އިއްޔެ ވަނީ ދެކޮޅު ހަދާފައި.

ވިލިނގިލީގައި މި ކުރިމަތިވި ހާދިސާ އިން މި ބަލީގައި ސިއްހީ ފަރުވާ އިން މަހްރޫމްވެދާނެ ކަމުގެ ބިރު އޮންނާނެ އެވެ. އެފަދަ ކޮންމެ ދަނޑިވަޅެއްގައި ފްލައިޓެއް ޗާޓާރުކޮށްގެން ބަލި މީހާ މާލެ ގެނެސް ފަރުވާ ދިނުމަކީ ސަރުކާރަށް ކުރެވޭނެ އަދި އެންމެ ހަމަޖެހޭ ގޮތެއް ވެސް ނޫނެވެ.

ނޫން ނަމަ، ކޮންމެ ރަށެއްގައި ފެސިލިޓީއެއް ވެސް ނުހެދޭނެ އެވެ. ވިލިނގިއްޔަށް ތިނަދޫ މިހާ ނޭރުވުމުން މިހާރު ގޮވާލަމުން އަންނަނީ ތިނަދޫގައި ފެސިލިޓީއެއް އަޅައިދޭށެވެ. ބައްޔަށް ހުށަހެޅުނަސް ވިލިނގިލީ ފެސިލިޓީގައި ފަރުވާ ހޯދަން ވެސް ބޭނުން ނުވުމުގެ ވިސްނުން ގެންގުޅެން އެ ހާދިސާއިން މަޖުބޫރުކުރުވީ އެވެ.

ސަރުކާރަށް މިހާރު ކުރަން ޖެހިފައި އޮތް ކަމަކީ، އިއްޔެ ހިނގި ފަދަ ލާއިންސާނީ އަމަލެއް ބަލި މީހަކާ ދޭތެރޭގައި ދެން ނުހިނގާނެ ކަން ކަށަވަރުކޮށްދިނުމެވެ. މުޅި މުޖުތަމައު ނުވަތަ އާއްމުން ބަލިން ރައްކާތެރިކުރަން މިހާރު ވެސް ފިޔަވަޅުތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަޅާފައި އެބަހުއްޓެވެ. އޭގެތެރޭގައި އެޗްޕީއޭގެ މިންގަނޑުތަކާއި އެންގުންތަކާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރުން ހިމެނެ އެވެ.

ވިލިނގިލީގައި ހަދާފައިވާ ކޮވިޑް ފެސިލިޓީ: މިތަން ޚާއްސަކުރީ ގއ. އާއި ގދ. އަތޮޅުން ބަލި ޖެހޭ މީހުންނަށް.

މި ފިޔަވަޅު ތެރޭގައި ހިމަނަންވީ އެންމެ މުހިއްމު ކަމަކީ ބަލި މީހާ ފަރުވާ އިން މަހްރޫމްވިޔަ ނުދިނުމެވެ. އެޗްޕީއޭ އިން ކަނޑައަޅާ ތަނެއްގައި ބަލި މީހާގެ ފަރުވާ ކުރިއަށް ގެންދެވެން ޖެހެ އެވެ. އެކަމުގައި އެއްވެސް ހުރަހެއް އޮވެގެން ނުވާނެ އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީތަކުގައި ބަލި މީހުންގެ ފަރުވާ ކުރިއަށް ގެންދިއުމަށާއި އެ މީހުން އެއް ރަށުން އަނެއް ރަށަށް ގެންގޮސް ފަރުވާގެ ކަންކަމުގައި އުޅޭ ސިއްހީ ޚިދުމަތްތެރިންނަށް ވެސް ހުރަސްތައް ކުރިމަތި ކުރާ ނަމަ ހަރުކަށި ފިޔަވަޅު އަޅަން ޖެހެ އެވެ.

ކިތަންމެ ބޮޑު އަދަބަކުން ވިޔަސް ލާއިންސާނީ އަމަލުތައް ހުއްޓުވަން ޖެހެ އެވެ. މި ބަލީގައި ތަހައްމަލްކުރަން ޖެހޭ އެކަނިވެރިކަމާއި ބިރުގެ ތެރެއަށް އިތުރު އަނިޔާތަކެއް ކުރިމަތިވިޔަ ނުވާނެ ގޮތެއް އެޗްޕީއޭގެ މިންގަނޑުތަކުގައި ކަށަވަރުކޮށްދޭން ޖެހެ އެވެ.