ހޮންކޮންގު މުޒާހަރާ އަށް ހިތްވަރުދޭ އެޕް ގޫގުލް ސްޓޯރުން ނަގައިފި

ޗައިނާއާ ދެކޮޅަށް ހޮންކޮންގުގައި ކުރާ މުޒާހަރާތަކަށް ހިތްވަރު ލިބޭ ގޮތަށް ތައްޔާރުކުރި މޮބައިލް ގޭމެއް ގޫގުލް ސްޓްރުން ނަގައިފި އެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އެޕް ގޫގުލް އިން ނެގީ އެއީ ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ހިންގާ އެޕެއް ކަމަށް ޗައިނާ އިން ބުނެ ޕްރެޝަރުކުރުމުންނެވެ. އަދި ސީރިއަސް މައްސަލަގަނޑެއްގެ ތެރެއިން ގޫގުލް އިން މާލީ މަންފާތަކެއް ހޯދަމުންދާ ކަމަށް ވެސް ޗައިނާ އިން ބުނެފައިވާ ކަމަށްވެ އެވެ.

ނަމަވެސް ގޫގުލް އިން އެކަން ދޮގުކުރެ އެވެ.

އެ ކުންފުނީގެ ތަރުޖަމާނު ވިދާޅުވީ "ދަ ރިވޮލިއުޝަން އޮފް އަވާ ޓައިމްސް" ގެ ނަމުގައި އާންމުކުރި އެޕް ގޫގުލް ސްޓޯރުން ނެގީ ޗައިނާގެ ފިއްތުންތަކާ ހެދި ނޫން ކަމަށާއި އެއީ އެ ކުންފުނިން އަމަލުކުރަމުން އަންނަ އުސޫލުތަކުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށެވެ. އެޕް ޑައުންލޯޑް ނުކުރެވޭ ގޮތަށް ގޫގުލް ސްޓޯރުން ނެގި އިރު، "ދަ ރިވޮލިއުޝަން އޮފް އަވާ ޓައިމްސް" 1،000 ފަހަރު ޑައުންލޯޑްކޮށް، 250 ރިވިއުއެއްގައި އެއަށް ފަސް ތަރީގެ ރޭޓިންއެއް ވެސް ދީފައިވެ އެވެ.

ގޫގުލް އިން އެޕް ނެގުމުގެ ކުރިން އެޕަލް އިން ހޮންކޮންގު މުޒާހަރާ އަށް ހާއްސަކޮށްގެން ތައްޔާކުރި އެޗްކޭމެޕް.ލައިވް ވެސް އެޕަލް ސްޓޯރުން ވަނީ ނަގައިފަ އެވެ. އެ އެޕަކީ މުޒާހަރާކުރާ މީހުންނަށް ފުލުހުން ޓްރެކްކުރެވޭ ގޮތަށް ފަރުމާކުރި އެޕެކެވެ.

އެޕަލް ސްޓޯރުން ނެގި އެޕް ފޯނަކުން ދައްކާލަނީ.

މީޑިއާތަކުން ބުނީ އެ އެޕް އެޕަލް އިން ވެސް ނެގީ ޗައިނާ ސަރުކާރުގެ ފިއްތުންތަކާ ގުޅިގެން ކަމަށެވެ. މިކަމާ ބެހޭ ގޮތުން އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ އެޕް އެޕަލް ސްޓޯރުން ނެގީ ގައިޑްލައިންތަކާ ހިލާފަށް އެޕް ބޭނުންކުރާތީ އާއި އެޕްގެ އެހީގައި ގާނޫނާ ހިލާފު އަމަލުތައް ހިންގާކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ.