އަހަރެއްގެ ތެރޭގައި ސުޕްރީމް ކޯޓުން ބޮޑު ބަދަލެއް

އެއްވެސް ފަރާތަކުން މައްސަލަ ހުށަނާޅަނީސް، ގާނޫނުތައް އަމިއްލައަށް ބާތިލް ކުރުމާއި ދަށު ކޯޓުތަކުގައި ހިނގާ މައްސަލަތަކުގެ ފައިލް ސުޕްރީމް ކޯޓަށް ގެންގޮސް، މައްސަލަތައް ބެލުން ހުއްޓުވާލުމާއި ސުޕްރީމް ކޯޓުން ހިތްހަމަނުޖެހޭ ހުކުމެއް ކުރުމުން ފަނޑިޔާރުގެ "މަގާމު ގެއްލިއްޖެ" ކަމަށް ނިންމުން ފަދަ ފާޑުކިޔުން ބޮޑުވި އެތައް ނިންމުންތަކެއް ވަނީ ރާއްޖޭގެ ސުޕްރީމް ކޯޓާ ގުޅިފަ އެވެ.


ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފް ނިންމުންތައް ނިންމަމުން ދިޔަކަމުގެ ތުހުމަތު ވޭތުވެދިޔަ 10 އަހަރެއްހާ ދުވަހު ސުޕްރީމް ކޯޓުން އަމާޒުވި އެވެ. ސިޔާސީ ބޭފުޅުންނާ ދެކޮޅަށް ބޭނުން ކުރާ އެންމެ ވަރުގަދަ ހަތިޔާރެއްގެ ގޮތުގައި ޝަރުއީ ނިޒާމް ހެދިކަމުގެ ކަންބޮޑުވުންތައް ބޭރުގެ ފަރާތްތަކުން ދިޔައީ ފާޅުކުރަމުންނެވެ. އެކަމާ ދެކޮޅަށް ބަހެއް ބުނެފި ނަމަ ގާނޫނީ ބޭފުޅުންނަށް އޮތީ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް 2008 ގައި ސުޕްރީމް ކޯޓެއް އުފެދި، އޭގެ ފަހުން ސިޔާސީ ހަލަބޮލިކަން ބޮޑުވާ ކޮންމެ ފަހަރަކު ޝަރުއީ އެންމެ މަތީ ކޯޓުން ފެނުނީ ވަކި ކޮޅަކަށް ޖެހުމުގެ ސަގާފަތެކެވެ. ފަނޑިޔާރުންގެ އިތުބާރު ގެއްލި، ރިޝްވަތުގެ ވެސް ބޮޑެތި ތުހުމަތުތައް ދިޔައީ އަމާޒުވަމުންނެވެ.

އެކަމަކު ވޭތުވެދިިޔަ އަހަރެއްހާ ދުވަހު އާ ފަނޑިޔާރުންތަކަކާ އެކު ތަފާތު ސުޕްރީމް ކޯޓެއް ފެންނަން ވަނީ ފަށައިފަ އެވެ. އަމިއްލައަށް ނަގައިގެން ތިބި ހުރިހާ ބާރުތަކެއްހެން ސުޕްރީމް ކޯޓުން ދޫކޮށްލައިފި އެވެ. ގާނޫނުއަސާސީގެ ބެލެނިވެރިިޔާގެ ހައިސިއްޔަތުން އެކި ގޮތްތަކަށް މައްސަލަތައް ނިންމަމުން ދިޔަ ސުޕްރީމް ކޯޓުން މިހާރު ބުނަނީ ގާނޫނުއަސާސީން ނުދޭ ބާރެއް އެ ކޯޓަށް ވެސް ބޭނުން ނުކުރެވޭނެ ކަމަށެވެ. ދައުލަތުގެ އަނެއް ދެ ބާރެކޭ އެއްގޮތަށް، ސުޕްރީމް ކޯޓު އޮންނަން ޖެހޭނީ ގާނޫނީ އިމުގެ ތެރޭގައި ކަމެވެ.

ޖިނާއީ އަދުލުގެ ނިޒާމު ބޭނުންކޮށްގެން އަދި ގާނޫނީ އިިމުން ބޭރުން ސިިޔާސީ ވާދަވެރިން ހިމޭންކޮށްލަން ކޯޓުތަކުގެ ބޭނުން ނުހިފޭނެ ކަން ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުން މިހާރު ސާފުކޮށް ފެނެ އެވެ. އެ ކޯޓުގެެ ގިނަ ނިންމުންތަކުން އެނގެނީ ބޭނުންހާ ގޮތަކަށް ސުޕްރީމް ކޯޓުގެ ބޭނުން ހިފުމުގެ ފުރުސަތު ޕްރޮސެކިއުޓާ ޖެނެރަލް އާއި އެޓާނީ ޖެނެރަލަށް ވިޔަސް ނޯންނާނެ ކަމެވެ. ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރި މައްސަލައިގެ ހުކުމަކީ އޭގެ މިސާލެކެވެ.

ޔާމީންގެ މައްސަލާގައި ތުހުމަތު އުފެދުނީ އެއް މިލިއަން ޑޮލަރުގެ މުއާމަލާތަކަށް ކަމަށް ވިޔަސް، ދަށު ކޯޓުން ހިފެހެއްޓީ އެއް މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހުރި ޔާމީން އެތައް އެކައުންޓެކެވެ. ސުޕްރީމް ކޯޓުން ނިންމީ ޔާމީނަށް ތުހުމަތު ކުރެވުނު އަދަދަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ ހިިފެހެއްޓުން ގާނޫނާ ޚިލާފް ކަމަށެވެ. އަދި އެކައުންޓްތައް ފްރީޒް ކުރަން ތަހުގީގީ އިދާރާތަކުން ކޯޓުތަކުގައި އެދުމާއި އެފަދަ އަމުރުތައް ނެރުމާ ބެހޭ ގާނޫނީ އުސޫލުތަކެއް އެ މައްސަލާގެ ތެރޭގައި ކަނޑައެޅި އެވެ.

ކޯޓުތަކުން މައްސަލަތައް ނުނިމި އެތައް އަހަރެއް ހޭދަވެގެންދާ ޝަކުވާ އިންތިހާއަށް ކުރިން އޮތީ ބޮޑުވެފަ އެވެ. ޚާއްސަކޮށް ސުޕްރީމް ކޯޓުގަ އެވެ. ދުސްތޫރީ ބޮޑެތި މައްސަލަތަކާއި ރައީސް ޔާމީންގެ ސަރުކާރުގައި ކުރިމަތިވި މަޖިލިހުގެ ބައެއް މެމްބަރުންގެ ގޮނޑީގެ މައްސަލަ އާއި ސިޔާސީ ބޭފުޅުންނާ ގުޅުން ހުރި މައްސަލަތައް ނިންމާލަން މަހެއްހާ ދުވަސް ވެސް ނުނަގަ އެވެ. އެކަމަކު އާންމު ރައްޔިތުން ހުށަހަޅާ މައްސަލަތަކަށް ވާނުވާ ނޭނގި އަދި މައްސަލަ ނުނިމި ހަތަރު ފަސް އަހަރު ހޭދަވުމަކީ އޭރު އެ ކޯޓުގެ މައްސަލަތައް ނިންމާ ސްޕީޑް ހުރި ގޮތުން އާދައިގެ ކަމެކެވެ.

މައްސަލަތައް އަވަސްކޮށްދޭން އެދި ޝަކުވާއެއް ކުރަން ވެސް ގިނަ ބަޔަކު ބޭނުން ނުވަނީ ނަތީޖާއެއް ނުނިކުންނާނެ ކަމަށް ގަބޫލުކުރާތީ އެވެ. އެކަމަކު މިހާރުގެ ސުޕްރީމް ކޯޓުގެ ސްޕީޑާ މެދު މާ ބޮޑު ޝަކުވާއެއް ކުރެވޭކަށް ނެތެވެ. އެތައް އަހަރު ވީ މައްސަލަތައް ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް ނިންމާލައި، މިއީ އެ ކޯޓުގެ 12 އަހަރު ވީ ތާރީޚުގައި އެންމެ ގިނައިން މައްސަލަ ނިންމި އަހަރެވެ. އެންމެ އަޑުއެހުމެއް ނުބާއްވާ ދެ ތިން އަހަރު ހޭދަވެފައި ހުރި މައްސަލަތައް ވެސް މިހާރު ނިންމަނީ އެއް މަސް ތެރޭގަ އެވެ. މި އަހަރު ފެށުނު ފަހުން ރަސްމީ ދުވަހެއްގައި ސުޕްރީމް ކޯޓުގެ ޝަރީއަތެއް ނުބާއްވާ ދުވަހެއް މަދެވެ.

ކޯޓުތަކަކީ މައްސަލަތަކަށް ނިމުން ގެނެސްދޭން ޖެހޭ ތަނަކަށް ވިޔަސް، ކުރިން ކަންކަން ހިނގަމުން ދިޔައީ އެގޮތަކަށޭ ބުނެވޭކަށް ނެތެވެ. ބައެއް ނިންމުންތަކުގައި ބުނާ އެއްޗެއް ސާފު ނުވެ، ގާނޫނީ ބޭފުޅުން އެކި ގޮތަށް ތަރުޖަމާ ނެރެގެން އުޅެން ޖެހުނީ މަދު ފަހަރަކު ނޫނެވެ. އަދި ބައެއް ނިންމުންތަކުގައި ބުނާ ވާހަކަ އާއި ގާނޫނުތަކުގައި ބުނާ އެއްޗަކާ ދިމާނުވެގެން ސުވާލުތައް ފެންމަތިވެ، އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އުޅެން ޖެހިފައި ވެސް އެބަ ހުއްޓެވެ. އުވިދިޔަ 18 ވަނަ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލޭތޯ ނުވަތަ ނުގެއްލޭތޯ ސާފުނުވެގެން ދޮޅު އަހަރު ވަންދެން އުޅުނު މައްސަލައަކީ އޭގެ ހެއްކެކެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތެއްގެ ޔޫޓިއުބުން ލައިވްކުރަނީ: މިއީ ވެސް އެންމެ މަތީ ކޯޓުން ގެނައި ވަރަށް ބޮޑު ބަދަލެއް

މިހާރު ސުޕްރީމް ކޯޓުގެ ނިންމުންތައް ހުންނަނީ ގާނޫނީ ބޭފުޅުންގެ އިތުރުން އެންމެ އާދައިގެ މީހާއަށް ވެސް އެ ބުނާ އެއްޗެއް އެނގޭނެ ފަދަ ސާފު އިބާރާތަކުންނެވެ. އިތުރު ބަހުސެއް އަދި ތަރުޖަމާއެއް ބޭނުން ނުވާ މިންވަރަށެވެ. އޭގެ އިތުރަށް އެ ނިންމުންތަކަށް ވާސިލްވީ ކިހިިނެއް އަދި ކޮން ގޮތަކަށް ކަމާއި އޭގެ ސަބަބުތަައް ވެސް ތަފްސީލުކޮށް ބުނެދީފައި ހުރެ އެވެ. އެ ކޯޓުގެ ކުރީގެ ނިންމުމަކާ ތަފާތުކޮށް އެހެން މައްސަލައެއް ނިންމާ ނަމަ އެކަން ކުރާ ސަބަބާއި ކުރީގެ ނިންމުމާއި ފަހުގެ ނިންމުމުގައި ހުރި ތަފާތު ވެސް ހުކުމްތަކުން އެނގެ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުންތަކުގެ ފެންވަރު މަތިވުމުގެ ނަތީޖާއެއްގެ ގޮތުން، ކޮންމެ މައްސަލައެއްގައި އެ ކޯޓުގައި ވަކާލާތު ކުރާ ވަކީލުންގެ ގާބިލްކަން ބޮޑުކުރަން މިހާރު މަޖުބޫރުވެ އެވެ. މައްސަލައަށް ތައްޔާރު ނުވެ، ބޭނުންހާ ވާހަކައެއް ދައްކަން ފުރުސަތެއް ނެތްކަން އެތައް ޝަރީއަތެއްގައި ފެނިއްޖެ އެވެ. އަދި ކޯޓުތަކުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފައި، ނުވަތަ ގާނޫނީ ގޮތުން ހަމަނުޖެހޭ ވާހަކަތަކެއް ދައްކާ ނަމަ، ފަނޑިޔާރުންގެ ވަރުގަދަ ސުވާލުތައް އަމާޒުވެ އެވެ. މިއީ ކުރިން ފެނުނު މަންޒަރުތަކެއް ނޫނެވެ.

މި އަހަރަކީ ސުޕްރީމް ކޯޓުގެ ތާރީޚުގައި ވެސް އެންމެ ތަފާތު ނިންމުންތައް ނިންމި އަހަރު ވެސް މެ އެވެ. މަސްތުވާތަކެތި ގެންގުޅުމުގެ މައްސަލަތައް ސާބިތު ކުރުމުގައި މީގެ 10 އަހަރު ކުރިން ނިންމާފައިވާ ގާނޫނީ އުސޫލަކާ ދުރަށް ގޮސް، މުޅިން އާ އުސޫލުތަކެއް ވެސް މި އަހަރު ގާއިމްކުރި އެވެ. މަސްތުވާއެއްޗެއް މީހެއްގެ ހިޔާޒަތުގެ ދަށުން ފެންނަ ފެނުމުގެ މައްޗަށް އެކަނި ބިނާކޮށް ކުށް ސާބިތު ކުރަމުން ދިޔަ ދިއުމަށް ކޮންމެވެސް ވަރެއްގެ ހަރުކަށި އުސޫލުތަކެއް ސުޕްރީމް ކޯޓުގެ އެ ނިންމުމުން ގެނަ އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ސާބިތުކުރުމުގައި އެހެން ކޯޓުތަކުން ގެންގުޅެމުން އައި އުސޫލު ބަދަލުކޮށް، އެފަދަ ކުށްތައް ސާބިތުވޭތޯ ބަލާނެ ގޮތުގެ އާ އުސޫލުތަކެއް ވެސް ކަނޑައަޅައި ދިނެވެ.

ކިތަންމެ މުހިންމު މަގްސަދެއްގައި އުފައްދާފައި އޮތް މުއައްސަސާއަކަށް ވިޔަސް، ހިތުހުރި ގޮތަކަށް ބާރުގެ ބޭނުން ނުކުރެވޭނެކަން ސުޕްރީމް ކޯޓުން ހަނދާންކޮށް ދިނީ ޓެކުހަށް ނުވާ ފައިސާ އާއި ޖޫރިމަނާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައުވާ ނުކުރެވޭނެ ކަމަށް ނިންމި މައްސަލައިގަ އެވެ. ގާނޫނީ ގޮތުން ނުލިބޭ ބާރުތަކެއް މީރާއިން ބޭނުންކޮށް ހަރުކަށި ފިޔަވަޅުތައް އަޅަމުން ދާ ކަމުގެ ފާޑުކިޔުން އޮތަސް، އޭގެ ކުރިން މީރާއާ ދެކޮޅަށް ކޯޓެއްގައި މައްސަލައެއް ކާމިޔާބު ނުވާނެއޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ގަދަބާރުގައި އޮތް މީރާ ގާނޫނީ ގޮތުން "ހަމަ ބިމަށް ތިރިވުމަކީ" ގިނަ ބަޔަކު ހައިރާންކޮށްލި، މި އަހަރުގެ ސުޕްރީމް ކޯޓުގެ ބޮޑު ނިންމުމެކެވެ.

