ޖިންސީ ގޯނާގެ ކުށް ސާބިތުކުރާ މިންގަނޑަށް މުހިންމު ބަދަލެއް

މީހުން މެރުމާއި ޓެރަރިިޒަމާއި މަސްތުވާތަކެތި ޓްރެފިކް ކުރުން ފިޔަވައި ރާއްޖޭގައި ދެން އެންމެ ބޮޑެތި އަދަބު ދެވޭ ކުށަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތަކެވެ. ޖިންސީ ގޯނާ ކުރުމުގައި އަމަލީ ގޮތުން ބައިވެރިވާ މީހުންނަށް އެ މީހުން ކުރާ އަމަލާއި އަނިޔާ ލިބޭ ކުއްޖާ އާއި އެ މީހަކާ ދެމެދު ހުރި އާއިލީ ގާތް ކަމަށް ބަލައި، 10 އަހަރާއި 25 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވެ އެވެ.


ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް އެހާ ބޮޑެތި އަދަބުތައް ދެވޭ އިރު، އެ ބާވަތުގެ ކުށް ސާބިތުކުރަން އެ ގާނޫނުގައި އޮތީ ވެސް ވަރަށް ލުއި އަދި އެހާމެ ފަސޭހަ މިންގަނޑެކެވެ. އެ ގާނޫނުގެ ދަށުން މީހަކަށް ދައުވާ ކޮށް ކުށް ސާބިތު ކުރުމަކީ ފެންތަށްޓެއް ބޯލުންހާ ފަސޭހަ ކަމެކެވެ. ކުށް ސާބިތުކުރަން ފަސޭހަ ކުރިކުރީނުން ގޮސް ކުށް ނުކުރާ ބަޔަކު ފްރޭމްކޮށް، ޖަލަށްލެވޭ މިންވަރަށް އެ ގާނޫނުގައި އޮތީ ފުރުސަތު ދީފަ އެވެ.

އެކަމަކު މިދިޔަ މަހުގެ ފަހުކޮޅު ހައި ކޯޓުން ކުރި ހުކުމާ އެކު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތައް ސާބިތު ކުރުމުގެ މިންގަނޑަށް ކޮންމެވެސް މިންވަރެއްގެ ބަދަލުތަކެއް މިވަނީ އައިސްފަ އެވެ. ގާނޫނީ ވަކީލަކު ހުށަހެޅި ދުސްތޫރީ މައްސަލައެއްގައި ކުރި އެ ހުކުމުގެ ސަބަބުން، ކުށް ނުކުރާ މީހުން އެ ގާނޫނުގެ ދަށުން ފްރޭމްކޮށް އަދަބު ދެވުމުގެ ފުރުސަތު ވަރަށް ބޮޑަށް މިވަނީ ހަނިވެގެން ގޮސްފަ އެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ އަނިޔާ ލިބޭ ކުއްޖާ އެކި މީހުންނަށް ކިޔައިދޭ ކިޔައި ދިނުމަކީ ވަކި ހެކިތަކެއްގެ ގޮތުގައި ބަލަން އެ ގާނޫނުގައި ބުނެފައި އޮތަސް، އެ ގާނޫނުގެ ދަށުން ކުށް ސާބިތު ކުރަން ބޭނުންވާ ފަސް ހެކި ހަމަ ކުރާއިރު އެއީ ވަކި ހެކިތަކެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. ސަބަބަކީ އަނިޔާ ލިބޭ ކުއްޖާ އެކި މީހުންނަށް ކިޔައިދޭ ކިޔައި ދިނުމަކީ ހަމައެކަނި ކުއްޖާ ބުނާ ބުނުމެއްގެ މައްޗަށް ބިނާ ކުރެވޭ ހެކިތަކަށް ވާއިރު އެއީ ވަކި ހެކިތަކުގެ ގޮތުގައި ބަލާ ނަމަ ގާނޫނުގައި ބުނާ ފަސް ހެކި ހަމަ ކުރަން ފަސޭހަވެ، ކުށް ނުކުރާ މީހަކަށް އަދަބު ދެވުމުގެ ފުރުސަތު އޮތުމުން ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

"އެކި ފަރާތްތަކުގައި ނުވަތަ އެކި އިދާރާތަކުގައި ކުއްޖާ ބުނާ ބުނުމުގެ ތެރެއިން ފަސް ފަރާތެއް ނުވަތަ އިދާރާއަކުން ފަސް ހެކި ހަމަކޮށް ހަމައެކަނި އެ ހެކިތަކުގެ މައްޗަށް ބިނާކޮށް މައްސަލަ ސާބިތު ކުރުމަކީ ކުށުގެ ތުހުމަތުގައިވާ މީހާ އަށް އަދުލު އިންސާފުގެ އުސޫލުން އަދަބެއް ދެވުމަށް ވުރެ ބޮޑަށް، އެ މީހާގެ މައްޗަށް ނުހައްގުން އަދަބެއް ދެވުމުގެ ފުރުސަތު ބޮޑު ހާލަތެއް ކަމުގައި ބެލެވޭތީ ހަމައެކަނި ބުނެވި ދިޔަ ހެކީގެ މައްޗަށް ބިނާކޮށް ފަސް ބާވަތުގެ ހެކި ހަމަކޮށް، ދައުވާ އުފުލިފައިވާ މީހާގެ މައްޗަށް ކުށް ސާބިތު ކުރުމަކީ ޝަރުއީ ގޮތުން ބަލާއިރު ހަމަޖެހޭ އުސޫލެއް ނޫން.." ކަމަށް ހުކުމުގައިވެ އެވެ.

ހައި ކޯޓު: އެ ކޯޓުން އެގޮތަށް ނިންމީ ކުށް ސާބިތުކުރާ މިންގަނޑާ ބެހޭ ގޮތުން ވަކީލަކު ހުށަހެޅި މައްސަލައެއްގައި --މިހާރު ފޮޓޯ/ނިޝާން އަލީ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި 12 ބާވަތެއްގެ ހެއްކެއް ބަޔާންކޮށް، އޭގެ ތެރެއިން ފަސް ހެއްކެއް ހުރެއްޖެ ނަމަ ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާނެ ކަމަށް ބުނެފައިވެ އެވެ.

އެ ގާނޫނުގައި، ހެކީގެ މިންގަނޑު ބަޔާން ކުރާ 47 ވަނަ މާއްދާގެ ޅ. ގައި ވަނީ "އެކަމެއް ހިނގުމުން ދާދި އަވަހަށް ނުވަތަ އެކަމެއް ހިނގުމާ ދެމެދު ގިނަ ދުވަސްތަކެއް ނުވަނީސް ކުއްޖާގެ މައިންބަފައިންނަށް ނުވަތަ ގާތް ތިމާގެ މީހަކަށް ނުވަތަ ރަހުމަތްތެރިއަކަށް ނުވަތަ ޑޮކްޓަރަކަށް ނުވަތަ ސިއްހީ އެހީތެރިއަކަށް ނުވަތަ ސައިކޮލޮޖިސްޓަކަށް ނުވަތަ ސައިކޭޓްރިސްޓަކަށް ނުވަތަ މައްސަލަ ތަހުގީގުކުރާ ފުލުހަކަށް ނުވަތަ ކުޑަކުދިން ރައްކާތެރި ކުރުމުގެ ޚިދުމަތުގައި މަސައްކަތް ކުރާ މީހަަކަށް ކުޑަކުއްޖާ ދީފައިވާ ބަޔާން" އަކީ ހެއްކެއް ކަމަށެވެ.

އެ މާއްދާގެ ޅ. ގައި ޖުމްލަ ގޮތެއްގައި އެ ބުނަނީ އަނިޔާ ލިބޭ ކުއްޖާ އޭނާއާ މެދު ކަންވީ ގޮތް ކިިޔައިދިނުމުން އެއީ ހެއްކެއްގެ ގޮތުގައި ބަލާ ވާހަކަ އެވެ.

އެ އަކުރުގައި އެގޮތަށް ބަޔާން ކުރުމަށް ފަހު ޖެހިގެން އޮތް އެ މާއްދާގެ ކ. ގައި ބުނަނީ "އޭނާއާ މެދު ކަން ވީ ގޮތް ކަމަށް ނުވަތަ އެކަން ހިނގައި ދިޔަ ގޮތް ކަމަށް ކުޑަކުއްޖާ ކިޔައި ދީފައިވާ ބަޔާން" އަކީ ވެސް ވަކި ހެއްކެއް ކަމަށެވެ. ހަމަ އެގޮތަށް އެ މާއްދާގެ ދ. ގައި ވަނީ "މައްސަލަ ބަލާ ފަރާތުން ކުއްޖާއާ އިންޓަވިއު ކުރުމުން ކުއްޖާ ކިޔައިދީފައިވާ ވާހަކަ" އަކީ ވެސް ވަކި ހެއްކެއް ކަމަށެވެ.

އެހެންވެ، އެ ގާނޫނު ބަލަމުން އައީ އަނިޔާ ލިބޭ ކުއްޖާ އޭނާގެ އާއިލާގެ މީހަކަށް ނުވަތަ ރައްޓެއްސަކަށް އެ ވާހަކަ ކިޔައިދޭ ދިނުމަކީ ވަކި ހެއްކެއް ކަމަށެވެ. މައްސަލަ ތަހުގީގު ކުރާ ފަރާތަށް ހަމަ އެ ވާހަކަ އެ ކުއްޖާ ކިޔައިދޭ ކިޔައިދިނުން ވެސް އެއީ ވަކި ހެއްކެކެވެ. އަދި އެ ކުއްޖާ ތަހުގީގަށް ނުވަތަ ޝަރީއަތަށް ދޭ ބަޔާން އެއީ ވެސް ވަކި ހެއްކެއްގެ ގޮތުގަ އެވެ. އޭރުން އެ ހަމަވީ ތިން ހެއްކެވެ. އެކަމަކު އަސްލަކީ އެ ކުއްޖާ މި ކިޔައިދެނީ އެއް ވާހަކައެކެވެ. ހަމައެކަނި ތަފާތަކީ އެ ކުއްޖާ އެ ވާހަކަ ކިޔައިދޭ މީހުން ތަފާތުވުމެވެ.

