މައިކްރޮސޮފްޓް "އެޖް" އަށް އާ ލޯގޯއެއް، ބޭނުންވަނީ މާޒީ ހަނދާން ނައްތާލުން

މައިކްރޮސޮފްޓް އެޖް އަކީ ވެބް ބްރައުޒާ އެކެވެ. އިންޓަނެޓް ބްރައުޒާއެއް ކަމަށް ބުންޏަސް، ރަނގަޅެވެ. އެކަމަކު، ވެބްސައިޓްތަކަށް ވަދެ ނިކުތުމަށް ބޭނުންކުރާ އެޕްލިކޭޝަނެއްގެ ލޯގޯ ބަދަލުވުން، މުހިންމު މި ވަނީ ކީއްވެ ހެއްޔެވެ؟


ވިންޑޯޒްގެ އަހުލުވެރިން ބޭނުންކުރުމަށް، ވިންޑޯޒް އޮޕަރޭޓިން ސިސްޓަމްގައި، އަސާސީ ހުރިހާ އެޕްލިކޭޝަނެއް ހުރެ އެވެ. މިސާލަކަށް، އެއްޗެއް ނޯޓްކޮށްލަން ބޭނުން ނަމަ، "ވޯޑް ޕެޑް"، "ނޯޓް ޕެޑް" ނުވަތަ "ރައިޓް" ކަހަލަ ކުދި އެޕްލިކޭޝަންތައް ވިންޑޯޒް ގައި ހިމެނި އެވެ. ފޮޓޯއެއް ކަފާލައި ކުޑަ ގޮތެއް ހަދާލަން "ޕެއިންޓް" ވެސް ބޭނުންކުރެވެ އެވެ. އިންޓަނެޓް އައުމުން އިންޓަނެޓް ބޭނުންކުރުމަށް "އިންޓަނެޓް އެކްސްޕްްލޯރާ" އުފެއްދީ އެވެ.

އިންޓަނެޓް އެކްސްޕްލޯރާ އަކީ ބޭނުންކުރަން އުނދަގޫ ބިންގަލެއްގެ މަތީގައި މައިކްރޮސޮފްޓުން އުފެއްދި އެޕްލިކޭޝަނެކެވެ. ޑިވެލޮޕަރުންގެ ނަޒަރުގައި އިންޓަނެޓް އެކްސްޕްލޯރާ އަކީ އުފެއްދުންތެރިކަމެއް ނެތް، އަދި އާ އުފެއްދުންތަކަށް ހުރަސްއަޅާ އެޕްލިކޭޝަނެކެވެ. އެހެންވެ، އެ ނޫން އެޕްލިކޭޝަނެއް ވިންޑޯޒްގައި ހިމެނުމަށް އެދި ޑިވެލޮޕަރުން އަދި އާންމުން ވެސް އެދެމުން ދިޔަ އެވެ.

މޮޒިއްލާ ފަޔާފޮކްސް އަދި ގޫގުލް ކްރޯމް އުފެދިގެން އައީ، އިންޓަނެޓް އެކްސްޕްލޯރާ އަށް ފަހު އެވެ. އެކަމަކު، އިންޓަނެޓް އެކްސްޕްލޯރާ ބަލިކޮށް، އެ ފަދައެއް ނެތް ވެބް ބްރައުޒާއެއް ގޮތުގައި ކްރޯމް މަޝްހޫރު ވި އެވެ. އިންޓަނެޓް އެކްސްޕްލޯރާ ދޫކޮށް އެހެން ވެބް ބްރައުޒާ އަކަށް މައިކްރޮސޮފްޓް މިސްރާބުޖެހީ މި ހިސާބުންނެވެ.

މައިކްރޮސޮފްޓް އެޖް އަކީ، އިންޓަނެޓް އެކްސްޕްލޯރާ އަށް ފަހު މައިކްރޮސޮފްޓުން ވިންޑޯޒްގައި ހިމަނަން ތަރައްގީކުރާ ވެބް ބްރައުޒާ އެވެ. އެޖް އުފެއްދުމުގައި، ފުރަތަމަ ފިޔަވަހިތަކުގައި، އިންޓަނެޓް އެކްސްޕްރޯރާ ސިފަކުރެވޭ ގޮތަށް ހުރި ނިޝާންތަކަށް މައިކްރޮސޮފްޓުން ބަދަލެއް ނުގެނެ އެވެ. އެހެން ނަމަވެސް، ވިންޑޯޒް 10 އަށް ޚާއްސަ އެޕްލިކޭޝަނެއް ގޮތުގައި އުފައްދަން ފެށި ހިސާބުން މި ވަނީ އެޖް އަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފަށައިފަ އެވެ.

މައިކްރޮސޮފްޓުން އެޖް މިހާރު ތަރައްގީކުރަނީ، ގޫގުލް ކްރޯމް އަދި މޮޒިއްލާ ފަޔާފޮކްސް ފަދައިން، ދާދި އެއް ބިންގަލެއްގަ އެވެ. އެެހެންކަމުން، އެޖް ވެފައި ވަނީ ބޭނުންކުރަން ފަސޭހަ، އަދި ބައެއް ފަހަރު ކްރޯމް އަށް ވުރެ ވެސް ފަސޭހަ ވެބް ބްރައުޒާއަކަށެވެ. ތަޖުރިބާކޮށްލާށެވެ. އެންޑްރޮއިޑް ފޯނުތަކާ ކްރޯމްއާ ބޮޑު ގުޅުމެއް ނެތް ނަމަ، އަހަންނަށް ވެސް އެޖް އަށް މުހިންމުކަން ދެވުނީހެވެ.

މައިކްރޮސޮފްޓް އެޖް އަދި މުޅިން ނުނިމެ އެވެ. ލޯގޯ އަށް ގެނައި ބަދަލުން ދޭހަވަނީ ތަރައްގީގެ މަރުހަލާތައް ނިމި އާންމުންނަށް ދޫކޮށްލަން ވަގުތު ޖެހެމުން އަންނަހެންނެވެ.

މަތީގައި އެވާ ލޮގޯ އަށް ރަނގަޅަށް ބަލައިބަލާށެވެ. އިންޓަނެޓް އެކްސްޕްލޯރާގެ "އީ" އަކުރުގެ ސިފަ ތިރިން ފާޅުވެ އެވެ. މަތި ސިފަކުރެވެނީ ގޫގުލް ކްރޯމް އަދި ފަޔާފޮކްސްގެ ޑޯނަޓް މޮޑެލް އެވެ. ކްރޯމް އަދި ފަޔާފޮކްސްގެ ލޯގޯގައި، ކުލަތައް އެއްގޮތް ނަމަވެސް، މައިކްރޮސޮފްޓް އެޖްގެ ލޯގޯ ސިފަކުރެވެނީ ކަނޑުގެ ބާނިތަކެއް ފަދައިންނެވެ.