ކޯޓު އަމުރެއް ނެތި މީސްމީހުންގެ އަމިއްލަ ތަންތަނަށް ވަނުމާއި ގާނޫނާ ޚިލާފަށް ހޯދާ ހެކި ބަލައިގަތުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން މި އަހަރު ނިންމި މައްސަލައަކީ ގާނޫނުއަސާސީގެ މާއްދާއެއް މާނަކުރަން ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޔައުމިއްޔާތަކަށް ސުޕްރީމް ކޯޓުން ރިއާޔަތްކުރި ފުރަތަމަ މައްސަލަ އެވެ. ޚާއްސަ މަޖިލީހުން ގާނޫނުއަސާސީގެ 47 ވަނަ މާއްދާ އެގޮތަށް ހިމެނި ސަބަބާއި ކޯޓު އަމުރެއް ނެތި އަމިއްލަ ތަންތަނަށް ވަދެވޭނެ އެކަށީގެންވާ ސަބަބުތަކާ ބެހޭ ގޮތުން ވެސް އެ ހުކުމުގައި ގޮތްތަކެއް ކަނޑައެޅި އެވެ.

ހުކުމް ހަމައެކަނި ގޯހޭ ބުނެލައިގެން އިސްތިއުނާފެއް ނުކުރެވޭނެ

އިންސާފަށް ހުރަސް އެޅުމަށް ނުވަތަ ލަސްކުރަން ޝަރުއީ ނިޒާމުގެ ތެރެއިން ކުރިން ބޭނުން ކުރަމުން ދިޔައީ އިސްތިއުނާފްގެ މަރުހަލާ އެވެ. އިސްތިއުނާފް ކުރެވޭނެ ވަކި ހާލަތްތަކެއް ބަޔާންކުރާ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާ އޭރު އޮތީ ނަމެއްގަ އެވެ. އަމަލު ކުރާނެ އެއްވެސް ބަޔަކު އޭރު ނެތެވެ. ގާނޫނީ ގޮތުން ސާފުކޮށް ފެންނަން ހުރި މައްސަލަތަކުގައި ކުރާ ހުކުމްތައް ވެސް ތަންފީޒު ކުރުން ފަސް ކުރުމަށް ނުވަތަ އަނެއް ފަރާތަށް އިތުރު ދަތިތަކެއް ކުރިމަތިކުރުމަށް އިސްތިއުނާފްގެ ހައްގުގެ ބޭނުން ދިޔައީ ކުރަމުންނެވެ. މަދަނީ މައްސަލަތަކުގައި އެ މައްސަލަ ވަކިން ބޮޑެވެ. އެ ސަގާފަތަށް ނިމުން ގެނައީ ވެސް ސުޕްރީމް ކޯޓުން މި އަހަރު ނިންމި މައްސަލައަކުންނެވެ.

އެ ހުކުމުގައި ވާ ގޮތުން ދަށު ކޯޓުގެ ނިންމުމެއް ގޯސް ކަމަށް ހަމައެކަނި ބުނެލާ ބުނުމަކުން އިސްތިއުނާފްގެ ފުރުސަތު ކޯޓުތަކުން ދީގެން ނުވާނެ އެވެ. އަދި އިސްތިއުނާފްގެ މައްސަލަތައް ކޯޓުތަކަށް ބަލައިގަނެވޭނީ އެ މައްސަލައެއް ކާމިޔާބު ކުރެވޭނެ ފަދަ ގާނޫނީ ބަހުސެއް އުފެދިފައިވާ ނަމަ އެކަނި ކަމަށާއި "އެއްޗަކަށް އެއްޗެެއް ހަދާ އުސޫލުން" އަދި އެހެން ބަޔަކަށް ގެއްލުމެއް ދިނުމުގެ ބޭނުމުގައި އިސްތިއުނާފްގެ ހައްގުގެ ބޭނުން ނުކުރެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