ގާނޫނުގައި އެގޮތަށް އޮތުމުގެ ނަތީޖާއަކީ އަނިޔާ ލިބޭ ކުއްޖާ ބުނި ކަމަށް ބުނެ "ބުންޏޭ ބުންޏޭ" އުސޫލުން ހެކިބަސް ދިނުމުގެ ފުރުސަތު އެތައް ބަޔަކަށް އޮތުމެވެ. އެހެންވެ، އެންމެ ހެއްކެއް ތަފާތު ތިން ހެއްކަކަށް ބަދަލުވެ، އެ ހެކިތައް ވަކިވަކިން ބަލައިގަންނަން ކޯޓުތަކަށް ކުރިން އޮތީ މަޖުބޫރުވެފަ އެވެ. އޭރުން ކުށް ސާބިތު ކުރަން ބޭނުންވާ ފަސް ހެކި ހަމަ ކުރަން ފަސޭހަވީ އެވެ. އެގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ގާނޫނީ ބޭފުޅުން ދިޔައީ ކުރިން ވެސް ފާހަގަ ކުރައްވަމުންނެވެ.

ހައި ކޯޓުން ނިންމީ އެ މާއްދާގެ ޅ، ކ، ދ. ގައި ބުނާ ހެކިތަކަކީ ވަކި ހެކިތަކުގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އެ ހުކުމުގެ ނަތީޖާއަކަށް މިހާރު ވެގެންދާނީ ހަމައެކަނި ކުއްޖާ ބުނާ ބުނުމަށް ނުވަތަ އޭނާ އެހެން ބަޔަކަށް ކިޔައިދޭ ކިޔައި ދިނުމަށް ބިނާ ކޮށްގެން ކުށް ސާބިތު ކުރުމުގެ ފުރުސަތު ހަނިވުމެވެ.

މިސާލަކަށް ޖިންސީ އަނިޔާ ލިބޭ ކުއްޖާ އޭނާގެ މައިންބަފައިންނަށް ނުވަތަ އާއިލާ މީހަކަށް ނުވަތަ ރަހުމަތްތެރިއަކަށް އެ ހާދިސާ ކިޔައިދިނަސް އަދި މައްސަލަ ތަހުގީގުކުރާ މީހާ އަށް ކިޔައިދިނަސް އަދި އެ ކުއްޖާއާ މެދު ކަންވީ ގޮތް ކަމަށް ބުނެ ބަޔާނެއް ދިނަސް، ކުށް ސާބިތު ކުރަން ބޭނުންވާ ފަސް ހެކި ހަމަ ކުރަން ކޯޓުތަކުން މިހާރު ބަލަންޖެހޭނީ އެއީ އެއް ހެކިތަކެއްގެ ގޮތުގަ އެވެ.

އެ ގާނޫނާ ބެހޭ ގޮތުން ވަކީލުން ކުރިން ފާހަގަ ކުރަމުންދިޔަ ކަންބޮޑުވުންތަކަށް ކޯޓުގެ އެ ނިންމުމުގެ ސަބަބުން މިހާރު މިވަނީ ހައްލު ލިބިފަ އެވެ.

ކޯޓުގެ އެ ނިންމުމުގެ ސަބަބުން، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތައް ތަހުގީގު ކުރުމާއި ކުށް ސާބިތު ކުރަން ކޮންމެވެސް ވަރަކަށް އުނދަގޫތަކެއް ކުރިމަތިވެދާނެތީ އެކަމަށް ބައެއް ފަރާތްތަކުން ފާޑު ކިޔަސް އެއީ މުހިންމު ނިންމުމެކެވެ. ކުށް ނުކުރާ ބަޔަކަށް އަދަބު ދެވުމުގެ ފުރުސަތު އެ ގާނޫނުގެ ތެރެއިން ލިބިފައި އޮއްވާ ކޯޓުގެ އެ ނިންމުމުގެ ސަބަބުން އެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެ، ހަގީގަތާ ހަމައަށް ވާސިލްވާން އެއީ އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ގާނޫނީ ބޭފުޅުން ދެކެ އެވެ.

އެކަމަކު ހިތާމައަކީ ހައި ކޯޓުން އެންމެ ފަހުން ނިންމި ނިންމުމުގެ ކުރިން، ގާނޫނުގައި ކުރިން އޮތް "ބުނި ބުނި" އުސޫލުގެ ދަށުން އެތައް ބަޔަކަށް ދިގު މުއްދަތުގެ ހުކުމްތައް އައިސްފައިވެ އެވެ. ގާނޫނު އެހެން އޮތުމުގެ ސަބަބުން، އޭގެ ތެރޭގައި ވެސް "ބުނި ބުނި" އުސޫލުން "ނުހައްގުން" ކުށް ސާބިތުވެފައި ތިބި އެތައް ބަޔަކު ތިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިއީ ގާނޫނު ހަދާ ފަރާތްތަކުން ކުރިމަގުގައި ވިސްނަންޖެހޭ ކަމެކެވެ.