ވާވޭގެ އޮޕަރޭޓިން ސިސްޓަމަކީ "ހާމަނީއޯސް"

މިހާރު އެންމެން ކަހަލަ ގޮތަކަށް ބަރޯސާވާ އޮޕަރޭޓިން ސިސްޓަމް (އޯއެސް) އަކީ ގޫގުލްގެ އެންޑްރޮޑާއި އެޕަލްގެ އައިއޯއެސް އެވެ. އެކަމަކު މި ނޫން އިހްތިޔާރަކަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިހާރު މިއޮތީ ވާވޭ އިން ފަހިކޮށްދީފަ އެވެ.


ޗައިނާގެ ވާވޭ އިން ހުކުރު ދުވަހު ވަނީ އެ ކުންފުނީގެ އަމިއްލަ އޯއެސް ލޯންޗްކޮށްފަ އެވެ. އެއަށް ދީފައިވާ ނަމަކީ ހާމަނީއޯސް ނުވަތަ ހާމަނީއޯއެސް އެވެ. އެ ލޯންޗްކޮށް ދެއްވީ ޗައިނާގެ ޑޮންގްއާންގައި މިހާރު ކުރިއަށްދާ ވާވޭގެ ޑިވެލޮޕާޒް ކޮންފަރެންސްގައި ކުންފުނީގެ ސީއީއޯ ރިޗަޑް ޔޫ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހާމަނީއޯސްވެގެން ދާނީ އެންޑްރޮއިޑާއި އައިއޯސް އަށް ވެސް ދޫނުކުރާވަރު އަދި އެންމެންނަށް ވެސް ހިތްގައިމު އެއްޗަކަށެވެ. އެގޮތުން އެ ސިފަކޮށްފައި ވަނީ "ސީމްލެސް، ސްމޫތު، ސެކިއޯ އަދި ޔުނައިފައިޑް" އޯއެސްއެއްގެ ގޮތުގަ އެވެ.

"އަހަރެމެންގެ އޯއެސް އަކީ ހުރިހާ ދިމާއަކަށް ވެސް ހެޔޮވަރު އަދި އޯއެސްގެ މާކެޓަށް ބޮޑު ބަދަލެއް ވެސް ގެނުވާނެ އެއްޗެއް،" ރިޗަޑް ވިދާޅުވި އެވެ.

ވާވޭ އިން އަމިއްލަ އޯއެސްއެއް ލޯންޗް ކުރި އިރު، އެ ކުންފުނީގެ އުފެއްދުންތަކުގައި މިހާތަނަށް ބޭނުން ކުރަމުން އައިސްފައި ވަނީ އެންޑްރޮއިޑެވެ. ނަމަވެސް ޗައިނާ އާއި އެމެރިކާއާ ދޭތެރޭ އުފެދިފައިވާ ވިޔަފާރީގެ ކޯޅުންތަކާއި ފިއްތުންތަކާއި އަދި މި ފަހުން އެމެރިކާގެ ކުންފުނިތަކުން ވާވޭއާ ބްލެކްލިސްޓްކޮށްފައި ވާތީ އެ ކުންފުނީގެ އޯއެސްވެގެން ދާނީ އަމިއްލަ ފައިމައްޗަށް ތެދުވަން ކުރި ވަރަށް ހާއްސަ މަސައްކަތަކަށެވެ.

އެހެންވެ ކުރިން އެންޑްރޮއިޑަށް ވި ބަރޯސާ ދެން ވާވޭއަކުން ނުވާނެ އެވެ. އޯއެސް އެ ކުންފުނިން ތަރައްގީކުރި މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ.

ގޫގުލް އިން ވަނީ ވާވޭއާ އެކު ހަދާފައި އޮތް އެންޑްރޮއިޑް ލައިސަންސް ވެސް މިދިޔަ މެއި މަހުގެ ތެރޭގައި އުވާލައިފަ އެވެ.

މީޑިއާތަކުން ބުނީ ވާވޭގެ އިން މި އަހަރުގެ ފަހުކޮޅު ނެރެން ނިންމާފައިވާ ފޯން ކަލެކްޝަން ވެސް ނެރޭނީ ހާމަނީއޯސްގައި ކަމަށެވެ.