އިސްތިއުނާފް ކުރަން ދެއްކޭނެ އެކަށީގެންވާ ސަބަބުތަކަކީ ކޮބައިކަން އެ ނިންމުމުގައި ކަނޑައަޅާފައިވެ އެވެ. އަދި އިސްތިއުނާފް މަރުހަލާގައި އާ ހެކި ބަލައިގަތުމުގެ ގާނޫނީ އާ އުސޫލުތަކެއް ވެސް މި އަހަރު ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.

މި އަހަރު ސުޕްރީމް ކޯޓުން ނިންމި ހުރިހާ މައްސަލަތަކުގައި ވެސް ގާނޫނީ އާ އުސޫލުތަކެއް ކަނޑައަޅައިދިން ކަމަށް ބުނުން ދޮގަކަށް ނުވާނެ އެވެ.

ސުޕްރީމް ކޯޓަށް މައްސަލަތައް ބަލައިގަތުމުގެ އިޖްރައާތަކީ އެންމެ ފާޑުކިޔުން ބޮޑު އެއް މައްސަލަ އެވެ. ކޯޓުތަކަށް މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމަން ޖެހޭނީ އެ ކޯޓެއްގެ ރަޖިސްޓްރާ ކަމަށް ކޯޓުތަކުގެ ގާނޫނުގައި އޮތަސް، އެ ކޯޓުން މައްސަލަ ބަލައިގަތުމާ މެދު ކުރިން ގޮތްތައް ނިންމަމުން އައީ ފަނޑިޔާރުންނެވެ. ގާނޫނީ ވަރުގަދަ ނުކުތާތަކެއް ފާހަގަކުރިޔަސް، ސަބަބެއް ބަޔާން ކުރުމެއް ނެތި މައްސަލަތައް ބަލައިނުގަންނަ ކަމުގެ ޝަކުވާ އޭރު ވަރަށް ބޮޑެވެ.

އެއީ ފަނޑިޔާރުންގެ ނިންމުމަކަށް ވާތީ އިތުރަށް ކުރެވޭނެ ކަމެއް އޭރަކު ނޯވެ އެވެ. ނަމަވެސް މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާ ކޮންމެ މައްސަލައެއް ވެސް ބަލައިގަތުމާ މެދު ގޮތެއް ނިންމަނީ ކޯޓުތަކާ ބެހޭ ގާނޫނުގައި އޮންނަ ގޮތަށް، ރަޖިސްޓްރާ އެވެ. މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމާ ނަމަ، އެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު މިހާރު އެބަ އޮތެވެ.

އިތުބާރު ހޯދަން އަދިވެސް ވަގުތު ނަގާނެ

ސުޕްރީމް ކޯޓެއްގެ ޝަރީއަތްތައް ވަގުތުން ދައްކާފާނެ ކަމަށް، އޭގެ ކުރިއަކުން އާންމުން ގަބޫލެއްނުކުރެ އެވެ. އެންމެ ބޮޑެތި ޝަރީއަތްތައް ވެސް ބެލުމުގެ ފުރުސަތު ކުރިން ލިބެނީ މީޑިއާ އާއި އާންމުން ހިމެނޭ ގޮތަށް ގިނަވެގެން 40 ވަރަކަށް މީހުންނަށެވެ. މިހާރު އެ ފުރުސަތު ކޮންމެ މީހަކަށް ވެސް އެބަ އޮތެވެ. ކޮންމެ ތަނެއްގައި ހުރެގެން ވެސް ޝަރީއަތްތައް ވަގުތުން ފެންނަ ގޮތަށް މީޑިއާގެ ތަފާތު ވަސީލަތްތަކުން ފެނުމަކީ، އާ ސުޕްރީމް ކޯޓުން ގެނައި ބޮޑު ބަދަލެކެވެ.

ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުން އަހަރެއްހާ ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ނިންމުންތަކާއި އުސޫލުތަކަށް ރަނގަޅު ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. ގާނޫނީ އަސާސްތައް ދެމެހެއްޓުމުގެ އިތުރަށް، ބޭނުންހާ ގޮތަކަށް ގާނޫނު މާނަކޮށްގެން ދައުލަތުގެ މުއައްސަސާތަކުން ކުރަމުންދާ ކަންކަމަށް ފުރުސަތު ނުދެވޭނެ ކަން އެ ކޯޓުގެ ނިންމުންތަކުން ހާމަވާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ. ނަމަވެސް، މިހާތަނަށް ވެސް ކަންކަން ހިނގަމުން ދިޔަ ގޮތުން އިތުބާރު ލިބެން ވަގުތުތަކެއް ނަގާނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"މުހިިންމު އަސާސްތައް ސުޕްރީމް ކޯޓުން އެބަ ނަގަހައްޓާ. ބޮޑު އިމްޕްރޫވްމަންޓެއް އެބަ ފެނޭ މިހާރު. އެކަމަކު އިތުބާރު ލިބެން އަދި ވަގުތު ނަގާނެ،" ދުސްތޫރީ އަދި މަދަނީ ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރައްވާފައިވާ ވަކީލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މައްސަލަތައް އަވަހަށް ނިންމުމާއި ސުޕްރީމް ކޯޓުގެ އިޖްރާއާތުތަކަށް ގެނެސްފައިވާ ބަދަލާއި ނިންމުންތަކުގެ ފެންވަރު ރަނގަޅުވުމުން އެއަށް ވުރެ ދަށު މަރުހަލާ ކޯޓުތަކުން ވެސް ތަފާތުތަކެއް ވަނީ ފެންނަން ފަށައިފަ އެވެ. އެކަމަކު އެއް ބާވަތެއްގެ މައްސަލަތަކުގައި ގާނޫނީ ބައެއް ނުކުތާތަކާ މެދު ދެ ގޮތަކަށް ނިންމުންތައް ހުރުމުން ދެ ގޮތަކަށް މާނަކުރުމުގެ ފުރުސަތު ލިބޭ ފަދަ ނިންމުންތަކެއް ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އިސްތިއުނާފް ކުރާ ނުކުތާއަށް އެބަ ރިއާޔަތްކުރޭ. އެކަމަކު ބައެއް ނިންމުންތަކާ އަނެއް ނިންމުންތަކާ އަޅާކިޔާއިރު ތަފާތުތަކެއް އެބަހުރި އެއް ބާވަތެއްގެ މައްސަލަތަކުގައި،" އެ ވަކީލް ވިދާޅުވި އެވެ.

އެކަމަކު ހަގީގަތަކީ ޝަރުއީ ނިޒާމަށް އައި އެންމެ ބޮޑު ބަދަލު ސުޕްރީމް ކޯޓުން މި ފެނުނީ މި އަހަރު އެވެ. މިހާރުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ވެސް ޝަރުއީ ނިޒާމަށް އާންމުންގެ އިތުބާރު ހޯދައިދިނުމެވެ. އެހެންކަމުން އެންމެ މަތީ ކޯޓަށް އާ ފަނޑިޔާރުންތަކެއް އައްޔަންކޮށް، މި އަހަރުގެ މިހާތަނަށް ދެއްކި ނަތީޖާ އިން ކޮންމެވެސް ވަރެއްގެ އުއްމީދުތަކެއް އެބަ ފެނެ އެވެ.